ޔާމީން މޭމަތީގައި އިންޑިއާ އައުޓް ޖަހައިގެން އުޅުން ފުލުހުން ނިކުމެ ހުއްޓުވަންޖެހޭ: ނަޝީދު

އެމްޑީޕީގެ މާލޭ ސިޓީގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މޭމަތީގައި "އިންޑިއާ އައުޓް" ޖައްސަވައިގެން އުޅުއްވާ އުޅުއްވުން ހުއްޓުވަން ފުލުހުން ނިކުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ މާލެ ސިޓީގެ ބައްދަލުވުމުގައި، އެމްޑީޕީ ޕީޖީ ލީޑަރު، މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިދިކޮޅު ކޯލިޝަނުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިނު ހުއްޓުވަން ކަންކަން ރޭވުމަށް ހުށަހަޅައިފައެވެ.

އާޒިމްގެ ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައިފައެވެ.

"އިންޑިއާ އައުޓް ނުގޮވޭނެ، ނުގޮވޭނެ، މިއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ ހިލާފުކަމެއް، [އިންޑިއާ އައުޓް] ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޮވަމުންނެއް ނުހިނގޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީން މާލެތެރޭގައި އިންޑިއާ އައުޓް ޓީޝާޓު ލައްވައިގެން ނިކުންނެވުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި ޚުދު އެމަނިކުފާނު އެފަދަ ގޮތަކަށް އުޅުއްވާނަމަ އެމްޑީޕީ މެންބަރުން ވެސް ލަދުގަންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވިސްނަވާ، އަޅުގަނޑު އެފަދަ އެއްޗެއް ޖަހައިގެން ނިކުތްނަމަ ތިބޭފުޅުން ލަދު ގަންނާނެ ވަރު، އަޅުގަނޑަށް އެނގޭ ތިބޭފުޅުންނަށް އުނދަގޫފުޅުވާނެ ކަން،" ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމަށް ދިމާވެފައިވާ މައްސަލައިން ސަލާމަތް ކޮށްދިނުމަށް އެމްޑީޕީ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕީޕީއެމަށް ދިމާވެގެން އުޅެނީ ވެސް އެފަދަ ކަމެއް، އަޅުގަނޑު އެ ޕާޓީގެ މެންބަރުން އެދަންތުރައިން ސަލާމަތްކޮށްދިނުމަށް އިންތިހާއަށް އެދެން، އަދި އަޅުގަނޑުމެން އެންމެން އެކަމުގައި މަސައްކަތް ކުރާން ވެސް ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ޔާމީނަށް އިތުރަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނިކުމެ އުޅެވިގެން ނުވާނެ ކަމަށާއި އެކަން ފުލުހުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ނުވެވޭނެ، ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި މިކަމެއް ނުހިނގޭނެ، ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެނެެއް ބޭރަށް ނިކުމެ، ގޮވަމަކުންނެއް ނުހިންގެވޭނެ، އެއީ ދިވެހިރާއްޖޭގެ ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ މި ކެމްޕެއިނާ ދެކޮޅަށް ވާހަކަ ދައްކަވައި، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް