ޤަޠަރުގެ އޮޓޮޕްސީ އާބެހޭ ޤާނޫނު: ތަޤްނީނު ކުރުމުގެ ނަމޫނާއެއް

މުޅި ޤަޠަރަށް ފޮރެންސިކް ޕެތޮލޮޖީ ޚިދުމަތް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ މުއައްސަސާ ކަމަށްވާ ޙަމަދު ޖެނެރަލް ހޮސްޕިޓަލް --

ޤަލްފުގެ ޤައުމެއް ކަމުގައިވާ ޤަޠަރަކީ ގާތްގަނޑަކަށް 3 ލިމިޔަން މީހުންގެ އަބާދީއެއް ދިރިއުޅޭ ޤައުމެކެވެ. ޤަޠަރުގެ އަޞްލު ރައްޔިތުންގެ ނިސްބަތަކީ މިދެންނެވި ޢަަދަދުގެ 15 ވަރަކަށް ޕަސެންޓެވެ. ބޮޑު ނިސްބަތަކީ ބޭރު މީހުންނެވެ. ޤަޠަރަކީ އިސްލާމީ ޢަރަބި ޤައުމެއް ކަމުން، އެ ޤައުމުގެ ޤާނޫނު ތަކާއި، ދިރިއުޅުމުގެ އެންމެހައި ކަންކަން ބިނާވެފައިވަނީ، އިސްލާމީ އުޞޫލުތަކުގެ މައްޗަށެވެ. އަދި ޤާނޫނު ތަކާއި ޤަވާއިދު ތަކުގެ މަޞްދަރަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެވެ.

ޤަޠަރުގެ ޓާޝަރީ ހޮސްޕިޓަލެއް ކަމުގައިވާ ޙަމަދު ޖެނެރަލް ހޮސްޕިޓަލަކީ މުޅި ޤައުމަށް ފޯރުކޮށްދެވޭ ފޮރެންސިކް ޕެތޮލޮޖީ ޚިދުމަތް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ މުއައްސަސާއެވެ. ތަހުޒީބު ޤައުމުތަކުގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތަކީ މަރުގެ ތަޙްޤީޤު ކުރުމުގެ ނިޒާމަށް ކޮންމެހެން ލާޒިމް ޚިދުމަތެކެވެ. އެހެންކަމުން ޤަޠަރުގެ ޤާނޫނުތައް ލާޒިމް ކުރާ ގޮތުގައި، ފޮރެންސިކް ނުވަތަ މެޑިކޯ-ލީގަލް ޕޯސްޓް މޯޓަމް ހަދަންޖެހޭ އެންމެހައި މައްސަލަތައް ފުލުހުން ތަޙްޤީޤު ކުރަންޖެހެއެވެ.

ޤަޠަރުގެ އޮޓޮޕްސީ ޤާނޫނުގެ މާއްދާތަކަށް ނަޒަރު ހިންގާއިރު، ފެންނަނީ ޖުމްލަ ގޮތެއްގައި މިފަދަ ޤާނޫނެއްގައި ހުންނަން ޖެހޭ މައިގަނޑު އަސާސް ތަކާއި އުޞޫލުތައް ޝާމިލް، ބާރަ މާއްދާގެ މައްޗަށް އެކުލެވޭ ކުޑަ ޤާނޫނެއްގެ ގޮތުގައެވެ. މިގޮތުން ޖިނާއީ ތަޙްޤީގަކަށް ނުވަތަ ބައްޔެއް ދެނެގަތުމަށް ނުވަތަ ތަޢުލީމީ މަޤްޞަދަށްޓަކައި ނޫން ޙާލަތެއްގައި މައްޔިތާގެ ހަށިގަނޑު ފަޅައިގެން ބެލުމަކީ ނުވަތަ އޮޓޮޕްސީ ހެދުމަކީ މި ޤާނޫނުގައި މަނާކަމެކެވެ. މިއިން ކަމެއް ކުރަންވާނީ މީހަކު މަރުވެއްޖެކަން ކަށަވަރު ކުރުމަށްފަހު މިޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިންނެވެ. މަރުވުން ކަމަށް މިޤާނޫނު ބުނެފައި ވަނީ، އިންސާނާގެ ހަށިގަނޑުގެ އެންމެހާ ގުނަވަންތަކުގެ ވިންދާއި މަސައްކަތްކުރުން އެކީއެކަށް ދާއިމަށް ހުއްޓުމަށެވެ.

ޖިނާއީ ތަޙްޤީގުތަށް މައްޔިތާގެ ހަށިގަނޑު ފަޅައިގެން ބަލައި ތަޙުޤީގު ކުރެވެނީ ދެޙާލަތެއްގައެވެ. އެއީ، ޖިނާއީ މަރުގައި ތުހުމަތެއް އެކުލެވިގެންވުން ނުވަތަ ކުށަކަށް އަރައިގަންނަން އުޅުމުގެ ތެރޭގައި ނުވަތަ ކުށަކަށް އަރައިގަތުމުގެ ސަބަބުން މީހަކު މަރުވުމުންނެވެ. މިދެންނެވި ދެޙާލަތުގައި އޮޓޮޕްސީ ނުވަތަ ހަށިގަނޑު ފަޅައިގެން ބަލައި ތަޙްޤީގު ކުރާނީ ފޮރެންސިކް ޕެތޮލޮޖިސްޓެވެ. އެއީ ތަޙްޤީގު ކުރާ ފަރާތުގެ އެދުމުގެ މަތިންނެވެ. މިޙާލަތްތަކުގައި އޮޓޮޕްސީ ނުވަތަ ހަށިގަނޑު ފަޅައިގެން ބަލައި ތަޙްޤީގު ކުރުމަށްޓަކައި މައްޔިތާގެ ވާރިޘުންގެ ރުހުން ބޭނުމެއް ނުވެއެވެ. މިއުޞޫލަކީ، އޮޓޮޕްސީ ހެދުމަށް ކުރިމަތިވާ ވަރަށް ގިނަ ގޮންޖެހުންތަކުން ދުރުކުރުމަށް ބޭނުންތެރި އުޞޫލެއްކަމަށް ފަންނީ ފަރާތްތަކުން ދެކެއެވެ.

ބަލިމަޑުކަމެއް ގެ އަޞްލު ދެނެގަތުމަށްޓަކައި، އޮޓޮޕްސީ ނުވަތަ ހަށިގަނޑު ފަޅައިގެން ބަލައި ތަޙްޤީގު ކުރަނީ ކުލިނިކަލް، ލެބޯރޓްރީ، ރޭޑިއޯލޮޖީ ފަދަ ވަސީލަތަކުން ވެސް މަރުވި ބަލި ނުވަތަ ސަބަބު ދެނެނުގަނެވޭ ޙާލަތުގައެވެ. މިޙާލަތުގައި ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރާއި، މައްޔިތާގެ ވާރިޘުންގެ ރުހުން ބޭނުންވެއެވެ. ނަމަވެސް ޢާއްމު ވަމުންދާ ބަލިމަޑުކަމަކުން ޢާއްމު ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ޞިއްޙަތާއިބެހޭ ވަޒީރު ނުވަތަ ވަޒީރު ކަނޑައަޅާފައިވާ ފަރާތެއްގެ ނިންމުމުގެ މަތިން، މައްޔިތެއްގެ އޮޓޮޕްސީ ނުވަތަ ހަށިގަނޑު ފަޅައިގެން ބަލައި ތަޙްޤީގު ކުރުވިދާނެއެވެ. މިޙާލަތުގައި މައްޔިތާގެ ވާރިޘުންގެ ރުހުން ހޯދަން ބޭނުން ނުވެއެވެ.

ތަޢުލީމީ މަޤްޞަދަށްޓަކައި އޮޓޮޕްސީ ހަދާނީ ބޭސްފަރުވާގެ މަތީ ތަޢުލީމު އުގަންނައިދޭ ކޮލެޖް ނުވަތަ ފެކަލްޓީ ނުވަތަ މަދަރުސާއެއްގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ފަރާތުންނެވެ. އަދި ދަރިވަރަކު އޮޓޮޕްސީ ހަދާނަމަ ހަދަނީ އުގަންނައިދޭ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. އަންނަނިވި ޙާލަތްތައް ފިޔަވައި އެހެން ޙާލަތެއްގައި ތަޢުލީމީ މަޤްޞަދަށްޓަކައި އޮޓޮޕްސީ ނުހެދެއެވެ. އެއީ، އޭނާ ނިޔާވުމުގެ ކުރިން ލިޔުމުން އޮޓޮޕްސީ ހެދުމަށް އިޤުރާރުވެވިފައިވުން ނުވަތަ ކޯޓު އަމުރެއް އޮތުމާ އެކު، ވާރިޡުންގެ ރުހުން ލިބިފައިވުން ނުވަތަ ކޯޓުގެ އަމުރެއް އޮތުމާ އެކު މީހާގެ ވަނަވަރު ނޭގޭ މީހަަކަށްވުން ނުވަތަ ވާރިޘަކު ހުރިކަން ނޭގުމެވެ. ނަމަވެސް އޭނާ މަރުވުމުގެ ކުރިން އެއްވެސް ޙާލަތެއްގައި އޮޓޮޕްސީ ނެހެދުމަށް ވަޞިއްޔަތް ކޮށްފައިވާނަމަ، އެމައްޔިތާގެ އޮޓޮޕްސީ މިޤާނޫގެ ދަށުން ނުހެދޭނެއެވެ.

މައްޔިތާގެ ހަށިގަނޑު ގަނެ ވިއްކުމަކީ ޤާނޫނުގައި މަނާކަމެކެވެ. އަދި ބަޔާންކުރާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި އޮޓޮޕްސީ ހަދަނީ އަންހެން މައްޔިތެއްނަމަ، އެކަމަށް ޚާއްޞަ ކުރެވިފައިވަ އަންހެނެކެވެ. އެއީ، ތަޢުލީމީ މަޤްޞަދެއްގައި އޮޓޮޕްސީ ހެދުން ނުވަތަ ޟަރޫރީ ޙާލަތެއް މެެދުވެރިވުން ނުވަތަ އެކަމަށް ޚާއްޞަ އަންހެން ބޭފުޅަކު ނެތުމެވެ.

އޮޓޮޕްސީ ހެދުމުގައި ޢަމަލު ކުރަނީ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި، ޤާނޫނު ތަންފީޛުކުރާ ވުޒާރާއިން ކަނޑައަޅާ އުޞޫލްތަކުގެ މަތިންނެވެ. އޮޓޮޕްސީ ހަދަނީ ކަމާއިބެހޭ ވުޒާރާއިން ހުއްދަދީ ކަނޑައަޅާފައިވާ ތަންތަނުގައި އެވުޒާރާއިން ކަނޑައަޅާ ޝަރުތުތަކާއި އުޞޫލުތަކުގެ މަތިންނެވެ.

އެހެން ޤާނުނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ ޤާނޫނުގެ 6 ވަނަ މާއްދާއާއި ޚީލާފްވާމީހެއްގެ އަދަބަކީ، 5 އަހަރު ދުވަހަށްވުރެ އިތުރުނުވާ މުއްދަތައް ޖަލަށް ލުމާއިއެކު، ދިހަ ހާސް ރިޔާލުން ޖޫރިމަނާ ކުރުން ނުވަތަ ދެންނެވުނު ދެ އަދަބުން ކުރެ އެއް އަދަބެއް ދިނުމެވެ. މި ޤާނޫނުގެ (2)، (3)، (4)، (5) އަދި (7) މިއިން މާއްދާ އަކާއި ޚިލާފުވާ މީހެއްގެ އަދަބަކީ، 1 އަހަރަށް ވުރެ ދިގުނުވާ މުއްދަތަކަށް ޖަލަށް ލުމާއިއެކު، ދިހަ ހާސް ރިޔާލުން ޖޫރިމަނާ ކުރުން ނުވަތަ މި ދެ އަދަބުން ކުރެ އަދަބެއް ދިނުމެވެ. މަތީގައި ބަޔާން ކުރެވުނު އެންމެހައި ޙާލަތްތަކުގައިވެސް ޤާނޫނާއި ޚިލާފުވި ފަރާތުގެ ލައިސަންސް އޭނާއަށް ކަނޑައެޅި ޖަލު ޙުކުމުގެ ދެ ގުނައަށް ވުރެ އިތުރުނުވާ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ.

މިޤާނޫނުގެ މަގުޞަދައްޓަކައި އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުޞޫލްތައް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. މިޤާނޫނު ތަންފީޛުކުރުމަށްޓަކައި، ކަމާގުޅުންހުރި އެންމެހައި އިދާރާ ތަކުންނާއި މުއައްސަސާ ތަކުން އެއްބާރުލުންދީ މިޤާނޫނަށް ޢަމަލު ކުރަން ލާޒިމު ކޮށްފައި ވެއެވެ.

ފިޤްހީ ޤަވާޢިދުތަކުގެ މައްޗަށް އިސްތިންބާޠުކޮށް އޮޓޮޕްސީ ހެދުމަށް ބޭނުންވާ ޙާލަތްތަކާއި، ޙުކުމްތަކާއި، ޢަމަލުކުރުމުގައި ތަބަޢަވާންޖެހޭ އުޞޫލުތައް ޢިލްމުވެރިން ވަނީ ކަނޑައަޅުއްވާ ފައެވެ. މިގޮތުން ޖިނާއީ ތަޙްޤީޤުކުރުމަށާއި، ބަލިމަނޑުކަމެއްގެ ބަލި ދެނެގަތުމަށާއި، ތަޢުލީމީ މަޤްޞަދަށްޓަކައި އަދި ޢާއްމު މަޞްލަޙަތު ޙިމާޔަތްކޮށް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޤާއިމްކުރުމަށްޓަކައި އޮޓޮޕްސީ ހެދުން ޢިލްމުވެރިންވަނީ ހުއްދަ ކުރައްވާފައެވެ. ނަމަވެސް، މުސްލިމުން ފަދައިން އެހެން ދީން ތަކުގެ މީހުންގެ ތެރޭގައިވެސް އިހުޒަމާނުގައި އަދި މިއަދުވެސް ގިނަ ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ޢަމަލަކުރާ ގޮތުން އޮޓޮޕްސީ ހެދުމަށް ބައެއް ޙާލަތްތަކުގައި މީހުން ދެކޮޅުހަދައެވެ. މިދެންނެވި ސަބަބުގެ އިތުރުން މެޑިކަލް އެތިކްސްގެ އަސާސްތަކާއި، ޖިނާއީ އިޖްރާއަތްތައް ފުށުއެރުމާއި، ގިނަ ވަގުތު ތަކެއް މިކަމުގައި ހޭދަވެ މައްޔިތާ ވަޅުނުލެވި ނަފްސާނީ ބުރަ ޙާލަތެއްގައި ޢާއިލާގެ މީހުން ތިބެންޖެހުމަކީ އިހުޒަމާނުގައި އޮޓޮޕްސީ ހަދާ ގޮތަށް މިޒަމާނުގައި އޮޓޮޕްސީ ހެދުމަށް ދެކޮޅުހަދާ މައިގަނޑު ސަބަބެވެ.

2003 ވަނަ އަހަރު ފާސްކުރެވުނު ޤަޠަރުގެ އޮޓޮޕްސީ ޤާނޫނު ލާޒިމުކުރާ ގޮތުގައި، މިނިސްޓްރީ އޮފް ޕަބްލިކް ހެލްތް ނުވަތަ ޙަމަދު ޖެނެރަލް ހޮސްޕިޓަލުން ޢައްޔަން ކުރާ ޑޮކްޓަރުންގެ މައްޗަށް ފޮރެންސިކް ޕެތޮލޮޖީ ޚިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ އޮވެއެވެ. ނަމަވެސް ފާހަގަ ކުރެވިފައިވާ ގޮތުގައި، ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުން އިސްނެގުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް އެންމެ އެކަށޭނެ ގޮތުގައި ނުހިފެހެއްޓުމާއި، ޤާނޫނު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުޞަތު އޮންނާތީ، މިކަންކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ޤާނޫނު ހިންގުމާއި ތަންފީޒު ކުރުމުގެ އިސް ދައުރު ހެލްތު މިނިސްޓްރީން އުފުލުމަށް ބާރު އަޅާފައިވެއެވެ.

ޢާއްމު އުޞޫލެއްގެ ގޮތުން ޕެތޮލޮޖިސްޓުން ތިން ބާވަތެއްގެ އޮޓޮޕްސީ ހަދަން ޖެހެއެވެ. އެއީ، ކްލިނިކަލް ނުވަތަ އެކަޑަމިކް ނުވަތަ ހޮސްޕިޓަލް ޕޯސްޓް މޯޓަމް އާއި، ފޮރެންސިކް ނުވަތަ މެޑިކޯ-ލީގަލް އޮޓޮޕްސީ އާއި، ތެރަޕިއުޓިކް އޮޓޮޕްސީއެވެ. ފަހުން މިދެންނެވުނު ބާވަތުގެ އޮޓޮޕްސީ އަކީ ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ނުވަތަ ގުނަވަނެއް ބަދަލު ކުރުމަށްޓަކައި ކުރެވޭ އޮޓޮޕްސީ އެކެވެ. ނަމަވެސް 2003 ގައި ފާސްކުރެވުނު ޤަޠަރުގެ އޮޓޮޕްސީ ޤާނޫނު ފާސްކުރެވުނު އިރު މިދެންނެވި އޮޓޮޕްސީ ހެދުމަށް ހުއްދަ ދެވިފައި ނުވި ނަމަވެސް މިކަން އިޞްލާޙު ކުރުމަށްޓަކައި ފަހުން ހުށަހެޅުނެވެ. މިދެންނެވި އިޞްލާޙުގެ އިތުރުން މިޤާނޫގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 24 ގަޑި އިރުގެ ތެރޭގައި މަރުވާ މީހުންގެ މަރުތައް ހޮސްޕިޓަލް ޕޯސްޓް މޯޓަމް ހެދުމަކީ، މުހިއްމުކަމެއް ކަމަށް ފާހަގަވާތީ، މިދަފަ ފަރާތްތަކުގެ އޮޓޮޕްސީ ހެދުމުގެ ބާރު ޤާނޫނުން ހޯދުމަށްޓަކައި ޤާނޫނު އިޞްލާޙު ކުރަންޖެހޭކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ކުރިން ދެންނެވި ފަދައިން މިޤާނޫނުގައި މަރުވުން ކަމަށް ބުނެފައި ވަނީ، އިންސާނާގެ ހަށިގަނޑުގެ އެންމެހާ ގުނަވަން ތަކުގެ ވިންދާއި މަސައްކަތްކުރުން އެކީއެކަށް ދާއިމަށް ހުއްޓުމަށެވެ. މި މާނަކުރުމަކީ ޞިއްޙީ ފަންނީ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި އަދި އިސްލާމީ ފިޤުހުގެ ޢިލްމުވެރިން ޤަބޫލު ކުރާ ގޮތުގައިވެސް އިޞްލާޙު ކުރަންޖެހޭ މާނައެކެވެ. ސިކުނޑި މަރުވުމަކީ ނުވަތަ ސިކުޑީގެ ސްޓެމް މަރުވުން މިމާނައިގައިގެ ތެރޭގައި ހިމަނަން ޖެހޭތީއެވެ.

ފޮރެންސިކް ޕެތޮލޮޖީގެ މައުޟޫއަކީ ފިޤުހުގައި ޝާމިލުވާ މައުޟޫއެކެވެ. ނަމަވެސް ކީރިތި ޤުރުއާނާއި ސުންނަތުގައި މިކަމުގެ ޙުކުމާބެހޭ ޤަޠުޢީ ދަލީލެއް ނެތެވެ. އެހެންކަމުން އޮޓޮޕްސީ އާއި މެދު ރައުޔުތައް ތަފާތެވެ. މިފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ފިޤުހީ ޤަވާޢިދުތަކުގެ މައްޗަށް ބަލައި ޢިލްމުވެރިން ވަނީ މިކަމާގުޅޭ ތަފްޞީލީ ޙުކުމްތައް އެކަށަ އަޅުއްވާފައެވެ. އަދި މިދެންނެވި ޤަވާޢިދުތަކާއި ޙުކުމްތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ޤައުމު ތަކުން ވަނީ ފިޤުހީ ޤަވާޢިދުތައް ތަޤްނީނުކޮށް (ކޮޑިފައިކޮށް) މިޒަމާނަށް އެކަށޭނަ ޤާނޫނުތައް ހަދާފައެވެ. ޤަޠަރުގެ އޮޓޮޕްސީ އާއިބެހޭ ޤާނޫނަކީ މީގެ މިސާލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް