މާލޭގެ ރައްޔިތުންނަށް ކަޑަ ޖަހާފައި ހުޅުމާލެއިން ގޯތި ލިބެންޖެހޭ: ރައީސް ނަޝީދު

އެމްޑީޕީ މާލެ ސިޓީ ބައްދަލުވުމުގައި ރައީސް ނަޝިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ރައްޔިތުންނަށް ކަޑަ ޖަހާފައި ހުޅުމާލެއިން ގޯތި ލިބެންޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި މާލޭ ސިޓީ ކޯކަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތިދިނުމުގެ ވައުދު އެމްޑީޕީ ސަރުކާރަށް ނުފުއްދޭ ކަމަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީއަށް ސަޕޯޓްކުރާ މާލޭގެ ރައްޔިތުންވެސް ބުނަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހަމަނޭވާ ލެވި ހިނގާބިނގާވެ އުޅެވޭހާ ހިނދަކު މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ވަކާލާތު ކުރާ ކުރުމާއި އެ ވައުދު ފުއްދުމުގެ މަސައްކަތް ވެސް އެމްޑީޕީން ހުއްޓައިނުލާނެ ކަމަށެވެ.

"މި މަސައްކަތް ކުރުން ވެސް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. މާލޭގެ ރައްޔިތުންނަށް ކަޑަޖަހާފައި ގޯތި ގޯތި. އިތުރު ވާހަކައެއް ނޫން. ގޯތި ހުޅުމާލެއިން ލިބެންޖެހޭނެއޭ. އަދި ތިޔަ ގުޅީފަޅުގައި ތަނެއް ހިއްކިޔަސްވެސް އަދި ގިރާވަރާ ހަމައަށް ގެންގޮސް ކަޅިއާ ހަމައަށް ހިއްކިއަސްވެސް މި މާލޭގެ ރައްޔިތުންނަށް އުޅެވޭނެ ގޮތަކަށް މިރަށު މީހުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އަބަދުވެސް އަބަދުވެސް ވަމުން އަންނަ ވައުދެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލޭގައި ފްލެޓް އަޅަން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާ ކަމަށާއި ފްލެޓް ލިބޭ މީހުންނަށް އެ ފައިސާ އަނބުރާ ނުވެސް ދެއްކޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ހުޅުމާލެއިން ގޯތި ދިނުމުން އެކަމުގެ ސަބަބުން ދައުލަތަށް އޮންނަ ބުރަ ކުޑަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހުޅުމާލޭގެ ބިން ކަނޑާފައި މާލޭގެ ރައްޔިތުންނަށް ދެވިއްޖެނަމަ، އެމީހުން އެތަން އާރާސްތު ކުރާނެ. އެމީހުން އެތަނުން އާމްދަނީ ހޯދައިގެން އެ އާމްދަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ފޯރުކޮށްދޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަށް އެމްޑީޕީން ގޮވާލިޔަސް ސަރުކާރުން އެފަދަ ނިންމުމެއް މިހާތަނަށް ނިންމާފައެއްނުވެއެވެ.

ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި ފްލެޓްތަކެއް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް