އެމެރިކާއާއި ޔޫރަޕުން އަފްޣާން ރައްޔިތުން "ބަނޑަށްޖައްސާތީ" ކާބުލްގައި ބޮޑު މުޒާހަރާކޮށްފި

އަފްޣާން ރައްޔިތުން މުޒާހަރާކުރަނީ

ކާބުލް (ޑިސެމްބަރު 21): އަފްޣާން ރައްޔިތުންނަށް ކާބޯތަކެތި ނުލިބި ބަނޑަށް ޖެހެމުންދާއިރުވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަފްޣާން ދައުލަތުގެ ފައިސާ ހިފަހައްޓައި އެފައިސާ ނުދޭން އުޅޭ މައްސަލާގައި ހުޅަނގާ ދެކޮޅަށް އަފްޣާން ރައްޔިތުން މުޒާހަރާކޮށްފިއެވެ.

ކާބުލްގެ މަގުތަކުގައި މުޒާހަރާކުރި އެތައް ހާސް ބަޔަކު އެމެރިކާއާއި ޔޫރަޕަށް އިލްތިމާސް ކުރަމުން ގެންދިޔައީ ކާބޯތަކެއްޗާއި ބޭސް ގަތުމަށްޓަކައި އަފްޣާން ދައުލަތުގެ ފައިސާ ދޫކޮށްދިނުމަށެވެ. އަފްޣާން ރައްޔިތުންނަކީވެސް އިންސާނުންކަމަށްވާއިރު ބަނޑުފުރާނަ މުއްތިކުރުމުގެ ހައްގު އެމީހުންނަށްވެސް އޮންނަންވާނެކަމަށް މުޒާހަރާވެރިން ގޮވަމުން ދިޔައެވެ.

އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލަމުން ގެންދާ އެމެރިކާއާއި ޔޫރަޕް ގެންދަނީ އިންސާނީ އެންމެ ބޮޑު ހައްގުކަމަށްވާ ކާބޯތަކެއްޗާއި ބޭހުގެ ހައްގުން އަފްޣާން ރައްޔިތުން މަހްރޫމް ކުރަމުންނެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަފްޣާނިސްތާނުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ ހިފަހައްޓާފައިވަނީ އެގައުމުގެ ވެރިކަމަށް ތާލިބާން ޖަމާއަތް އައުމާ ގުޅިގެން ތާލިބާން ޖަމާއަތަށް ފިއްތުންތައް ކުރިމަތިކުރުމުގެ ހަރުކަށި ސިޔާސީ މަގްސަދުގައެވެ.

ފައިސާ ނެތިގެން ކާބޯތަކެތި ނުގެނެވިގެންނާ އަދި އަފްޣާން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުޅި ގައުމު ހުއްޓުމަކަށް އަންނަމުންދާއިރުވެސް އަދި މިއާއެކު އަފްޣާން ރައްޔިތުން ބަނޑަށް ޖެހި ހައިހޫނުކަމުގައި އޭގެތެރެއިން އެތައް ބަޔަކު މަރުވުމުގެ މަގުމަތީގައިވާއިރުވެސް އިންސާނީ ހައްގުތަކުގެ ނަމުގައި ޕްރޮޕަގެންޑާކުރާ އެމެރިކާއާއި ޔޫރަޕް އޮތީ ތާލިބާނުންގެ ކިބައިން ހާސިލްކުރަން ބޭނުންވާ ސިޔާސީ މަގްސަދު ހާސިލްވުމުގެ ކުރިން އަފްޣާން ސަރުކާރުގެ ފައިސާ ނުދޫކުރުމުގެ ވިސްނުމުގައެވެ.

ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ހިފެހެއްޓުމާ ގުޅިގެން އަފްޣާން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނޑަށްޖެހެމުގެ މައްސަލާގައި އެގައުމަށް އެހީވުމަށް ޓަކައި އިންސާނީ ޓްރަސްޓް ފަންޑެއް ހުޅުވުމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއްގައި މިދިޔަ އާދީއްތަ ދުވަހުވަނީ ނިންމާފައެވެ.

މި ޓްރަސްޓް ފަންޑަށް އިސްލާމީ ގައުމުތަކުން ޖަމާކުރާނެ ފައިސާގެ އަދަދެއް އޯއައިސީން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ފަށައިގަންނައިރު މިއީ އެއްބިލިޔަން ޑޮލަރުގެ ފަންޑަކަށްވާނެކަމަށާ މި ފަންޑްގެ އުފެއްދުމުގެ ކަންތައް އަންނަ ޖަނަވަރީމަހު އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަފްޣާން ރައްޔިތުން ބަނޑަށް ޖެހުމުގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ، ހައިހޫނުކަމާއި ބަލިމަޑުކަމުގައި އެތަށް ހާސްބަޔަކު ދެމަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުން މަރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްއިއްޔާ ތަކުން ބުނެއެވެ.

އޯއައިސީގެ ބައްދަލުވުމުން ވެސްވަނީ ސިޔާސީ ބޭނުމުގައި އެމެރިކާއާއި ޔޫރަޕުން ހިފަހައްޓާފައިވާ އަފްޣާން ދައުލަތުގެ ފައިސާ އެގައުމުގެ ރައްޔިތުންނަށް ކާބޯތަކެތި ގަތުމަށްޓަކައި ދޫކޮށްދިނުމަށް އެގައުމުތަކަށް ގޮވާލާފައެވެ.

comment ކޮމެންޓް