މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދަށް 15 ދުވަސް ޖަހައިފި

މާވިންއާއި އޭނާގެ ދިވެހި ލޯބިވެރިޔާ --

މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި ނަރުސް ހައްޔަރު ކުރީ އިއްޔެއެވެ.

ފުލުހުން މިއަދު ބުނީ، ދިވެހި ނަރުހުގެ ބަންދަށް ގޮތެއް ނިންމުމަށް އޭނާ މިއަދު ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

ފުލުހުން މީގެ ކުރިން ވެސް ލަމްހާ ހައްޔަރު ކުރުމަށް މަސައްކަތް ކުރިކަން ވަނީ އެނގިފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭރު ލަމްހާ ވަނީ ހައްޔަރު ނުކުރެވިފައެވެ.

އެކަމާ ގުޅިގެން ލަމްހާ ބުނީ، އެ ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު އެ ދުވަހު ހުރީ އޭނާ ކައިރީގައި ކަމަށާއި ނަމަވެސް ދެމަފިރިން އުޅެމުންދިޔަ ގެއަށް އޭނާ ނުވަންނަ ކަމަށެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް