މާވިންއާ ލޯބީގެ ގުޅުން އޮތް ދިވެހި ނަރުސް، ލަމްހާ ހައްޔަރު ކޮށްފި

މާވިންއާއި އޭނާގެ ދިވެހި ލޯބިވެރިޔާ --

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި ނަރުހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 24 އަހަރުގެ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާވިންއާ ލޯބީގެ ގުޅުން އޮތް ދިވެހި ނަރުސް މަސައްކަތް ކުރަނީ އައިޖީއެމްއެޗް އީއާރުގައެވެ. އޭނާގެ ނަމަކީ ހަލީމަތު ލަމްހާއެވެ.

"ސަން"އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ ބައެެއް މުވައްޒަފުންނަށް ވެސް އެ ދެމީހުން ގެ ގުޅުން އެނގެއެވެ. އަދި މާވީންގެ މައްސަލައިގައި މޭރީއާއި ދިވެހި ނަރުހާ ދެމެދު ހަމަނުޖެހުން މީގެ ކުރިން ވެސް ހިނގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާވީންއާއި އެ ދިވެހި ނަރުސް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ވަރަށް ފާޅުގައިކަން ވެސް ވަނީ އެނގިފައެވެ.

ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

ފުލުހުން މީގެ ކުރިން ވެސް ލަމްހާ ހައްޔަރު ކުރުމަށް މަސައްކަތް ކުރިކަން ވަނީ އެނގިފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭރު ލަމްހާ ވަނީ ހައްޔަރު ނުކުރެވިފައެވެ.

އެކަމާ ގުޅިގެން ލަމްހާ ބުނީ، އެ ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު އެ ދުވަހު ހުރީ އޭނާ ކައިރީގައި ކަމަށާއި ނަމަވެސް ދެމަފިރިން އުޅެމުންދިޔަ ގެއަށް އޭނާ ނުވަންނަ ކަމަށެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް