ސިއްހީ ދާއިރާ ޑިޖިޓަލް ކުރަން ހެލްތް މިނިސްޓްރީން ފެނަކައާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމަށް ހެލްތް މިނިސްޓްރީން ފެނަކައާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމަށްޓަކައި ހެލްތް މިނިސްޓްރީން ފެނަކައާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، އެ މިނިސްޓްރީއާ އެންމެ ގުޅޭގޮތަށް އައިޓީގެ ކަންކަން ހަމަޖެއްސުމަށް ވަރަށް ގިނަ ތަންތަން ބެލި ކަމަށެވެ. އެގޮތުން އެ މަސައްކަތަށް އެންމެ ގާބިލު ބަޔަކަށް ފެނުނީ ފެނަކަ ކަމަށް ނަސީމް ވިދާޅުވިއެވެ.

"އައިޓީގެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކުން އެންމެ ރަނގަޅަށް ކޮށްފައި ހުރި އެއް ކުންފުންޏަކަށް ވާނެ ފެނަކަ. އަނެއްކާ އެތަނުގައި އައިޓީ މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ގާބިލު ބޭފުޅުން، އަޅުގަނޑު އެކުދިންނާ ވާހަކަ ދައްކައިފިން،" ނަސީމް ވިދާޅުވިއެވެ.

ފެނަކައިގެ އައިޓީ ސިސްޓަމުގެ ތެރެއިން، ފެނަކައިގެ ހުރިހާ އިންސްޓިޓިއުޝަންތަކުގެ މަސައްކަތް އެމްޑީއަށް ފެނިވަޑައިގަންނަވާކަން ފާހަގަ ކުރައްވަމުން ނަސީމް ވިދާޅުވީ ހެލްތް ސެކްޓާއަށް ވެސް ބޭނުމީ އެފަދަ ސިސްޓަމެއް ގާއިމު ކުރަން ކަމަށެވެ.

ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމަށް ހެލްތް މިނިސްޓްރީން ފެނަކައާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

އެހެންކަމުން، ސިއްހީ ދާއިރާގައިވެސް އެފަދަ ސިސްޓަމެއް ގާއިމު ކުރެވިއްޖެނަމަ، ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލު ތަކުގައި ކުރާ މަސައްކަތް ވަގުތުން ވަގުތަށް ކަމާބެހޭ މީހުންނަށް ފެންނާނެ ކަމަށް ނަސީމް ވިދާޅުވިއެވެ. އޭރުން ތަންތަނުގެ ހިންގުން ރަނގަޅުވެ، މީހުން ސަމާލުވާ ވަރު ބޮޑުވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު ވިދާޅުވީ، އެ ކުންފުންޏަށް ލިބިފައިވަ ވަނީ ހަމައެކަނި އިންޖީނު މަރާމާތު ކުރުމުގެ ގާބިލުކަން ނޫންކަން މި އެއްބަސްވުން ހެދުމުން ސާބިތުވާ ކަމަށެވެ.

"ފެނަކަ ކޯޕަރޭޝަނޭ ބުނީމަ ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ބޭފުޅުންގެ ހިތްތަކުގައި ވަރަށް ތަފާތު ޝުއޫރުތައް އޮންނަ ކުންފުންޏެއް މި ކުންފުންޏަކީ، އަޅުގަނޑުމެން މި ކުންފުންޏާ ހަވާލުވި އިރު، ދެން [ކުންފުންޏާ] ހަވާލު ވުމަށް ފަހުވެސް އަޅުގަނޑުމެން އަބަދުވެސް ދިވެހިރާއްޖޭގެ ރައްޔިތުން ދަންނަ ގޮތުގައި އަޅުގަނޑުމެން ކުރާ ކަމަކީ ފެނާ ނަރުދަމާގެ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން،" ސައީދު ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން ހެލްތް މިނިސްޓްރީގެ އައިޓީ ޑިޕާޓްމަންޓަށް ބޭނުންވާ ސަޕޯޓް، މިނިސްޓްރީން އެދޭ މިންވަރަކަށް، އެދޭ އެދުމެއްގެ މަތިން ފެނަކައިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.

މިނިސްޓްރީން ބުނީ މި އެމްއޯޔޫގެ ދަށުން، ސިއްހީ ދާއިރާގެ އައިޓީ އިންފްރާންސްޓްރަކްޗާގެ އޮޑިޓެއް ފެނަކައިގެ އައިޓީ ޓީމުން ހަދާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެ އޮޑިޓުން އެނގިގެންދާނެ ކަމަށެވެ.

"މިފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ތަންތަނުން ދެމުންދާ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯޑްސް ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މިނިސްޓްރީ އޮފް ހެލްތަށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމު ކުރުމަށް މަގު ފަހިވެގެން ދާނެ،" ހެލްތް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން، ސިއްހީ ދާއިރާގައި ބޭނުން ކުރަމުންދާ އެކި ސިސްޓަމުތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތް އިންފޮމޭޝަން ސިސްޓަމާ ގުޅާލުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް