މަހަކު 200އެއްހާ ސައިކަލް ވަގަށް ނަގާ، ކުޑަ ކަމަކުން އެކަން ހުއްޓުވޭނެ

ސޯޝަލް މީޑިއާއިން އެންމެ އާއްމުކޮށް ފެންނަ އެއް ޕޯސްޓަކީ ކޮންމެވެސް މީހެއްގެ ސައިކަލް ގެއްލިގެން ހޯދައި ދިނުމަށް އެދިފައި ވާތަނެވެ. އަގު ބޮޑެތި ސައިކަލްތައް ކޮންމެ ވެސް ތަނެއްގައި ޕާކް ކޮށްފައި ހުއްޓާ ވަގަށް ގެންދަނީއެވެ. ދެން އެ ހޯދުމަށް އެތަކެއް މަސައްކަތެއް ކުރަން ޖެހެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި މަހެއްގެ މައްޗަށް 100އާއި 200އާ ދެމެދުގެ އަދަދަކަށް ސައިކަލް ވަގަށް ނަގައެވެ. މިދިޔަ ނޮވެމްބަރު މަހު އެކަނި ވެސް 108 ސައިކަލް ވަނީ ވަގަށް ނަގައިފައެވެ. އޭގެ ތެރެއިން 80 ސައިކަލް ފެނުނުއިރު 28 ސައިކަލެއް އަދިވެސް ނުފެނެއެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު 200އަށް ވުރެން ގިނަ ސައިކަލް ވަގަށް ނަގައިގެން ރިޕޯޓް ކޮށްފައިވެއެވެ.

ސައިކަލް ވަގަށް ނަގާ މީހުން ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. އެ އުކުޅުތައް ބޭނުންކޮށްގެން ތަޅުދަނޑިން ހުޅުވާ ސައިކަލްތައް ފަސޭހަ ކަމާއެކު ވަގަށް ނަގައެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާއިން މީހަކު ސައިކަލް ނެރެނީ: ޕާކިން ސަރަހައްދުތަކުން ސައިކަލް ވަގަށް ނެގުން އިތުރު -- ސަން ފައިލް ފޮޓޯ

"އެންމެ ގިނައިން ވަގަށް މި ނަގަނީ ވޭވް ސައިކަލްތައް. މިހާރު ހުންނާނެ ރިމޯޓް ކޮންޓްރޯލް ސައިކަލްތައް. އެ ސައިކަލްތައް ފިޔަވާ ތަޅުދަނޑިން ހުޅުވާ ސައިކަލްތައް ވަގަށް ނަގަން ވަރަށް ފަސޭހަ. އެންމެ ފަސޭހަ ސައިކަލްތައް ކަމަށް އަޅުގަނޑުމެންނަށް ބަލާލެވެނީ ވޭވް ސައިކަލްތައް. ވޭވް 125، ވޭވް 100، ވޭވް 110، ދެން 100 އާއި 110 ވަރަށް ފަސޭހަ. އެއީ ކަބަޑު ތަޅުދަނޑިންވެސް އެބަ ހުޅުވާލެވޭ ތަޅުތައް،" ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ބުންޔާމީން އަބްދުﷲ ވިދާޅުވިއެވެ.

"ވަގަށް ނުނަގާ ވަކި ވައްތަރުތަކެއް ނެތް. ޖީއެން ސައިކަލް ވަގަށް ނަގައިގެން ހުށަހެޅިފައި އެބަހުރި. ޕީސީއެކްސް. އެއާ ބްލޭޑް. އެ ދެ ވައްތަރުގެ ސައިކަލް ވެސް ވަގަށް ނަގައިގެން ހުށަހެޅިފައި މިހުރީ ތަޅުދަނޑި ޖަހައިގެން ސްޓާޓް ކުރާ ސައިކަލްތައް. ޖީއެން ސައިކަލަކީ ޒޯންގައި ޕާކް ކޮށްލާފައި އިންދާ ހުންގާނަށް ވަކި ގޮތެއް ހެދީމައި ވަރަށް ފަސޭހައިން ލޮކް ދާނެ."

ވަގަށް ނަގާ ސައިކަލުތައް ބޭނުން ކުރަނީ ކުށްކުރަން

ވަގަށް ނަގާ ސައިކަލްތައް ވިއްކާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ކޮންމެ ސައިކަލެއް ވެސް ރަޖިސްޓްރީ ބަދަލު ކުރުމުގެ ކުރިން ގިނަ ކަންތައްތަކަކަށް ބަލާތީއެވެ. އަދި މާލެއިން ސައިކަލެއް ބޭރު ކުރާނަމަ ވެސް ބަލާ ގިނަ ކަންތައްތަކެއް ހުރުމުން ވަގަށް ނަގާ ސައިކަލް އަތޮޅުތެރެއަށް ގެންދިއުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ސައިކަލްތައް ވަގަށް ނަގައިގެން އެންމެ ގިނައިން ކުރާ ކަމަކީ އެކިއެކި ކުށްތަކަށް އަރައިގަތުމެވެ.

ފުލުހުން ބުނާގޮތުގައި ގިނައިން ސައިކަލް ވަގަށް ނަގަނީ ވައްކަމާއި ފޭރުން ފަދަ ކުށްކުރުމުގެ ބޭނުމުގައެވެ. އެފަދަ އަމަލުތައް ހިންގުމަށް ފަހުގައި ސައިކަލް ދޫކޮށްލަނީއެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅިފައި އިން ސައިކަލެއް ވަގަށް ނަގައިގެން ވިލިމާލެ ފެރީ ޓާމިނަލް ކުރިމަތީ ޕާކިން ޒޯނުން. ސައިކަލް ވަގަށް ނަގައިގެން ކާނިވާ ސަރަހައްދަށް ގޮސް ކާނިވާ ސަރަހައްދުން އެ ސައިކަލް އެހެން ސައިކަލަކަށް ޗޭންޖް ކޮށްގެން އެ ސަރަހައްދުން ހެލްމެޓް ވަގަށް ނަގައިގެން ހުޅުމާލެ ދާ މަންޒަރު ފެނޭ. އޭގައި އަޅުގަނޑުމެންނަށް ބެލެވޭ ކުށުގެ ވެށީގައި އުޅޭ މީހުން މަގު ކުރުކޮށްލުމުގެ، އަވަސް ކޮށްލުމުގެ ބޭނުމުގައި ސައިކަލް ވަގަށް ނަގާފައި ސައިކަލްތައް ދޫކޮށްލާކަން،" ބުންޔާމީން ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފައިލް ފޮޓޯ

ގެއްލޭ ސައިކަލްތައް ފެންނައިރު މި ހުންނަނީ އެ ސައިކަލްތައް ބޭނުންކޮށްގެން އެތައް ކުށެއް ކޮށްފައެވެ.

އުނގަދޫ ނަމަވެސް އިތުރު ލޮކެއް އަޅުވާ

ސައިކަލް ޕާކް ކޮށްލުމަށް ފަހު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ގިނަ މީހުން ކުރާ ކަމަކީ ހުންގާން ލޮކް ކޮށްލުމެވެ. ނަމަވެސް ވައްކަން ފުޅާވެފައިވާ މިންވަރުން އެވަރުން ފުއްދާލެވޭކަށް ނެތެވެ.

ސައިކަލް ވަގަށް ނެގުން ހުއްޓުވުމަށް ފުލުހުން ދޭ ލަފަޔަކީ ސައިކަލްގައި ޑިސްކް ލޮކް އެޅުވުމެވެ. އަދި ދުއްވާ ނިމިގެން ހުންގާނާއި ޝަޓާ ލޮކް ކޮށްފައި ސައިކަލް ބެހެއްޓުމަށް ވެސް އިލްތިމާސް ކުރެއެވެ. އަދި ސައިކަލް ލޮކޭޓް ކުރެވޭފަދަ ޑިވައިސްތައް ހަރު ކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން ކުރެވޭނެ ކަންކަން ކަމަށް ފުލުހުން ބުނެއެވެ. ހަމައެހެންމެ ސައިލަކް މަޑި ދަށުގައި އަގުބޮޑު އެއްޗެހި ނުބެހެއްޓުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ސައިކަލް އާއްމުކޮށް ވަގަށް ނަގަނީ ބޮޑެތި ޒޯންތަކުން ކަމަށް ފުލުހުން ބުނެއެވެ. ދިރާގު ކުރިމަތީ އޮންނަ ވިލިމާލެ ޕާކިން ޒޯނަކީ އެންމެ ގިނައިން ސައިކަލް ވަގަށް ނަގާ އެއް ސަރަހައްދު ކަމަށް ފުލުހުން ބުނެއެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުން ވެސް ސައިކަލް ވަގަށް ނަގާވަރު އިތުރެވެ.

ސައިކަލް ވަގަށް ނެގުމުން ލިބެނީ ކުޑަ ގެއްލުމެއް ނޫނެވެ. މިކަން އާއްމު ވެފައިވާ ވަރަށް ބަލާއިރު ރައްކާތެރި ކަމުގެ ފިޔަވަޅުތައް މިވަނީ އަޅަން ޖެހިފައެވެ. އުނދަގޫ ނަމަވެސް ޑިސްކް ލޮކް ބޭނުން ކުރުން ބުއްދިވެރިއެވެ. އެއީ ކުޑަ ހަރަދަކުން އަގު ބޮޑު ސައިކަލް ރައްކާތެރި ކުރެވެން އޮތް ގޮތެކެވެ.

comment ކޮމެންޓް