ބަހަކުން ނުފުދެއެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށި ދުވަސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިންގެ އުޅުން ގޯސްވަމުން އަންނަ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ޢާންމު ވާހަކައެކެވެ. ކިޔެވުމަށް ސަމާލުކަން ނުދޭ ވާހަކައެވެ. ދީނީ ކަންކަމަށް ފަރުވާކުޑަކުރާ ވާހަކައެވެ. ވަގުތު ބޭކާރުކުރާ ވާހަކައެވެ. ބޮޑެތި މީހުންނަށް އިހުތިރާމް ނުކުރާ ވާހަކައެވެ. ވިޔާނުދާ ޢަމަލުތަކަށް އަރައިގަންނަ ވާހަކައެވެ. މިހެން ގޮސް، އެތައް ވާހަކައެކެވެ. މިހެން މި ވަނީ ކީއްވެގެންތޯ ވިސްނައިލަނީ ކިތައް މައިންބަފައިން ބާވައެވެ؟ ކިތައް ބެލެނިވެރިން ބާވައެވެ؟

އެއްވެސް މަންމައަކު، ބައްޕައަކު، އެ މީހެއްގެ ދަރިފުޅު ގޯސް މަގުން ދާ މަންޒަރު ދެކޭކަށް ބޭނުމެއް ނުވާނެއެވެ. ވިޔާނުދާ ޢަމަލަކަށް އަރައިގަންނަ މަންޒަރު ފެންނާކަށް ނޭދޭނެއެވެ. އެދޭނީ ހެޔޮލަފާ، ރަނގަޅު ކުއްޖަކަށް ވާށެވެ. ހުރިހައި ގޮތަކުން ވެސް އެންމެ ރަނގަޅު، އެންމެ މޮޅު ކުއްޖާއަށް ވާށެވެ. އެހެންކަމުން އެ ފަދަ ކުއްޖަކަށް ދަރިފުޅު ހެދުމަށް ޓަކައި މައިންބަފައިން ދަރިންނަށް ނަސޭހަތްދެއެވެ. ވާހަކަ ދައްކައެވެ. އެހެންނަމަވެސް މި ވަރަކުން ނުފުދެއެވެ. މީގެ އިތުރުން ވެސް ސަމާލުކަންދޭންޖެހޭ އެތައް ކަމެއް ހުރެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ދަރީންނަށް ރިވެތި ނަމޫނާ ދެއްކުމެވެ.

ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އަންނަނީ ސާފު ތާހިރުކަންމަތީގައެވެ. ވިޔާނުދާ އެއްވެސް ސިފައެއް ނެތް ކުއްޖެއްގެ ގޮތުގައެވެ. މިއީ އެންމެން ވެސް ދަންނަ ކަމެކެވެ. އެ ކުދިން ބޮޑެތިވަމުން އަންނައިރު، އެކުދިން ދަސްކުރަމުން ދާނީ، އެކުދިންނަށް ދަސްކޮށްދިން އެއްޗެކެވެ. ނަކަލުކުރާނީ ފެންނަ ކަންކަމެވެ. މައިންބަފައިން އުޅޭ އުޅުމާއި ކުރާ ކަންކަން އެ ކުދިން ނަކަލުކުރާނެއެވެ. މައިންބަފައިންގެ ކިބައިން ގޯސް ޢަމަލުތަކާއި ސިފަތައް ފެންނަ ނަމަ، ދަރިންގެ އުޅުމުން އެކަންކަން ފެންނާން ފަށާނެއެވެ. އެހެންކަމުން ދަރިފުޅުގެ ކިބައިގައި އަށަގަންނުވާން ބޭނުންނުވާ ސިފަތައް ދުރާލައި ތިބާ ދެނެގަނެ، އެ ސިފަތައް ތިބާގެ ކިބައިން ފެނުނަ ނުދިނުމަކީ، ވަރަށް މުހިންމު ކަމެވެ. އެހެންނޫނީ، ދަރިފުޅުގެ ކިބައިން އެ އުޅުމާއި ސިފަތައް ފެންނާން ފަށާނެއެވެ.

ސާނަވީ ގުރޭޑެއްގައި ކިޔަވަމުން ދިޔަ ފިރިހެން ދަރިވަރެކެވެ. ކުލާސްތެރޭގައި އެ ދަރިވަރުގެ ޢަމަލުތައް ހުންނަނީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. މުދައްރިސުން ކަންބޮޑުވާން ޖެހޭ ފަދަ ގޮތަކަށެވެ. އެއް ދުވަހަކު އެ ކުއްޖާ އިސްކޫލަށް އައި އިރު، ކަރުގައި ފަށެއް އަޅާފައި އޮތެވެ. މި މަންޒަރު މުދައްރިސަށް ފެނުމުން، ފަށް ނަގާން ބުންޏެވެ. އަދި އެ ފަދަ ތަކެތި ނާޅަން ނަސޭހަތްތެރިވިއެވެ. އެހެންނަމަވެސް އޭގެ ދެތިން ދުވަހެއް ފަހުން، އެކުއްޖާގެ މި އަމަލު ތަކުރާރުވިއެވެ. އެހެންވެ، އެ ދަރިވަރުގެ މައްސަލަ ލީޑީންޓީޗަރާ ހަމައަށް ގެންދިޔައެވެ. އެހައިތަނުން ބެލެނިވެރިޔާ އިސްކޫލަށް ޙާޟިރުކުރެވުނެވެ.

ބެލެނިވެރިޔަކަށް އައީ ދަރިވަރުގެ ބައްޕައެވެ. ބައްޕަ ހުރި ގޮތް ފެނިފައި ލީޑިންޓީޗަރުގެ ބަސް ހުއްޓުނެވެ. ޖެހުނީ އިސްދަށަށް ޖަހައިލާށެވެ. ބެލެނިވެރިޔާ ގާތުގައި ދައްކަން މި ޖެހެނީ، ކަރުގައި ފަށް އަޅައިގެން ދަރިވަރު އިސްކޫލަށް އަންނަ ވާހަކައެވެ. އެކަން އެ ގޮތަށް ނުކުރުމަށް ނަސޭޙަތް ދޭށޭ ބުނާށެވެ. އަދި އެކަން ހުއްޓުވުމަށް ގޭގައި މަސައްކަތްކޮށްދޭށޭ ބުނާށެވެ. އެހެންނަމަވެސް ދަރިވަރަށްވުރެ ދަރިވަރުގެ ބައްޕަގެ ހާލު މާ ބޮޑެވެ. ބައްޕަގެ ކަރުގައި އަޅާފައި އޮތް ފަށް މާ ފަލައެވެ. ދެ އަތުގައި ވަނީ، ފަލަ ޗޭނު ވެސް އަޅާފައެވެ. ދެ އަތުގެ އިނގިލިތަކުގައި ވަނީ އަނގޮޓި ވެސް އަޅާފައެވެ. އެހެންކަމުން އެ މައުޟޫއަށް ވާހަކަ ދައްކާކަށް ލީޑިން ޓީޗަރަށް ފަސޭހައެއް ނުވިއެވެ.

މި ހާދިސާއަށް ވިސްނައިލުމުން ފެނުނީ ކޮން ކަމެއްތޯއެވެ. ބައްޕަގެ އަމަލުތައް ދަރިފުޅު އެ ދަނީ ނަކަލު ކުރަމުންނެވެ. ސްކޫލަށް އަންނައިރު އެ ތަކެތި އަޅައިގެން އައުން، އެ ކުއްޖާއަށް މައްސަލައަކަށް ނުވެއެވެ. ހުތުރު ކަމަކަށް އަމުދުން ނުވެއެވެ. އިސްކޫލުން އެ ކަންކަން މަނާކުރާ ނަމަ، އެ ކުއްޖާއަށް ކަމުނުދާނީ އިސްކޫލެވެ. ގޯސްވާނީ މުދައްރިސުންނެވެ. ވެރިންނެވެ. މި ފަދަ އެތައްއެތައް ކަމެއް މުދައްރިސުން ތަޖުރިބާކޮށްފައި ހުންނާނެއެވެ.

މައިންބަފައިންނާއި ބެލެނިވެރިން އަބަދުވެސް ހަނދާން ބަހައްޓަންވީ، ތިމާމެންގެ ކިބައިގައި ގޯސް ސިފައެއް ހުރެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު ދަރިންނަށް ކޮންމެވެސް ސިފައެއްގައި ކުރާނޭކަމެވެ. ދޮގުހަދާ ނަމަ ދަރިން ވެސް ދޮގުހަދާން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ދަރިން އެ ކަމަށް ޝައުޤުވެރިކަން އުފެދެއެވެ. މީހުންނާ ދިމާއަށް ހަޅޭއްލަވައި އަރައިރުންވެ އުޅޭ ނަމަ، އެކަމުގެ ސަބަބުން ނަފުސާނީ ގެއްލުންތަކާ ކުރިމަތިވާނެއެވެ. އަމާންކަމާއި ރައްކާތެރިކަން ނުލިބޭކަމުގެ އިޙުސާސް ކުރެވޭނެއެވެ. ޢާއިލީ ހަމަނުޖެހުން އޮންނަ ނަމަ، އޭގެ ހިތި އަސަރު ވެސް ދަރީން އިހުސާސްކުރާނެއެވެ.

އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން އަބަދު ވެސް މަސައްކަތްކުރާންވީ، ދަރިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށެވެ. ރީތި ސިފަތަކުން ޖަރީވެފައިވާ އުޅުމެއް އުޅުމަށެވެ. އެކަމަށް ޓަކައި، ދީނީ ކަންކަމަށް ފަރުވާތެރިވާށެވެ! އަޚުލާޤީ ރިވެތި ސިފަތަކުން ސިފަލިބިފައިވާ ބަޔަކަށްވާށެވެ! އެކަކު އަނެކަކަށް އިޙުތިރާމްކުރާށެވެ! ތެދު ބަހުން ވާހަކަދައްކާށެވެ! އިސްލާމްދީނާ އެއްގޮތަށް ހެދުން އަޅާށެވެ! ކުރާ ކޮންމެ ކަމެއްގައި ވެސް، ރަނގަޅު، ރީތި ގޮތް ޚިޔާރުކުރާށެވެ! އަދި އެކަންކަން ދަރިންގެ ކިބައިގައި އަށަގަންނުވާން މަސައްކަތްކުރާށެވެ! އެ ކުދިންގެ ކިބައިން ރިވެރި އުޅުން ފެންނާނެއެވެ. އެކި ދިމަދިމާއިން އެ ކުދިންނާ ދިމާއަށް އަންނަ ނުކިއްސަރު ސިފަތަކާ މެދު ވާހަކަދައްކައި، ހެޔޮ މަގަށް އަޅުވާން ވެސް ފަސޭހަވާނެއެވެ.

comment ކޮމެންޓް