ރައްކާތެެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރުމުން އޮސްޓްރޭލިއާގައި ވަރަށް ބާރަށް އޮމިކްރޯން ފެތުރެނީ

އޮސްޓްރޭލިއާގެ ކެފޭ އެއް

ކެންބެރާ (ޑިސެމްބަރު 18) : ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް އޮސްޓްރޭލިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާކަމަށާއި މައިގަނޑު ސަބަބަކީ އެއްވުންތަކާއި ޕާޓީތައް އިތުރުވުމާއި ގައިދުރުކަންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އާންމުން ފަރުވާކުޑަކުރުން ކަމަށް އެ ގައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި ގާތްގަނޑަކަށް 4،000 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ނިޔު ސައުތު ވޭލްސާއި ވިކްޓޯރިޔާ އިންނެވެ.

އެއީ 25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓްރޭލިއާގައި އާބާދީ އެންމެ ބޮޑު ދެ ސްޓޭޓެވެ. މިހާރު އެ ދެ ސްޓޭޓްގައި ކޮވިޑް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ އެ ދެ ސްޓޭޓުގައި ދުވާލެއްގެ މައްޗަށް 20،000 މީހުންނާއި 25،000 މީހުންނާ ދެމެދު އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފާނެކަމުގެ ބިރު އޮތްކަމަށް ސިއްހަތާބެހޭ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާއަކީ ކުރިންވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެހާ ކާމިޔާބު ގައުމެއް ނޫނެވެ. ނަމަވެސް އެގައުމުގެ އާބާދީގެ %75 މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމާއެކު ކޮވިޑްގެ ކޭސްތައް މަދުވެ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ވެގެންދިޔައެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނެވެ. ލުއިތައްދިނުމަށްފަހުވެސް އާންމުކޮށް އެގައުމުން ފެންނަމުން ދިޔައީ ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ މަދު ކޭސްތަކެވެ.

އޮސްޓްރޭލިއާގެ އާބާދީގެ %75 އަށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރުވެސް ކޮވިޑް ކޭސްތައް މިފަހަކަށް އައިސް އާދަޔާ ޚިލާފަށް ގިނަވަމުންދަނީ އޮމިކްރޯން ވެރިއަންޓްގެ ސަބަބުންކަމަށް އެ ގައުމުން ބުނެފައިވެއެވެ. އޮމިކްރޯންއަކީ ވެކްސިންގެ އަސަރު މާބޮޑަށް ކުރާ ވޭރިއަންޓެއް ނޫނެވެ.

ކޮވިޑްގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުން ގިނަ އިނގިރޭސިވިލާތުގައިވެސް އޮމިކްރޯން ފެތުރެން ފެށުމާއެކު ކޮވިޑްގެ ކޭސްތައްވަނީ ކުއްލިއަކަށް ގިނަވާން ފަށާފައެވެ. ނަމަވެސް އޮމިކްރޯންއަކީ އެހާ ބަރުގަދަ ވޭރިއަންޓަކަށް ނުވާތީ އެވޭރިއަންޓް ޖެހިގެން މަރުވާމީހުންގެ ނިސްބަތް ކުޑަކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓް އޮސްޓްރޭލިޔާގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަނަމަވެސް ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަދި އަޅަން ބޭނުންނުވާކަމަށް އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވަނީ ވިދާޅުވެފައެވެ. މޮރިސަންވަނީ އެއްވުންތަކާއި ޕާޓީތައް މަދުކޮށް ގައިދުރުކަންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް ޖެހިގެން އޮސްޓްރޭލިއާގައި މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

comment ކޮމެންޓް