07 މާޗް 2012 އާ ގުޅޭ

ކުޑަކޮށް ސިހިފައި ހޭލި ޔޫހާ ކިޔާންގެނެސް އުނގުގެ ތެރެއަށްލަމުން އަވަސް އަވަހަށް އެއްއަތުން މޫނުގައި އަތްހާކާލި އެވެ. އޭނަގެ އެހަރަކާތަކީ ނިދިމޫނު ޒައުލްއަށް ނުދެއްކުމަށް ކުރިކަމެއްކަމުގައި ވެގެންދިޔައެވެ. ދެން އޭނައަށް ބަލާލެވުނީ ސޯފާމަތީގައި އޮތް ފޯނުން ގަޑިންވީ އިރެކެވެ. އޭނަ ކަންބޮޑުވީ އަފްލީން ގެއަށް އަންނަން އުޅޭނެތީ އެވެ.
"ހާދަ ލަހުން ތިއައީ، މިހާރު ދެން ޒައުލް ބޭނުންކަންތައް ވެއްޖެއެއްނު، ދެން ދޭ..." ޔޫހާ ސިޓިންރޫމުގެ ޓައިލްސްތަކުގެ މަތީ ޒައުލް ބެހެއްޓި ކޮތަޅުތަކަށް ބަލަން އިނދެ ބުނެލި އެވެ.
"ހަމަ ދާންވީތަ، އެކަމަކު އަހަރެން އަދިވެސް ދާހިތެއްނުވޭ... ޔޫހާ އަހަންނާއިއެކު ދާންވީނު، އަހަރެން ހޮޓެލްގަ ރޫމެއް ހަމަޖައްސަފާނަން، އެއްވެސް އުނދަގުލަކާ ނުލާ ކިޔާން ގޮވައިގެން އުޅެވޭނެ، އޭރުން އަހަންނަށް ފެންނަ ހިސާބުގައެއްނު ޔޫހާ އުޅޭނީ، އަހަރެންގެ މައްސަލައެއްނެތް ޔޫހާ ވޯކްއަށް ނުކުތަސް..." ޒައުލް ލުއިގޮތަކަށް ހިނުތުންވެލައިގެން ހުރެ ބުނެލި އެވެ. ޔޫހާ އޭނަގެ ގާތުގައި އިށިންނަން ނުބުނިކަމުގައި ވިޔަސް އޭނަ އެކަމާ ކަންބޮޑެއްނުވެއެވެ. އެއަށްވުރެ އޭނަ ކަންބޮޑުވަނީ ޔޫހާ ނުފެންނަ ހިސާބަށް ދާންޖެހޭތީއެވެ. ކައިވެނި ކުރެވެންދެން ވެސް އޭނަ ބޭނުންވަނީ ޔޫހާ އޭނަގެ ދާދިގާތުގައި އުޅުމަށެވެ.
"ކޮންކަހަލަ ވާހަކައެއްތަ ޒައުލް ތިދައްކަނީ، އާދޭސްކޮއްފާ ބުނަން، ތިކަހަލަ ވާހަކަ ދެއްކުން އެހަށް ހުއްޓާލަބަލަ" ޔޫހާ ނިތަށް ރޫއަރުވާލަމުން ޒައުލްއަށް ބަލާލާފައި ބުނެލި އެވެ.
"މަންމީ....ޑެޑީދެކެ ރުޅި ނާންނައްޗޭ، ޑެޑީއަކީ ބަސްއަހާ ކުއްޖެކޭ... ޑެޑީ ބުނީ ދެން ކޮއްކޮ އުޅޭނީ ޑެޑީއާއެކީގަޔޯ، މަންމިއަށް އެނގޭތަ، ބޮޑު ބޮޑު ކާރ އެއްވެސް ޑެޑީގެ އޮވޭ، ވަރަށް މަޖާ، ކޮއްކޮ ބައިވަރު ފިހާރަތަކަށް ދިޔައިން.... މަންމިއަށްވެސް ޕްރެޒެންޓެއް ގެނައިމޭ، މިހުރިހާ ޕްރެޒެންޓްމީ ކޮއްކޮގެ... ޑެޑީއަތުގަ އެއޮތީ މަންމިގެ ޕްރެޒެންޓް، އަފޫއަކަށް އެއްވެސް ޕްރެޒެންޓެއް ނުގެންނަން....ހެ ހެ ހެ" ކިޔާން އޭނަގެ ޅަވިސްނުމާއިއެކު ލާނެތް ގޮތަކަށް ހީލިއެވެ. އުމުރުގެ ތަފާތު އަފްލީން އާއި ކިޔާންގެ މެދުގައި ކިތަންމެ ބޮޑުކަމުގައި ވިޔަސް، އެދެމީހުން ވާދަ ކިޔާއިރު އަފްލީން ވެސް ހީވާނީ ކިޔާންވަރުގެ ކުޑަކުއްޖެއްހެންނެވެ. ކިޔާންވެސް ކުޑައެއްކަމަކު އަފްލީންއަށް ދުލެއް ނުކުރާނެ އެވެ. ކިޔާންގެ ވާހަކަތަކުގައި އަފޫގެ ނަމަކީ އާންމު ނަމެކެވެ. އޭނަ އަފްލީންއަށް ގޭގެ އެހެންމީހުން ކިޔާނަމުން މުހާތަބުކުރި ކަމުގައި ވިޔަސް، ދެކެނީ އޭނަގެ ދައްތައެއްގެ ގޮތުގައެވެ. ޔޫހާ އާއި ޝާއިން އުޅެއުޅެ ވެސް އާދަނުކުރެވުނު ކަމަކީ އަފްލީންއަށް އަފޫކިޔުން ހުއްޓުވުމެވެ. ކިޔާންގެ ވާހަކަތަކުން ހިނިތުންވެލި ޔޫހާއަށް ޒައުލްގެ އަތުގައި އޮތް ކޮތަޅު ފާހަގަކުރެވުނީ ދެނެވެ.
"އަހަރެން ޔޫހާއަށް ދޭ އެއްވެސް ހަދިޔާއެއް ގަބޫލު ކުރިހެނެއް ހިޔެއްނުވޭ، އެކަމަކު މި ހަދިޔާ ގަބޫލުކުރަންވާނެ، ޕްލީޒް، ކިޔާންއަށްޓަކާވިޔަސް އެންމެ ރަނގަޅު..." ޒައުލް އައިސް އެއްފަރާތުގައި ވަކިން ހުރި ސޯފާގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އަދި އޭނަގެ އަތުގައިވާ ކޮތަޅުން ފޮއްޓެއް ނެގިއެވެ. އޭގެތެރެއިން އޭނަ އެންމެ މިހާރުގެ ފޯނެއް ނަގާ ބޭނުންކޮއްފައިނުވާ މުޅިން އައު ސިމްކާޑެއް ލައްވާލި އެވެ. ފޯނު ހުޅުވާލުމާއިއެކު ރީތި ރާގެއް އިވިގެންދިޔަ އެވެ. ކިޔާންގެ ޝައުގުވެރިކަން އެފޯނަށް ހުއްޓުމާއިއެކު އަވަހަށް ޒައުލްގެ ގާތަށް ދިޔައެވެ.
"ޒައުލް، ތިހާ ބައިވަރު އެއްޗެހި އޭނައަށް ގަނެދިނީ ކީއްކުރަން، އަހަރެން ކީއްކުރާ ފޯނެއް، އަހަރެން އެއްވެސް ހަދިޔާއެއް ބޭނުމެއް ނޫން" ޔޫހާ ބުނެލިއެވެ.
"ކީއްތަވީ، ފައިސާ އެބަހުރި... ދެން ހަމަ ހޯދަންވީނު، މަގޭ ދަރިއަކަށް މި ހަރަދު ކުރަނީ، ދެން މަގޭ ވާންއުޅޭ އަނބިމީހާއަށް" ޒައުލް ހަމަޖެހިލާފައި ބުނެލި އެވެ.
"ތީއޭ މައްސަލައަކީ، ޒައުލް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް ވާންޖެހޭނެ ދޯ، އަހަރެންގެ ފެންވަރެއް ނޫން މީ، ޒައުލް ތިހެން މިހާރު ގަބޫލުކުރިޔަސް، މިދުނިޔެއެއް ނުދެކޭނެ ޒައުލްއަކީ ކިޔާންގެ ބައްޕަ ކަމަކަށް، އަވަސް އަރުވާލާފަ ހުރިހާ ކަމެއް ނިންމާލަން ތިއުޅެނީ... ދެން ނޭގެ، ޒައުލް ދޭ މިގޭން" ޔޫހާ ސޯފާއިން ތެދުވަމުން ތުންފިއްތާލާފައި ބުނެލި އެވެ. އެވަގުތު ބޭރުދޮރާށި ހުޅުވާލާފައި އައިސް ސިޓިންރޫމަށް ވަންނައުޅުނު އަފްލީންއަށް ކުއްލިއަށް ހައިރާން ކަމެއްވެރިވެގެންދިޔަ އެވެ. ޔޫހާއަށް ވެސް ބަލާލެވުނީ ދޮރުމަތީ ހުރި އަފްލީންއަށެވެ. އެހެންނަމަވެސް ޔޫހާ އާއި އަފްލީންއަށް އިތުރު ހައިރާންކަމެއް ގެނުވީ ކިޔާން ކައިރިކޮއްލައިގެން ފޯނާކުޅެން އިން ޒައުލް އަފްލީންއަށް ހިނިތުންވެލީމަ އެވެ. އެހިނދު ޔޫހާ ގަތީ ބިރެވެ. އަނެއްކާ އޭނަގެ ކުރިމަތީ އިނީ ހަމަ ޒައުލް ބާއޭ އޭނަގެ ހިތަށް އެރިއެވެ. މާތްކަލާކޯ އެވެ. ޒައުލް އެހުރީ އޭނަ ބުނި ބަހުގައި ސާބިތުވެ އެވެ. ކޮންމެ މީހަކަށް އޭނަ ޔޫހާ އާއިއެކު ފެނުނަސް އޭނައަށް އެކަންވަނީ ހެޔޮވެ ވަރިހަމަވެފަ އެވެ.
"އަފޫ....ކޮއްކޮގެ ޕްރެޒެންޓްތައް..." ކިޔާން އަވަސްވެގަތީ އަފްލީންއަށް އޭނައަށް ޒައުލް ގަނެދިން އެއްޗެއްހި ދައްކާލަމުން ފޮނިވެލާށެވެ. ޔޫހާ އޭނަގެ ދޫހިމޭންކުރަމުން އަފްލީންއަށް ބަލާލީ ސިއްރު ފަޅާ އަރައިފިކަން ޔަގީންވެގެންނެވެ. އަދި ކުރެވޭނެ ކަމެއް ދެއްކޭނެ އިތުރު ބަހަނާތަކެއް ދެންނެތް މީހަކު ފަދައިންނެވެ. އަފްލީން ހިނިތުންވެލާފައި ކިޔާންގެ އިސްތަށިގަޑާ ކުޅެލާފައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެއްޖެ އެވެ.
"އޯ މައި ގޯޑް... އެމް އައި އަވޭކް...ހުވަފެނެއްތަ..." ދޮރުލައްޕާލުމާއިއެކު އެނދުމައްޗަށް ފޮތްތައް އުކާލި އަފްލީން އޭނަގެ މޫނުގައި ދެއަތުން ޖަހާލިއެވެ. ގަބޫލު ނުކުރެވިގެންނެވެ.
"ދެޓްސް ހިމް... ޔާ ދެޓްސް ހިމް، އޯ މައި ގޯޑް...އެއީތަ ކިޔާންގެ ބައްޕައަކީ، ޔޫހާ... ހޫ އަރ ޔޫ ގާލް... ނޫނީ ޒައުލް ބޭނުންވަނީތަ ޔޫހާ...." އަފްލީންއަށް ބުނެލެވުނެވެ. ޒައުލްއަކީ ކާކުކަން އޭނައަށް އެނގެއެވެ. އެގޭގައި އޭނަ އިނދެދާނެ ކަމަކަށް ދުވަހަކުވެސް އަފްލީން ހިއެއް ނުކުރެއެވެ. އަވަހަށް ޝާއިންއަށް ގުޅަން ބޭނުންވިއެވެ. އެކަމަކު އޭނަ ބޭނުންވީ ޒައުލް އާއި ޔޫހާ ދައްކާ ވާހަކައެއް އަޑުއަހާލާށެވެ. ކޮޓަރީގެ ދޮރުކައިރީ މަޑުކޮއްލައިގެން ޔޫނީފޯމް ބަދަލުކުރުމެއް ވެސް ނެތި އަފްލީން ހުއްޓެވެ.
"ޒައުލް، ތިދައްކަނީ ތެދުކަމުގަވަނީނަމަ ދެންވެސް މިގެއިން ދޭބަލަ، ޕްލީޒް... އަފްލީންވެސް ގެއަށް އެއައީ، ހުރިހާ ކަމަކާ ކުރިމަތިލާން މިޖެހެނީ އަހަންނާ" ޔޫހާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލި އެވެ.
"ޔޫހާއަށް ބުނަން ނުކެރެންޏާ އަހަރެން ބުނެފާނަމޭ އަފްލީން ކައިރީ، ނޫނީ އޭނަ ކައިރީ ބުނޭ އަހަންނާ ސުވާލު ކުރާށޭ، އަހަރެން ޖަވާބުދީފާނަން.... ހޫމް، ޔޫހާ ތިހާވަރަށް އާދޭސް ކުރަންޏާ އަހަރެން ދެން ހިނގައިދާނަން، އެކަމަކު ޝަރުތެއްގެ މަތިން" ޒައުލް ތެދުވަމުން ބުނެލިއެވެ.
"ޝަރުތަކާ ނުލާ ޒައުލް އެއްވެސް ކަމެއް ކޮއްގެން ނުވަނީތަ" ޔޫހާ ބުނެލި އެވެ.
"އަން، އަހަރެން ގުޅާނަން ފަހުން، ގުޅީމަ ފޯނު ނަގަންވާނެ، ދެން މި ފޯނުގަ ހިފާބަލަ...އޭރުން ދާނަމޭ" ޒައުލް ޔޫހާގެ ގާތަށް އައިސް ހުއްޓިލާފައި ބުނެލިއެވެ. ޔޫހާ ސިއްރުން ކުދިކިޔާލަމުން ޒައުލް ދިއްކުރި ފޯނުގައި ހިފިއެވެ.
"ކީކޭ...އެއްޗެކޭ ބުނިންތަ؟" ޒައުލްއަށް ޔޫހާ ކީއެއްޗެއް އަޑު ނީވުމުން އަހާލިއެވެ.
"އެއްޗެކޭ ނޫން، ދެން ދޭ އަވަހަށް..." ޔޫހާ ބުނެލި އެވެ.
"ޔޫހާ ހީކުރީ އަހަރެން ޔޫހާ އާއި ވާހަކަދައްކާ ހިތުން ދިން ފޯނެއްކަމައްތަ، އަސްލު އަހަރެން ކިޔާންއާއި ވާހަކަދައްކާ ހިތުން މިފޯން މިދިނީ... އޭނަގެ އަތަކަށް ފޯނެއް ނުދެވޭނެއެއްނު ދޯ... އެހެންވެ..." ޒައުލް ޔޫހާއާއި ކުރިއަށްވުރެ ވެސް ބޮޑަށް ގާތްވެލާފައި ސަމާސާ ރާގެއްގައި ބުނެލިއެވެ. އަދި ލުއި ގޮތަކަށް ހެމުން ކިޔާންއަށް ގޮވާލާފައި ދަނީ ކަމުގައި ބުންޏެވެ. ފަހުން އަންނާނަން ކަމުގައިވެސް ބުންޏެވެ.

ދޮރާށިން ޒައުލްއަށް ނުނިކުމެވެނިސް ޔޫހާގެ އަތުގައި އޮތް ފޯނު ރިންގުވިއަޑާއިއެކު ޔޫހާ ކުޑަކޮށް ސިހުނީ ނުވިސްނާހުރުމުގެ ސަބަބުންނެވެ. އެއަށްވުރެ އެވަގުތު ޒައުލް އެގެއިން ފޮނުވާލަން އޭނަ ބޭނުންވެފައިވެއެވެ. ފޯނުގެ ރިންގާއިއެކު ޒައުލް ފަހަތަށް އެނބުރި ބަލާލާފަ އަނެއްކާވެސް ހީލާފައި އެގެއިން ނުކުމެއްޖެއެވެ. ޔޫހާ އޭނަގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ޒައުލްގެ ނަމުގައި މިސްކޯލެއް ފެނުނެވެ. އޭނަ ނުކުމެގެން ދަމުންވެސް ގުޅާލީ ޔޫހާ އާއި ސަމާސާކޮއްލުމުގެ ބޭނުމުގައެވެ. ޔޫހާގެ މޫނުމަތީގައި ހިނިތުންވުމެއްނުވެއެވެ. އޭނައަށް ހީވީ އިޙްސާސްކުރެވެމުންދިޔަ ބޮޑު ބުރައެއް ލުއިވެގެން ދިޔަހެންނެވެ. ފުން ނޭވާއެއް ބޭރުކޮއްލާފައި ކޮތަޅުތަށް ހާވަން ހުރި ކިޔާންއަށް ބަލާލެވުނެވެ. ސޯފާގައި އޮތް ޔޫހާގެ ފޯނު ރިންގުވީ ވެސް ހަމައެވަގުތު އެވެ.
