އީޔޫއިން ދޭ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އެހީއަށް އެދުމުގެ ފުރުސަތު އިއްޔެ ހެނދުނު 10:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް ޔޫރަފިއަން ޔޫނިއަންގެ ފަރާތުން ހަދިޔާ ކޮށްފައިވާ ދެ މިލިއަން ޔޫރޯގެ ތެރެއިން 1.4 މިލިއަން ޔޫރޯއަށް އެދި ހުށައެޅުމަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ.

މި ހިލޭ އެހީ ހާއްސަ ކުރެވިފައި ވަނީ ގެސްޓުހައުސް ހިންގާ ފަރާތްތަކަށާއި ސަފާރީތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ވިޔަފާރިތަކުން އޮޕަރޭޓްކުރާ ކޮންމެ އެނދަކަށް 2،543.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ ނިންމައިފައެވެ.

އެހީއަށް އެދި ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޝަރުތުތައް:

  • އަމިއްލަ ފަރުދެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓނާޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން ދާ ވިޔަފާރިއަކަށް ވުމާއެކު، ގެސްޓުހައުސް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުން ދިއުން.
  • ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ސައްހަ ލައިސެންސެއް ޑިސެންބަރު 2019، ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020 ގައި ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށްވުރެ އިތުރު ނުވުން.
  • އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، ހުރިހާ މައުލޫމާތަކާއި ޑޮކިއުމަންޓުތައް އެޕްލިކޭޝަންގެ ސުންގަޑީގެ ކުރިން
    ހުށަހެޅުން.

މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިެވހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަނެ، ދިވެހިރާއްޖެއަށް ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް ގާއިމް ކުރުމެވެ.

އެހީއަށް އެދި ފޯމު ހުށައެޅުމަށް ހަމަޖެހިފައިވަނީ "އީޔޫ ސްޕޯޓް" އޮންލައިން ޕޯޓަލް މެދުވެރި ކޮށެވެ.

އެޕްލިކޭޝަންތައް ޕޮރޮސެސް ކުރުމަށް ހަމަޖެހިފައި ވަނީ އެޕްލިކޭޝަން ހުށައަޅާތާ 14 ދުވަހުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް