ގްރޭޓާ މާލޭ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓު ރައީސް އިފްތިތާހުކޮށްދެއްވައިފި

ގްރޭޓާ މާލެ ވޭސްޓް އެނާޖީ ޕްރޮޖެކްޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

މާލޭ ސަރަހައްދުގައި ކުނިން ހަކަތަ އުފައްދާ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

މި މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވައިފައިވަނީ މިކަމަށް ޓަކައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ވޭސްޓް ޓު އެނަޖީ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ސްޕެއިންގެ އުރުބާސާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ބައިނަލްއަގުވާމީ ބީލަމަށް ހުޅުވާލައިގެން، ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

ފަނަރަ އަހަރު ދުވަހުގެ މި އެއްބަސްވުމަކީ ރާއްޖޭގައި މިހާތަނަށް ސޮއިކުރެވުނު އެންމެ ބޮޑު އެއް ކޮންޓްރެކްޓެވެ. މި ކޮންޓްރެކްޓުގެ އަގަކީ އޭގެ އޮޕަރޭޝަނާ އެކު ޖުމްލަ 304 މިލިއަން ޑޮލަރެވެ.

މި މަޝްރޫއުއަކީ މާލޭ ސަރަހައްދާއި ކ.، އއ.، އދ. އަދި ވ. އަތޮޅަށް އަމާޒުކޮށްގެން "ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ނަމުގައި އެންވައިރަމެންޓް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި، ޖަޕާން ފަންޑް ފޯ ޕޮވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު)އާއި، ޓީއޭއެސްއެފްއާއި، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާއި، ދިވެހި ސަރުކާރާ ގުޅިގެންނެވެ.

ގްރޭޓާ މާލެ ވޭސްޓް އެނާޖީ ޕްރޮޖެކްޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ މަޝްރޫއު ތަންފީޒު ކުރުމުން ދެން ކުނިން އަންދާ އިރު، ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ ވަސީލަތްތަކުން ދުމާއި ވިހައާއި ނުބައި ވަހެއްވެސް ބޭރު ނުވާނެ ކަމަށެވެ.

"މި މަޝްރޫއުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި މި އުފެދެނީ ހަކަތަ. އާދެ، ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިއަދަކުރަނިވި ހަކަތަ އިތުރުކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ކުނި މެނޭޖުކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ މާލޭ ސަރަހައްދުގެ އިތުރުން ރަށްރަށަށް ވެސް އަމާޒު ކުރާ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުމްރާނީ މަސައްކަތްތަކާއި އިގުތިސާދީ ހަރަކާތްތައް އިތުރުވަމުން އަންނަ އިރު ކުނި އުފެދޭ މިންވަރު އިތުރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ހުރިހާ ރަށެއްގެ ސާފުތާހިރުކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ގާއިމުކުރުމުގެ ހަގީގީ ބޭނުމަކީ އެއީ. އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް، ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން މީހުންދިރިއުޅޭ ހުރިހާ ރަށްތަކަށާއި މިސަރަހައްދުގައި ހިންގަމުންދާ ޓުއަރިސްޓް ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ސިނާއީ މަސައްކަތްކުރާ އެހެން ރަށްތަކަށް ސީދާގޮތެއްގައި ހިދުމަތް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއުން ހާސިލްކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ މޫސުމަށް އަންނަ ބަދަލުތަކަށާއި، އަދި ކާރިސާތަކަށް ވިލުންވެރި ކުނި އުފުލާ، އަދި ނައްތާލާ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

މިކަމަށްޓަކައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކާއި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް ޒޯން ތިނެއްގައި ހިމެނޭ 35 ރަށުގައި ގާއިމު ކުރާނެއެވެ. އަދި ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން
ރަށްރަށުން ބޭރުކުރުމަށްފަހު ތިލަފުއްޓަށް ގެނައުމަށް ޓަކައި އެކަމަށް ހާއްސަ ތިން ލޭންޑިން ކްރާފްޓް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި، ވެހިކަލް ޑިސްމެންޓްލިން ވޯކްޝޮޕެއްގެ އިތުރުން، ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބަހައްޓާނެއެވެ. އެއާއެކު ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ ތިލަފުށީގައި ގާއިމްވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންވައިރަމެންޓް މިނިސްޓްރީން އިތުރަށް ބުނީ މި ދެ އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށްއޮތް 15 އަހަރު މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން އެއްވެސް ދަތިކަމެއްނެތި ކުރިއަށްގެންދެވި، އިންސިނަރޭޓަރުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެނަމަ 250 ޓަނުގެ ސިސްޓަމެއް އިތުރަށް ގާއިމުކުރެވޭނެ ޖާގަ ވެސް ތިލަފުށީގައި މި މަޝްރޫއުގެ ތެރެއިން ކަނޑައެޅިގެންދާނެ ކަމަށެވެ.

ހަމައެހެންމެ ވޭސްޓް ޓު އެނާޖީ ނުވަތަ ކުނިން ހަކަތަ އުފެއްދޭނެ ނިޒާމުގެތެރެއިން ދުވާލަކު އަށް މެގަވޮޓާއި، 5.8 މެގަވޮޓާ ދެމެދުގެ ކަރަންޓު ހަކަތައިން އުފެއްދުމާއިއެކު ތިލަފުށީގެ މަސައްކަތަކަށާއި، ގްރޭޓާ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މުޅި މަޝްރޫއު 2024 ގެ ނިޔަލަށް އެއްކޮށް ތަންފީޒު ވެގެންދާއިރު، ކުނީގެ ހާއްޔެއްގެގޮތުގައި މިހާރު ފެންނަން އޮތް ތިލަފުށީގެ މުޅި މަލަމަތި އެއްކޮށް ބަދަލުވެ، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރުމުގެ ކަންކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

comment ކޮމެންޓް