"ޕިސް...ޕިސް...ތިދެން ވަރުގަދަ ކަމެއްނު ޒައުލް..." ޔޫހާއަށް ގުޅީ ޒައުލްހެން ހީވެގެން ބުނެލެވުނެވެ. އަދި ފޯނުން ޖަވާބުދޭން ބޭނުންނުވެ ހުރެވެސް ފޯނުގެ ކައިރިއަށް ދިޔައީ ރިންގުވާއަޑުއިވޭތީ އެވެ. އަތުގައި އޮތް ޒައުލް ދިން ފޯނު ސޯފާގެ ކުރިމަތީ ހުރި ކުޑަމޭޒު މަތީ ބާއްވާފައި ޔޫހާ ގެންގުޅޭ ފޯނުނަގާ ބަލާލިއެވެ. ފުރަތަމަ ކޯލް މިސްވީމަ ވެސް ދެވަނަ ފަހަރަށް ވެސް ފޯނު ރިންގުވިއެވެ. އެފޯނުގައި ޒައުލްގެ ނަންބަރު ސޭވްކޮއްފައި ނެތުމުން އޭނައަށް ގުޅަނީ ޒައުލްކަމެއް ޔަގީންކުރާކަށް ނޭގުނެވެ. އެހެންނަމަވެސް އެންމެ ފަހުން ފޯނުނެގިއެވެ.
"ކީއްކުރަންތައް ތިގުޅަނީ" ޔޫހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުނެލިއެވެ.
"އަދި މިއުޅެނީ އަނގައިންވެސް ނުބުނެވިގެން، އެކަމަކު ތިއެހީ ކީއްކުރަންހޭ ގުޅަނީ" އައްޔަދުގެ އަޑު ޔޫހާގެ ކަންފަތުގައި ޖެހުނެވެ.
"ކާކު" ޔޫހާއަށް އަހާލެވުނެވެ.
"އަޔާ...ހީކުރީ އަޑުއިވުނީމަ އެނގޭނެކަމަށް، ނުބައި ގަޑިއެއްގަ ދޯ މިގުޅުނީ، ހީވަނީ ވަރަށް މޫޑުގޯސްވެފަ ހުރި ގަޑިއެއްހެން" އައްޔަދު ބުނެލި އަޑުއިވުނެވެ.
"އައްޔަދު، ކިހިނެއް މިނަންބަރު ހޯދީ" ޔޫހާގެ ހިތްހަމަނުޖެހުން ހައިރާންކަމަށް ބަދަލުވެގެންދިޔަ އެވެ.
"ހޯދަން އުޅޭމީހަކަށް ނުލިބޭނެ އެއްޗެއް ނޯންނާނެދޯ، ދެން ނަސީބު ވެސް ރަނގަޅީ" އައްޔަދު ބުނެލިއެވެ.
"ސީރިއަސްކޮއް ބުނެބަލަ، ކިހިނެއް މަގޭ ނަންބަރު ހޯދީ" ޔޫހާ ސިޓިންރޫމުގައި ހުރި ކޮތަޅުތައް އޭނަގެ ކޮޓަރިއަށް ވައްދަމުން ފޯނުން ވާހަކަދެއްކިއެވެ. ކުއްލިއަކަށް އޭނަގެ މޫޑު ބަދަލުވެގެން ދިޔައީ ކީއްވެކަމެއްނޭގެއެވެ.
"ރިސެޕްޝަންގަ އިންކުއްޖާ ދިނީ ނަންބަރު" އައްޔަދު މިހެންބުނީ ހީލާފައެވެ.
"ނޫން، ގަބޫލެއް ނުކުރާނަން، ރިސެޕްޝަނަކުން އަހަރެންގެ ނަންބަރެއް ނުލިބޭނެކަން ޔަގީން، އެހެން ގޮތަކުން އައްޔަދު އަހަރެންގެ ނަންބަރު ތިހޯދީ، ކާކު ދިނީ މިނަންބަރު، އެހާ ގިނަ މީހުންނަކަށް ނޭގޭނެ މިނަންބަރެއް" ޔޫހާވެސް ހީލާފައި އިންކާރުކުރިއެވެ. އޭނައަށް އައްޔަދުގެ އަޑުޖެހުމާއިއެކު ސިފަވެގެންދިޔައީ އޭނަގެ ސަކަގޮތްގަޑެވެ.
"ދޮގެއް ނޫނޭ މިބުނީ..." އައްޔަދު ޔޫހާގެ ނަންބަރު ހޯދިގޮތް ކިޔާދިނެވެ. އައްޔަދުގެ އެ މޮޅުހިޔާލަށް ޔޫހާ ފާޑުކިޔެވެ. އަދި އޭނައަށް ގުޅަނީ ކީއްކުރަންތޯ ސުވާލުކުރި އެވެ. އައްޔަދު ބޭނުންވީ ޔޫހާ އާއި ވާހަކަ ދައްކާލާށެވެ. އޭނަ ޔޫހާގެ ގާތުން އެކަމުގެ ހުއްދައަކަށް އެދުނެވެ.
"ދެން ބުނެބަލަ އާއެކޭ، އަހަރެން ގުޅާލިޔަސް އެންމެ ރަނގަޅޭ" އައްޔަދު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"އަޔާ ހީކުރަނީ އަހަރެން މީ ކޮންކަހަލަ އަންހެނެއް ކަމަށްތަ، އަހަރެން ފޯނުން މީހުންނާ ވާހަކަދައްކައެއް ނޫޅެން، އަދި އެވެސް ނުދަންނަ މީހުންނާ" ޔޫހާ ބުނެލިއެވެ. ޔޫހާ އޭނަގެ އަމިއްލަ ގޮތުގައި ހިފަހައްޓަން ބޭނުންވިޔަސް އެކަމެއްނުވިއެވެ. އައްޔަދުގެ އަޑުގައި އެކުލެވިފައިވަނީ ބުނެދޭންނޭގޭ ގޮތްތަކެކެވެ. އޭނަގެ ވާހަކަދެއްކުމުގެ ރާގުގައި ޔޫހާ ހިތްހަމަޖެހޭފަދަ ގޮތްތަކެއް އެކުލެވިފައިވެއެވެ.
"ފުރަތަމަ ދެމީހުން ދިމާވާއިރު ނޭގޭނެ ދޯ ދެމީހުންނަކީ ވެސް ކޮންކަހަލަ މިޒާޖެއްގެ ދެމީހުންކަމެއް، އަހަރެން ބޭނުން ޔޫހާގެ ހުއްދައާއިއެކު ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވަން، އަދި ހަމަގައިމުވެސް ޔޫހާއަކަށް އަހަރެން ޖަޖްއެއް ނުކުރަން، އަހަންނަކީ ފޮތުގެ ބޭރުގަނޑު ފެންނައިރަށް ފާޑުކިޔަން އާދެވެފައިވާ މީހެއް ނޫން، އަހަރެން ބޭނުންވާނެ އެފޮތުގައިވާ އެއްޗެއް އޮޅުންފިލުވުމަށްވެސް.... ދެން.... ދެން އެފޮތް އަމިއްލަ ކުރުމީ އަދި މާފަހުގެ ކަމެއްތާ ދޯ... ބައި ދަވޭ އައި ޑޫ ރެސްޕެކްޓް ވުމެން އަލޮޓް، އަހަރެން މަންމަ ކިޔަނީވެސް އަންހެނަކަށް، އެހެންވީމަ އަންހެނުންނަށް ގަދަރުކުރުމަކީ ކޮބާކަން ވަރަށް ރަނގަޅަށް އެނގޭ" އައްޔަދު މިހެން ބުނެލުމާއިއެކު ޔޫހާ ހީލި އަޑު އިވުނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު