އެމްޑަބްލިޔުއެސްސީގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް މުވައްޒަފުންނަށް!

އެމްޑަބްލިޔުއެސްސީގެ ސްޓާފު އެވޯޑް ނައިޓުގައި އެ ކުންފުނީގެ އެމްޑީ ޝާހު ވާހަކަދައްކަވަނީ-- ސަންފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްގުވަނީ ކުންފުނީގެ މުވައްޒަފުންނަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން މިރޭ ބޭއްވި ސްޓާފް އެވޯޑް ނައިޓުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހާއްސަ އެވޯޑުތަކެއް ދެމުން އަންނަ ކަމަށާއި އެހެންނަމަވެސް ފާއިތުވީ ދެ އަހަރު ކޮވިޑްގެ ސަބަބުން އެކަން މެދުކެނޑުނު ކަމަށެވެ.

ޝާހު ވިދާޅުވީ މިރޭ ފާހަގަކުރަމުންދަނީ ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު، އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކޮށްދިން ބުރަ އަދި އަގުހުރި މަސައްކަތް ކަމަށެވެ.

"ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައި ތަފާތު ގިނަ ގޮންޖެހުންތަކާއެކު ވެސް މެދުކެނޑުމެއްނެތި، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ތިޔަ މުވައްޒަފުން ކުރި މިންނެތް މަސައްކަތް އުފަލާއެކު ފާހަގަކުރަން،" ޝާހު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ދުވަސްވަރު، މުވައްޒަފުންގެ އާއިލާތަކާ ދުރުގައި، ކުންފުނީގެ ހިދުމަތްތައް މެދުކެނޑިމެއް ނެތި ފޯރުކޮށްދިން ކަން ޝާހު ފާހަގަކުރެއްވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ އެމްޑަބްލިޔުއެސްސީ މީގެ 26 އަހަރު ކުރިން ވުޖޫދުވެގެން އައިރު ކުންފުނީގައި މަސައްކަތް ކުރަމުން ގެންދިޔައީ އެންމެ 60 އެއްހާ މުވައްޒަފުން ކަމަށެވެ. އެހެންނަމަވެސް މިއަދު އެ ކުންފުނީގައި 1200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަން ޝާހު ފާހަގަކުރެއްވިއެވެ.

"ގްރޭޓާ މާލެ ރީޖަންގެ އިތުރުން ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މި ކުންފުނީގެ ހިދުމަތްދޭ މަރުކަޒުތައް ގާއިމްކޮށް މި އަންނަނީ އެ ތަންތަނުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން، މިއީ ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި،" ޝާހު ވިދާޅުވިއެވެ.

ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން މިއަދު އެ ކުންފުންޏަކީ އިންޖިނިއަރިން، މެނުފެކްޗަރިން، އަދި ޓްރެއިނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުންފުންޏެއް ކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ މި މަސައްކަތް ކުރަމުން އަންނަނީ އެ ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އެ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ.

އެމްޑަބްލިޔުއެސްސީން މިރޭ ބޭއްވި ސްޓާފް އެވޯޑު ނައިޓުގައި ވަނީ އެންމެ އުންމީދީ މުވައްޒަފާއި ޓީމްވޯކް ރަނގަޅު މުވައްޒަފުންނާއި އެންމެ ޕްރޮޑަކްޓިވް އަދި އެންމެ ޑެޑިކޭޓިވް މުވައްޒަފުންގެ އަގު ވަޒަންކޮށްފައެވެ. ހަމައެހެންމެ އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފުންނަށް ވެސް އެވޯޑު ދީފައިވެއެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ނުވަ ކެޓަގަރީއަކުން 87 މުވައްޒަފަކު ވަނީ އެވޯޑު ހާސިލްކޮށްފައިވެއެވެ.

comment ކޮމެންޓް