ނުފޫޒު ނުފޯރުވޭނީ ބަރޯސާ ނުވީމައި

ހަސަނަކީ ނުފޫޒުގަދަ، ވިޔަފާރިވެރިއެކެވެ. ބާރަކީ އޭނާ އެންމެ ބޭނުންވާ އެއްޗެވެ. އެ ސަރަހައްދުގެ ގޭގެއިން އޮންނަނީ އޭނާގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ސަބަބަކީ އެ ގޭގެއަށް ބޭނުންވާ އަސާސީ ތަކެތި ލިބެނީ ހަސަނުގެ ފިހާރައިން ކަމަށް ވާތީއެވެ. ބައެއް ފަހަރު ލޭންދޭނަށް ވެސް ތަކެތި ދޫކުރެއެވެ. އަނެއްބައި ފަހަރު އެހީތައް ވެސް ދެއެވެ. ހަސަނު ގަބޫލު ކުރާގޮތުގައި އެ އަވަށުގެ ވެރިއަކީ އޭނާއެވެ. އޭނާގެ ބާރު ދަށްވެއްޖެ ނަމަ އެއީ އެ ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ދެކެއެވެ. އެހެންވެ އޭނާ ދެކޭގޮތުގައި އެހެން މީހެއްގެ ބާރެއް އެ އަވަށަށް އައިސްގެން ނުވާނެއެވެ.

ގެތަކުގެ ތެރެއިން ވެސް ހަސަނު މިހާރު އެންމެ ކޮންޓްރޯލް ކުރަން ބޭނުންވަނީ "ރީތި ގަސްދޮށުގެ" އެވެ. އެ ގެއަށް ގިނަ ތަކެތި ހަސަނު ފިހާރައިން ގަންނައިރު އެ ގޭ ގިނަ މީހުން ބަލިވުމުން ފަރުވާ ކުރަނީ ވެސް ހަސަނުގެ ހޮސްޕިޓަލުންނެވެ. އެ ގެއަކީ ފުދޭވަރެއްގެ އާމްދަނީ ލިބޭ ގެއަކަށް ވުމާއި އެހެން ވިޔަފާރިވެރިން ވެސް ޝައުގުވެރިވާ ގެއަށް ވާތީ އެ ގޭގެ ކޮންޓްރޯލް ގެއްލިދާނެތީ ހަސަނު ވަރަށް ބިރުގަނެއެވެ. އެހެންވެ އެގޭ މީހުންނަށް އެހީތެރިވުމުގެ ނަމުގައި ހަސަނުގެ މުވައްޒަފުން ވެސް އެގޭގައި ބައިތިއްބައެވެ. ބުނެ ބުނެ ވެސް އެ މީހުން ނުދިޔައެވެ. ހަސަނުގެ މަސްލަހަތަށް ޓަކައެވެ.

އެ ގޭގެ މިހާރުގެ ވެރިން ތިބީ ހަސަނު ބުނިހާ ކަމެއް ކުރާގޮތަށެވެ. މިކަންކަމާހުރެ ރީތި ގަސްދޮށުގޭ ގިނަ މީހުން ހަސަނާމެދު ހިތްހަމައެއް ނުޖެހެއެވެ. އެ ގޭ ހުރިހާ ކަމަކާހެން އޭނާ ބެހޭތީއެވެ. އެ ގޭ މީހުން އޭނާގެ ފިހާރައިން ވިޔަފާރިކޮށް އޭނާގެ ހޮސްޕިޓަލުން ބޭސް ކުރާތީއޭ ކިޔާފައި އެ އާއިލާގެ ކަންކަމާ ހަސަނަށް ބެހެވޭނެ ކަމަށް އެ މީހުން ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ހަސަނުގެ ވަކިތަކުން ސަލާމަތްވާން ގިނަ ބަޔަކު ބޭނުންވެއެވެ.

