ރާއްޖޭގައި އުފެދޭ ކުނީގެ 60 ޕަސެންޓަށް ދެ އަހަރު ތެރޭ ހައްލެއް ލިބޭނެ: ޝައުނާ

ގްރޭޓާ މާލެ ވޭސްޓު ޓު އެނާޖީ ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އެންވަޔަރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ---

ރާއްޖޭގައި އުފެދޭ ކުނީގެ މައްސަލަތަކުގެ ތެރެއިން 60 ޕަސެންޓަށް ދެ އަހަރު ތެރޭ ހައްލެއް ލިބިގެން ދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ގްރޭޓާ މާލެ ވޭސްޓު ޓު އެނާޖީ ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭ އެއްޗެއްގެ ގޮތުގައި ހެދުން ކަމަށެވެ.

"މި ފަށައި ގަނެވުނީ އެ މިސްރާބަށް ދިއުމަށް ރާއްޖޭގައި ކުރަން ޖެހޭ މަސައްކަތްތައް. މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެން ދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލަތަކަށް ހައްލު ލިބިގެން އަންނާނެ ކަން އަޅުގަނޑު އުފަލާއި އެކީގައި ފާހަގަ ކުރަން،" އޭނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުނި ނައްތާލުމަށް ގާއިމް ކުރާ ނިޒާމަކީ ވަށާ ޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރު ކުރެވި ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖް ކުރެވޭނެ އިންތިޒާމުތައް ހަމަ ޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"1931 ވަނަ އަހަރުން ފެށިގެން ތިލަފުއްޓަށް ކުނި ޖަމާ ކުރުން. މިވީހާ ދުވަސްވީ ކުނި މެނޭޖް ނުކޮށް. އަޅުގަނޑުމެން އައީ އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އެތަނަށް އޮއްސާލަމުން. އަންދަމުން މިއަދާ ހަމައަށް އައި އިރުގައި އެ ގޮނޑު މިވަނީ އާންމު ނުރައްކަލަކަށް ވެފައި. ގޮނޑުގެ އަލިފާންތައް ދުވަހަކު ވެސް ނުނިވޭ. ތިލަފުށިން އަރާ ވިހަ ދުމުގެ އަސަރު މާލެ އާއި މާލެ ސަރަހައްދުގެ ހުރިހާ ރަށަކަށްވެސް ކުރޭ،" ޝައުނާ ވިދާޅުވިއެވެ.

ނަމަވެސް އެ ގޮނޑުގައި ރޯވެފައިވާ އަލިފާން މިހާރު ވަނީ ވެމްކޯގެ އެހީއާ އެކު ނިއްވާލާފައެވެ. އެގޮތުން، ޝައުނާ ވަނީ ވެމްކޯގެ ހީވާގި މުވައްޒަފުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މިއީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ކޮށްފައިވާ މަސައްކަތެއް ކަމުން އެ މަަސައްކަތް ކުރިއަށް ދިޔައިރު، މަސައްކަތްތައް ކުރިއަށް ދަނީ ކިހާ މިންވަރަކަށް ތޯ ގަވައިދުން ބައްލަވާ މުހިންމު ނިންމުންތައް ނިންމަވައި ދެއްވީތީ ރައިސުލްޖުމްހޫރިއްޔާއަށް ވެސް އޭނާ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

"ތިލަފުށި ފުރި ބާރުވުމުގެ އިތުރަށް އެތަނަށް ކުނި ޖަމާ ނުކުރެވޭ ވަރަށް ކަންކަން ގޯސްވުމުގެ ސަބަބުންނާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖް ކުރާނެ މަރުކަޒުތަކެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިލަފުށީގެ މިސާލު ފެންނަން ފަށައިފި. އެތައް އަހަރެއް ވަންދެން ރަށްރަށުގައި އުފެދުނު ކުނިތައް ރަށުން ބޭރު ނުކުރެވި ރާއްޖޭގެ ކޮންމެ ރަށެއް މިވަނީ ގާތް ގަނޑަކަށް ކުނިވާން ފަށައިފައި. އެކަމުގެ ނުރަނގަޅު އަސަރު އާންމު ދިރިއުޅުމަށްވެސް ކުރޭ، މިއީ ތާހިރު ދިރިއުޅުމަކަށް އޮތް ހުރަހެއް،" ޝައުނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް ކުނި މެނޭޖް ކުރުމަކީ ހުރަހެއް ކަމަށެވެ. އަދި އެއީ އެހާމެ އަގުބޮޑު ކަމެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަ ކުރައްވާފައެވެ. އަދި ދިވެހީންގެ އަސާސީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ ހުރިހާ އެއްޗަކީ ރާއްޖެއިން ބޭރުން އިމްޕޯޓު ކުރާ ތަކެއްޗަށް ވެފައި ވުމުން ރާއްޖޭގައި ކުނި އުފެދޭ މިންވަރު އަންނަނީ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުން ކަމުގައި ޝައުނާ ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ދިވެހި ރާއްޖޭގައި ނެތް ކަމަށާއި މި ޕްރޮޖެކްޓު ވެގެން ދާނީ ރާއްޖޭގެ ތިމާވެށީގެ ތާރީހުގައި ވެސް މިހާތަނަށް ކުރެވޭ އެންމެ ބޮޑު ކޮންޓްރެކްޓަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓު ނިމިގެން ދާއިރު ޖުމްލަ 304 މިލިއަން ޑޮލަރު ހަރަދު ވެގެން ދާނެ. މި މުހިންމު މަޝްރޫއު އަކީ ތިލަފުށީގެ މުޅި މަލަމަތި އެއްކޮށް ބަދަލުކޮށް ރައްކާތެރިކަމާ އެކު ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި މެނޭޖް ކުރުމަށް ކުރެވޭ މަސައްކަތުގެ ބިންގާ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސް ކޮށް އަށް މެގަ ވޯޓާއި 8.5 މެގަ ވޯޓުގެ ކަރަންޓު އުފެއްދޭނެ. މި ފެސިލިޓީ އޮޕަރޭޓް ކުރުމުގަ ހިންގުމަށް ދާ ހަރަދު ހޯދުމަށް ހަމަޖެހިފައި ވަނީ މި ފެސިލިޓީން އުފައްދާ ކަރަންޓާއި ކުނި އަންދައިގެން ލިބޭ އަޅި، ބޮޓަމް އޭޝް ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތަށް ލިބޭ ފައިސާއިން،" ޝާއުނާ ވިދާޅުވިއެވެ.

comment ކޮމެންޓް