އަރަބިއްޔާގެ އާ ސުކޫލު އަޅަން މާލެއިން ބިމެއް ހޯދަނީ

އަރަބިއްޔާ ސްކޫލް ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---

މިހާރު ހުރި އަރަބިއްޔާ ސްކޫލްގެ ބަދަލުގައި އާ ސްކޫލެއް އިމާރާތް ކުރަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެވެ.

އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި އަރަބިއްޔާ ސްކޫލްގެ އިމާރާތެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެ އޮތީ ހުޅުމާލެއިން ބިމަކާއި ސްކޫލެއް އަޅާގޮތަށް. ދެން އަޅުގަނޑުމެން އެ ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރާ ގޮތަށް. އަދި މާލެއިން އަޅުގަނޑުމެން ބިމެއް މި ހޯދަނީ. އިރާދަކުރެއްވިއްޔާ މި ހަފުތާގައި މިކަމަށްވެސް ގޮތެއް ނިންމޭނެ،" މިިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

މި މައްސަލައަށް އެކަށޭނަ ހައްލު ނުހޯދެނީސް އަންނަ އަހަރު ކުދިން ސުކޫލަށް ނުފޮނުވަމަށް ބެލެނިވެރިން ނިންމުމާ ގުޅިގެން ޑރ. އައިޝަތު އަލީ ވަނީ އެކަން ބަލައި ނުގަންނަކަމަށް ވިދާޅުވެފައެވެ.

"ސްކޫލަށް ނުފޮނުވަމަކީ ޗޮއިސް އެއްނޫން. އަޅުގަނޑުމެން އެޔެއް ގަބޫލެއް ނުކުރަން،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

އަރަބިއްޔާގެ މައްސަލަ އަކީ އަބަދުވެސް މިނިސްޓްރީން ވަރަށް ކައިރިން ބަލަމުން އަންނަ މައްސަލައެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަރަބިއްޔާ ސުކޫލުގެ އިމާރާތުގެ ވިޝުއަލް އެނަލަސިސް އަކާއި ސްޓަރަކްޗަރަލް އެނަލަސިސް އެއްވެސް ހަދަމުން އަންނަކަމަށް އެނާ ވިދާޅުވިއެވެ.

"ސޭވް އަރަބިއްޔާ"ގެ ނަމުގައި އެ ސްކޫލްގެ ބެލެނިވެރިން މިހާރު ހިންގާ ހަރަކާތަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ހަރަކާތެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި އަރަބިއްޔާއަށް ގޮތެއް ހަދާކަށް ނޫޅެން. މިތަން ދިވެހިރާއްޖެއިން ނައްތާލާކަށްވެސް ނޫޅެން،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. މިހެންވުމުގެ ސަބަބުން ދަރިވަރުންނަށް އެ ސުކޫލުގައި ކިޔެވުމަށް ނުރައްކާތެރިކަމަށް ބުނެ ބެލެނިވެރިން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

comment ކޮމެންޓް