ވެލެންސިއާ ބަލިކޮށް އެންމެ ގިނަ ޝީލްޑްގެ ރިކޯޑް މާޒިޔާއަށް

ޗެރިޓީ ޝީލްޑް މެޗު މާޒިޔާއިން ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ- ފޮޓޯ / އެފްއޭއެމް

ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން މިރޭ ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކުލަބު ވެލެންސިއާ ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެންމެ ގިނަ ފަހަރަށް ޝީލްޑް ހޯދިކަމުގެ ރެކޯޑް ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 0-5ގެ ނަތީޖާއިން ވެލެންޒިއާގެ މައްޗަށް މާޒިޔާ ކުރި ހޯދައިގެންނެވެ. މިހާތަނަށް 12 ފަހަރު ޝީލްޑް މެޗު ކުޅެވުނުއިރު އެންމެ ގިނައިން ޝީލްޑް ހޯދާފައިވަނީ ވީބީ އިންނާއި މާޒިޔާ އިންނެވެ. މިރޭގެ މެޗުން ލިބުނު މޮޅާއެކު މާޒިޔާއިން ވަނީ ހަތަރު ފަހަރަށް ޝީލްޑް ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ. ހަމައެއާއެކު، މިރޭގެ މެޗަކީ ޝީލްޑް މެޗެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މިރޭގެ މެޗު ފަށައިގެން މާޒިޔާއިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއަށް މިރޭގެ މެޗުގެ ފަސް ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނަގައިދިނީ އިބްރާހިމް ވަހީދު ހަސަން ދިން ޕާހަކުން އިބްރާޙިމް އައިސަމް ފޮނުވާލި ހަމަލާއިންނެވެ. މިރޭގެ މެޗުގައި ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު މާޒިޔާގެ ޑިފެންޑަރުން ރަނގަޅަށް މާކުކޮށްފައި ހުރުމުން މާޒިޔާއަކަށް ހަމަލާ އުފައްދާކަށް ފުރުސަތެއް ނުލިބުނެވެ.

ފުރަތަމަ ގޯލު ޖެހުމަށްފަހު މާގިނަ އިރުތަކެއް ނުވެ މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ އިއްބެ ފޮނުވާލި ހަމަލާ ހުރަސް ދަނޑީގައި ޖެހި އައި ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މާޒިޔާއިން ދެ ގޯލު ޖެހުމާއެކު ވެލެންސިއާގެ ކުޅުން ރަނގަޅު ކުރިއެވެ. އެ ޓީމުގެ ކެޕްޓަން އަލީ ފާސިރު ވަނީ ގޯލު ޖެހުމަށް އެޓީމުގެ ފޯވާޑުންނަށް ރަނގަޅު ބޯޅަތަކެއް ދީފައެވެ.

ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން- ފޮޓޯ / އެފްއޭއެމް

މެޗުގެ 38 ވަނަ މިނެޓުގައި އަނެއްކާވެސް މާޒިޔާ އިން ގޯލެއް ޖެހިއެވެ. މިއީ ވެލެންސިއާ ގޯލުގައި ހުރި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ހެދި ގޯހެއްގެ ފައިދާނަަަގައި ކޯނޭ ޖެހި ގޯލެކެވެ. މާޒިޔާއަށް ގޯލު ކާމިޔާބުކޮށްދިނީ އެރިއާ ތެރޭގައި ހުރެ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ކޯނެލިއަސް (ކޯނޭ)އެވެ.

ފުރަތަމަ ހާފު ނިމުނުއިރު 0-3ގައި ނަތީޖާ އޮތްއިރު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި މާޒިޔާއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ދިނީ ދެ ކުޅުންތެރިން ކައިރިން ނައްޓާފާދަނިކޮށް ކޯނޭ އަށް ވެލެންސިއާގެ ސިޒާން ކުރި ފައުލަކާ ގުޅިގެންނެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި އެންމެ މޮޅު ގޯލު ކާމިޔާބުކޮށްދިން ހަމްޒާ މުހައްމަދު(ހަމްޕު) ފޮނުވާލި ޕެނަލްޓީ ވަދުނީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ހަމްޕު ނަގައިދިން ހުރަހަކުން މާޒިޔާއަށް ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ނިހާނެވެ. މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާ އިން މަދު ހަމަލާތަކެއް އުފެއްދި ނަމަވެސް މާޒިޔާއަށް ކުޅޭ ނޭޕާލުގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން ވަނީ މަތަކޮށްފައެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނިކުތްއިރު އެޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު ވެލެންސިއާ އަކަށް މާޒިޔާއާ ގާތަށް ވެސް ތައްޔާރުވެވިފައެއް ނުވެއެވެ. އެގޮތުން މާޒިޔާއިން ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނ. އަތޮޅު ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްި ޕްރީ މެޗް ޕްރެސްގައި އެޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ސީޒަނެއް ފައްޓާއިރު އެންމެ ފުރަތަމަ ކުޅޭ މެޗުގައި ރަނގަޅު ކާމިޔާބެއް ހޯދުމަކީ އަބަދުވެސް ސީޒަނަކަށް ކުރިމަތިލާއިރު ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

comment ކޮމެންޓް