ނަމަވެސް ސުވާލަކީ އެކަން ކުރާނީ އެއޮތް ބޮޑު ހަސަނާ ދިމާކޮށްލައިގެން ތޯއެވެ؟ އޭނާއަށް އެއްޗެހި ގޮވައި، ގޭތެރޭގައި އިހުތިޖާޖު ކޮށްގެންތޯއެވެ؟ ނުވަތަ ހަސަނަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސްގެންތޯއެވެ؟ މިކަމުގައި އެންމެ ބުއްދިވެރި އަދި އެ ގޭގެ މަސްލަހަތަށް ވެސް ރަނގަޅު ގޮތަކީ ހަސަނާ ވެސް ރުޅިނުވުމެވެ. އެކަމަކު ކުރަންވީ ކަމަކީ ހަސަނަށް އެކަނި ބަރޯސާނުވުމެވެ. އެހެން ވިޔަފާރިތަކާ ވެސް ގުޅުން ބާއްވަން ވީއެވެ. އެ ގެއަކީ ހުރިހާ ވިޔަފާރިތަކަކަށް ވެސް ހަމަހަމަ ގެއަކަށް ހަދަންވީއެވެ. ނުފޫޒުން އެއްކިބާ ވެވޭނީ އޭރަށެވެ.

https://sun.mv/159674

ގައުމެއްގެ ހައިސިއްޔަތުން ވެސް ކަން އޮތީ އެގޮތަށެވެ. ކުދިކުދި ގައުމުތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުފޫޒު ފޯރުވެނީ އެ ގައުމުތަކަށް ކުދި ގައުމުތަކުން މާ ބޮޑަށް ބަރޯސާވާތީއެވެ. އޭގެ ބަދަލުގައި އެއްވެސް ގައުމަކަށް ބަރޯސާ ނުވެ ހުރިހާ ގައުމެއްގެ މެދުގައި ވެސް ހަމަހަމަ ވާނަމަ ނުފޫޒު ފޯރުވޭ މިންވަރު ދަށް ކުރެވޭނެއެވެ.

ބަރޯސާ ނުވަން ކޮޅަށް ތެދުވުން

އަވައްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރުވަނީ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރަމުންދާއިރު އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ކަމަކަށް ނުބެލެވެއެވެ. އިންޑިއާ އަކީ ރާއްޖެއަށް މުހިންމު ގައުމެކެވެ. އެންމެ ޒަމާންވީ އެކުވެރި ގައުމެވެ. އެންމެ އަވައްޓެރި ގައުމު ވެސްމެއެވެ. ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީތެރިވެއެވެ. ނަމަވެސް އޭގެ މާނައަކީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ފުރުސަތު ދިނުމެއް ވެސް ނޫނެވެ.

ސަރުކާރަށް ތާއީދު ކުރާ މީހުން ނަގާ ޕޮއިންޓަކީ އިންޑިއާއާ ނުލައި ރާއްޖެއަށް ނޫޅެވޭނެ ވާހަކައެވެ. ސަބަބެއް ކަމަށް ބުނަނީ އެ ގައުމަކީ ރާއްޖެއިން ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތީގެ އިތުރުން ސިއްހީ ފަރުވާ ހޯދުމަށް ވެސް އެންމެ ބޮޑަށް ބަރޯސާވާން ޖެހިފައިވާ ގައުމަށް ވުމެވެ. ބައެއް ފަހަރު އިންޑިއާއިން ހިތްހަމަ ނުޖެހުމުން ވިސާ ތާށިކޮށްލައެވެ. އަނެއްބައި ފަހަރު ބައެއް ތަކެތީގެ ކޯޓާ ހިފަހައްޓާލައެވެ. މިފަދަ ހާލަތްތަކުގައި ރާއްޖެ ޕްރެޝަރަށް ދާންޖެހެއެވެ.

އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއަށް ވެސް ރާއްޖެ ޕްރެޝަރަށް ވައްޓާލުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުހިންގާ ވަރުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް، ކުރު މުއްދަތެއްގެ ތެރޭގައި ހިންގީ ޗައިނާއިން ލޯން ނަގައިގެންނެވެ. އެ ގައުމަށް ރާއްޖޭން އޮތީ ވަރަށް ބޮޑަށް ދަރައެވެ. އެހެންކަމުން އެ ފައިސާ ދައްކަން އަންގައި ރާއްޖެ ޕްރެޝަރަށް ވައްޓާލުމުގެ ފުރުސަތު ޗައިނާއަށް ވެސް އެބައޮތެވެ.

މިފަދަ ސަބަބުތަކާ ހުރެ ރާއްޖޭގެ މައްޗަށް ތަފާތު ނުފޫޒުތައް އެބަ ފޯރުވައެވެ. އެހެން ކަމުން ދުރުރާސްތާ ޕްލޭންއެއްގެ ދަށުން މިކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހެއެވެ.

"މިއީ ފަގީރު ގައުމެއް ނޫން. މީހެއްގެ ބޮލަށް 15،000 ޑޮލަރު އެބަ ޖެހޭ. އެހެންވީމައި ސަލާން ނުޖަހާ އުޅެން ދަސް ކުރަން އެބަޖެހޭ. ކިރިޔާ ކަމެއް ބޭނުން ވީމައި ގައުމުތައް ކައިރިއަށް ގޮސް ސަލާން ނުޖަހާ އަމިއްލައަށް އެކަންކަން ކޮށްގެން އުޅެން ދަސް ކުރަން ޖެހޭ އެބަ،" ސަފީރުކަން ކުރެއްވި ބޭފުޅަކު މައުޟޫގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ފިޔާ އާއި އަލުވި އާއި ބިސް ވަކި ގައުމަކުން އެތެރެކޮށްކޮށް ތިއްބާ އެ ގައުމުން އެތަކެތި ނުދީފިނަމަ އެއީ ގިނަ ދަތިތަކަކާ ކުރިމަތިވާނެ ކަމެކެވެ. އެހެން ކަމުން އެފަދަ ތަކެތި ވެސް އެންމެ ގައުމަކުން ގެނައުން ހުއްޓުމަކަށް ގެންނަން ޖެހެއެވެ. އޭރަށް ނުފޫޒު ފޯރުވުން ކުޑަ ކުރެވޭނެއެވެ.

އޭގެ މިސާލަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއިން ހިލަޔާއި ހިލަވެއްޔަށް ދިން ކޯޓާ ކަނޑާލުމުން ދެން އަމަލު ކުރިގޮތެވެ. އެހާތަނަށް ރާއްޖެއަށް މުޅިން ކަހަލަ ގޮތަކަށް ހިލަޔާއި ހިލަވެލި އެތެރެ ކުރަމުން ދިޔައީ އިންޑިއާއިންނެވެ. ކޯޓާ ކަނޑާލުމުން ކޮންސްޓްރަކްޝަން ދާއިރާ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރުހީވިއެވެ. ނަމަވެސް ކަން ވެގެން ދިޔައީ މާ ރަނގަޅަށެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މާ ހެޔޮ އަގުގައި ހިލަޔާއި ހިލަވެލި ރާއްޖެއަށް އެތެރެ ކުރެވޭގޮތްވީއެވެ. ކޮލެޓީ ވެސް ރަނގަޅުވީއެވެ. އެގޮތް އެހެން އެއްޗެހި އެތެރެ ކުރުމުގައި ވެސް އޮންނާނެއެވެ. އެހެންކަމުން އެހެން ބާވަތްތައް ވެސް އެހެން އެއް ގައުމަކަށް ބަރޯސާވުން ހުއްޓާލަން ޖެހެއެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކޮށް ވިއްކާ، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވިގޮތުގައި އާއްމުކޮށް ކެއުމަށް ބޭނުން ކުރާ ތަކެތި އިންޑިއާ ނޫން ގައުމުތަކުން އެތެރެ ކުރުމުގެ ގާބިލްކަން ރާއްޖޭގެ ވިޔަފާރިވެރިންގެ އެބަހުއްޓެވެ.

"އެއްވެސް ހާލަތެއްގައި ވަކި ގައުމަކަށް ބަރޯސާ ވެގެނެއް ނޫން ރާއްޖެއަށް މުދާ އެތެރެ ކުރަނީ. ކޮވިޑްގެ ދަތި ހާލަތުގައި އެކަން ވަނީ ސާބިތު ކޮށްދީފައި،" އާއްޓޭ ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ބަލާއިރު ވެސް މިހާރު އޮތްގޮތް ނޫން ގޮތެއް ހޯދަން ޖެހެއެވެ. އާސަންދައިގެ ދަށުން އިންޑިއާ އާއި ލަންކާއިން ފަރުވާ ހޯދޭއިރު އެކަމަށް ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން ކުރަންޖެހެއެވެ. ރާއްޖޭން ބޭރަށް މީހުން ބޭސްފަރުވާއަށް ދިއުމަށް ޓިކެޓަށް އެކަނި ވެސް މިދިޔަ އަހަރު 15 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ހޮސްޕިޓަލްތަކަށް ކުރި ހަރަދުވެސް އެތައް މިލިއަން ރުފިޔާއަކަށް އަރައެވެ. މި ހަރަދުތައް މިގޮތަށް ކޮށްކޮށް ތިބުމަށް ވުރެން އެ ފައިސާއިން ރާއްޖޭގައި ހޮސްޕިޓަލްތައް އަޅައި ރާއްޖޭން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ. ގައުމަށް ހުރިހާ ގޮތަކުން ވެސް ފައިދާ ކުރާނީ އޭރަށެވެ.

"އާސަންދައިން ބޭރު ހޮސްޕިޓަލްތަކަށް އަހަރަކު އެ ކުރާ ހޭދައިން ރާއްޖޭގައި އެފަދަ ހޮސްޕިޓަލްތައް އެޅޭނެ. އެހެންވީމައި މިއީ އެ ގައުމަކަށް ފައިދާވާ ބޮޑު ވިޔަފާރިއެއް. ހަދަންވީ ގޮތަކީ ރާއްޖޭގައި ހޮސްޕިޓަލް އަޅަންވީ އާސަންދައިން އެހޭދަ ކުޑަ ކުރަން. ދުނިޔޭގެ އެކިތަންތާ އެތިބީ ތަޖުރިބާކާރު މޮޅެތި ޑޮކްޓަރުން. އެ މީހުން އަންނާނެ. އެއީ އުނދަގޫކަމެއް ނޫން،" އިގްތިސާދީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތްގޮތަކީ ބޮޑު ކަމެއްވާއިރަށް ރަށުން މާލެއައިސް މާލެއިން ބޭރަށް ދިއުމެވެ. އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމްގައި އެތައް ސަތޭކަ ދިވެހިންނެއް ނެތް ދުވަސްވަރެއް ނުދެއެވެ. މިގައުމުން އެތައް ފައިސާއެއް އެބަ ބޭރުވެއެވެ. ބޭސް ފަރުވާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަން ރާއްޖޭގައި ހޮސްޕިޓަލްތައް އަޅަން އެބަޖެހެއެވެ. އާސަންދައިން ބޭރަށް އެކުރާ ހަރަދުން އެކަނިވެސް އެކަން ކުރެވޭނެއެވެ.

"އަސްލު ކުރަންވީ ކަމަކީ އަޅުގަނޑުމެންގެ އެތެރޭގެ ހަރަދުތައް ކުޑަ ކުރަންވީ. ކޮށްފައި މި ގައުމުގައި އިންފްރާސް ސްޓްރަކްޗާ ގާއިމު ކުރަންވީ. އޭރަށް ސަލާން ނުޖަހާ އުޅެވޭނެ،" ކުރިން ވާހަކަ ދެއްކެވި ކުރީގެ ސަފީރު ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫތައް ހިންގާއިރު ވެސް ކަން ކުރަންވީ ގޮތަކީ ހަމަހަމަ ސިޔާސަތެއް ގެންގުޅުމެވެ. ވަކި ގައުމަކަށް ބަރޯސާވެގެން ލޯން ނަގާނަމަ އެ ގައުމެއް ބޭނުންއިރަކު ފިއްތާލެވޭނެއެވެ. އެހެންކަމުން ހުރިހާ ގައުމަކަށް ވެސް ރާއްޖޭގައި މަޝްރޫތައް ހިންގުމުގެ ފުރުސަތު ދޭން ޖެހެއެވެ.

ކުރަންވީ ކަމަކީ މަގުތަކަށް އެއްވެ ހަޅޭއްލެވުމެއް ނޫނެވެ. ހަމަ އިސްކޮޅަށް ތެދުވާން މަސައްކަތް ފަށަންވީއެވެ. އެކަން ވާނީ ދުރުރާސްތާ ޕްލޭންއަކުންނެވެ. އިންސާނީ ވަސީލަތްތަކާއި އިންފްރާސް ސްޓްރަކްޗާ ގާއިމުކޮށްގެންނެވެ. ވަކި ގައުމަކަށް ބަރޯސާވާނަމަ އެ ގައުމެއްގެ ނުފޫޒު ފޯރާނެއެވެ. އެހެންކަމުން ނުފޫޒުން އެއްކިބާ ވެވެން އޮތް ގޮތަކީ ވަކި ގައުމަކަށް ބަރޯސާ ނުވުމެވެ. ހަސަނު ފަރާތުން ރީތި ގަސްދޮށުގޭ މީހުން ސަލާމަތްވިގޮތަށެވެ.

comment ކޮމެންޓް