ކުށުގެ ވެއްޓަށާއި މާއްދީ ހެއްކަށް އަހުލުވެރިވުން

ފުލުހުންގެ ފޮރެންސިކްސް ޓީމެއް މާލޭގައި ހަރަކާތްތެރިވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ ޙާދިޘާއެއް އެޙާދިޘާއެއް އެއީ ކުށެއްކަމުގައި ވީނަމަވެސް ނުވަތަ ޠަބީޢީ ކާރިސާއެއް ނުވަތަ ހާދިސާއެއް ކަމުގައިވިޔަސް އެކަމެއް ހިނގި ތަނެއްގެ ތެރެއަށް މާއްދީ ހެކި ނުވަތަ ނިޝާނެއް ދޫކުރެއެވެ. އެފަދަ ކަމަކާއި ގުޅިގެން ހިންގާ ތަޙްޤީގެއްގެ އަމާޒަކަށްވާނީ، އެކަމުގެ ވަށައިގެންވާ ވާޤިޢާތަކާއި ގުޅުން ހުރި ހަޤީޤަތްތައް ރަނގަޅަށް މާނަކޮށް ވާޤިޢާތައް ބިނާކޮށްދީ، އެކަން ހިނގިގޮތް ބުނެދިނުމަށްޓަކައި ދެނެގަތުމެވެ.

މާއްދީ ހެކީގެ ޠަބީއަތާއި އެތަކެތި ރައްކާތެރިވުން ބިނާވާ ކަންތައްތައް ތަފާތުވުމުގެ ސަބަބުން މިތަކެތި ރަނގަޅު ގޮތުގައި ރައްކާތެރިކުރެވުން، އެކަމުގައި ފުރަތަމަ މަރުޙަލާގައި ޢަމަލު ކުރެވޭ ގޮތެއްގެ މައްޗައް ބިނާވެއެވެ. ހެކީގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމަށް ކަނޑައެޅިފައިވާ އަސާސްތަކަށް ތަބާ ވާން ޖެހެއެވެ. ރައްކާތެރިކަމާއި، ފަރުވާތެރިކަމާއި، ހުނަރުވެރިކަމާއެކު ކުށުގެ ވެށީގައި ޢަމަލުކުރުން މުހިންމެވެ. އެއީ، މާއްދީ ހެކިން ލިބިދޭ މަޢުލޫމާތާއި، ޙަޤީޤަތްތައް ޝަރީޢަތުގައި ޤަބޫލުކުރުމާއި ނުކުރުން އެކަންކަމުގެ މައްޗަށް ބިނާވާތީއެވެ. އަދި އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމަށް މިފަދަ ހެކި އެހީތެރި ވެދޭތީއެވެ.

މި ލިޔުމުގެ މަޤުޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި މިޢިލްމާއި މެދު ހޭލުންތެރިކުރުމެވެ. ޚާއްޞަކޮށް ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ޢާއްމު މުވައްޒަފުން ހޭލުންތެރިކުރުމެވެ. މިލިއުމުގެ އަޞްލަކަށް ބެލިފައިވާނީ، ޔޫ.އެން.އޯ.ޑީ.ސީން މިމައުޟޫއަށް ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.

"ކުށުގެ ވެށި" މިލިޔުމުގެ މަޤްޞަދަށްޓަކައި މާނަކުރަނީ، ކަމެއް ހިނގުމާއި ގުޅިގެން އެކަމާއި ގުޅުން ހުރި މަޢުލޫމާތެއް ނުވަތަ ރިކޯޑެއް އެކުލެވޭ ކޮންމެ ތަނަކަށެވެ. މާއްދީ ހެކީގެ ތެރޭގައި، ބޮޑެތި ސިންގާ ތަކެތިން ފެށިގެން ހަމަ ލޮލަށް ނުފެންނަ މައިކްރޮސްކޮޕިކުން ފެންނަ މާއްދާ ހިމެނެއެވެ. އެއީ ކުށަކާއި ގުޅުންހުންނަ އަދި އެފަދަ ވެއްޓަކުން ފެންނަ ތަކެއްޗެވެ.

ތަޙްޤީގަށް ބޭނުންވާ މަޢުލޫމާތުގެ މަޞްދަރުތަކަށް ބަލާއިރު، އެއީ އިއުތިރާފެއް ކަމުގައި ވިޔަސް ނުވަތަ ހެކިބަހެއް ކަމުގައި ވިޔަސް، ވީޑިއޯ ސަވައިލަންސެއްކަމުގައި ވިޔަސް، މާއްދީ ހެކީގެ ދައުރަކީ ހެކީގެ ބުރަދަނުގެ ނިސްބަތުން މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް ވަރަށް ފަރުވާ ތެރިކަމާއިއެކު، ރައްކާތެރި ކަމާއިއެކު ނަގާ މާއްދީ ހެއްކެއްގެ ވެސް ޗެއިން އޮފް ކަސްޓަޑީ އެ މާއްދީ ހެއްކެއްގައި ނުދެމެހެއްޓިއްޖެނަމަ އެހެކީގެ ބުރަދަން ގެއްލިދާނެއެވެ.

"ޗެއިން އޮފް ކަސްޓަޑީ" އޭ ބުނެވޭ ބަހުގެ މާނައަކީ، ވަކި ތަރުތީބަކުން މާއްދީ ހެއްކާބެހޭ މަޢުލޫމާތު ލިޔެ ރެކޯޑްކުރުމެވެ. އެއީ ކުށާއި ނުވަތަ ކުށުގެ ވެއްޓާއި އެމާއްދީ ހެކި ގުޅުވުމަށްޓަކައެވެ. ކުށުގެ ވެށިން ފެށިގެން ފޮރެންސިކްގެ މަރުޙަލާތައް ނިމެންދެނެވެ. އެ މާއްދީ ހެއްކެއް ކަޑައްތުކުރި މަރުޙަލާތައް ދެނެގަނެވޭނެ ފަދައިން މެދުނުކެނޑި ކުށުގެ ވެށިން ފެށިގެން ޝަރީޢަތާ ހަމައަށް ވާޞިލްވަންދެނެވެ.

ފޮރެންސިކް ސައިންސްގެ ޚިދުމަތުގެ ދައުރު ފެށެނީ ކުށުގެ ވެށިންނެވެ. އެއީ މާއްދީ ހެކި ދެނެގަނެ، އެމާއްދީ ހެކި ނަގާތަނެވެ. ދެން ތަޙްލީލް ކުރުމަށްފަހު އެތަކެތީގެ ނަތީޖާ ވަޒަންކުރެވެއެވެ. އެއީ ލެބޯޓްރީ ތަކުގައެވެ. އަދި އޭގެ ފަހުން ވަޒަން ކުރެވުނު ނަތީޖާއާއި ހޯދުންތައް ފަޑިޔާރުންނާއި ވަކީލުންނާއި އަދި އެހެނިހެން ފަރާތްތަކަށް ހުށަހަޅައެވެ. ފުރަތަމަ ކުށުގެ ވެއްޓަށް ދާ އޮފިސަރުންނާއި ހަމައިން ފެށިގެންގޮސް އެމަޢުލޫމާތު ބޭނުންކުރާ ފަރާތްތަކާއި ހަމައަށް ވާޞިލްވުމާއި ހަމައަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ފޮރެންސިކްގެ މަރުޙަލާތައް ކުރިއަށް ދާގޮތާއި ސައިންޓިފިކް އަޚުލާޤު ތަކާއި ފޮރެންސިކް ޚިދުމަތްތައް އެކަށީގެންވާ މިންވަރަށް އެނގިފަ ހުރުން ލާޒިމު ވެއެވެ.

ކުށުގެ ވެށި ތަޙްޤީޤް ކުރުމަކީ، ކުށުގެ ވެށި އެއިރެއްގައި އޮންނަ ގޮތަށް ރެކޯޑްކުރުމާއި، ދެނެގަތުމާއި، ހޯދުމާއި، މައްސަލަ ޙައްލުކުރުމަށް ނުވަތަ މައްސަލައަށް އެހީތެރިވެ ދިނުމަށްޓަކައި ގުޅުންހުރި އެންމެހައި މައްދީ ހެކި ނެގުމެވެ. މިގޮތުން ކުށުގެ ވެއްޓަށް ފުރަތަމަ ހާޟިރުވަނީ ފުލުހުން ނުވަތަ ތަންފީޒީ އިދާރާއެއްގެ މުވައްޒަފެއް ނުވަތަ އެހެންވެސް މީހަކަށް ވެދާނެއެވެ. އެފަރާތަކީ ކުށުގެ ވެށި ތަޙްޤީޤް ކުރުމުގެ މަރުޙަލާއަށް ބޭނުންތެރި ފަރާތްތަކަށް ވަނީ ވެފައެވެ. އެހެނީ އެފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުށުގެ ވެށި ރައްކާތެރިކުރުމާއި، މާއްދީ ހެކި ރައްކާތެރި ކުރުން ހިމެނެއެވެ. މީގެ އިތުރުން ފުރަތަމަ މަރުހަލާގައި، ޑޮކިއުމަންޓް ކުރުމުގެ ޒިއްމާވެސް އަދާކުރާފަރާތަކީ އެފަރާތެވެ. އޭގެ ތެރޭގައި ކުށުގެ ވެއްޓާއި މާއްދީހެއްކާއި ކުށުގެ ވެށީގައި ހިނގި ހަރަކާތްތައް ހިމެނެއެވެ. ގިނަ ފަހަރުގައި ކުށުގެ ވެއްޓަށް ދާ ފުރަތަމަ ފަރާތަކީ ފޮރެންސިކް ދާއިރާގެ ބޭފުޅެއް ނޫނެވެ. ނަމަވެސް އެފަދަ ފަރާތްތައް ވާންޖެހޭނީ ކުރިން ދެންނެވި މަސައްކަތްތައް ކުރުމުގެ އަސާސީ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ފަރާތްތަކަށެވެ.

ޢާންމު ގޮތެއްގައި ފުރިހަމަ ތަމްރީން ލިބިފައިވާ ފޮރެންސިކް މުވައްޒަފުން ކުށުގެވެއްޓަށް ހާޒިރުވެ އެވެއްޓާއި ޙަވާލުވާނީ އެތަނަކަށް ދިއުމަށް އެފަރާތްތަކަށް އެންގުމުންނެވެ. މިހެންކަމުން ގިނަފަހަރަށް ކުށުގެ ވެއްޓަށް ފުރަތަމަ ހާޒިރުވާނީ ފުލުހުންގެ ފުރަތަމަ ސަފުގެ ޕެޓްރޯލްމަނުންނެވެ. ނަމަވެސް ބައެއް ޙާލަތް ތަކުގައި މާއްދީހެއްކެއް ހަލާކުވެ ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތްނަމަ، ކުށުގެ ވެއްޓަށް ފުރަތަމަ ހާޟިރުވާ މުވައްޒަފަކު އެމާއްދީ ހެއްކެއް ނަގަންޖެހޭނެއެވެ. އަދި މިދެންނެވި ތަމްރީން ލިބިފައިވާ ފޮރެންސިކް މުވައްޒަފުންނަށް ދިއުން ދަތި ޙާލަތްތަކުގައި މި ދެންނެވި މަސައްކަތުގެ އިތުރުން ކުށުގެ ވެށި ޕްރޮސެސް ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަންވެސް ޖެހިދާނެއެވެ.

ކުށުގެ ވެށި ތަޙްޤީޤް ކުރުމާގުޅޭ ޤާނޫންތަކާއި، ޤަވާއިދުތަކާއި، އުޞޫލްތަކަށް ރިޢާޔަށްކޮށް އެގޮތުގެ މަތިން ޢަމަލުކުރަން ޖެހޭނެއެވެ. ތަންތަނަށް ވަންނަންވާނީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ ހޯދައިގެންނެވެ. މާއްދީ ހެކި ނަގައި ބަންދުކޮށް ސީލްކޮށް ލެބޯޓްރީއަށް ހުށަހެޅުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ކަނޑަ އެޅިފައިވާ އުޞޫލުން ޢަމަލު ކުރަންޖެހޭނެއެވެ. މިދެންނެވި ކަންތައްތަކަކީ ހެކި ބަލައިގަތުމާއި ބަލައި ނުގަތުން ޝަރީޢަތުން ބަލާނެ ކަންތައް ތަކެވެ. އަދި ހެކީގެ ބުރަދަން ވަޒަންކުރުމުގައި ޝަރުޢީ ކޯޓުތަކުން މިފަދަ ކަންތައްތަކަށް ރިއާޔަތްކުރާނެއެވެ. ވީމާ ތަހުޤީޤުތަކާއި ގުޅުންހުރި ޤާނޫނީ ކަންތައްތަކަށް ފުރިހަމައަށް އަހުލުވެރިވުން އެއީ ކުށުގެ ވެށީގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށްވެސް ވަރަށް މުހިންމު އެހާމެ ބޭނުންތެރިކަމެކެވެ.

ކުށުގެ ވެއްޓެއްގައި މަސައްކަތް ކުރާއިރު، މަސައްކަތުގައި ތަބާވާންޖެހޭ އަޚުލާޤީ މިންގަނޑުގައި ހިފަހައްޓަން ޖެހެއެވެ. މިގޮތުން އެންމެ އިސްކަމެއް ދޭންޖެހޭނެ އެއްކަމަކީ ހެކި ހުށަހަޅަންޖެހޭ ގޮތެވެ. މިފަދަ މައްސަލަތަކުގައި މަސައްކަތްކުރާއިރު އަޅުގަނޑުމެންނަށް އެ ހެކި ފެންނަ ނަޒަރުން ހުށަހެޅުމުގެ ބަދަލުގައި، ހެކި ހުށަހަޅަންޖެހޭނީ އެ ހެއްކެއް ފެންނަ ގޮތަށެވެ. ހަޤީޤީ މަޤްޞަދަށް ވާޞިލުވުމަށްޓަކައި ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާ، ވަކިފަރާތަކަށް ބުރަނުވެ، ނުފޫޒުން އެއްކިބާވެ ހުރެ މަސައްކަތްކުރުމަކީ މިމަސައްކަތުގެ އަޚުލާޤީ އެންމެ މުހިންމު އެއް އަސާސެވެ.

ކުށުގެ ވެށީގައިވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރަން ޖެހިއްޖެނަމަ، އެމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ފިޔަވަޅު އެޅުން އިސްކުރަން ޖެހޭނެއެވެ. ފަރުދުންގެ ޙައްޤުތަކަށާއި އިހުސާސާއި ކަރާމާތް ޙިމާތްޔަތް ކުރުމުގެ އުޞޫލަށް ތަބާވާންޖެހޭނެއެވެ. އެއީ މީހަކު މަރުވެފައިވާ ޙާލަތުގައި ނުވަތަ ދިރިހުރި ޙާލަތުގައިވީ ނަމަވެސް މެއެވެ. މީހުންގެ ޒާތީ އަދި ފަރުދީ ކަންކަމަށް ރިޢާޔަތް ކުރުމާއި މީޑިޔާ ކޮންޓްރޯލް ކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކުށުގެ ވެއްޓެއްގައި ތަފާތު ނުރައްކާތަކާއި އަރައްކާ އެކުލެވިގެން ހިންގައިދާނެކަން ދެނެގަނެ، އެ ނުރައްކާތަކުން ސަލާމަތްވުމަށް ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. އެއީ ތިމާގެ އިތުރުން ތިމާއާއި އެކު މަސައްކަތްކުރާ މުވައްޒަފުންނާއި އެތަނަށް ވަދެ ނުކުމެ އުޅޭ ފަރާތްތައް ހިމެނޭ ގޮތުންނެވެ. އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. އަދި ވެށީގައި މަސައްކަތް ކުރަމުންދާ ކޮންމެ ހިނދެއްގައިވެސް މިފަދަ ނުރައްކަލަކާއި ކުރިމަތިވެދާނެކަން ވިސްނާ ތައްޔާރުވެ ހުރުން ވަރަށް މުހިންމެވެ. މިގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުން ވަރަށް މުހިންމެވެ. ނުރައްކާތެރި މަޞްދަރުތަކުގެ ތެރޭގައި؛ ކެމިކަލް، ބައިލޮޖިކަލް ނުވަތަ ވިހަ މާއްދާ، ގޮވާޒާތުގެ ތަކެތި، ބަޑި، ތިމާވެށީގެ ވިހަ އަސަރުތައް، ރައްކާތެރި ނޫން އިމާރާތް، ނުރައްކަލެއް އެކުލެވޭ މާހައުލު ފަދަ އެހެނިހެން ނުރައްކާތައް ހިމެނެއެވެ.

މައްސަލައިގެ ހަޤީޤަތަށް ވާޞިލުވުމަށްޓަކައި ކުށުގެ ވެށީގެ މަސައްކަތްތައް ކުރިއަށް ދާންވާނީ ވިލަރެސް ކުރެވިގެން ވަކި ތަރުތީބެއްގެ މަތިންނެވެ. އަދި ކޯޑިނޭޓް ކުރަންޖެހޭ ފަރާތަކާއި ކޯޑިނޭޓްކޮށް ހިއްސާ ކުރަންޖެހޭ ކަންކަން ހިއްސާ ކުރަމުން ދާންވާނެއެވެ. މިކަންކުރުމަށްޓަކައި ކުށުގެވެށި ދެނެގަނެ އެވެށި ރަނގަޅަށް ބަލާ ލިބެންހުރި މަޢުލޫމާތުތައް ހޯދާ އެއްކުރަންޖެހެއެވެ. މަޢުލޫމާތު އެއްކުރުމަށްޓަކައި މައްސަލައިގެ ބާވަތަށް ރިއާއަތްކޮށް އަންނަނިވި ސުވާލުތައް އުފައްދާށެވެ.

· ޤަބޫލުކުރެވޭ ގޮތުގައި ކަންހިގާފައިވަނީ ނުވަތަ ހިންގައިގެން އުޅެނީ ކޮންކަމެއްތޯ؟

· މައްސަލައިގެ ކުޑަ ބޮޑު މިނަކީ ކޮބައިތޯ؟

· ޚާއްޞަ ފަރާތެއް/ ތަޖުރިބާކާރެއް ބޭނުންވާނެތޯ؟

· ކުށުގެ ވެއްޓަކީ އެތެރޭގައި ނުވަތަ ބޭރުގައި އޮތް ވެއްޓެއްތޯ؟

· ކުށުގެ ވެއްޓަށް ދެވެނީ ކޮން މަގަކުންތޯ؟

· މި ވަގުތު ހުރި ވަސީލަތް ތަކަކީ ކޮބައިތޯ؟

· ބޭނުންވާނީ ކޮން ވަސީލަތްތަކަކާއި އާލާތްތަކެއްތޯ؟

· މޫސުމީ ޙާލަތަކީ ކޮބައިތޯ؟

· މައްސަލައިގެ ވަށައިގެންހުރި ކަންކަމަށް ރިއާޔަށްކޮށް މިވަގުތު އަޅަންޖެހޭ ފިޔަވަޅުތައް އެޅިއްޖެތޯ؟

· ކުށުގެވެށި ވަނީ ރައްކާތެރިކުރެވިފައިތޯ؟

ވިލަރެސްކޮށް ތަރުތީބު ކުރުމަކީ ފުރަތަމަ މަރުޙަލާއިން ފެށިގެން ކުށުގެ ވެށި ތަޙްޤީޤް ކުރުމާއި އަދި އޭގެ ފަހުންވެސް ކުރަންޖެހޭނެ ކަމެކެވެ. ވިލަރެސްކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެކި ފަރާތްތަކަށް އެކި މަސައްކަތްތައް ހަވާލުކުރަން ޖެހެއެވެ. މިސާލަކަށް؛ ކުށުގެ ވެއްޓަށް ވަންނަ ފަރާތްތައް ދަފްތަރު ކުރުމާއި، ކުށުގެ ވެށި ތަޙްޤީޤް ކުރުމުގައި މަސައްކަތް ބަހާލުން މި މަރުހަލާގައި ހިމެނެއެވެ. ތައްޔާރުނުވެ ކުށުގެ ވެއްޓަށް ހާޟިރުވާ ޙާލަތުގައި މުޙިއްމު ފުރުޞަތު ގެއްލި ދިއުމުގެ ސަބަބުން ތަޙްޤީޤަށް ބޭނުންވާ މުޙިއްމު މައުލޫމާތު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ގުޅިގެން މަސައްކަތް ނުކުރެވުމުގެ ނަތީޖާއަކަށް ތަކުރާރުކޮށް މަސައްކަތް ކުރަން ޖެހިދާނެއެވެ. މަސްޢޫލިއްޔަތާއި ޒިންމާ ރަނގަޅަށް ފަހުމު ނުވެ ހުރެ މަސައްކަތްކުރާނަމަ، މުހިންމު ކަންތައްތަކެއް އަތްދަށުން ބީވެ، ހޯދަންޖެހޭ މަޢުލޫމާތެއް ނުލިބުން އަދި ހެކި ގެއްލުންފަދަ ކަންތައްތައް މެދުވެރިވެދާނެއެވެ. މާ ގިނަ ފަރާތްތައް މަސްހުނިވެ މަސައްކަތް ކުރާނަމަ ހެކި ނެތި ދިއުން އެކަށީގެންވެއެވެ. ވީހާވެސް ކުރިން ތަޙްލީލް ކުރާފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާނަމަ ތަޙްލީލް ތަކަށް ހުރަސް އެޅުމުން ދުރުހެލި ވާނެއެވެ. އަދި ކުރެވިދާނެ ތަޙްލީލްތަކުގެ މަޢުލޫމާތު ލިބި ނަތީޖާ ރަނގަޅު ވެގެން ދާނެއެވެ.

ކުށުގެ ވެއްޓާއި ހެކި ރައްކާތެރި ކުރާނީ، ހެކި ރައްކާތެރިކުރުމަށާއި ހެކި ތަޣައްޔަރުވުމުން ސަލާމަތް ކުރުމަށްޓަކައި އަޅާފިޔަވަޅުތައް އަޅައިގެންނެވެ. އެއީ ހެކި ނެތި ދިއުން ނުވަތަ ބަދަލުއައުން ދުރުކުރުމަށް ޤަޞްދުކުރެވިގެންނެވެ. މިގޮތުން ރައްކާތެރި ހެދުން ލުމާއި، އަންގިއާއި، ބޫޓް ކަވަރ ބޭނުންކުރުމާއި، އެއްމަގަކުން ވަދެ ނިކުތުމަށް މަގެއް ޚިޔާރުކުރުމާއި، ތަނަށް ވަންނަން ނުޖެހޭ ފަރާތްތައް ނުވެއްދުމާއި، ކުށުގެ ވެށި ކޯޑެން ކުރުމާއި އެތަނުގެ ތެރޭގައި ހުންނަ ތަންތަނާއި އެއްޗިހި އެހެން ކަންކަމުގައި ބޭނުން ނުކުރުމާއި ކުށުގެ ވެށި ރަނގަޅަށް ޑޮކިއުމަންޓްކޮށް ރެކޯޑް ކުރުންފަދަ ކަންކަން ހިމެނެއެވެ.

މަސައްކަތް ކުރަމުންދާއިރު ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންކަމަށް އިޙްތިރާމްކުރަން ވާނެއެވެ. މިގޮތުން ގިނަ ތަކެތި ބޭނުންކުރާނަމަ ޓެންޓެއް ޖަހައިގެން އެތަނެއްގައި ތަކެތި ބެހެއްޓުން މުޙިއްމުއެވެ. ތާފާތު ކުށުގެ ވެއްޓަށް ދާންޖެހޭ ޙާލަތުގައި ތަފާތު ފަރާތްތައް ފޮނުވުން މުހިއްމުއެވެ. ނުވަތަ ތަފާތު ހެދުމުގައި މަސައްކަތްކުރުން ލާޒިމުވާނެއެވެ. ރައްކާތެރި ނުކުރެވޭ ކުށުގެ ވެށީގައި ހެއްކަށް ބަދަލުއައުމާއި ތަޣައްޔަރުވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. ކުށުގެ ވެށި ރައްކާތެރި ނުވެއްޖެނަމަ މުހިއްމު ހެކި ނެތިގެން ދާނެއެވެ. ފަރުވާތެރިކަމާ ނުލާ މަސައްކަތްކުރާނަމަ ތިމާގެ ފަރާތުން ތަކެތި ކުށުގެ ވެއްޓަށް ވަދެދާނެއެވެ. ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހެދުންތައް ނާޅާނަމަ ތިމާއަށް ނުރައްކަލެއް ކުރިމަތި ވެދާނެއެވެ.

ލިޔެ ދަފްތަރުކޮށް ރެކޯޑު ކުރުމުގެ ބޭނުމަކީ ކުށުގެ ވެށި އޮތްގޮތް އަމާޒުތަކެއް ޙާޞިލްކުރުމުގެ ޤަޞްދުގައި ދާއިމަށް ރެކޯޑް ކުރުމެވެ. މިކަން ކުށުގެ ވެއްޓަށް ހާޒިރުވާ ހިސާބުން ފެށެއެވެ. ތަފާތު ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ނޯޓް ނެގުން، ފޮޓޯ، ވީޑިޔޯ ނުވަތަ ކުރެހުން ކުރަހައިގެން ވިޔަސް މެއެވެ. މާއްދީ ހެއްކެއް ނަގައިފިނަމަ ރަނގަޅަށް އެއާއި ބެހޭ މަޢުލޫމާތު ލިޔެ، ބަންދުކޮށް، ސީލްކޮށް އަދި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ކުރަންޖެހޭނެއެވެ. ކުށުގެ ވެށީގައި ޢަމަލުކުރިގޮތް ހުށަހެޅުމަށް ގޮވާލެވިދާނެއެވެ. މީހާގެ ސިކުނޑީގައި ހުރިހާ ކަމެއް ހަރުލައްވައިގެން ހުރުމަށް ޤަޞްދު ކުރުމަކީ އެކަން އެގޮތަށް ނުވެދާނެ ކަމެކެވެ. ހަދާނަށް ގެނައުމަށް ފަސޭހައަކަށާއި ހުށަހެޅުމަށް އެހީތެރިވެ ދިނުމަށާއި އެކި މަރުޙަލާގައި ކުށުގެ ވެށި އޮތްގޮތް އަދި ހިނގާ ދިޔަ ކަންކަން ބަޔާންކުރުމަށް ޑޮކިއުމެންޓުކުރުމުގެ ސަބަބުން ފަސޭހަ ވެގެން ދާނެއެވެ. ހެކީގެ ކޮންޓިނިއުޓީ ނުވަތަ މާއްދީ ހެކި ކަޑައްތުކުރި މަރުޙަލާތައް ހުށަހަޅަން ލިޔެ، ރެކޯޑުކޮށް، ދަފުތަރުކުރުން އެހީތެރިވެދެއެވެ. ލިޔެ ކިޔުންތަކާ ނުލައި ތަޙްލީލްތަކުގެ ނަތީޖާ ބަލައިގަތުމަށް ހުރަސް އެޅިދާނެއެވެ.

މާއްދީ ހެކި ހޯދައި ނަގައި ބަންދުކުރުމުގެ މަސައްކަތަކީ ކުށުގެ ވެށީގައި ކުރެވޭ މަސައްކަތުގެ އެއްމެ މުހިއްމު ބައެވެ. މިގޮތުން މިމަސައްކަތް އަމާޒްކުރެވެނީ ހެކިތައް ހޯދުމަށްޓަކައި އެކަށީގެންވާ ފަންނީ އުކުޅެއް އިޚްތިޔާރުކުރުމާއި އަދި މާއްދީ ހެކި ނެގުމާއި ރައްކާތެރިކުރުމަށް ބަންދުކުރުމަށެވެ. މިގޮތުން ފުރަތަމަ ހަމަލޮލުން ބަލައި ކަންކަން ފާހަގަ ކުރަންޖެހެއެވެ. ދެން މިއަށްފަހު ބަލައި ހޯދާނެ މެތަޑެއް އިޚްތިޔާރުކުރުމާއި ވަކި ޚާއްޞަ ތަރުތީބަކުން މަސައްކަތް ގެންދިއުމަށް ރޭވުން މުހިއްމެވެ. މިގޮތުން އެކި މެތަޑްތައް ބޭނުން ކުރަންވާނީ ކަނޑައެޅިފައިވާ ތަރުތީބުން އެއްކަމަކުން އެނެއްކަމަކަށް ބުރޫނާރާނެ ގޮތެއްގެ މަތިން ނެވެ.

މިސާލަކަށް: ލޭ ހުރިކަން ދެނެގަތުމަށް ކެމިކަލް ބޭނުންކުރުމަށް ފަހު ފިންގަރޕްރިންޓް ހޯދުމަށް ޕައުޑާރ ބެނުންކުރުން ފަދަ ކަންތައްތައް ތަރުތީބުން ކުރިއަށްގެންދިއުމެވެ. މިމަރުޙަލާގައި ނަގާ ތަކެތި އެތަކެތީގެ ޠަބީޢަތަށް ރިޢާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ރަނގަޅަށް ބަންދުކުރާނެ ތަކެތި އިޚްތިޔާރު ކުރަންވާނެއެވެ. މިމަރުޙަލާގައި ފެންނަ ތަކެތި ނަގާ ބަންދުކުރުމުގައި ޚިޔާރުކުރަންވާނީ އެތަކެތީގެ ޠަބީޢަތަށް ބަދަލު ނާންނަފަދަ ތަކެއްޗަށް ރިޢާޔަތްކޮށް ގެންނެވެ. މުހިއްމު މާއްދީ ހެއްކެއް ކުށުގެ ވެށީގައި ހުރެ ނުނެގިއްޖެނަމަ، ތަޙްޤީގު ރަނގަޅު މިސްރާބަށް ދިއުމުގެ ބަދަލުގައި އެހެން ދިމާލަކަށް ދިއުން އެކަށީގެންވެއެވެ. ވަކި މާއްދީ ހެއްކެއް ނެގުމަށް ކަނޑައެޅިގެން އަމާޒުކޮށްފިނަމަ ވެށީގައި އެކުލެވުނު އެންމެ މުހިއްމު މާއްދީ ހެކި ނުނެގި ނުވަތަ ނުފެނުން އެކަށީގެން ވެއެވެ. މާއްދީ ހެކި ނެގުމުގައި ރަނގަޅު މެތަޑެއް އިޚްތިޔާރު ކުރުމުން މާއްދީ ހެކި ރައްކާތެރިކަމާއިއެކު ނެގުމަށް އެހީތެރިވެދޭނެއެވެ. ގުޅުން ނެތް މާއްދީ ހެކިތަކުން ލެބޯޓްރީ ފުރާލައިފިނަމަ، މަސައްކަތަށާއި ތަޙްޤީޤަށް ބުރޫއަރާފާނެއެވެ.

މާއްދީ ހެއްކެއް އުފުލުމުގައި ނުވަތަ ތަނެއްގައި ގުދަން ކުރާނަމަ، އެކަށީގެންވާ ވަސީލަތްތައް ނުވަތަ ތަނެއް އިޚްތިޔާރު ކުރަންޖެހެއެވެ. އެއީ ހެކީގެ ނަޒާހަތްތެރިކަން ރައްކާތެރި ކުރުމާއިއެކު ލެބޯޓްރީއަށް ނުވަތަ ޝަރީޢަތަށް ހުށަހެޅުމަށް މަގުފަހިކުރުމަށެވެ. މާއްދީ ހެކި ހުށަހެޅުމަށް އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައެޅުމުގެ މަސައްކަތުގައި ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރި ކުރުން މުހިއްމެވެ. މި މަރުޙަލާއަށްފަހު ލެބޯޓްރީއަށް ހުށަހެޅުމުގެ ކުރިން އެތަކެތި ރައްކާކުރާނަމަ، އެކަށޭނެ ރަނގަޅު ވަސީލަތެއްގައި ބެހެއްޓުން މުހިއްމުއެވެ.

މިސާލަކަށް: ފިނި ނުވަތަ ހޫނު ނުވަތަ ތަޅުލެވޭފަދަ މާހައުލުތަކާއި ވަސީލަތްތަކެވެ. މާއްދީ ހެކި ހުށަހެޅުމަށް ފޮނުވުމުގައި ޚަރަދާއި، ހޭދަވާނެ ވަގުތާއި، ދުރުމިނާއި، އެއް ހެއްކާއި އަނެއް ހެއްކާއި ހުރި ގުޅުން ފަދަ ކަންކަމަށް ރިޢާޔަތް ކުރަން ވާނެއެވެ. މާއްދީ ހެއްކެއް ހުށަހަޅާއިފިނަމަ، ލިޔެކިއުމުން އެކަން ކުރެވުނުކަން އަންގައިދޭ ލިޔުމެއް އޮތުން މުހިއްމުއެވެ. ކުށުގެ ވެށިން ފެށިގެން ލެބޯޓްރީއާއި ހަމައަށް މާއްދީ ހެކި ވާޞިލްވި ގޮތް ލިޔެކިއުމުން ފެންނަން އޮތުން މުހިއްމުއެވެ. ރައްކާކުރުމަށް ރަނގަޅު ވަސީލަތް ބޭނުންކުރުމުން މާއްދި ހެކި ހަލާކުވުމާއި ތަޣައްޔަރުވުމުން ދުރުހެލި ކޮށްދޭނެއެވެ. ރައްކާތެރި ގޮތުގައި ހެކި ބަންދުކޮށް ގުދަން ކުރުމުން ހެއްކާއިމެދު އުފެދޭ ސުވާލުތައް މަދު ކުރެވޭނެއެވެ. އަދި އެއަށް ހުއްދަ ނެތް ފަރާތްތަކުގެ ކިބައިން ސަލާމަތް ކުރެވޭނެއެވެ.

މާއްދީ ހެކީގެ ޗެއިން އޮފް ކަސްޓަޑީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ދަފްތަރު ކުރެވި ހެކި ނަޤުލުވާ މަރުޙަލާތައް މިދެންނެވި ނިޒާމުގެ ތެރެއިން ލިޔެކިއުމަށް ތިރިކޮށް "ކޮންޓިނިއުޓީ ސެޓޭޓްމަންޓް" އެއް ހެދިފައި އޮތުމަކީ މުހިއްމު ކަމެކެވެ. އަދި ޚާއްޞަކޮށް ބޮޑެތި ޖިނާއީ މައްސަލަތަކުގައި މިދެންނެވި ލިޔެކިއުން ހިމެނުން މުހިއްމެވެ. ދިވެހިރާއްޖޭގައި ފުލުހުން ޙަރަކާތްތެރިވާ ގޮތުގެ ޠަބީޢަތުން ހުރި ގޮންޖެހުންތައް ވަރަށް ގިނައެވެ. އަދި ދިމާވާނެ މައްސަލަތައްވެސް ހުންނާނެއެވެ. ނަމަވެސް މިދެންނެވިފަދަ ނިޒާމެއް ޤާއިމް ކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ބަލައިގަނެވޭނަމަ، ޝަރީޢަތުގެ މަރުޙަލާތަކުގައި މާއްދީ ހެކީގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފައްދަން ފުރުޞަތު ކުޑަވެގެންދާނެއެވެ. ސުވާލު އުފެދޭ ޙާލަތުގައިވެސް ޖަވާބުދާރީވާން ފަސޭހަވާނެއެވެ. ޗެއިން އޮފް ކަސްޓަޑީ އާއި ގުޅޭ އަޑުއެހުންތައް ޝަރީޢަތުގެ މަރުޙަލާގައި ގިނަ ދުވަސްތަކަކަށް ދެމިގެން ނުދާނެއެވެ. ފަހުގެ ތާރީޚުގައި ކުށްވެރިން ޗެއިން އޮފް ކަސްޓަޑީއާއި ގުޅޭ މައްސަލަތަކާ ގުޅުވާ ދޫވެފައި ހުރިކަން ފާހަގަވެއެވެ. އަދި ދިމާވާ ކުދިކުދި ކަންކަމުގައި، މާބޮޑު މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެތަކެއް އަޑުއެހުމެއް ބޭއްވޭކަންވެސް ފާހަގަވެއެވެ. ނަމަވެސް ފަޑިޔާރުންނާއި ދައުލަތުގެ ވަކީލުން މިކަމުގައި ހުޝިޔާރުވުން މުހިއްމެވެ. ޢަދުލު އިންޞާފު ޤާއިމު ވުމަކީ ޢާއްމު މަޞްލަޙަތަކަށް ވެފައި، ހެކީގެ ޗެއިން އޮފް ކަސްޓަޑީއާއި ގުޅޭ ދިފާޢު އަކީ ވަރަށް ގިނަ ފަހަރު، ބަލިކަށި ދިފާޢު އަކަށް ވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް