ވިލުފުށީ ރައްޔިތުންގެ ކަރުނައިން، 17 އަހަރުވީ ކެކުޅުންތައް

(ތ. ވިލުފުށިން) ކަނޑުގެ ބިޔަ ރާޅުތަކާ ތިން ގަޑިއިރު ހަނގުރާމަ ކުރުމަށްފަހު އަހަރެމެންނަށް މި އާދެވުނީ ކޮޅުމަޑުލު ވިލުފުއްޓަށެވެ.

ލޯންޗުން ފައިބަމުން އަޅައިގެން ހުރި އަވި އައިނު ނަގައިފައި ރަށުގެ މަލަމައްޗަށް ރީއްޗަށް ބަލައިލީމެވެ. ފެނުނީ ތާރު އަޅައިފައިވާ ބޮޑެތި މަގުތަކެވެ. މަގުތަކުގެ ދެ ފަޅީގައި ރީއްޗަށް ހެދިފައި ހުރި ފިތުރޯނު ގަސްތަކެވެ.

ގެނައި ދަބަސްތައް ކޮނޑުގައި އަޅުވައިގެން އަހަންނާއި، އަހަންނާ އެކުގައި ދިޔަ ނޫސްވެރިޔާ މިސްރާބު ޖެހީ އަހަރެމެން ތިބެން ހަމަޖެހިފައިވާ ގެޔާ ދިމާއަށެވެ. ބަނދަރާ ވަރަށް ކައިރިއެވެ.

ގެއަށް ދިޔައިރު، މަގުމަތިން ދެތިން މީހަކު ފެނުނެވެ. ބީރައްޓެހިކަމުގެ ކުލަވަރެއް އެ މީހުންގެ މޫނުމައްޗަކުން ނުފެނެއެވެ. ކޮންރަށެއްގެ ކުދިބައެއްތޯ އެހިއެވެ. އަހަރެމެން މި ރަށަށް އައި މަގުސަދު އޮޅުން ފިލުވިއެވެ.

ވިލުފުށީ މަތިން ނަގައިފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިގު ދަތުރަކަށް ފަހު ވަރުބަލިވެފައި ތިބި ނަމަވެސް ދަބަސް ބަހައްޓައިފައި އަހަރެމެން ނުކުތީއެވެ. ސައިކަލެއް ހޯދައިގެން ރަށު ތެރޭގައި ބުރެއް ޖަހާލީމެވެ. މި ރަށުގައި ހުރީ ތިން ޑިޒައިނެއްގެ ގެއެވެ. ރަށުގެ ބޮޑުބައެއްގައި ވަނީ ތާރު އަޅާފައެވެ. ސަރުކާރުގެ މުއައްސަަސާތަކުގައި ޖާގަ ބޮޑެވެ.

ބުރެއް ޖަހައިލައިފައި، ޖޯލިފަތިތަކެއްގައި ތިބި ހަރު އުމުރުގެ ފިރިހެނުންތަކަކާ ވާހަކަ އަޅުވައިލައިފީމެވެ. ކުޑަކޮށް ރަށުގެ ވާހަކަތައް އަހާލުމަށްފަހު އަހަރެން ދައްކަން ބޭނުންވާ ވާހަކަ ފެށީމެވެ.

"ސުނާމީ ކާރިސާއަށް ބަލާލާއިރު އަޅުގަނޑުމެން ހިތާމައިން ނެއްޓޭނީ ކޮންކަމަކުންތޯ. އަޅުގަނޑުމެން ދިރިއުޅެން ހުރި ގެ ދިޔައީ. އަޅުގަނޑު އެއްބަނޑު ބޭބެ ދިޔައީ. އަޅުގަނޑު ކޮއްކޮ ނިޔާވެ ދިޔައީ،" ސުނާމީގެ ވާހަކަ ފެށުމުން އެ މީހުންގެ ވާހަކައިގެ ރާގު ބަދަލުވިއެވެ.

މިއީ މީގެ 17 އަހަރު ކުރިން މި ރަށު ރައްޔިތުން ދުށް ވިލުފުއްޓެއް ނޫނެވެ. މި ރަށް ތަރައްގީ ވެއްޖެއެވެ. ބްރިޓިޝް ރެޑް ކްރޮސްއިން މި ރަށުގައި ގެ އަޅައިދީފިއެވެ. މަގުތަކުގައި ތާރު އަޅައިދީފިއެވެ. ވަށައިގެން ބޮޑު ހިލަ ޖަހައިދީފިއެވެ. މުޅި ރަށް ބަދަލު ކޮށްލައިދީފިއެވެ.

އެހެން ނަމަވެސް ބަދަލު ނުވާ އެއްކަމެއް އެބައޮތެވެ. އެއީ ބޭހެއް، ފަރުވާއެއް ނެތް ކަމެކެވެ. ދުވަހަކު ވެސް ފޮހެނުލެވޭނޭ ހަނދާންތަކެކެވެ.

"އަބަދުއަބަދުހެން އެ ދުވަހުގެ ހަނދާންތައް އާވެއާވެ ހުންނަނީ. އަބަދުވެސް. އެއީ ވަރަށް ބިރުވެރި ދުވަހެއް. އަޅުގަނޑަށް އެކަން ސިފަކުރެވެނީ، ދެން އަޅުގަނޑުމެން މި ދުނިޔެލައި ދިޔައީއޭ،" މި ރަށު ސުކޫލުގެ ކުރީގެ އެސިސްޓަންޓް ހެޑްމާސްޓަރު އާދަމް ޝިހާމް ކިޔައިދިނެވެ.

އެ ދުވަހު މި ރަށުގެ ރައްޔިތުންނަށް ކުރި އަސަރު އެ ވާހަކަތައް ދައްކާލުމުން މިއަދު ވެސް މޫނުމަތިން ފާޅުވެއެވެ. ރަށް އަލުން ތަރައްގީ ކުރެވުނު ކަމުގައި ވިޔަސް، އެ މީހުންގެ ހިތް އަދިވެސް ވަނީ ހަލާކުވެފައެވެ.

ސަތާރަ އަހަރު ކުރިން މިއަދު!

މީގެ ސަތާރަ އަހަރު ކުރީގެ އެ ހަނދާންތަކަކީ އައު ކުރަން ފަސޭހަ ހަނދާންތަކެއް ނޫނެވެ. އެ ދުވަހުގެ މަންޒަރުތައް ލޮލުން ދުށް މީހުން މިއަދު ވެސް ވަނީ ނަފްސާނީ ބަލިމަޑުކަމެއްގައެވެ. އެ ބިރުވެރި މަންޒަރުތައް ދެވަނަ ފަހަރަށް، ދެކޭކަށް އެ މީހުން ބޭނުމެއް ނުވެއެވެ. އެފަދަ ދުވަހެއް ދުވަހަކުވެސް ނުދެއްކެވުން އެދި އެ މީހުން އަބަދާއިއަބަދު ދުއާ ކުރެއެވެ.

"ދެރަވޭ ދޯ ވަަރަށް ދެރަވޭ ދެން. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑަށް ދުވަހަކުވެސް އެފަދަ ދުވަހެއް ނުދެއްކެވުން. އަޅުގަނޑަކީ ލައްކަ އަސަރު ކޮށްފައި ހުރި މީހެއް،" މި ރަށު ޚަދީޖާ އާދަމް ގިސްލާ ރޮމުން ބުނީ މިހެންނެވެ.

ދެހާސްހަތަރުވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26ވަނަ ދުވަހަކީ ވިލުފުށީ ރައްޔިތުން ދުށް އެންމެ ބިރުވެރި ދުވަހެވެ. އެ ދުވަސް ސިފަކޮށްދިނުން މި ރަށު ރައްޔިތުންނަށް ފަސޭހަކަމަކަށް ނުވިއެވެ.

ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއ 9.3 މެގްނެޓިއުޑް ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ވަގުތަކަށް މި ބިންހެލުން ދެމިގެން ދިޔައެވެ. ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅުނީ އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި މަޝްޣޫލުވެގެންނެވެ.

އެއީ އުޑުމަތި ސާފު، އަމާން ދުވަހެކެވެ. ދުވަހުގެ އިރު އުދަރެހުން އަރައިގެން އައީ އުފާވެރިކަމާއި ހިތްހަމަޖެހުމަށް ޖާގަދެމުންނެވެ. އެއްވެސް މީހަކަށް އެ ދުވަހު އިރު ފެނުން ތޮޅިލިއިރު، ކުރިމަތިވާން އޮތީ ކިހާވަރެއްގެ ކާރިސާއެއްކަން އަންދާޒާ ވެސް ނުކޮށްލެވެއެވެ.

ފަތިހު މުނާޖާ ކޮނޑު އަޅައިގެން ތެދުވެ، ފިރިހެނުން ދިޔައީ މަސްވެރިކަމަށެވެ. ފިރިންނަށް ސައި ހަދަން ތެދުވި ގޮތަށް، އަންހެންވެރިން އުޅުނީ އެކި މަސައްކަތްތަކުގައި އަވަދިނެތިއެވެ.

ހެނދުނުގެ ހިތްފަސޭހަ ވަގުތު ކަމުން، ކުޑަކުދިންތައް އުޅުނީ މިނިވަންކަމާއެކު އަތިރިމަތީގައި ކުޅެ ސަކަރާތް ޖަހާށެވެ. އެ ކުދިން ކުއްލިއަކަށް ހުއްޓުންއެރީ އިވެން ފެށި ބާރުގަދަ އަޑުފައްގަނޑަކާއެކުގައެވެ. ހުއްޓުމެއް ނެތި އިރުކޮޅެއް ވަންދެން އެ އަޑު އިވެމުން ގޮސް، ކުއްލިއަކަށް އެ އަޑު ބާރުވާން ފެށިއެވެ.

ދެން ފެނުނީ ކަނޑުގެ ލޮނުގަނޑު ހުދު ފޮނުގަނޑަކަށް ބަދަލުވަމުން ދިޔަ މަންޒަރެވެ. ފަޅުތެރޭގައި އަޅައިފައި ހުރި އޮޑިފަހަރު ވެސް، ބާރުގަދަ އޮޔެވަރާއެކު އެކި އަތްއަތަށް ހަރަކާތް ކުރަން ފެށިއެވެ.

އަތިރި މަތީގައި ތިބި މީހުންނަށް ވެސް އެ ވަގުތު ވާނުވާއެއް ނޭނގުނެވެ. ބަލަހައްޓައިގެން ތިބެވުނީއެވެ. ލޮނުގަނޑަށް ބަދަލުތަކެއް އެބަ އަންނަކަން އެނގުނު ނަމަވެސް، ވަނީ ކީއްކަން ދެނެނުގަނެވޭތީއެވެ.

"މަންޒަރު ފެނުނީ ފުރަތަމަ ހިކިފައި އޮއްވާ. އިރުކޮޅެއް ފަހުން ފޮނުގަނޑެއްގެ ސިފައިގައި އަންނަތަން ފެނުނީ. ދެން ދައްތައެއްގެ ކައިރީގައި އަހާލިން ކިހިނެއްހޭ ލޮނުގަނޑަށް އެވަނީ. އަހާލީމަ ދައްތަ ބުނީ އެބަ ވޭހޭ ގޮތެއް،" އެ ވަގުތު އަތިރިމަތީގައި ހުރި މި ރަށު ރުގިއްޔާ އިބްރާހީމް އެ މަންޒަރުތައް ސިފަކޮށްދިނެވެ.

މާ ގިނައިރު ފޮނުގަނޑެއްގެ ސިފައިގައި ކަނޑުގެ ލޮނުގަނޑެއް ނޯވެއެވެ. ދެން ފެނުނީ ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔަތަނެވެ. އެތައް ފޫޓެއް މައްޗަށް އުފުލުނު އެ ރާޅު އެއްވެސް ހުރަހެއް ނެތި، ރަށަށް ބިންދާލިއެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ވީ ތ. ވިލުފުއްޓަށް --

ދިގު ރުއްތަކުގެ މަތިން ބިންދާލި އެ ރާޅާއެކު ކޮންމެ މީހަކު ވެސް ދުއްވައިގަތީ އެ މީހެއްގެ ސަލާމަތް ހޯދުމަށެވެ. އެހެން ނަމަވެސް ރާޅުގެ ބާރުގަދަ އޮޔެވަރުގައި ގިނަ ބަޔަކު ޖެހުނެވެ.

ބިޔަރާޅުތަކުން އުފެދުނު ގަދަ އޮޔެވަރުގެ ސަބަބުން ރަށުގެ ހޭޅިފަށުގައި ހުރި ގިނަ ރުއްތަކާއި ގަސްތައް މުލުން ލުހިގެން ދިޔައެވެ. ރަށު ތެރެއަށް އަރައިގެންދިޔަ ބާރުމިނުގައި ގެތަކުގެ ވަށާފާރުތައް ބިމާ ހަމަކޮށްލިއެވެ.

ދާ އޮހޮރުވައިގެން ބިނާކުރި "ގަނޑުވަރުތައް" ފުނޑުފުނޑުވެ ބިމާ ހަމަވިއެވެ. ދިރިއުޅުމަށް ހޯދައިފައިވާ ހުރިހާ އެއްޗަކާ އެކު އުފާވެރި ދިރިއުޅުންތައް މާދުރަށް ގޮސް ލޮލުކޮޅަށް އޮބައިލައިފިއެވެ.

17 އަހަރު ކުރި: ބޮޑުރާޅު ކާރިސާގައި ވިލުފުށި ސުންނާފަތިވެފައި -- ފޮޓޯ/ އަބްދުﷲ ނިޒާރު

ވެއްޓެމުން ދިޔަ ގެތަކުން ލޮނުގަނޑާއެކު އޮޔާ ދެމެމުންދިޔައީ ގޭގޭގެ ފަރުނީޗަރެވެ. ގޮނޑިތަކާއި މޭޒުތަކެވެ. އަލަމާރިތަކާއި ކަބަޑުތަކެވެ. އެނދުތަކާއި އަށިތަކެވެ. ތެލިތަކާއި ތަށިތަކެވެ. ވިޔަފާރިވެރިންގެ ފިހާރަތަކުގައި ބަހައްޓައިފައި ހުރި އަގުބޮޑެތި މުދާތަކެވެ.

ރާޅު އެރުމާއެކު ރަށު ތެރެއިން އިވެން ފެށީ ތަކުބީރުގެ އަޑެވެ. ސަލާމަތަށް އެދި މީހުން ހަޅޭއް ލަވައި އަޑެވެ. އިވުނީ އެތައް ބަޔަކަށް ވަމުންދިޔަ އަނިޔާތަކާއެކު، ވޭނީ އާހުގެ އަޑެވެ. އެ އަޑުތައް ވަކި ހިސާބަކުން ކެނޑެނީ ލޮނުގަނޑުގެ ތެރެއަށް އެ މީހުން ގެނބުމުންނެވެ.

ފެނުނީ އަމިއްލަ ދަރިން ސަލާމަތްކުރުމަށް ޓަކައި ގަދަ އޮޔެވަރުގައި ފުރާނަ އަތްމައްޗަށް ލައިގެން ފަތަމުންދިޔަ ބަފައިންނެވެ. ދަރިންގެ އަތުގައި ހިފައިގެން ރާޅަށް "އަތު ނުވާން" ދުވަމުންދިޔަ ހިތްވަރުގަދަ މައިންނެވެ.

ކޮންމެ މީހަކު ވެސް މަސައްކަތް ކުރީ އެ ގަދަ އޮޔެވަރުގައި ނުޖެހި ސަަލާމަތް ވެވޭތޯއެވެ. އެހެންކަމުން އުސް ފާރުތަކަށް އަރައި އެއް ބަޔަކު ތިއްބެވެ. އަނެއް ބަޔަކު ބިޔަ ގަސްގަހުގެ އޮފިތަކުގައި ހިފަހައްޓައިގެން ތިއްބެވެ.

އެ ގޮތަށް ތިއްބާ ރާޅުތަކުގެ ހަމަލާއިން ފާރުތައް ވެއްޓެއެވެ. ގަސްތައް މުލުން ލުހިގެންދެއެވެ. އެ ހިސާބުން އެ މީހުން ވެސް ގަދަ އޮޔެވަރުގައި ޖެހި ލޮނުގަނޑު ތެރެއަށް ގެނބެނީއެވެ.

މިއީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ބައިވަރު ކަންތައްތަކެކެވެ. ރަށުގެ އިރުމަތީ ފަރާތުން އަރައިގެން އައި ރާޅުތައް ދިޔައީ މުޅި ރަށް ސުންނާފަތި ކޮށްލާފައެވެ. ދިރިއުޅުމުގައި މި ރަށުގެ ރައްޔިތުން ސުމަކުން ފަށަން ނުޖެހޭ އެއްވެސް ކަމެއް ނެތެވެ.

މި ރަށަށް ސުނާމީ ކާރިސާގައި ތިން ރާޅު އެރިއެވެ. މި ރަށުގެ ރައްޔިތުންގެ މުޅި ދިރިއުޅުން އެ ތިން ރާޅުގެ ދަށުލީއެވެ. އެއްކުރިހާ ފައިސާއެއް އެ ރާޅުތައް ގެންދިޔައީއެވެ. އުނު އޮރިޔާން ނިވާކޮށްލާނެ އަންނައުނެއް ނެތެވެ. ބާރު އޮޔެގައި އެކިކޮޅުކޮޅަށް ދެމިއިރު ތަންތަނުގައި އެޅި އަންނައުނު ހުރީ ވީދިފައެވެ. ގެތައް ހުރީ ބިމާ ހަމަވެފައެވެ.

ހިތްދަތި އެތައް މަންޒަރުތަކެއް

ސުނާމީ ކާރިސާގައި މި ރަށުން 19 މީހުން މަރުވިއެވެ. އޭގެ ތެރެއިން 16 މީހުން ފެނުނުއިރު، ތިން މީހަކު އަދިއަދަށް ދާންދެން ވެސް ނުފެނެއެވެ.

ސުނާމީ ކާރިސާގައި ޝިހާމްއަށް ފެނުނު އެންމެ ހިތްދަތި މަންޒަރަކީ ރަށު ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެނުމެވެ. އެއީ އޭނާގެ ލޯމައްޗަށް މިއަދު ވެސް ސިފަވެ ސިފަވެ ހުންނަ މަންޒަރުތަކެކެވެ.

ސުނާމީ އެރި ދުވަހު ބައެއް މީހުންގެ ހަށިގަނޑު ރަށު ތެރެއިން ފެނުނެވެ. އަދި އޭގެ ދެ ދުވަސް ފަހުން ވެސް ބައެއް މީހުންގެ ހަށިގަނޑުތައް ރަށު ތެރެއިންނާއި ރަށުގެ ފަޅުތެރެއިން ވެސް ވަނީ ފެނިފައެވެ.

ބައެއް މީހުން ފެނުނީ ފާރުތަކުގެ ދަށުވެފައި ވަނިކޮށްންވެ. އަނެއް ބަޔަކު ފެނުނީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާއެވެ.

"މީހުންތައް ރަށުތެރޭގައި މަރުވެފައި ތިއްބާ ފެނުނު. އަޅުގަނޑުމެން ގެޔާ ޖެހިގެން އޭގެ އަނެއް ފަޅީގައި ހުރި ގެއެއްގެ ވެއްޓިފައި އޮތް ފާހާނާއެއްގެ ތެރޭގައި ވެސް ކުޑަކުއްޖަކު އޮތް ނިޔާވެފައި،" ޝިހާމް އެ މަންޒަރުތައް ސިފަކޮށްދިނެވެ.

މަރިޔަމް ޚަލީލާއަށް އެ ދުވަހުގެ ހެނދުނު ފުރަތަމަ އިވެން ފެށީ ބާރުގަދަ އަޑުފައްގަނޑެކެވެ. އެއީ ދުވަހަކު ވެސް އޭނާއަށް އިވުނު ކަހަލަ އަޑެއް ނޫނެވެ. އޭރު އޭނާގެ ގާތުގައި ދެ ދަރީން ވެސް ތިއްބެވެ. އަދި ގޭގައި އޭނާގެ ނުހިނގޭ ބައްޕައާއި ބޮޑުދައިތަ ކުއްޖަކު ވެސް އުޅުނެވެ.

އަޑުފައްގަނޑު އިވެން ފެށުމުން އޭނާގެ ދިހަ އަހަރުގެ އަންހެން ދަރިފުޅު، އަޑު އަންނަ ދިމާއެއް ބަލަން ނުކުތެވެ. އެނބުރި އައިސް ދަރިފުޅު ދިނީ ރަށަށް ބޮޑު ރާޅެއް އަރާ ކަމުގެ ހަބަރެވެ. އެކަމަަކު ދަރިފުޅުގެ އެ ވާހަކަ މަރިޔަމްއަށް ގަބޫލުކުރަން ދަތިވިއެވެ.

"ބުނީމާ ބުނެފިން ރާޅެއް ނާރާނެއެއް ނޫންހޭ މިގަޑިއަކު. ދިޔަވަރު ވެސް އޮތީ ވަރަށް ރީއްޗަށް ހިކިފައިތާއޭ. ބުނީމާ ބުނެފި ނޫނެކޭ އެބަ އާދެެޔޭ އެތާ އޮތް ކުނިގޮނޑު ވެސް ހިފައިގެންނޭ އަންނަނީ،" މަރިޔަމް ކިޔައިދިނެވެ.

ދަރިފުޅު އެ ހަބަރު ދިނުމުން އަވަސް އަވަހަށް އޭނާ ދަރިންކޮޅު ގޮވައިގެން ބޭރަށް ނުކުތެވެ. އަދި ގޭ ދޮރު މަތީގައި ކުޑަ ދަރިފުޅު އުރައިގެން، އަނެއް ދަރިފުޅު އަތުގައި ހިފައިގެން މަޑުކޮށްލިއެވެ. އޭގެ ފަހުން ހިނދުކޮޅެއް ވެސް ނުވެއެވެ.

ރާޅު އައިސް އެ މީހުންގެ ގެޔާ ހަމަކޮށްފިއެވެ. ރާޅު އައި ހިސާބުން ވީ ގޮތް ކިޔާދޭކަށް މަރިޔަމްއަކަށް ނޭނގުނެވެ. އޭނާއަށް ހަމަހޭވެރިކަން ވީ އޭގެ އިރުކޮޅެއް ފަހުންނެވެ.

"ހަމައަށް ފައި ޖެހިގެން ރަނގަޅަށް ބަލާލިއިރުގައި ގެއެއް ވެސް ނެތް. ބައްޕައެއް ވެސް ނެތް، ދޮށީ ކުއްޖާއެއް ވެސް ނެތް،" މަރިޔަމް ކިޔައިދިނެވެ.

އިރުމަތީ ފަރާތު އަތިރީ ކައިރީގައި ހުރި މަރިޔަމްމެން ގޭ ކައިރިން އޭނާއަށް އެެ ވަގުތު މުޅި ރަށް ފެނެއެވެ. ހުރިހާ ގެއެއް ވަނީ ބިމާ ހަމަވެފައެވެ.

އެ ދުވަހު ޚަދީޖާ އާދަމް އުޅުނީ އޭނާގެ ދަރީންކޮޅު ނުފެނި، އެކަމާ ހާސްވެ ކަންބޮޑުވެގެންނެވެ. އަދި ދަރިންކޮޅު ހޯދަން އޭނާ ގެއާ ދިމާއަށް ދިޔަ ވަގުތު ފެނުނީ ކަރުނައިން އޭނާގެ ލޯ ތެއްމާލި މަންޒަރެކެވެ.

"އެތާ ޓިނުގަނޑެއް މައްޗަށް ނަގައިފައި އޮތް މުސްކުޅިވަރެއްގެ އަންހެނެއް. އަހަރެމެން ގޭ ކައިރީގައި އުޅޭ މީހެއް އެއީ ވެސް. އެ މީހާ ހަމަ ހީވަނީ އެ މަރުވަނީހެން،" ޚަދީޖާ ކިޔައިދިނެވެ.

އެ ވަގުތު އޭނާއަށް ފެންނަ ހިސާބުގައި މި ރަށު ސިއްހީ މަރުކަޒުގައި އުޅޭ ނަރުހަކާއި ލެބޯޓަރީ މުވައްޒަފަކު ހުއްޓެވެ.

"ހުއްޓާ މަ ގޮވާލާފާ ބުނެފިން އައިސްބަލާށޭ މި މީހާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިދޭން. އެ ވެރިން ނުކިޔާ ބަހެއް. އަނެއްކާ ވެސް ގޮވައިލައިފިން އާދެބަލާށޭ މިއަދު އަހަރެމެންނަށް އެހީތެރިވާން ތިބީ ތި މީހުންނޭ،" ޚަދީޖާ ކިޔައިދިނެވެ.

ދެވަނަ ފަހަރަށް ގޮވާލުމުން އެ މީހުން އަތުގެ އިޝާރާތުން އެ މީހުންނަށް ކަމެއް ކޮށްދެވެން ނެތް ކަމަށް ބުންޏެވެ.

"މަ ބުނެފިން ބުނަންހޭ ވާހަކައެެއް. މިއަދު އަހަރެމެންނަށް ނުދިން އެހީތެރިކަމެއް ދޭން މާދަމާ ނާންނާށޭ. އަންނާށޭ މި މީހާއަށް އެހީތެރިކަމުގެ އަތެއް ދޭން އަންނާށޭ. ބުނީމާ އެ ދެމީހުން އައިސް މަސައްކަތް ފަށައިފި،" ޚަދީޖާ ކިޔައިދިނެވެ.

ސުނާމީގެ ހިތްދަތި ކާރިސާގައި މި ރަށުގެ އެތައް އާއިލާއަކަށް ނިކަމެތިކަން ލިބުނެވެ.

ދަރީން ވަކިވެދިއުމުން މައިންނަށް ކުުރުވީ ފުން އަސަރުތަކެކެވެ. ހިތްވަރު ކޮށްގެން ތިއްބަސް، ބައްޕައިންގެ ލޯ ވެސް އެ ދުވަހު ކަރުނުން ތެއްމާލިއެވެ. އެ ދުވަހު އެއްވެސް މީހަކު ހުރީ އަނެކާއަށް އެހީތެރިކަމެއް ދިއްކޮށްލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

އެ ހިތްދަތި ދުވަހު އެހީތެރިވީ އަވަށްޓެރި ރަށްތަކުން!

ސުނާމީ ކާރިސާގައި މުޅި ވިލުފުށި ސުންނާފަތި ވިއެވެ. މި ރަށު ރައްޔިތުން ދިރިއުޅެމުންދިޔަ ގެތައް ބިމާ ހަމަވިއެވެ. އެއްކުރިހާ މުދަލެއް ރާޅާއެކު ނެތި ފަނާވެގެން ދިޔައީއެވެ.

އެ ހުރިހާ ކަމަކާއެކު، ކިތަންމެ ބޭނުން ނުވި ނަމަވެސް މި ރަށު ރައްޔިތުންނަށް، ރަށުން ފައިބައިގެން ސަލާމަތުގެ މަންޒިލަކަށް ދާން މަޖުބޫރުވިއެވެ. އެހެންކަމުން ދޯނިފަހަރަށް އަރައިގެން އެންމެ ފުރަތަމަ މި ރަށު ރައްޔިތުން ދިޔައީ މި އަތޮޅު ގުރައިދޫއަށެވެ.

ގުރައިދޫގެ ރައްޔިތުންގެ ފަރާތުން އެ ދުވަހު ލިބުނު އެހީތެރިކަން މި ރަށު ރައްޔިތުން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އެހީތެރިކަމަކަށް އެންމެ ބޭނުންވި ވަގުތު އަތުގައި ހިފި އެއްބަޔަކީ އެއީއެވެެ.

ޚަދީޖާ އާދަމް ގުރައިދޫއަށް ދިޔައީ އޭނާގެ ދަރިފުޅު ނުފެންނާތީ އެކަމާ މާޔޫސްވެ ހުރެއެވެ. އޭނާއަށް ގުރައިދޫގައި ހުއްޓާ ލިބުނު ޚަބަރަކީ ދަރިފުޅުގެ މަރުގެ ހަބަރެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން ބަނަކޮށްލި ހިތްދަތި ހަަބަރެކެވެ.

ޚަދީޖާއަށް ލިބުނު ހަބަރު ކިތަންމެހާ ވެސް ހިތާމަވެރިއެވެ. އެކަމަކު، ގުރައިދޫގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބުނީ އޯގާތެރިކަމާއި އަޅާލުމެވެ.

"ހާދަ ރަނގަޅޭ ގުރައިދޫ މީހުން. އެކަމަކު ވެސް އަޅުގަނޑަށް ބުނެވޭނީ ހަމަ އަޅުގަނޑު ހުރި ގޭ މީހާ ހާދަ ރަނގަޅޭ، ހާދަ ރަނގަޅޭ، ހާދަ އޯގާތެރިއޭ. އަދި މިހާތަނަށް ވެސް ވަރަށް އޯގާތެރި، ވަރަށް އޯގާތެރި،" ޚަދީޖާ ކިޔައިދިނެވެ.

އެ ދުވަހަށް މިއަދު 17 އަހަރު ވެފައި ވީ ނަމަވެސް އެ އޯގާވެރިކަމާއި އަޅާލުން ދުވަހަކު ވެސް ޚަދީޖާގެ ހަނދާނުން ފޮހެވިގެންނެއް ނުދާނެއެވެ. އެއީ އޭނާ އަބަދުމެ ޝުކުރުވެރިވާ ކަމެކެވެ.

ބުރުންޏާއި ވިލުފުށި، މިއީ އެއް އާއިލާއެއް!

ސުނާމީ ކާރިސާއަށް ފަހު ވިލުފުށީގެ ރައްޔިތުން ބަދަލު ކުރެވުނީ އެ އަތޮޅު ބުރުންޏަށެވެ. ބުރުނީގެ ރައްޔިތުން އެ މީހުންނަށް ކީ ހޫނު މަރުހަބާއެކެވެ.

އެންމެ ފުރަތަމަ ބުރުނީގައި ވިލުފުށީ މީހުން ތިބީ އެ ރަށު ގޭގޭގައެވެ. އެ މީހުންނަށް އެ ދުވަހު ބޯހިޔާވަހިކަން ދިނީ ބުރުނީގެ ރައްޔިތުންނެވެ. ބަނޑުހައިވެފައި ވަނިކޮށް ކާން ދިނީ ވެސް ބުރުނީގެ ރައްޔިތުންނެވެ. އެއީ މިއަދު ވެސް ވިލުފުށީ ރައްޔިތުން ޝުކުރުވެރިވާ ކަމެކެވެ.

ވިލުފުއްޓަށް އަހަރެމެން ކުރި ދަތުރުގައި، ބުރުންޏަށް ވެސް ގޮސްލީމެވެ. އެއީ ހިތްފަސޭހަ، ޗާލޫ ރަށެކެެވެ. ވިލުފުއްޓެކޭ އެއް ގޮތަށް އެއީ ވެސް މީހުންނާ ގުޅޭ ބަޔަކު އުޅޭ އެއްބައިވަންތަ ރަށެކެވެ.

ބުރުނިން އަހަރެމެންނާ ބައްދަލުވީ އިބްރާހިމް ފަރީދުއާއެވެ. ފަރީދަކީ ސުނާމީ ކާރިސާގައި ވިލުފުށީގެ ރައްޔިތުންނަށް އެހީވުމުގައި އެންމެ އިސްކޮށް އުޅުނު އެކެކެވެ. މިއަދު އޭނާ ކައިވެނިކޮށްގެން އުޅެނީ ވެސް ވިލުފުށީ މީހަކާއެވެ.

ޗުއްޓީ ދުވަސްވަރު ކަމަށްވާތީ، ސުނާމީ އެރި ދުވަހު ނުވައެއް ޖަހާލާއިރު ވެސް ފަރީދު އޮތީ ނިދާފައެވެ. އޭނާ ނިދައިފައި އޮއްވާ ގޭގައި އުޅޭ މީހަކު އައިސް "ރާޅެއް އެބަ އަރައޭ" ބުންޏެވެ.

ފަރީދުމެންގެ ހުންނަނީ އިރުމަތީފަރާތު މޫދާ ވަރަށް ކައިރީގައެވެ. ރާޅެއް އަރައި ވާހަކަ ބުނުމުން އޭނާ ގެއިން ބޭރަށް ނުކުމެލިއިރު ރާޅު އަރައިގެން އަންނަނީއެވެ. އެއީ އާދައިގެ ކަމެއް ނޫންކަން ޔަގީންވުމުން އާއިލާ މީހުން ހުޅަނގު ފަރާތު އަތިރިމައްޗަށް އޭނާ ފޮނުވާލިއެވެ.

"ދެން އަޅުގަނޑު ވެސް ޓީޝާޓެއް ލައިގެން ނުކުންނަން ދިޔައިރުގައި ފަހުން އައި އޮޔެވަރާއެއްކޮށް ތަންކޮޅެއް ބޮޑުކޮށް ރާޅު އައިސް އަޅުގަނޑު ބަލަން ހުއްޓާ ގެއެއްގެ ފާރުން ބައެއް ވެއްޓި، ދެން އަޅުގަނޑު ހުރިން ގޯތި ތެރޭގައި މަޑުކޮށްލައިގެން ޖޯލިފައްޗެއް މައްޗަށް އަރައި،" ފަރީދު އެ ދުވަހުގެ ހަނދާންތައް އައު ކުރިއެވެ.

ބުރުންޏަކަށް ސުނާމީގެ މާ ބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް ބައެއް ގެތަކަށާއި ހިފައި ގެންގުޅޭ ސާމާނަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެވެ. އެހެންކަމުން ރާޅު މައިތިރިވުމުން ފަރީދުމެން ވެސް އުޅުނީ ރަށުތެރޭގެ ބައެެއް ކަންކަމުގައި ބައިވެރިވެގެންނެވެ.

އެ ދުވަހުގެ މެންދުރުފަސްވެ، ހަވީރު އަތަށް އަޅައިފައި އޮއްވާ ބުރުނީގެ ވެރިން ޒުވާނުންނާ ބައްދަލުކުރިއެވެ. އަދި ޓާސްކް ފޯސްއެއް އެކުލަވައިލައި ބައްދަލުވުމެއް ބޭއްވިއެވެ.

ޓާސްކު ފޯސް ބައްދަލުވުމުގައި، ވިލުފުށީގެ ރައްޔިތުން ވަރަށް ހާލުގައި އުޅޭކަމުގެ މައުލޫމާތު ލިބުނެވެ. އަދި ހެނދުނުން ފަށައިގެން ވިލުފުށީގެ ރައްޔިތުން އެއްވެސް އެެއްޗެއް ނުކައި ތިބިކަމުގައި ވެސް އެ ބައްދަލުވުމުގައި މައުލޫމާތު ދިނެވެ.

"އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުނީމަ އަޅުގަނޑުމެން ވަގުތުން ތައްޔާރުވީ. އަޅުގަނޑުމެން ވަގުތުން ބަހާލީ ޓީމުތަކަކަށް. އަޅުގަނޑުމެން ވިސްނީ އެހާ ގިނައިރު ނުކައި ތިބިއްޔާ ކެއުމުގެ ކަންކަން ވެސް ހަމަޖައްސަން ޖެހޭނެއޭ. އެ މަޝްވަރާތަކާ އެއްކޮށް ވަގުތުން ވަގުތަށް ބޯހިޔާވަހިކަން ދެވޭނެ ގޮތް ހަމަޖައްސަން ވަކި ޓީމެއް. ސިއްހީ ފަރުވާ ދޭން ޖެހޭނެކަމަށް ވިސްނާފަ ވެސް ވަކި ޓީމެއް،" ފަރީދު ކިޔައިދިނެވެ.

އޭރު މައުލޫމާތު ލިބިފައި އޮތީ ވިލުފުށީގެ 75 މީހުން އެ ރަށަށް އަންނަ ކަމަށެވެ. އެހެން ނަމަވެސް ޓާސްކު ފޯހުގެ ވިސްނުން ހުރީ އެއަށްވުރެ ގިނަ މީހުން އަންނާނެ ކަމަށެވެ.

ޓާސްކު ފޯހުން މަސައްކަތް ފަށައި ބުރުނީގައި ހުސްކޮށް ހުރި ގެތައް ސާފުކުރަން ފެށިއެވެ. ތަރަފާލު ލިބުނު ވަރަކުން ބައެއް ގެ ތަކުގައި ތަރަފާލު އެޅިއެވެ. އަދި ވިލުފުށީގެ ރައްޔިތުން އަންނަ ވަގުތަށް ކާން ތައްޔާރުކުރިއެވެ.

"އެހާގިނައިރު ބަނޑުހައިވެފައި ތިބީމަ އަންނަގޮތަށް ކެއުން ރަނގަޅު ނުވެދާނެތީ، މައިލޯ ކަހަލަ އެއްޗެހި ގިރާފަ ފާލަން ކައިރީ ތައްޔާރުކުރީ. ދެން އައިއިރުގައި އަޅުގަނޑުމެން ލަފާކުރި ގޮތަށް 100އަށް ވުރެ ގިނަ މީހުން އައި،" ފަރީދު ކިޔައިިދިިނެވެ.

ބުރުންޏަށް އައިއިރުގައި ވިލުފުށީ ރައްޔިތުންގެ ހާލު ވަރަށް ދެރައެވެ. ބައެއް މީހުންގެ ހޭވެރިކަން ނެތުމުން، ފަތްޖެހިއެނދުގައި ބާލަން ޖެހުނެވެ. އަނެއް ބައި މީހުންގެ ގައިން ތަންތަން ކަފައިގެން ގޮސްފައި ހުރިއިރު، ގިނަ ޒަަހަމްތަކެއް ލިބިފައިވެއެވެ. ކިތަންމެ ރަނގަޅަކަށް ކާން ތައްޔާރުކޮށްފައި ހުރި ނަމަވެސް ކޮންމެ ކޮންމެ މީހަކަށް އެވަގުތަކު ނުކެވުނެވެ.

"އަޅުގަނޑުމެންނަށް ފަހުން މައުލޫމާތު ލިބުނު، ބުރުގާ އަޅައިގެން ތިބި މީހުން. އެކަމު އެ ހާލަތުގައި ބުރުގާ ނެތިސް އައިސް ތިބިކަން. ހެދުމާ އެއްޗެހި ވީދައިގެން ގޮސް. އަނިޔާވެފައި ތިބި ގޮތަށް،" ފަރީދު ކިޔައިިދިނެވެ.

އެ ހާސްކަންބޮޑު ދަނޑިވަޅުގައި ވިލުފުށީގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވުމުން ބުރުނީގެ ރައްޔިތުންނަށް ކުރެވެނީ ހިތްހަމަޖެހުމުގެ އިހުސާސެކެވެ.

ސުނާމީ އެރި އިރު ބުރުނީ ސައީދާ އާދަމް ހުރީ އޭނާގެ ހުރިހާ ދަރީންނާއެކު މާލޭގައެވެ. އޭރު ރަށުގައި ހުރީ ސައީދާގެ ފިރިމީހާ ޒަކަރިއްޔާ އާދަމް އެކަންޏެވެ.

ރާޅުގެ އަސަރު އެ ދެމަފިރިންގެ އާއިލާ ދިރިއުޅެމުން އައި ގެއަށް ވެސް ކޮންމެވެސް ވަރަކަށް ކުރިއެވެ. އެހެން ނަމަވެސް ވިލުފުށީގެ ރައްޔިތުން ހާލުގައި ޖެހިގެން އަންނަ ވާހަކަ އަޑުއިވުމުން ޒަކަރިއްޔާ ގޯތިތެރެ ސާފުކުރިއެވެ. އަދި އެ ރަށު މީހުންނަށް ނިދޭ ގޮތަށް ހަމަޖެއްސިއެވެ.

ވިލުފުށީ މީހުން ލަފައިގެން އައި އިރު އޭނާ ހުރީ އަތިރިމައްޗަށް ނުކުމެއެވެ. އެތަނުން އޭނާއާ ބައްދަލުވީ، ވިލުފުށީގެ އޭނާގެ ރަހުމަތްތެރިއަކާއެވެ. ޒަކަރިއްޔާ ފެނުމާއެކު އެ ރަހުމަތްތެރިޔާ އޭނާގެ ގައިގައި އޮޅުލައިގަންފައި ރޮއެގަތެވެ.

"މަ ބުނީ ދެން ނުރޮށޭ. ރޯނެ ކަމެއް ނެތޭ. އަންނާށޭ ގެއަށް. އެހެރީ ގެއޭ. ގޭގައި ހުރީ އަޅުގަނޑު އެކަންޏޭ،" ޒަކަރިއްޔާ ކިޔައިދިނެވެ.

ވިލުފުށިން ހާލުގައި ޖެހިގެން އައި އެތައް ބަޔަކު ގޭގައި ތިބި ވާހަކަ އަޑުއިވުމުން ސައީދާ ރަށަށް ދިޔައީ އޭގެ ތިން ދުވަސް ފަހުންނެވެ. އޭނާ ރަށަށް އައި އިރު އެއް އާއިލާއެއްގެ އެންމެން ތިބީ އެއް ކޮޓަރިއަކަށް ވަދެއެވެ.

"މަ ބުނީ ތިހެން ނުތިބޭށޭ. ކޮޓަރިތަކަށް ބަހައިލާށޭ،" އޭނާ ކިޔައިދިނެވެ.

ފަސް ކޮޓަރި ހުންނަ އެ ގެއިން ޒަކަރިއްޔާއާއި ސައީދާ ދަރިންނާއެކު އެއް ކޮޓަރިއަކަށް ބަދަލުވިއެވެ. އަދި އަނެއް ހަތަރު ކޮޓަރި ވިލުފުށިން އައި އެ މީހުންގެ އަހުންނާއި އުހުތުންނަށް ދިނީއެވެ.

ބައެއް ރޭރޭ ޒުވާންފުރައިގެ ފިރިހެން ކުދިން އައިސް، ނިދާލާނެ ތަންކޮޅެއް ދޭށޭ ބުނެއެވެ.

"މަ ބުނީ މިގޭ ކޮޓަރިތައް ހުރީ ފުލް ވެފައޭ. ސިޓިންރޫމުގައި ތިޔަކުދިންނަށް އޮވެވޭކަމުގައި ވަންޏާ ސައިއްތަގެ މައްސަލައެއް ނެތޭ. ހެނދުނު ފަތިހު ޕޮލިހުންނަށް ކައްކަން އަޅުގަނޑު ދާން ނުކުންނައިރު ސިޓިންރޫމުގައި ނޯއްވޭ ފައިޖައްސާލެވޭނެ ތަންކޮޅެއް ވެސް. ކުއްޖަކާ ޖެހި ކުއްޖަކު،" ސައީދާ ކިޔައިދިނެވެ.

އެއީ ވަކި އަގަކަށް ނުވަތަ އުޖޫރައަކަށް އެ ދެމަފިރިން ކޮށްދިން ހިދުމަތްތަކެއް ނޫނެވެ. އެއީ އިންސާނިއްޔަތަށް ޓަކައި އެ ދެމަފިރިން ވީ ގުރުބާނީއެެކެެވެ.

"އަހަރެމެންގެ އަތްމައްޗަށް ﷲ ފޮނުއްވެވީ ދޯ ގުދުރަތީ ކާރިސާއެއް ދިމާވެެގެން، އެހެންވީމަ އަޅުގަނޑުމެން ކާކު އަތުން ކޯޗެއް އަތުލާނީ. ހަމަ އިންސާނިއްޔަތަށް ޓަކައި ހުރިހާ ކަމެއް ވެސް ކޮށްދިނިން،" ސައީދާ ކިޔައިދިނެވެ.

މިއަދު ވެސް އޭނާއާއެކު އުޅެފައި ދިޔަ ވިލުފުށީ މީހުން ފެނުމުން ސައީދާއަށް ކުރެވެނީ އެއްބަނޑު އެއްބަފާ މީހަކާ ބައްދަލުވުމުން ކުރެވޭ އިހުސާސެވެ. އެއީ އޭނާގެ އާއިލާ މީހުންނެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ހިތަކަށް ނާރާ އެއީ އަޅުގަނޑުމެންނަށް މަދުވެގެން ދިޔަ އެއްޗެކޭ،" ސައީދާ ބުނެލިއެވެ.

ސުނާމީ ކާރިސާއަށްފަހު ވިލުފުށީ ރައްޔިތުންނަށް ހޭދަކުރަން ޖެހުނީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ބުރުނީގައި ވިލުފުށީގެ ރައްޔިތުން އުޅުނީ ސަރުކާރުން އަޅައިދިން ވަގުތީ ހިޔާތަކުގައެވެ.

ވިލުފުށީ ރައްޔިތުން ބުރުނީގައި އުޅުނީ ވަގުތީ ހިޔާތަކެއްގައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަގުތީ ހިޔާތަކުގައި އުޅުމަށްފަހު، ވިލުފުށީ "ސޭފް އައިލެންޑް" ޕްރޮޖެކްޓް 2009ވަނަ އަހަރު ނިމުމުން އެ އަހަރު އެނބުރި އަމިއްލަ ފަސްގަނޑަށް ބަދަލުވިއެވެ.

ހަތަރު އަހަރަށްފަހު ރަށަށް ބަދަލުވިއިރު މުޅި ރަށް އޮތީ ބަދަލުވެފައެވެ. އެކަމަކު، ރަށަށް އެރުމާއެކު ވިލުފުށީގެ ރައްޔިތުންނަށް އެ ހަނދާންތައް އާ ވެއެވެ. އެ ދުވަހުގެ މަންޒަރުތައް ސިފަވެއެވެ.

އެއީ ފޮހެވުމެއް ނެތް ބިރުވެރި ހަނދާންތަކެކެވެ. ރަށަށް އައި ތަރައްގީއާ އެކު ދިރިއުޅުމަށް ލިބުނު ލުއިތައް ހަނދާންކޮށްދޭ ހިތްދަތި ވަގުތުތަކެވެ. އެ މީހުންގެ ލޮލުން ފޭބި ކަރުނައިން ބުނެދެނީ 17އަހަރުވީ ކެކުޅުމުގެ ވާހަކަތަކެވެ.

comment ކޮމެންޓް