މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ގިނަ އޮފިސަރުން ތަކަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
ކ. މާފުށީ ޖަލުގައި އެކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ދީފައިވަނީ 34 އޮފިސަރުންނަށެވެ.
މި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން، އޮފިސަރުންނާ ހާވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ.
މި ރަސްމިއްޔާތުގައި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީއާއި ކޮމިޝަންޑް އޮފިސަރުންނާއި ކުރިއެރުން ލިބުނު އޮފިސަރުން ބައިވެރިވިއެވެ.

މަގާމުގެ ކުރިއެރުން ހޯދި އޮފިސަރުން -- ފޮޓޯ/ ކަރެކްޝަން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އެންމެ ފަހުން މަގާމުގެ ކުރިއެރުން ދީފައިވަނީ އެ މުއައްސަސާގެ 48ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޓަކައި މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައިއެވެ. ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
އެ ރަސްމީއްޔާތުގައި އެމްސީއެސްގައި ދިގު މުއްދަތަށް ވަޒީފާ އަދާކޮށްފައިވާ އޮފިސަރުންނަށާއި މުވައްޒަފުންނަށް އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ދީފައެވެ.