ރެޑް ކްރެސެންޓުން ބިދޭސީންނަށް ސިއްހީ އަދި ގަނޫނީ ލަފާ ދޭ ކޭމްޕެއް ބާއްވައިފި

ރެޑް ކްރެސެންޓުން ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ކޭމްޕުގެ ތެރެއިން ---- ފޮޓޯ / ރެޑް ކްރެސެންޓު

ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް ސިއްހީ އަދި ގާނޫނީ ލަފާ ދިނުމަށް ރެޑް ކްރެސެންޓުން ކޭމްޕެއް ބާއްވައިފިއެވެ.

ރެޑް ކްރެސެންޓުން މިއަދު ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އެ ކޭމްޕު ބޭއްވީ ބައިނަލްއަގުވާމީ ހިޖުރަވެރީންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

އެ ކޭމްޕުން ހިލޭ ހެލްތު ސްކްރީނިން ހެދުމަށް ފުރުސަތު ދިނުމުގެ އިތުރުން، ހައިޖީން ކިޓު ފޯރުކޮށްދީ، ގައިންގަޔަށް އަރާ ބަލިތަކާއި ބިދޭސީންނަށް ހިލޭ ލިބެން ހުންނަ ފަރުވާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނެވެ.

ހަމައެއާއެކު އިންސާނީ ހައްގުތަކާ ބެހޭ މައުލޫމާތާއި ގާނޫނީ ލަފާ ވެސް ބައެއް ސްޓޯލްތަކުން ފޯރުކޮށްދިނެވެ.

ބިދޭސީންނަށް ގާނޫނީ ލަފާ ދީފައިވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވަކީލުންނެވެ. އަދި ސިއްހީ ލަފާ ދީފައި ވަނީ އެޗްޕީއޭގެ ފަރާތުންނެވެ.

އެ ކޭމްޕްގެ ހޮސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ.

އެޗްޑީސީން ބުނީ، ނަސްލީ ތަފާތު ކުރުންތައް ނައްތާލައި ހުރިހާ އެންމެންނަށް ވެސް ރައްކާތެރި އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރާ މިފަދަ ކޭމްޕުތަކަށް އެ ކުންފުނިން އަބަދުވެސް ތާއިދު ކުރާ ކަމަށެވެ. އަދި އެ ކޭމްޕުގެ ޕާޓްނަރަކަށް ވުމުން އުފާ ކުރާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

comment ކޮމެންޓް