ޔާމީންގެ ޒައާމަތުގައި ފުދުންތެރިކަން އިތުރުވެގެން ދިޔައީ ރައްޔިތުން އުއްމީދު ނުކުރާ މިންވަރަށް: އަދުރޭ

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) -- ސަން ފޮޓޯ/

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ގައުމުގެ އިގްތިސޯދު ކުރި އަރައިގެން ގޮސް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުން ދިޔައީ އުއްމީދު ނުކުރާ މިންވަރަށް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ އިގްތިސޯދީ ގޮތުން ދުވަހަކު ވެސް ނުވެއްޓޭ ފަދަ ދަށު ދަރަކައަށް މި ގައުމު އަދު ވެއްޓިއްޖެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، ރާއްޖޭގެ އިގްތިސޯދަކީ ވަރަށް ހަލުވި ދުވެލީގައި ކުރިއަރަމުން އައި އިގްތިސޯދެއް ކަމަށެވެ. އެގޮތުން ގައުމުގެ އިގްތިސޯދުގެ ތެރޭގައި ފައިސާ ދައުރުވަމުން ދިޔައީ މީގެ ކުރީން ދުވަހަކު ވެސް ދެކެފައި ނެތް މިންވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސޯދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ ބޭރުގެ އިންވެސްޓަރުންކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގައި ހިންގި ބޮޑެތި ބިޔަ މަޝްރޫއުތައް އިތުރުވަމުންދިޔަ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބި، ކޮންމެ ރައްޔިތަކު ވެސް ކުރާނެ މަސައްކަތެއް އެއިރު އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ރައްޔިތުން އުޅެމުން އައީ ފުދުންތެރިކަމާއެކު، އުފާ ފާގަތި ދިރިއުޅުމެއް ކަމަށާއި އެ ދުވަސް މިއަދު ނެތި ގޮސް، މުޅި ގައުމު ބަނޑަށް ޖެހެން ކައިރި ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވުނީތީ ރައްޔިތުން ކަރުނަ އަޅައި ރޯނެ ދުވަހެއް އަދި އަންނާނެ ކަމަށް މީގެ ކުރީން ވެސް ވިދާޅުވެފައިވާނެ ކަމަށާއި މިއަދު މިއޮތީ އެ ދުވަހާ ބައްދަލުވެފައި ކަމަށެވެ.

"އެ ހުރިހާ ކަމެއް މިއަދު ހުއްޓިއްޖެ. ބޭރުގެ އިންވެސްޓްމެންޓް ތަކެއް ރާއްޖެއަކަށް ނާދެ. އެހެންވީމަ ރާއްޖޭގެ މަސައްކަތްތެރިން މިއަދު މި ތިބީ ހުއްޓުމަކަށް އައިސްފަ. އޭގެ ސަބަބުން ދިވެހި ރައްޔިތުން މިއަދު މި ވަނީ ވަރަށް ބޮޑަށް ފަގީރުވެފައި. މި ހުރިހާ ސަބަބު ތަކަށް ޓަކައި، ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް، މިކަހަލަ ނާގާބިލު ސަރުކާރެއް ގެނެވުނީތީވެ، ރައްޔިތުން މިއަދު އެ ތިބީ ކަރުނަ އަޅައި ރޯން،" އަދުރޭ ވިދާޅުވިއެވެ.

ވެރިކަންކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ އެ ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ ރައްޔިތުން ބޭނުންނުވާ އެތައް ކަމެއް ރާއްޖޭގައި ހިންގާނެކަން ކުރީން ވެސް އެނގޭ ކަމަށެވެ. އޭގެ އިތުރުން މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ ގައުމެއްގެ އިގްތިސޯދު ރަނގަޅު ކުރުމުގެ ލިޔާގަތާއި، ގާބިލިއްޔަތު ހުރި ބައެއް ނޫންކަން ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މާތްﷲގެ އިރާދަފުޅާއިއެކު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ. އަދި ވިދާޅުވީ ގައުމު މި އޮތް ހާލަތުން އެމަނިކުފާނަށް ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވާނޭ ގޮންޖެހުންތަކުގެ އަދަދު، އަންދާޒާ ކުރާން ވެސް ނޭނގޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަކަށް ނޭނގެ އިންޑިއާއަށް ދީފައިވާ ތަންތަން އަނބުރާ ހޯދަން ދައްކަން ޖެހޭނީ ކިޔާ ފައިސާއެއް ކަމެއް. އެހެންވީމަ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މި ގަބޫލު ކުރަނީ. އެކަމަކު އެ ގޮންޖެހުންތަކާ ކުރިމަތި ލައިގެން ވެސް ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދައިދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރުގެ ތިން އަހަރަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ ދިވެހީންގެ މިނިވަން ކަމަށް އަސަރުކޮށް، އިސްލާމް ދީނަށް ފުރައްސާ ކުރާން، މިވަރުގެ ޖާގައެއް ދިން ސަރުކާރެއް ދިވެހި ތާރީހު އަދި މިހާތަނަށް ދެކެފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުސްލިމް ގައުމެއްގެ މަގުމަތީގައި އޮރިޔާމުން އުޅުމާއި މިސްކިތް ތަކަށް ވަދެ، ކުޑަކަމުދިއުމުގެ އިތުރުން ކީރިތި ރަސޫލާއަށް ހަޖޫ ޖަހާ ރިޕޯޓު ނެރުން ފަދަ ދަށު ކަންކަން މި ތިން އަހަރުގެ ތެރޭގައި ހިންގާފައި ހުރީ ގުނާ އަދަދު ނުކުރެވޭ ފަދަ މިންވަރަކަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ އެފަދަ މީހުންނާ ދޭތެރޭގައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން މިއަދު ތިބީ ދައުލަތުގެ އިސް މަގާމުތަކުގައި ކަމަށެވެ. އަނެއް ބަޔަކު ވަނީ ސަރުކާރުގެ ހުއްދައާއެކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ނާގާބިލުކަން ހާމަ ކުރެއްވުމުގެ ގޮތުން އަދުރޭ ވިދާޅުވީ ގައުމެއް ހިންގުމުގެ ތަޖުރިބާއެއް ނެތް ބަޔަކު ވެރިކަމަށް ގެނައުމުން ދެން ފެންނާނޭ ހުރިހާ މަންޒަރެއް ވެސް މިއަދު ފެންނާން ފަށައިފި ކަމަށެވެ. އެގޮތުން މި ސަރުކާރުގައި ތިއްބެވި، ތަޖުރިބާކާރު ބޭފުޅުން އެ ގެންދަވަނީ އޭގެ ނާޖާއިޒު ފައިދާ ނަގައި އެމީހުންގެ ޖީބުތައް ފުރަމުން ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހި ގައުމު ސަލާމަތް ކުރުމަށް ޓަކައި ނުކުންނާންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އެހެންކަމުން މިނިވަންކަމުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ރައީސް ޔާމީންގެ އެދިވަޑައިގަތުމެއް ކަމަށެވެ.

comment ކޮމެންޓް