04 މާޗް 2012 އާ ގުޅޭ


ޔޫހާގެ ހަރަކާތްތަކަށް ޝައުގުވެރިކަމާއިއެކު ޒައުލް ބަލަމުން ދާކަން ޔޫހާއަށް ވެސް ފާހަގަކުރެވުނެވެ. ކައިރީގައި އިން ކިޔާން ނަގާ އޭނަގެ ފައިމަތީ ބައިންދާލިކަން ވެސް ޔޫހާއަށް އެނގެއެވެ. މައިލޯތައްޓެއް ހިފައިގެން އައިސް މޭޒުމަތީ ތަށިބަހައްޓާލަމުން ކިޔާން އުރާލަން ޔޫހާ އުޅުނެވެ.
"އަހަރެން ކައިރީ އިނަސް ތިތަށި ކިޔާންއަށް ދެވިދާނެއެއްނު" ޒައުލް ޔޫހާއަށް ބުނެލި އެވެ.
"ޒައުލްގެ ގަޔަށް މީގެން ތިއްކެއްވެއްޓިދާނެ" ޔޫހާ މިހެން ބުނެލިއިރު ޒައުލްއާއި ލޯ އަމާޒު ނުކޮށްވޭތޯ މަސައްކަތްކުރިއެވެ.
"ރަނގަޅުވާނެ، އަހަރެންގެ އަތަށް ދީބަލަ" ޒައުލް އޭނަގެ ގޮތްދޫނުކުރާ ގޮތްދައްކާލާފަދަ ގޮތަކަށް ބުނެލި އެވެ. ޔޫހާ މަޑުމަޑުން މޭޒުމަތީ ހުރި މައިލޯތަށި ނަގާ ޒައުލްގެ އަތަށް ދިނެވެ.
"ތިހެން އުޅެފަ ޒައުލް ކިޔާން އާއި ދުރުވެއްޖެއްޔާ އަހަރެން އެ ކުއްޖާއަށް ދޭނީ ކޮންޖަވާބެއް" ޔޫހާ އިރުކޮޅަކު ޒައުލް ކިޔާންއަށް މައިލޯތަށި ދޭން އުޅުނު މަންޒަރު ބަލަންހުރެފަ ބުނެލިއެވެ.
"އަހަރެން ޔޫހާއަށް އޮޅުވާލާކަށް ނޫޅެމޭ، އަހަރެން ކައިވެނީގެ ވާހަކަދެއްކީ ސަމާސާއަކަށް ހަދާފައެއް ނޫން، ހަގީގަތުގަވެސް އަހަރެންގެ އަންބެއްގެ މަގާމުގައި ޔޫހާ ދެކެން ބޭނުންވާތީ، އަދި އަހަރެންގެ ދަރިއަކަށް ކިޔާންވާއިރު އެދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން ބޭނުންވެގެން... އަހަންނަށް އިތުބާރުކޮއްބަލަ" ޒައުލް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"އިތުބާރަކީ ބުނާހާފަސޭހައިން ކުރެވޭނެ އެއްޗެއް ނޫން، އިތުބާރުގެއްލުވާލި މީހަކީވެސް ޒައުލް، ޒައުލް ޖެހޭނީ އަހަރެންގެ އިތުބާރު ހޯދަން މަސައްކަތްކުރަން..." ޔޫހާގެ ވާހަކަ ނުނީމެނިސް ޒައުލް ވާހަކަދެއްކި އެވެ.
"އޭރުން އިތުބާރު ހޯދޭނެތަ... އެހެންވެއްޖެއްޔާ އަހަރެން މިހުރީ ކޮންމެ ކަމެއް ކުރަންޖެހުނަސް ތައްޔާރަށް" ޒައުލް ހެވިލާފައި ބުނެލިއެވެ. ޔޫހާގެ ހިތަށް އެހިނިތުންވުން ތަދު ކުރުވިއެވެ. އެހިތުގައި ޒައުލްއަށްޓަކައި ލޯބިވާއިރު އަދިވެސް އޭނަ އެ މަސައްކަތްކުރަނީ އެލޯބި ފާޅުވިޔަ ނުދިނުމަށެވެ.
"ދެން ދޭ ޒައުލް، އަފޫ އައިސްދާނެ" ޔޫހާ ޒައުލް ދެއްކި ވާހަކައަށް އެއްޗެއް ބުނަން ބޭނުންނުވެގެން ބުނެލިއެވެ.
"ކީއްވާނީ އަފޫ އައީ ވިއްޔާ" ޒައުލް ގޮތް ދޫނުކުރާ ކަހަލަ ރާގެއްގައި ބުނެލި އެވެ.
"ނޫން، އޭރުން ކަމަކު ނުދާނެ، އަހަރެން ބޭނުމެއްނޫން ޒައުލް މިގެއިން ފެންނާކަށް.... މިއަދު ކުރާނެ ކަމެއްވެސް ނެތީތަ ތިއިންނަނީ" ޔޫހާ ކިޔާން ހުސްކޮއްލި މައިލޯ ތަށި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ.
"ކޮއްކޮ މޮޅު ދޯ... އެއްކޮށް ހުސްކޮއްލީ... ވަން މިނެޓް ތެރޭ" ޒައުލްގެ ފައިމަތީގައި އިން ކިޔާން ޒައުލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
"ހެ ހެ ހެ ހެ...އެހެންތަ، ހަމަ ވަންމިނެޓްތަ، ވަރަށް މޮޅު، ދެންދޭ އަވަހަށް ފެންވަރަން މަންމި އާއިއެކު، އޭރުންނު ޕްރެޒެންޓު ގަންނަން ދެވެނީ" ޒައުލް ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ.
"ކީއްކުރަން ކިޔާން ބޭރަށް ގެންދަނީ، މީހުންނަށް ފެނުނީނަމަ ކީކޭ ބުނާނީ، އޭނަ މިގޭގަ ހުއްޓަސް ޒައުލް އެއްޗެއް ދޭން ބޭނުންނަމަ ދިނަސް އެންމެ ރަނގަޅު" ޔޫހާ ސިންކުގެ ތެރެއަށް ތަށިލާފައި ޒައުލް އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.
"ޔޫހާ...." ޒައުލް ޔޫހާގެ ނަން ދިގުކޮއްކިޔާލި އެވެ.
"އޭނަ ބަހައްޓާ، ޒައުލް ދެން ދޭ، އަހަރެން މެންދުރަށް ކައްކަންވެސް އެބަޖެހޭ، ޒައުލް އާއި ހެދި ނުކެއްކިފަ މިހުންނަނީ، ދެން ދޭ ބަލަ" ޔޫހާ ބުނެލިއެވެ. އޭނަ މިހާރު ބޭނުންވަނީ ޒައުލް ފޮނުވާލާށެވެ.
"އަހަރެން އެބަ ޔޫހާ ހިފަހައްޓަންތައް ކެއްކިޔަ ނުދީ، އެހެންނޫނަސް އަހަރެން ނުދާނަން ކިޔާން ގޮވައިގެން ނޫނީ" ޒައުލް ކިޔާން ތިރިކޮއްލަމުން ތެދުވިއެވެ. އަދި މަޑުމަޑުން ޔޫހާގެ ކައިރިއަށް ދިޔައެވެ. ޔޫހާ އަވަސް އަވަހަށް ކާމޭޒުގެ އަނެއް ފަރާތުން ވީހާވެސް ޒައުލް އާއި ދުރުދުރުން ލާފައި ކިޔާން ގޮވައިގެން ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. އޭނަ އިތުރު އެއްވެސް އެއްޗެއް ނުބުނެ އުޅުނީ ޒައުލް ބޭނުންވާގޮތަށް ކަންތައްކުރުމަށެވެ. އެގެއިން ޒައުލް ދާނެ ހަމައެކަނި ގޮތަކީ އެއީކަން އެނގޭތީއެވެ. ޒައުލް ބުނެފި ބަހެއް ބަދަލެއް ނުކުރާނެއެވެ. އަނެއްކޮޅުން މެންދުރުވާންވާއިރަށް ނުކެއްކިއްޖެނަމަ އަފްލީން އައިސް ކާނެ އެއްޗެއް ނުހުންނާނެ އެވެ. ޒައުލް ޔޫހާގެ ފަހަތުން އައިސް އެ ކޮޓަރިއަށްވަނެވެ. އަދި ވަށައިގެން އެކޮޓަރިއަށް ބަލާލިއެވެ. ކޮޓަރީގައި ހުރި ބޮޑު އެނދުފެނުމުން ކިޔާން އާއި ޔޫހާވެސް ނިދަނީ އެ އެނދުގައިކަން ޒައުލްއަށް އެނގުނެވެ. ރީތިވާ މޭޒުމަތީ އޭނަ ޔޫހާއަށް ދިން ތަނުން އެއްވެސް ސެންޓުފުޅިއެއް ފެންނާކަށް ނެތެވެ. ނުވިތާކަށް އޭނަ ފޮނުވި ބޮޑު މާބޮނޑިން މަލެއްހާ ހިސާބުވެސް އެކޮޓަރީގައި ނުވެއެވެ. ދެން އެއްޗިއްސަ ޔޫހާ ހެދީ ކިހިނެއްބާއޭ ޒައުލްގެ ހިތަށް އެރިއެވެ. ނަމަވެސް ކިޔާންއަށް އޭނަ ދިން ކުޅޭއެއްޗިއްސާއި ބެއަތައް ކޮޓަރީގެ ކަނެއްގައި އޮތް މެޓެއްގެމަތިން ފެންނަން ހުއްޓެވެ. އެ ކޮޓަރިތެރޭގައި ދެއްކުންތެރިކަމެއް ނުވެއެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލާފައި ފާހާނާގެ ކައިރިއަށް ހިނގައިގަތީ ޔޫހާ ކިޔާން ގޮވައިގެން ފާހާނާއަށް ވަނީމައެވެ.
"ދަރިފުޅު ނުފުންމަބަލަ، ފާހާނާއަށް ވެއްޓިދާނެ..." ހޭންޑްޝަވަރުން ކިޔާންގެ ބޮލަށް ފެންތައް ދޫކޮއްލުމާއިއެކު ކިޔާންއަށް ބުނެލިއެވެ. އޭރު ޔޫހާގެ ފުރަގަހުގައި ދޮރުމަތީ ޒައުލް ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ނަޒަރުވަނީ ޔޫހާއަށް ހުއްޓިފައެވެ. ދޭތެރެއަކުން ލުއިހިނިތުންވުމެއް ތުންފަތުގައި ދުވެލައެވެ.
"ހައު ކެން އައި ފޮގެޓް ދޯސް ލެގްސް...." ޒައުލް ޔޫހާގެ ފަޔަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ޔޫހާ ހުރީ ކިޔާން ފެންވަރުވާ ގަޑީގަ އޭނަގެ ހަރުވާޅުގެ ފައިކުރި ތެމިދާނެތީ ކަކުލުން މައްޗަށް ހަރުވާޅު އޮޅާލައިގެންނެވެ. ޒައުލްގެ އެޖުމްލައިން ޔޫހާއަށް އުދަނގޫވިއެއްކަމަކު އަޅައެއް ނުލިއެވެ.

ހޮޓަލުން ބޭރަށް ނުކުތް އައްޔަދުގެ ލޮލުގައި އަދިވެސް ނިދީގެ ބަރުކަން އެކުލެވިފައިވިއެވެ. އެހާވަރުން އޭނަ ނުކުތީ ހެދުނު ސައި ގެއިން ބޯލުމުގެ ފިކުރެއްގައި ހުރެފައެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނަގެ ފިކުރު ބަދަލުވިއެވެ. ހޮޓެލުގެ ފެންވަރު ބަލަން އައި މީހަކު ހުރިހާ ކަމެއްވެސް ކުރަންވާނީ ހޮޓެލުން ކަމަށް އޭނަގެ ސިކުނޑިއަށް ވިސްނުނެވެ. އައްޔަދު އެނބުރި ހޮޓެލްގައި އޭނަ ހުރި ކޮޓަރިއަށް ދަމުން ރޭގަ ޔޫހާ ޑިއުޓީގައި އިން ކައުންޓަރު ކައިރިއަށް ގާތްކޮއްލިއެވެ. އެތަނުގައި އިނީ އެހެން ކުއްޖެކެވެ. އައްޔަދު އެކުއްޖާގެ ކައިރިން ޔޫހާގެ ނަންބަރު އޮޅުންފިލުވަން މަސައްކަތްކުރިއެވެ.
"ސޮރީ ސަރ، ސްޓާފުންގެ ނަންބަރެއް ތިގޮތަށް ދެވޭކަށް ނޯންނާނެ، އަޅުގަނޑުމެންނަށް މަނާ ކޮއްފައޮންނަނީ އެގޮތަށް ޕާސަނަލް އިންފޯ ދިނުމަށް" ރިސެޕްޝަންގައި އިން ހަނާ ބުނެލިއެވެ. އައްޔަދު ބޯޖަހާލަމުން އިތުރު އެއްޗެއް ނުބުނެ ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފަ އެނބުރި އަނެއްކާވެސް އެކައުންޓަރުގެ ކައިރިއަށް އައެވެ.
"މިތަނުގެ ބޮޑުމީހާ މަންސޫރު ކޮބާ؟ އޭނަ އާއި ގުޅޭނެ ނަންބަރެއް ލިބޭނެތަ" އައްޔަދު އަހާލިއެވެ. އޭނަ ބޭނުންވީ މަންސޫރުގެ ނަން ބޭނުންކޮއްގެންވިޔަސް ޔޫހާގެ ނަންބަރު ހޯދާށެވެ.
"މިހާރު ކޮމްޕެނީގެ ބޮސްއަކީ މިސްޓަރ ޒައުލް މަންސޫރު، މަންސޫރުގެ ދަރިފުޅު، މިސްޓަރ މަންސޫރު ހުންނަވަނީ ރިޓަޔާޑްވެ ވަޑައިގެން، މައްސަލައެއް ނޯޓްކުރައްވަން ބޭނުންފުޅުވާނަމަ މެނޭޖްމަންޓުގެ އެންމެ އިސްވެރިޔާ އާއި ބައްދަލުވެދާނެ، ތިބޭފުޅާގެ ނަމާ ރޫމްނަންބަރު ދެއްވާ އޭރުން އަޅުގަނޑު މެނޭޖްމަންޓަށް އަންގާލަފާނަން" ހަނާ ޖަވާބުދިނެވެ.
"ނޫނޭ، އިޓްސް އޯކޭ" އައްޔަދު ހިނިތުންވެލާފައި ހިނގައިގަތެވެ. ބޯކަހާލާފައި އަނެއްކާވެސް ވިސްނާލިއެވެ. އަދި ލިފްޓަށް އަރައިގެން ރޫމަށް ގޮސް ރޭގަ ގުޅާފައިވާ ނަންބަރަށް ގުޅާލިއެވެ.

"ހެލޯ، ދިސް އިޒް ޒައުލް... ދެންމެ ކަމެއް ބޭނުންވެގެން ރިސެޕްޝަނަށް އައި ގެސްޓު އަހަންނަށް ގުޅީމަ މިގުޅީ، އޭނަ ބޭނުންކަމެއް ކޮއްދީ، ހީޒް ފެމިލީ" އައްޔަދު މިހެން ބުނުމާއިއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ހޮޓެލްގެ ސްޓާފް އާއެކޭ ބުނެފިއެވެ. ހުރީ ވަރަށް ހާސްވެފަކަން އައްޔަދުއަށް އެނގުނެވެ. ފޯނު ކަނޑާލުމާއިއެކު އޭނަ އަމިއްލައަށް ހޭންފެށިއެވެ. ދޮގެއް ހަދާލައިގެންވެސް އޭނަ ބޭނުންކަންތައްވުމުންނެވެ. އަދި ތަނުގެ ސްޓާފުންގެ މޮޔަކަމޭ ހިތަށް އަރާފައެވެ. އެ ޒައުލްއެއްދެކެ އެމީހުން ގަންނަނީ ހާދަ ބިރެކޭ އައްޔަދު ހިތައްއެރިއެވެ.

ކިޔާންގެ ގައިގާ ވަށައިގެން ތުވާލި އޮޅާލުމަށްފަހު އުރާލައިގެން ޔޫހާ ފާހާނާއިން ނުކުތެވެ. އެނދުމަތީ ކިޔާން ބެހެއްޓުމަށްފަހު ޔޫހާ އަލަމާރިން ކިޔާންގެ ހަވީރީ ހެދުމެއް ނެގިއެވެ. އަދި ރީތިކުރަން ބޭނުންވާ ސާމާނުތައްވެސް ގެނެސް އެނދުމަތީ އަތުރާލިއެވެ. ކިޔާން އޭނަގެ ޑެޑީ އާއިއެކު ބޭރަށް ދެވެންއުޅޭތީ ހުރީ ވަރަށް އުފަލުންނެވެ. އެހެންދުވަސް ދުވަހަށްވުރެ އަނގަވެސް ގަދަވެފައިވެއެވެ. ކިޔާންގެ ކުދި ކުދި ސުވާލުތަކަށް ޖަވާބުދެވޭތޯ ޒައުލް ވަރަށް މަސައްކަތްކުރެއެވެ. ބައެއް ފަހަރަށް އެ ސުވާލުތައް ޔޫހާ ފޫބައްދާދެއެވެ. އެހެނީ ޒައުލްއަށް ކުޑަކުދިންނާއި ވާހަކަދައްކަން އެހާ ރަނގަޅަށް ނޭގީތީއެވެ. ކިޔާން ތައްޔާރުކޮއް ނިމުމާއިއެކު ދުވެފައި ގޮސް ޒައުލްގެ އަތުގައި ހިފާލިއެވެ. ހެވިފައިހުރެ ޒައުލްވެސް ހިނގައިގަތީ ގޭން ނުކުތުމަށެވެ. ޔޫހާވެސް އެމީހުންގެ ފަހަތުން ބޭރު ދޮރާހަމައަށް ނުކުތެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން ކިޔާންއަށް ބަލާލިވަގުތު ޒައުލް ޔޫހާގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.
"އަހަރެން ކިޔާން ސަލާމަތުން ގެއަށް ގެނެސްދޭނަމޭ، ތިހާ ހާސްވެފަ ނުހުރެބަލަ" ޒައުލް ބުނެލީ ލޯބިވެތިގޮތަކަށެވެ. ޔޫހާއަށް އޭނަގެ ކޯތާފަތުގައިވާ ޒައުލްގެ އަތްތިލާގައި އަތްޖައްސާލެވުނެވެ. އަދި ޒައުލްގެ ކަނޑެއްފަދަ ފުންދެލޮލަށް ބަލާލެވުނެވެ. ޔޫހާގެ ލޮލުގެ ތެރެއަށް ގެނބިގެންދާން ޒައުލްވެސް ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު އޭނަގެ އަތުގައި ހިފާލައިގެން ހުރި ކިޔާން ދާންބޭނުންވެފަ ހުރިވަރުން ދެފަހަރު ޒައުލްގެ އަތަށް ދަމާލައިފިއެވެ. ޒައުލް ކިޔާން ގޮވައިގެން ހިނގައިގަތީ ދުރުނޫން ހިސާބެއްގައި އޮތް އޭނަގެ ކާރާ ދިމާލަށެވެ. ޖަމާލްއަށް ޒައުލް އާއި އޭނަގެ އަތުގައި ހިފާލައިގެން ހެވިފައި އަންނަ ކިޔާން ފެނުމުން ހިނިތުންވެލާފައި ކާރުން ފޭބިއެވެ. އަދި އެމީހުންނަށް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަދެން އުޅެން ފެށުމުން ޒައުލް އަތުގެ އިޝާރާތުން އެކަން ހުއްޓުވިއެވެ.

ޑިއުޓީގައި ހުރި ޝާއިން ކަންބޮޑުވެފައި އިރުއިރުކޮޅާ ފޯނަށް ބަލާލެވެއެވެ. ޔޫހާއަށް ގުޅަން ހިތަށްއަރާފަވެސް ހެނދުނު ޑިއުޓީ ނިންމާފައި ގެއަށްގޮސް މިހާރު އޮންނާނީ ނިދާފަކަމަށް އޭނަ ހީކުރިއެވެ. ހައްތާވެސް ނުގުޅަން މަޑުކުރަނީ އެހެންވެއެވެ. ނަމަވެސް ޔޫހާއަށް ފައުޒީގެ ކަންތައް ހިނގާދިޔަ ގޮތް ކިޔާދޭން ބޭނުންވެއެވެ. ޒައުލް އެކަމާ ގުޅިގެން ޔޫހާއަށް ސުވާލެއް ކޮއްފިއްޔާ އޭނަދެކެ ޔޫހާ ހިތްހަމަނުޖެހިދާނެއެވެ. އަނެއްކޮޅުން ހޮޓެލްގެ ތެރޭ ޔޫހާ ބަދުނާމުވާފަދަ އެއްވެސް ކަމެއް ވާކަށް ޝާއިން ނޭދެއެވެ.

މަންސޫރަށް ލޫލުއާގެ ހަރަކާތްތައް މިފަހަކަށް އައިސް ހުންނަ ގޮތް ފާހަގަވެފައިވެއެވެ. އީލާކްގެ ފަރުމާކުރުންތައް ބެލެހެއްޓުމަށްޓަކައި ހާޒިމް އެގެއަށް އަންނަން ފެށިފަހުން އެދެކުދިންގެ ގުޅުން ގާތްވެއްޖަކަން އޭނައަށް އެނގެއެވެ. ނަމަވެސް މަޑުކުރަމުން އައީ ލޫލުއާގެ ފަރާތުން ނޫނީ ހާޒިމްގެ ފަރާތުން އެފަދަ އިޝާރާތެއް އޭނައަށް ކުރާނެ އިރަކަށެވެ. ކޮންމެ ހަފްތާއަކު ތިންހަތަރު ފަހަރަށް ލާއިގާ ގެއަށް ގުޅާނެއެވެ. މަންސޫރާއި ކުދިންގެ ހާލުބަލާ ގޭތެރޭގެ ކަންތައްތައް ހުންނަނީ ކިހިނެއްތޯ އޮޅުންފިލުވާހަދައެވެ. ހާޒިމް އާއި ލޫލުއާގެ ވާހަކަ މަންސޫރު ލާއިގާއަށްވެސް ވަނީ ކިޔާދީފައެވެ. ލާއިގާއަށް ހާޒިމް ވަރަށް ކަމުދިޔައެވެ. އެކުދިން ކައިވެންޏަކަށް ނޭދުނުކަމުގައިވިޔަސް ލާއިގާ ބޭނުންވީ އިސްވެ އެވާހަކަ ލޫލުއާއި ދެއްކުމަށެވެ. އަދި ކައިވެނީގެ ކަންތައްތައް ލާއިގާމެން އަމިއްލައަށް ރޭވުމަށެވެ.
"ހާޒިމް އާއި ދަރިފުޅު ބައްދަލުކޮއް އެދެންވީނު ކައިވެންޏަށް، އޭނަގެ އާއިލާއަކީވެސް އަހަރުމެންނާ ވަރަށް ގާތް އާއިލާއެއްނު، ހަގީގަތް އެނގޭ އާއިލާ އެއްގެ ކުއްޖަކާ ގުޅުމުން މައްސަލައެއްނެއްތާ، ގަދަރުވެރި އާއިލާއެއް އެއީވެސް، ހާޒިމް ކައިރީ ކައިވެނީގެ ވާހަކަ ދައްކަން ދަރިފުޅަށް ނުކެރޭނަމަ ސަމަދުއަށް ތިހިޔާލު ހުށައަޅަން މަންމައަށް ފެންނަނީ، ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އާއިލީ ގުޅުމަކަށްވެސް ބަދަލުވީނު" ލާއިގާ ވަރަށް ހިނިއައިސްފައިހުރެ ފޯނުން މަންސޫރު އާއި ވާހަކަދެއްކިއެވެ.
"އަޅުގަނޑަށް ފެންނަނީ ސަމަދު އާއި މިވާހަކަ ދައްކަން، އެކަމަކު އެކުދިންނާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކައިވެނީގެ ވާހަކަ ކުއްލިއަކަށް އަޑުއިވުމުން ހިތްހަމަނުޖެހިދާނެއެއްނު" މަންސޫރު ވިސްނާލާފައި ބުނެލިއެވެ.
"ލޫލުއާ ގަބޫލުވާނެ، އަހަރުމެން ނިންމާގޮތަކަށް އެކުދިން ފާޑެއް ނުކިޔާނެ، ނިކަން ސަމަދު އާއި އެވާހަކަ ދައްކާލަބަލަ، އެމީހުންވެސް ގަބޫލުވާނެކަން އަހަންނަށް ޔަގީން" ލާއިގާ ބުނެލިއެވެ.
"މަންމާ، އީލާކް ކިހިނެއްތަ މިހާރު" މަންސޫރު އާހާލިއެވެ.
"މިހާރު ވަރަށް ރަނގަޅު، ބޭރަށް ނުކުމެ އުޅޭ، މަންމަ އާއިވެސް ވާހަކަދައްކާލެއް ކުރިއަށްވުރެ ގިނަ، އެކަމަކު އަދިވެސް އެއީ އަހަރުމެންގެ އީލާކްއެއްނޫން.... އަދިވެސް އެހެން ހުރެފަ ވަރަށް އަވަހަސް ރުޅިގަދަވޭ، އޭނަ ދައްކާ ސައިކަރޓްރިސްޓް ބޭހެއްވެސް ދީފަހުރީ، އެވެސް ކޭތޯ ބަލަން ޖެހޭ ކޮންމެ ދުވަހަކުވެސް" ލާއިގާ ވާހަކަދެއްކިއެވެ.

މެންދުރުއެކެއް ޖަހާލަންކަން ހާއިރެވެ. ޒައުލް ކިޔާން ގޮވައިގެން އައިސް ގެއަށްވަންއިރު ސޯފާގައި އޮށޯވެލައިގެން އޮތް ޔޫހާއަށް އޮތީ ނިދިފައެވެ. ޒައުލް މެންނާއިއެކު އެގެއަށްވަތް ޖަމާލްގެ އަތުން ކޮތަޅުތައް ޒައުލްއަތުލަމުން ކާރުގައި މަޑުކުރުމަށް ބުންޏެވެ. ދުވެފައި އައި ކިޔާން ސޯފާގައި ނިދިފައި އޮތް ޔޫހާގެ ގައިގާ އޮޅުލައިގަތެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު