ޗުއްޓީއަށް ދާއިރު މިކަންކަމަށް ސަމާލުކަން ދޭންވާނެ!

ބަޔަކު ފުރުމަށް ބަދަރުމަތީގައި: ސަން ފައިލް ފޮޓޯ

ކުރިއަށް އޮތީ މަދަރުސާކުދިންގެ ބޮޑު ޗުއްޓީގެ ދުވަސްތަކެވެ. ދަރިންގެ ޗުއްޓީއާ ދިމާކޮށް، މައިންބަފައިންނާއި އާއިލާގެ މީހުންވެސް ޗުއްޓީ ނަގައިގެން އެކި ތަންތަނަށް ދަތުރުކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ. މިގޮތުން، އަތޮޅުތެރޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށްވެސް ގޮސް އުޅެއެވެ. އާންމުގޮތެއްގައި ކަންކަމާމެދު ފަރުވާ ބަހައްޓައިގެން އުޅޭމީހުންވެސް، ތިމާގެ ވަޒަން ނޫން އެހެން ތަނަކަށް ދެވުމުން، އާންމުކޮށް ކުރަމުންދިޔަ ކަންތައްތަކާމެދު ފަރުވާތެރިނުވެވޭތަން އާދެއެވެ.

މީގެތެރޭގައި އަހަރެމެންގެ މައްޗަށް ވާޖިބުވެފައިވާ ދީނީ ކަންތައްތައްވެސް ހިމެނެއެވެ. ދީނާއި ދިރިއުޅުމަކީ ގުޅިލާމެހިފައިވާ، ވަކިނުކުރެވޭނެ ދެކަންތައް ކަމަށްވާއިރު، ތިމާ ކޮންމެ ތަނެއްގައި އުޅެންޖެހުނުކަމަށްވިޔަސް، ތިމާގެ ދިރިއުޅުން އިސްލާމްދީނާ އެއްގޮތަށް ބެހެއްޓުމަށް ސަމާލުކަންދޭންޖެހޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. "ތިޔަބައިމީހުންވީ ކޮންމެ ތަނެއްގައިވެސް ﷲ އަށް ތަޤުވާވެރިވާށެވެ!" ވީމާ ދުނިޔޭގެ ކޮންމެ ބިތެއްގައި ތިމާ ހުރިނަމަވެސް އަދި ދީނީ ކަންތައްތައް އަދާކުރުމަށް ކިތަންމެ އުނދަގޫ ހާލަތެއްގައި ހުރިނަމަވެސް، މި ހަދީސްފުޅުގެ މަތިން ހަނދާންކުރަންޖެހޭނެއެވެ.

މިހަދީސްފުޅާ އެއްގޮތަށް، ޗުއްޓީއަށް ގޮސްއުޅުމުގައި ސަމާލުކަންދޭންވީ މުހިންމު ކަންތައްތަކަށް މި މަޒުމޫނުގައި ބަލައިލާފައިވާނެއެވެ.

ބަޔަކު ޗުއްޓީގައި ފުރަނީ: ޗުއްޓީ ހަދާއިރު ދީނީ ކަންކަމަށް ސަމާލުކަން ދޭން ޖެހޭ-- ސަން ފައިލް ފޮޓޯ

ދަތުރަށް ފުރާއިރު ދުއާކުރުން:

ކޮންމެ ތަނަކަށް ދަތުރުކުރިނަމަވެސް، ދަތުރު ދުއާކިޔުމަށް ހަނދާން ނައްތައިނުލާށެވެ! މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ހިމެނޭ މުހިންމު ކަމެކެވެ. އެ ދުއާއަކީ މިއީއެވެ. سُبْحانَ الَّذي سَخَّرَ لَنا هذا وَما كُنّا لَهُ مُقْرِنين، وَإِنّا إِلى رَبِّنا لَمُنْقَلِبون، اللّهُمَّ إِنّا نَسْأَلُكَ في سَفَرِنا هذا البِرَّ وَالتَّقْوى، وَمِنَ الْعَمَلِ ما تَرْضى، اللّهُمَّ هَوِّنْ عَلَينا سَفَرَنا هذا وَاطْوِ عَنّا بُعْدَه، اللّهُمَّ أَنْتَ الصّاحِبُ في السَّفَر، وَالْخَليفَةُ في الأهلِ، اللّهُمَّ إِنّي أَعوذُبِكَ مِنْ وَعْثاءِ السَّفَر، وَكَآبَةِ الْمَنْظَر، وَسوءِ الْمُنْقَلَبِ في المالِ وَالأَهْل. ދަތުރު ނިންމައި އެނބުރި ރަށަށް އަންނައިރު، މި ދުއާގެ އިތުރުން، آيِبُونَ، تَائِبُونَ، عَابِدونَ لِرَبِّنَا، حَامِدُونَ މިފަދައިން ކިޔަންވާނެއެވެ. އެހެން ލިޔުމަކުން މި ދުއާތަކުގެ މާނަވެސް ހޯދާލައިފިނަމަ ވަރަށް ރަނގަޅުވާނެއެވެ.

ދަތުރުކުރަނީ މަތިންދާ ބޯޓުގައިނަމަ:

ބޯޓު ނައްޓާލައިގެން މައްޗަށް އަރާއިރު الله أكبر ކިޔުމާއި، ބޯޓު ޖައްސަން ތިރިކުރާއިރު سبحان الله ކިޔުމަށް ހަނދާން ބަހައްޓަންވާނެއެވެ. އުސްތަނަކަށް އަރާއިރު ތަކުބީރު ކިޔުމާއި އަދި ތިރިއަށް ފައިބާއިރު ތަސްބީހަކިޔުމަށް ހަދީސްގައި އައިސްފައިވެއެވެ.

ދަތުރުގައި ދިޔަ ތަނަށް ވަންނަމުން ދުއާކުރުން:

ދިޔަ ރަށަށް ފައިބަމުން ނުވަތަ ފޭބުމަށްފަހު، أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ މިފަދައިން ދުއާކޮށްފިނަމަ، އެ މަންޒިލަކުން ފުރައިގެން ދާންދެން އޭނާއަށް އެތަނުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށް ހަދީސްގައި އައިސްފައިވެއެވެ.

އެކިވަގުތުތަކުގައި ކިޔުމަށް ވާރިދުވެފައިވާ ދުއާތަކާއި ޒިކުރުތައް ކިޔުން:

ދަތުރުގައި އުޅުނުނަމަވެސް، ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ދުއާ ޒިކުރުތަކާއި، ގެއަށް ވަދެ ނިކުތުމުގެ ދުއާތަކާއި މިނޫންވެސް އެކިއެކި ވަގުތުތަކުގައި ކިޔުމަށް ވާރިދުވެފައިވާ ދުއާ ޒިކުރުތައް ކިޔުމަށް ހަނދާންކުރަންވާނެއެވެ.

ނަމާދުތަކަށް ފަރުވާތެރިވުން:

ޗުއްޓީއަށް ދިޔައީ މުސްލިމުންގެ އާބާދީ މަދު ތަނަކަށް ކަމަށް ވެދާނެއެވެ. އެހެން ވެއްޖެނަމަ ދިމާވާނެ އުނދަގޫތައް ގިނަވާނެއެވެ. މިސްކިތްތައް ނުހުންނާތީ (ނޫންނަމަ މިސްކިތްތައް މަދުކަމުން) ބަންގީގެ އަޑު ނީވިދާނެއެވެ. ބާޒާރުކުރުމާއި މުނިފޫހިފިލުވުމާއި ތަންތަން ބަލަން ގޮސްއުޅުމުގައި އަވަދިނެތިވުމުން، ނަމާދާމެދު މާބޮޑު ފަރުވާލެއް ނުބެހެއްޓިދާނެއެވެ. ނޫނީ އެއްކޮށްލައިގެން (ޖަމުއުކޮށް) ކުރެވޭ ނަމާދުތައް އެގޮތަށް ކޮށްލުމުގެ ނިޔަތުގައި ތިއްބައި ދުވަސް ނިމިގެންދާއިރުވެސް އެކަން މަތިން ހަނދާންނުވެވެސް ހިނގައިދާނެއެވެ. އެހެންވީމާ، ދަތުރުގެ ތާވަލު ރާވާލާއިރު އެންމެ އިސްކަމެއްދީފައި އޮންނަންވާނީ ނަމާދުތައް ބަރާބަރަށް އަދާކުރުމަށެވެ.

ވަގުތާއި ހާލަތާ ގުޅޭގޮތުން ޝަރީޢަތުގެ ހުކުންތަކަށް ބަދަލު އާދެއެވެ. މީހަކަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެ ހާލަތާ ގުޅޭގޮތަށް ލުއިފަސޭހަކަން ގެނެސްދީ، އޭނާގެ މައްޗަށް ހުރި ވާޖިބުތައް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދެއެވެ. މާތްﷲ އެދިވޮޑިގަންނަވަނީ މީސްތަކުންނަށް ލުއި ފަސޭހަ ކޮށްދެއްވުމަށް ކަމަށް އެކަލާނގެ އަންގަވާފައިވެއެވެ. (އައްނިސާ: 28 ، އަލްމާއިދާ: 6 ، އަލްޙައްޖު: 78) މީގެ އެންމެ ސާފު މިސާލަކީ ދަތުރުވެރިޔާގެ ނަމާދާ ގުޅޭގޮތުން ދެއްވަވާފައިވާ ލުއިފަސޭހަކަމެކެވެ.

ދަތުރުގައި އުޅޭއިރު ނަމާދުކުރުން އެއީ ހީކުރާވަރަށްވުރެ މާ ފަސޭހަ ކަމެކެވެ. މިގޮތުން، ގޮސްއުޅޭ ސަރަހައްދުގައި މިސްކިތެއް ހުރިނަމަ އެތަނުގައި ނަމާދުކޮށްލާނީއެވެ. މިސްކިތެއްނެތްނަމަ، އެކަމަށް އެކަށީގެންވާ ސާފުތާހިރު ކޮންމެ ތަނެއްގައިވެސް ނަމާދުކުރެވޭނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް --- ސަން ފައިލް ފޮޓޯ

މެންދުރުނަމާދާއި އަސުރު ނަމާދު އެއްކޮށް (ޖަމުޢުކޮށް) އަދި ކުރުކޮށްލައިގެން (ޤަޞްރުކޮށް) ވެސް ކޮށްލެވޭނެއެވެ. ކުރުކޮށްލުމަކީ ހަތަރު ރަކުއަތް ނަމާދު ދެރަކުއަތަށް ބަދަލުކޮށްލުމެވެ. މިހެން ހަދާއިރު، މެންދުނަމާދުގެ ވަގުތުގައި އަސުރުނަމާދާއި މެންދުރުނަމާދު އެއްކޮށްކުރުން (އިސްކޮށް ޖައުމުކުރުން) ނުވަތަ އަސުރު ނަމާދުގެ ވަގުތުގައި މެންދުރުނަމާދާއި އަސުރުނަމާދު އެއްކޮށް ކުރުން (ފަސްކޮށް ޖަމުއުކުރުން) ވެސް މައްސަލައެއްނެތެވެ. ހަމަ މިގޮތަށް، މަޣުރިބު ނަމާދާއި ޢިޝާ ނަމާދުވެސް އެއްކޮށް ކުރެވޭނެއެވެ. އެހެންނަމަވެސް މިދެނަމާދު އެއްކޮށްކުރިޔަސް މަޣުރިބު ނަމާދުގެ ރަކުއަތުގެ އަދަދު މަދެއް ނުކުރެވޭނެއެވެ. އެކަމަކު ޢިޝާ ނަމާދު ދެރަކުއަތަށް ކުރުކޮށްލެވޭނެއެވެ. ދަތުރަށް ފުރުމުގެ ކުރިން މިކަމުގެ ތަފުސީލުތައް ހޯދާ ދަސްކޮށްލުމީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ދެވޭ ތަނެއްގެގޮތުން، ކާބޯތަކެތި ބޭނުންކުރުމުގައި ބަލައިލަންޖެހޭ ފަހަރުވެސް އަންނާނެއެވެ. ޒިޔާރަތްކުރި ތަނަކީ ހަލާލު ކާބޯތަކެތި ލިބުން ދަތިތަނަކަށްވެދާނެއެވެ. އެހެންވެދާނެ ކަމަށްޓަކައި ކުރީބައިގައި އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. ދާ ތަނުގެ މައުލޫމާތު ކުރިއާލާ ހޯދާއިރު، އެތަނަކުން ލިބެން ހުންނަ ކާބޯތަކެތީގެ މައުލޫމާތުވެސް ހޯދަންވާނެއެވެ. ބައެއް ކަހަލަ އެއްޗެތި އަމިއްލައަށް ގެންގޮސްގެންވިޔަސް، ހަލާލު އެއްޗެއްނޫނީ ކައިބޮއެ ހަދައިގެންނުވާނެއެވެ. ޗުއްޓީއަށް ގޮސް ތިބި ހޮޓަލުގެ މިނީ ބާގައި، މުސްލިމުންނަށް ހުއްދަ ނޫން ބުއިންތައް ހުއްޓަސް އެއީ އަހަރެމެން ބޯން ހުރި އެއްޗެއްނޫންކަން ހަނދާންކުރަންވާނެއެވެ.

ހަރާން ކަންތައްތަކުން ޖަރީވެގެންވާ ކުލަބުތަކަށް ވަނުމާއި އެފަދަ ނައިޓްލައިފްގެ ހަރަކާތްތަކުގައި އެއްގޮތަކަށްވެސް ބައިވެރިވެގެން ނުވާނެއެވެ. ފާޑުފާޑުގެ ސްޕާތައް ވަށައިގެން ހުއްޓަސް އެއީ ނެތް ތަންތަންކަމަށް ބަލައިގެން އުޅޭށެވެ. މިހެން ބުންޏަސް ރަނގަޅު އުސޫލުތަކާ އެއްގޮތަށް ހުންނަ، އާންމު ސިއްހަތާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދޭ ތަނަކުން، މުސްލިމުންނަށް ހުއްދަޒާތުގެ ހިދުމަތެއް ބޭނުންކުރުން މައްސަލައެއްނެތެވެ.

ޗުއްޓީއަށްދާ ތަނުގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. ގައުމަށް އެތެރެވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންތައްތަކާއި، އެތަނެއްގައި އުޅަނދުފަހަރު ދުއްވުމާއި ހިނގާބިނގާވެ އުޅުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ފިހާރަޔާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތަކާއި އަދި މިނޫންވެސް އާންމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އުޅުން ބަހައްޓަންޖެހޭގޮތްތަކަށް އަހުލުވެރިވެ އެއާ އެއްގޮތަށް އަމަލުތައް ބަހައްޓަންޖެހޭނެއެވެ. އެބައެއްގެތެރޭގައި ހުންނަ އާދަކާދަތަކާ އިދިކޮޅުހަދައި ފުރައްސާރަކޮށްގެންނުވާނެއެވެ. އެތަނުގެ އަހުލުވެރިންނަށް އުނދަގޫވެދާނެފަދަ ނުވަތަ އެބައިމީހުން ރުޅިއަތުވެދާނެފަދަ ކަންތައްތައް ގަސްތުގައި ކޮށްގެންނުވާނެއެވެ. އޮޅުމަކުން އެފަދަ ކަމެއް ކުރެވުނަސް، ވީއެންމެ ރަނގަޅަކަށް އެކަމެއް ހައްލުކުރަން މަސައްކަތް ކުރަންވާނެއެވެ. ތިމާ ދިރިއުޅޭ ހޮޓަލުގައި ނުވަތަ އިމާރާތުގައި ދިރިއުޅޭ އެހެންމީހުންނަށް އެއްގޮތަކަށްވެސް އުނދަގޫކޮށްގެންނުވާނެއެވެ. އެބައިމީހުން ހިމެނޭނީ ތިމާގެ އަވަށްޓެރިންކަމުގައެވެ. އަވަށްޓެރިންނަށް ކަމޭހިތުމަކީ ވާޖިބެކެވެ. އެބައިމީހުންނަށް އިހާނެތިކޮށް ހިތުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ނުބައިކަން ބޮޑު ފާފައެކެވެ.

ރަށްރަށަށް ގޮސްއުޅޭއިރު އެރަށެއްގެ އަހުލުވެރިންގެ ރުހުން ލިބޭނެހެން އަމަލުތައް ބަހައްޓަންވާނެއެވެ. މިސާލަކަށް ބަލާނަމަ، ހުއްދަ ލިބިފައިވާ ހާލަތެއްގައިމެނުވީ، ތަންތަނުގައި ހުންނަ ގަސްގަހުން ތަރުކާރީއާއި މޭވާއާއި މާ ބިނުމާއި، މީހުން ގަސްހައްދާ ދަނޑުތަކަށް ވަނުމާއި، ރަށުތެރޭގައި އަޑުގަދަކޮށް ހަޅޭލަވައި އުޅުންފަދަ ކަންތައްތައް އެއްގޮތަކަށްވެސް ކޮށްގެންނުވާނެއެވެ. ޒިޔާރަތްކުރާ ތަންތަނުގެ ތިމާވެއްޓަށް ގެއްލުންވާފަދަ ކަންތައްތަކާ ދުރުހެލިވާންޖެހޭނެއެވެ.

މޫދުގައި ހުންނަ ގައު މުރަކަތަކަށް ގެއްލުން ދިނުމާއި، ބޭކާރުގޮތުގައި މަސް ހިފުން ނުވަތަ ބޭނުމާއި، ހޭޅިފަށުގައި ހުންނަ ގަސްތަކަށް ގެއްލުންދިނުމާއި، ކާބޯތަކެތި ހުސްކުރާ ދަޅާއި ފުޅިއާއި އުރަފަދަ ތަކެތި ޖެހުނުތަނަކަށް އުކާލުމާއި، ރަށުގެ މީހުން ޒީނަތްތެރިކޮށް ބަލަހައްޓާ ތަންތަނަށް ކުނިއަޅައި ހަޑިކުރުންފަދަ ކަންކަމުން މުޅިން ދުރުހެލިވާންޖެހޭނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހެޔޮވެގެންވާ ކަމަކަށްނުވިޔަސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ތިމާއަކީ އެ އަމަލުކުރާ މީހެއްނަމަ އެކަމުން އެހެންމީހަކަށް އުނދަގުލެއް ފޯރިޔަދީގެންނުވާނެއެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އަޅާފައިހުންނަ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވެ، ތިމާއާއި ތިމާ ގޮސް އުޅޭ ތަންތަނުގެ މީހުންގެ ސިއްހަތު ސަލާމަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

އިސްރާފުކުރުމާއި ދަރަނިވެރިވުމުން ދުރުހެލިވުން:

އާންމުގޮތެއްގައި ބޭރުގެ ގައުމަކަށް ދެވިއްޖެނަމަ ގަންނަންޖެހޭ އެއްޗެތީގެ ލިސްޓު ވަރަށް ދިގުވާނެއެވެ. އަދި ފިހާރަތަކަށް ވަންނަމުން ދިޔަ ވަރަކަށް އެ ލިސްޓަށް ތަކެތި އިތުރުވަމުންވެސްދާނެއެވެ. އެހެންނަމަވެސް ބާޒާރުކުރުމާއި ކައިބޮއެހެދުމާއި މުނިފޫހި ފިލުވުމުގައިވެސް ވަކި ހަމައެއް ހިފަހައްޓަން ސަމާލުކަން ދޭންވާނެއެވެ. ކިތަންމެ ގިނަ ތަކެތި ގަތަސް ތިމާގެ ހިތް ނުފުރޭނެކަމާއި، ހުސްވާނީ ފައިސާކަން ދަންނަންޖެހޭނެއެވެ. އަދި "ބޭނުން ބޮޑުވެގެން" ގަންނަ ހަމަ ކޮންމެ އެއްޗަކީ ހަގީގަތުގައި އެހާ ބޭނުންތެރި އެއްޗަކަށް ނުވެދާނެކަންވެސް ހަނދާން ބަހައްޓަންޖެހޭނެއެވެ. ދަތުރެއްގައިވިޔަސް، ޒަރޫރީ ބޭނުމެއް ޖެހިގެންނޫނީ ދަރަނި ނެގުން އެއީ ރަނގަޅުކަމެއްނޫންކަން ވިސްނުމުގައި ބަހައްޓާށެވެ! ދަރަނި ނަގަން ފަސޭހަޔަސް... އެ އަދާކުރުން އެއީ އުނގަދޫކަމެއްކަން އެންމެންވެސް ދަންނާނެއެވެ.

ބަޔާންވެދިޔަފަދަ ކަންތައްތަކަށް ސަމާލުކަން ދީގެން، އިސްލާމްދީނުގެ ރީތި އުސޫލުތަކާއެއްގޮތަށް ދަތުރުގޮސް ހިތްހަމަޖައްސާލައި އުފާފާޅުކުރުމަކީ ދިރިއުޅުމުގައި ނުހަނު ބޭނުންތެރިކަމެކެވެ. އާޚިރަތަށްޓަކައި މަސައްކަތްކުރުމާއެކު، ދުނިޔޭގެ އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިބިގަތުމަށްވެސް ﷲ އަންގަވާފައިވެއެވެ. (އަލްޤަޞަޞް: 77) ސަރުތަކީ ތިމާވީ ކޮންމެ ތަނެއްގައި، ކޮންމެ ހާލެއްގައިވެސް ﷲ އަށް ތަޤުވާވެރިވުމެވެ!

ގުޅޭ ޓެގު
comment ކޮމެންޓް