އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް އިފްތިތާހުކޮށްފި

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވަނީ---- ފޮޓޯ/އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީން ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

މިމަޝްރޫއުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވާފައިވަނީ، އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ހަކީމް އާއި. ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުالله އަދި އޮޅުވެލިފުށި ކައުންސިލުގެ މުޙައްމަދު އާޒިމެވެ.

މި މަޝްރޫއުގެ ދަށުން އޮޅުވެލިފުށީގައި 9.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެއެވެ. އަދި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

އޮޅުވެލިފުށީގެ މި މަޝްރޫއަށް ބޭނުންވާނެ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި މި މަޝްރޫއުގެ ދަށުން ފެންޕުލާންޓު ބެހެެއްޓުމަށް އިމާރާތްކުރާ އިމާރާތުގެ 35 ޕަސެންޓުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

މި މަޝްރޫއަކީ 80.08 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް