ދޮންބައްޕައެއްގެ ހަޑިމުޑުދާރު އަމަލުތަކެއް، 29 އަހަރަށް ޖަލަށް

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ދޮން ދެ ދަރިންނަށް ޖިންސީ ގޯނާ ކުރި ދޮންބައްޕައެއް 29 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަށާރަ އަހަރުން ދަށުގެ ދޮން ދެ ދަރިންނާ އެކި ފަހަރު މަތިން ގަދަކަމުން ޖިންސީ ގޯނާކުރި ދޮން ބައްޕައެއް 29 އަހަރަށް ޖަލަށް ލުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ. އެ ކުށަށް އިއުތިރާފްވެ އެ ހަޑިމުޑުދާރު އަމަލުތަކުގެ ވާހަކަތައް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.

ދޮން ދެ ދަރިންނާއި އެ ކުދިންގެ މަންމަގެ އިތުރުން ފިރިމީހާ ވ. ގާތިފް, ހަސަން އަތޫފް އަދި އެ ދެ މީހުނަށް ލިބިފައިވާ ދަރިފުޅާއެކު އުޅެމުން ދިޔައީ ދެ ކޮޓެރީގެ އެޕާޓްމެންޓެއްގައެވެ.

އަތޫފުގެ ނަމުގައި ދެ ކޮޓެރީގެ އެޕާޓްމެންޓް ކުއްޔަށް ހިފާފައި ހުރި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމަށްފަހު, އޭނާގެ ވަޒީފާ ގެއްލުމުން ގޭގެ ކުއްޔާއި އެހެނިހެން ހަރަދުތައް ބަލަހައްޓަމުން ދިޔައީ އަނބިމީހާއެވެ.

އަނބިމީހާ ވަޒީފާއަށް ދިއުމުން އެ ދެ މީހުނަށް ލިބިފައިވާ ދަރިފުޅު ބަލަން ގޭގައި ހުންނަނީ އަތޫފްއެވެ. އޮންލައިން ކްލާސްތަކުގައި ބައިވެރިވުމަށް ސޯޅަ އަހަރާއި 11 އަހަރުގެ ދޮން ދެ ދަރިންވެސް ތިބެނީ ގޭގައެވެ. އެހެން ކަމުން މަންމަ އަންނަންދެން އެ ގޭގައި ދޮން ދެ ދަރިންގެ އިތުރުން ދެން ހުންނާނީ އަތޫފު އަދި އޭނާގެ ކުޑަ ދަރިފުޅެވެ.

އަނބިމީހާއާ އެ ދެ މީހުންގެ ދަރިފުޅާއި އެކު އަތޫފް އެއް ކޮޓެރީގައި އުޅުމުން ދިޔަ ނަމަވެސް ދޮން ދެ ދަރިންގެ ކޮޓެރީގައި ބައެއް ފަހަރު އޭނާ ނިދައެވެ. އެއީ ވިލިނގިލީގައި އުޅޭ އެ މީހުންގެ އެޕާޓްމެންޓަށް ރަށުން އަންނަ ބައެއް އާއިލާ މީހުން ދިއުމުންނެވެ.

ދެ ކުދިންނާ ބެހި ފޮޓޯ ނަގާފައިވޭ:

ދޮން ދެ ދަރިން ނިދާ ކޮޓެރިއާ މީނާ ވަންނަނީ 'ހުންނަ ނުބައިކަމެއްގެ' ސަބަބުން ކަމަށް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.

ދެ ކުދިންނާ ވެސް އެކި ފަހަރު މަތިން ބެހިފައިވާއިރު 16 އަހަރުގެ ކުއްޖާ ނިދާފައިއޮއްވާ އެކުއްޖާގެ ހެދުން މަތިންނާއި ކަރުވަޅުން ހެދުން އެތެރެއަށް އަތްލައި އެ މަންޒަރު ފޮޓޯ ނަގާފައިވާ ކަމަށް އަތޫފް ވަނީ ބުނެފައެވެ. އެކަން އޭނާ ދިހަވަރަކަށް ފަހަރަށް ވުރެން އިތުރަށް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދޮން ދެ ދަރިން އުޅުނު ކޮޓެރީގައި އެ ކުދިންނަށް ނޭނގޭ ގޮތަށް ކެމެރާއެއް ބެހެއްޓުމަށްފަހު އެ ކުދިންގެ ބަރަހަނާ ފޮޓޯތައް ވެސް އޭނާ ވަނީ ނަގާފައެވެ. އެ ފޮޓޯތައް ހާޑް ޑިސްކުގައި ރައްކާކޮށްފައިވާއިރު, އެއް ދުވަހު ކޮމްޕިއުޓަރުން ބަލަމުން ދަނިކޮށް 11 އަހަރުގެ ކުއްޖާއަށް ފެނުނު ކަމަށްވެސް ވަނީ ބުނެފައެވެ.

11 އަހަރުގެ ކުއްޖާ ރޭޕް ކުރަން މަސައްކަތް ކުރި

އަތޫފުގެ މި އަމަލުތައް ފެށިފައިވަނީ ކޮވިޑާ ގުޅިގެން ކުރި ލޮކްޑައުން, ނިމުމަކަށް ގެނައި ދުވަސްކޮޅުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލުތައް ތަފްސީލްކޮށް ކިޔައިދީފައިވާއިރު, އެތަނުން 11 އަހަރުގެ ކުއްޖާ, ރޭޕްކުރަން މަސައްކަތް ކުރި ކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން, 11 އަހަރުގެ އަންހެން ކުއްޖާއަށް މީނާގެ ކުރިމަތި ފަރާތް ދައްކައި އެ ކުއްޖާއާ އެކު ގަދަކަމުން ގުޅުން ހިންގަން ދެތިން ފަހަރު މަސައްކަތް ކުރި ކަމަށް ވަނީ ބުނެފައެވެ.

މަންމައަށް އެނގުމުން ފިޔަވަޅު އެޅި, މައާފެއް ނެތް

ދެ ކުދިންނަށް ލިބެމުންދިޔަ އަނިޔާތައް އޭނާގެ މަންމައަށް އެނގުމުން އެކަމައި ރުޅިއައިސް އަތޫފަށް އެއްޗެތި ގޮވި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކުށަށް އިއުތުރާފްވެ މައާފުކޮށްދިނުމަށް އެދުނު ނަމަވެސް މައާފްކޮށްދެން ނެތް ކަމަށް މަންމަ ވަނީ ބުނެފައެވެ.

އަތޫފުއާ ދެކޮޅަށް އޭނާގެ އަނބިމީހާ އަދި އެ ދެ ކުދިންގެ މަންމަ ވެސް ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.

ހަސަން އަތޫފްގެ މައްޗަށް ފަސް ދައުވާއެއް އުފުލުމަށް ނިންމި ނަމަވެސް ދެ ދައުވާއަށް އޭނާ އިއުތިރާފްވުމުން އެނެއް ތިން ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން އޮތީ ނިންމާފައެވެ.

އެގޮތުން އޭނާ އިއުތިރާފްވެފައިވަނީ, އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އަކަށެވެ.

އެތަނުން އެއް ދައުވާ ސާބިތުވުމުން އަތޫފަށް ކޮށްފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އަނެއް ދައުވާ ސާބިތުވުމުން އިއްވާފައިވަނީ 14 އަހަރާއި ފަސް މަހާއި ހަތް ދުވަހަށް ޖަލަށް ލުމަށެވެ.

comment ކޮމެންޓް