500 ރުފިޔާގެ ނޫޓެއް--- ސަން ފޮޓޯ: އިބްރާހިމް އިފާޒް

އާއިލާ ގޮވައިގެން، މާލޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާ އެއް ފަހަރަކު ކުއްޔަށް ހިފި ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް، ސާޅީސް ފަސް ހާސް ރުފިޔާ އެޑްވާންސަށް ބަހައްޓާން ޖެހުނެވެ. ފަސް އަހަރެއްހައި ދުވަހު އެ ތަނުގައި އޭނާ ދިރިއުޅުނެވެ. އެ ތަނުން ނިކުތް ދުވަހު، ގޭގެ ވެރިފަރާތުން އޭނާއަށް ގުޅިއެވެ. މަގުމަތީން ބައްދަލުކޮށް، އެކުވެރިކަމާއި ގާތްކަމުގެ ވާހަކަ ދައްކާލުމަށްފަހު، ޖީބުން ނަގައި ދިއްކޮށްލީ، ނޫޓް ބޮނޑިއެކެވެ. ގުނާލިއިރު ސާޅީސް ފަސް ހާސް ރުފިޔާއެވެ. އެޑްވާންސަށް ދެއްކި ފައިސާ ހަމައަށް ދިނީއެވެ. ފަސް އަހަރު ދުވަހު ދިރިއުޅުނު ތަނެއްގައި މަރާމާތުތައް ވެސް ހުންނާނެތާއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް، ބޮޑުލާރިއެއް ވެސް ނުކަނޑައެވެ.

ހިތަށް އެރިއެވެ. ހާދަހާ ރަނގަޅު މީހެކެވެ. ތަންތަން ކުއްޔަށް ދީގެން ތަނަވަސްކަމުގައި އުޅޭ މި ފަދަ މާތް އެތައް ބަޔަކު މި ފަސްގަނޑުގައި އެބަ ދިރިއުޅެއެވެ. ނިކަމެތީންގެ ނިކަމެތި ހާލަތު ވަޒަންކުރާ، އޯގާވެރިކޮށް ހިތާ، އެތައް މީހުންނެއް ފެނެއެވެ. ކޮވިޑްގެ ބިރުވެރިކަން ރާއްޖެއަށް ފުރަތަމަ އައި ދުވަސްވަރު ވެސް، މި ފަދަ މާތް މީހުން ދެނެގަންނާނެ ފުރުސަތުތައް އެތައް ބަޔަކަށް ލިބުނެވެ. އިންސާނިއްޔަތުކަން ހުންނަ މި ފަދަ ފަރާތްތަކަށް، އެތައް ބަޔެއްގެ ހެޔޮ ދުޢާ އަބަދުވެސް ލިބޭނެއެވެ. ﷲގެ ރަހުމަތާއި ތަނަވަސް ނިޢުމަތް އޮހިއޮހި ހުންނާނެއެވެ. ދުނިޔެއާއި އާޚިރަތުގައި އޭގެ ދަރުމަ ލިބޭނެއެވެ.

މި ޒަމާނަކީ ކުލީ ތަންތަނުގައި އެތައް ބަޔަކު ދިރިއުޅެމުން އަންނަ ޒަމާނެކެވެ. އަމިއްލަ ގެދޮރު ހުންނަ މީހުން ވެސް، ކުއްޔަށް އުޅެއެވެ. އެކިއެކި ސަބަބުތަކާ ހުރެއެވެ. ތަންކޮޅު ކުޑަވީމައެވެ. ދަތިތަކެއް ހުރީމައެވެ. ކުއްޔަށް ދޭ ފަރާތުން ތަންތަން ކުއްޔަށްދޭއިރު، އެޑްވާންސަށް ފައިސާ ނަގަނީ، ކުއްޔަށް އުޅޭ ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުންނަ ގޮތުގެ ސަބަބުންނެވެ. ތަން ދޫކޮށްލާފައި ދާއިރު، ތިން ހަތަރު ބިލް ނުދައްކާ އޮވެދާނެއެވެ. އެތައް ބައިވަރު މަރާމާތެއް ހުރެދާނެއެވެ. އެ ހުރިހައި ކަމެއް ކުރާން ޖެހެނީ ގޭގެ ވެރިފަރާތުންނެވެ. އެޑްވާންސަށް ފައިސާ ނުނެގި ހުރި ނަމަ، އެ ހުރިހައި ޚަރަދުތައް ކުރާންޖެހޭނީ އޭނާގެ ޖީބުންނެވެ. މި ކަންކަން ތަޖުރިބާ ކޮށްފައި ތިބި އެތައް ބިންވެރިންނެއް މާލޭގައި ތިބޭނޭކަން ކަށަވަރެވެ. އެހެންކަމުން އެޑްވާންސަށް ފައިސާނެގުމަކީ ކުރާންޖެހޭ ކަމެކެވެ. ދެ ފަރާތުގެ މަސްލަޙަތަށް ޓަކައި ވެސް ވަރަށް މުހިންމު ކަމެކެވެ.

ހިތާމައަކީ ބައެއް ފަރާތްތަކަށް، އެޑްވާންސަށޭ ކިޔާފައި ބެހެއްޓޭ ފައިސާގެ މާނަ އޮޅޭތީއެވެ. މިއީ އިމާރާތުގެ ވެރިފަރާތުގެ ޙައްޤެއް ނޫނެވެ. ފައިސާ ދިން ފަރާތުގެ މިލްކެކެވެ. ތަން ދޫކޮށްލާފައި ނިކުތުމުން، އެ ފައިސާ އަނބުރާ އޭނާއަށް ދޭން ޖެހޭނެއެވެ. މަރާމާތެއް، ދައްކަންޖެހޭ ބިލެއް އޮތް ނަމަ، އެކަމަށް ކަނޑާފައެވެ. އެހެންނަމަވެސް މި ފައިސާކޮޅު ނުދީ ހިފަހައްޓާ އެތައް ބަޔަކު އުޅެއެވެ. ގިނަ ފަހަރު ކޮންމެވެސް ސަބަބެއް ނުވަތަ ބަހަނާއެއް ދައްކައެވެ. ފޯނު ނުނަގައި "ފިލައިގެން" ވެސް އުޅެއެވެ. ކުއްޔަށް އުޅޭ ވަރަށް ގިނަ މީހުންގެ ޝަކުވާއަކަށް މިކަން ވެއެވެ. މިއީ ވިސްނަންޖެހޭ ކަމެކެވެ. އެހެން މީހެއްގެ ކިތަންމެ ކުޑަކުޑަ ޙައްޤެއް ވިޔަސް، ތިމާގެ މުދަލާ އެއް ކުރުމަކީ ހެދޭ ބޮޑު ގޯހެކެވެ. ތިމާގެ މުދަލުގެ ބަރަކާތް ކެނޑި ތަޣައްޔަރުވެގެންދާނެ ކަމެކެވެ.

ކޮވިޑްގެ ދުވަސްވަރު މުސާރައިން ބޮޑު ބައެއް އުނިކޮށްލުމުން، ކުއްޔަށް އުޅުނު ތަނުން ނިކުންނާން ޖެހުނު ދެމަފިރިއަކަށް ދިމާވި ކަމެކެވެ. އެ މީހުން ފުރަތަމަ އެދުނީ، ކުލި ކުޑަކޮށްލަ ދިނުމަށެވެ. އެދުމުން ކުލީގެ %5 ކަނޑައިދިނެވެ. ހަމަ އެންމެ މަހަކަށެވެ. އެހެންކަމުން ދަރާވިކިގެން އުޅޭން ބޭނުން ނުވާތީ، އެ ދެމަފިރިން ނިންމީ އެހެން ތަނަކަށް ބަދަލުވާށެވެ. އެ ވާހަކަ ވެރިފަރާތުގައި ބުނެފައި، އެ މީހުން ތަނެއް ހޯދަންފެށިއެވެ. އޭގެ ދޮޅުމަހެއްހައި ދުވަސްފަހުން ކުޑަ ކުއްޔަކަށް ތަނެއް ލިބުމުން، އެ ތަނަށް ބަދަލުވިއެވެ. ތަޅުދަނޑިއާ ހަވާލުވާން އެދުމުން، ވެރިފަރާތުން ބަޔަކު ގޮވައިގެން ގޮސް، އެ ދެމަފިރިންގެ ޙާޟިރުގައި ތަން ބެއްޔެވެ؟ އެއްވެސް މަރާމާތެއް ނެތް ކަމަށާއި ދައްކާންޖެހޭ ކަރަންޓް ބިލެއް ފިޔަވައި އިތުރު ބިލެއް ވެސް ނެތްކަމަށް ކަނޑައަޅައި، ތަޅުދަނޑިއާ ހަވާލުވިއެވެ. އެ ބިލް އައުމުން އެކަން ވެސް ދެމަފިރިން ނިންމިއެވެ. އެހެންކަމުން އުއްމީދުކުރެވުނީ، އެޑްވާންސަށް ބެހެއްޓި ވިހި ހާސް ރުފިޔާ ލިބޭނެ ކަމަށެވެ. އަތްމަތި ހުސްވެފައިވާ ދަނޑިވަޅަކަށްވުމުން، އެ ފައިސާކޮޅަށް ވަނީ ނުހަނު ބޮޑަށް ބޭނުން ޖެހިފައެވެ. އެހެންނަމަވެސް ކަންތައް ދިޔައީ އެހެނެއް ނޫނެވެ. ގުޅައި، މެސެޖްކޮށް ހަދައިގެން ވެސް، އެންމެ ލޯލާރިއެއް ވެސް ނުދިނެވެ. ދެމަފިރިންނަށް ޖެހުނީ ދަރަންޏަށް ނަގައިގެން ހަމަޖައްސާށެވެ. މިއީ ރާއްޖެއަށް ނަން މަޝްހޫރު، ތަންދޮރުފިލާފައިވާ އިލްމުވެރިއެއްގެ ފަރާތުން ބަޔަކު ކުރި ތަޖުރިބާއެކެވެ.

މި ކަހަލަ އެތައް އެތައް ވާހަކައެއް އެބަ ހުއްޓެވެ. އުފަލާއި ހިތާމައިގެ އެތައް ހާދިސާއެއް، އެތައް ބަޔަކު އަންނަނީ ތަޖުރިބާކުރަމުންނެވެ. އަނެކާގެ ޙައްޤެއް ހިފެހެއްޓުމަކީ ނުރައްކާތެރި ކަމެކެވެ. މި ކަމުގެ ބިރުވެރިކަން ނޭނގޭ ނަމަ، އެނގޭ މީހުންގާތު އަހައި އޮޅުންފިލުވައިގެން ވެސް، މި ފަދަ ކަންކަމާ ދުރުހެލިވާށެވެ! އެ ފަދަ ކަންކަމުން، ތިމާގެ ހަލާލު މުދާކޮޅު ކިލަނބުނުކުރާށެވެ! އޭގެ ހިތި ނަތީޖާ ދުނިޔެމަތީގައި ވެސް ފެނިދާނެއެވެ. އާޚިރަތުގައި އޭގެ ވޭނާ ކުރިމަތިލާން ޖެހޭނެކަމީ، ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ.

comment ކޮމެންޓް