ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ މޮބައިލް ލީގަލް އެއިޑް ކްލިނިކް ނައިފަރުގައި

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ކްލިނިކް ނައިފަރުގައި -- ފޮޓޯ/ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު

ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ހިންގާ މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ޕްރޮގްރާމްއެއް ޅ.ނައިފަރުގައި ހިންގުމަށް ހަމަޖައްސައިފިއެވެ.

މި ޕްރޮގްރާމްގައި ހިމެނޭނީ ކަނޑައެޅޭ ދާއިރާތަކަކުން އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި ގާނޫނީ ވަކީލުން ސެޝަންތައް ހިންގުމާއި ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ މީހުނަށް ޤގާނޫނީ ލަފާ ދިނުމާއި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް މީހުނަށް ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުންޏެވެ.

ދިވެހިންނަށާއި ބިދޭސީންނަށް ވެސް ބައިވެރި ވެވޭހެން ފަރުމާ ކޮށްފައިވާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާއެވެ.

މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުނާއި އަދި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން އޮންނާނީ 25 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން މެންދުރު 2:00 އަށް ޅ.ނައިފަރުގައި އުތުރު ބަނދަރު ސަރަހައްދު ގައެވެ.

މި ޕްރޮގްރާމްގެ ދަށުން ގާނޫނީ ލަފާ ފޯރުކޮށްދޭނެ މައްސަލަތަކަކީ:

- ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް؛

- ބިމާއި މުދަލާއި ގުޅޭ މައްސަލަތައް؛

- ވަޒީފާގެ މައްސަލަތައް؛

- އާއިލާއާބެހޭ މައްސަލަތައް؛

- ބެންކް ލޯނާ ގުޅޭ މައްސަލަތައް؛

- އިންސާނީ ހައްޤުތަކާއި އަސާސީ ހައްޤުތަކާ ގުޅޭ މައްސަލަތައް؛

- ގެވެށި އަނިޔާގެ މައްސަލަތައް- މަދަނީ ބައި

ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކަކީ ކޮބައިކަމާއި ރައްކާތެރި މާހައުލެއް ގާއިމު ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގޭ ޕްރޮގްރާމު އޮންނާނީ މާދަމާ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ ކޮމްޕިއުޓަރ ލެބްގައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަން ވެފައިވާ ގޮތްތަކާއި ކޯޓުތަކަށް މައްސަލަ ހުށަހަޅެމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ދައުވާ ފޯމު ފުރާނެ ގޮތްތަކާއި ގާނޫނު ފަހުމުވުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާއި އެހެނިހެން މުހިންމު ކަންކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ބާއްވާ ޕްރޮގްރާމް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00އަށް ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ ކޮމްޕިއުޓަރ ލެބްގައެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން އެދެނީ ވިހާވެސް ގިނަ ބޭފުޅުން މި ޕްރޮގްރާމްގެ ބޭނުން ހިފުމަށެވެ. ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ، ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރގެ ނަންބަރު 9721213 އާ ގުޅުއްވުމަށް އެފަރާތުން ވަނީ އެދިފައެވެ.

comment ކޮމެންޓް