މަސްކިރުން ލަސްވާތީ މަސްވެރިން ކޫއްޑޫ އޮފީހުގައި މުޒާހަރާ ކުރަނީ

މަސްވެރިން ކޫއްޑޫގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ މަސްވެރިއެއް

ކޫއްޑޫގައި މަސްކިރުން ލަސްވާތީ އެކަމާ ކަންބޮޑުވެ، މަސްވެރިން ކޫއްޑޫ އޮފީހުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އެ މުޒާހަރާގެ ބައިވެރިއަކު "ސަން" އަށް ކިޔައިދިން ގޮތުގައި، މިއަދު ހެނދުނު ކޫއްޑޫއަށް މަސް ކިރަން ދިޔަ ދޯނިތަކަށް އަދިވެސް މަސް ކިރައި ނުދޭ ކަމަށެވެ.

"އަށެއް ޖެހި އިރު ދޯނިތައް މަސްބާނައިގެން ވަދެއްޖެ. ދެން އެމީހުން ބުނަނީ ނުވައެއް ޖަހާއިރު ކިރާނަމޭ. ދެން އަނެއްކާ ނުވައެއް ޖަހާއިރަށް ބަދަލު ކޮށްލައިފި 10 ޖަހާއިރަށް. 10 ޖެހިއިރު ބަދަލު ކޮށްފި 11 ޖަހަންވާއިރަށް. އަދިވެސް މަސް ކިރޭ ގޮތެއް ނުވޭ،" މަސްވެރިޔާ ބުންޏެވެ.

މަސްވެރިން ކޫއްޑޫގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ މަސްވެރިއެއް

މަސް ކިރަން ގޮސް ކޫއްޑޫގައި "ތާށިވެފައި" ތިބިކަމަށް ބުނަމުން، އެތަނުން އައިސް ނުލިބޭކަންވެސް މަސްވެރިޔާ ފާހަގަކުރިއެވެ.

"އައިސްކޮޅެއްވެސް ހޯދަން މި ޖެހެނީ އެކި ތަންތަނަށް ދުއްވަން،" އޭނާ ބުންޏެވެ.

މީގެ އިތުރުން، މިއަދު ދެން މަސް ކިރޭނެ އިރަކާ ބެހޭގޮތުން ސުވާލު ކުރުމުން ކޫއްޑޫ އޮފީހުގެ މުވައްޒަފުން ޖަވާބެއް ނުދޭ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މަސް ކިރޭނެ އިރެއް އެއްވެސް ގޮތަަކަށް ބުނަން މިހާރު ނޭނގޭކަން އޭނާ ފާހަގަކުރިއެވެ.

ހަމައެއާއެކު، މިވަގުތުވެސް ނުވަ ދޯނި މަސް ކިރަން ގޮސް އޮތްކަމަށާއި، ކޮންމެ ދޯންޏެއްގައި ހަތަރެއް ނުވަތަ ފަސް ޓަނު މަސް އެބަހުރިކަމަށް އޭނާ ބުންޏެވެ. އަދި މަސް ކިރުން ލަސްވެ، އައިސް ލިބުމުގައި ވެސް ދަތިތަކެއް އުޅޭތީ މަސްތައް ކުނި ވުމުގެ ފުރުސަތު އޮތް ކަމަށް މަސްވެރިޔާ ބުންޏެވެ.

އެ މަސްވެރިޔާ ބުނީ މި ފަދަ ގޮތަކަށް މަސް ކިރަން އުޅޭތާ އަހަރުތަކެއް ވެއްޖެ ކަމަށާއި މި މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ކޫއްޑޫ އޮފީހުގެ އިސް ވެރިންނަށް މަައްސަލަ ހައްލު ނުކުރެވޭ ނަމަ، އިސްތިއުފާއަށް ވެސް ގޮވައިލައިފައެވެ.

ކޫއްޑޫ އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މަސް ކިރުން ލަސްވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ސަބަބުން މުޒާހަރާއެއް ބާއްވާފައި ނުވާ ކަމަށާއި މިހާރު މަސްކިރަން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް