ރ. އަތޮޅު ދެކުނު ބިތް ހިމެނޭހެން ހަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ފ.މަގޫދޫ ---

ރާއްޖޭގެ އެކި ހިސާބުތަކުގައި ހަ ޑޮމެސްޓިކް އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައިފައިވާ ކަމަށެވެ.

މި މޮޑެލްގެ ދަށުން އެއާޕޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކަކީ:

  • ހދ. މަކުނުދޫ
  • ށ. ބިލަތްފަހި
  • ބ. ތުޅާދޫ
  • ތ. ވިލުފުށި
  • ފ. މަގޫދޫ
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ)

މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ހަރަދުތައް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހިމަނައިފައެވެ. އެގޮތުން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް ވަނީ 23.6 މިލިއަން ޑޮލަރުގެ ހަރަދެއް ކަނޑައަޅައިފައެވެ.

ޕްލޭނިން މިނިސްޓްރީން އިތުރަށް ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއެއް ކަމުން ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ވާނެ ކަމަށެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިޔަން އެމެރިކާ ޑޮލަރެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމައިފައިމިވަނީ، އެ އަތޮޅު އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމުމާ ގުޅިގެން އަތޮޅުގެ ދެކުނު ރަށްރަށުގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

comment ކޮމެންޓް