ޝީލްޑް މެޗު ކާމިޔާބުކުރެވިއްޖެނަމަ މާޒިޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ: މޯހަން

މާޒިޔާގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މާޒިޔާއަށް ކާމިޔާބު ކުރެވިއްޖެނަމަ މާޒިޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވާ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބު ވެލެންސިޔާއެވެ. މި މެޗު ކުޅޭނީ މާދަމާ ރޭގެ އަށެއް ޖަހާއިރުއެވެ.

މިއަދު ބޭއްވި ޗެރިޓީ ޝީލްޑް މެޗުގެ ޕްރީ މެޗު ޕްރެސްގައި މޯހަން ބުނީ ސީޒަނެއް ފައްޓާއިރު އެންމެ ފުރަތަމަ ކުޅޭ މެޗުގައި ރަނގަޅު ކާމިޔާބެއް ހޯދުމަކީ އަބަދުވެސް ސީޒަނަކަށް ކުރިމަތިލާއިރު ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ޝީލްޑު ލިބިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ. ކޮންމެ ގޮތެއްވިޔަސް މިއީ ފުރަތަމަ މެޗު އަދި ތައްޔާރު ވެފައި ހުރި ވަރު ވެސް އަންދާޒާކޮށްލަން އެނގޭނީ މި މެޗަށްފަހު. އެހެންވީމާ މި މެޗު ކާމިޔާބުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ. އަދި ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު އިތުބާރެއް. ޖުމުލަކޮށް ބުނާނަމަ މުޅި ޓީމަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް،" ފުޓުބޯޅައިގެ ކޯޗިންގް ދާއިރާގައި ތަޖުރިބާކާރު މޯހަން ބުންޏެވެ.

މޯހަން ބުނީ މާޒިޔާ އިން ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއް ލިބުނު ކަމުގައި ވިޔަސް ވަރަށް ރަނގަޅު ޕްރެކްޓިސްތަކެއްކޮށް ތައްޔާރުވެފައިކަމަށާއި، އެންމެ ރަނގަޅަށް ތައްޔާރުނުވެ އޮތް ޓީމުތަކާ ކުޅޭއިރު، ސަމާލުވާން ޖެހޭނެ ކަމަށެވެ.

"އެޑްވާންޓޭޖަކަށް އޮންނާނީ އަޅުގަނޑުމެން ތައްޔާރުވެފައި އިންނާނީ ފިޒިކަލީ. ޓީމެއްގެ ގޮތުގައި ތައްޔާރުވުން ވެސް އެއީ ލިބޭ ހިތްހަމަޖެހުމެއް. ދެން އިންނާނީ އަނެއް ކޮޅު. އެއީ ޕްރެޝަރު. އެއީ ކޮންމެ ގޮތެއް ވިޔަސް ތައްޔާރުވާ ޓީމެއް މޮޅުވާން މާ ބޮޑަށް އެދޭނެ. ތައްޔާރުނުވެ އަންނަ ޓީމަކަށް ކޮންމެގޮތެއްވިޔަސް އެ ޕްރެޝަރު އެހާ ބޮޑެއް ނުވާނެ،" މޯހަން ބުންޏެވެ.

މާޒިޔާ އިން ވަނީ މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ނ. އަތޮޅު ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.

މާޒިޔާއަށް ދާދި ފަހުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ވަނީ ގުޅިފައެވެ. މޯހަން ބުނީ އަކޫ ޓީމަށް ގުޅުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި އަކޫ އަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"އަކޫ އަކީ ހުރިހާގޮތަކުންވެސް މޮޅު ކުޅުންތެރިއެއްގެ އިތުރަށް ވަރަށް ރަނގަޅު ލީޑަރެއް. ކުޅުންތެރިންނަށް ހިތްވަރު ދީގެން ޕްރެކްޓިސްގައި ވެސް ކުޅުންތެރިންނަށް ސަޕޯޓުކޮށްގެން އެއްބާރުލުންދީގެން ވަރަށް ރަނގަޅަށް ކުޅެމުންދާ ކުޅުންތެރިއެއް އޭނާ އަކީ. ކޮންމެހެން ނުބަލާ އޭނާ ހުރި ހިސާބަކީ ކޮބައިތޯއެއް. ކޮންމެ އުމުރެއްގެ ކުޅުންތެރިންނާވެސް ވަރަށް ގުޅިގެން މަސައްކަތް ކުރޭ،" އަކޫ އާ ގުޅޭގޮތުން މޯހަން ބުންޏެވެ.

މާޒިޔާ އިން ވަނީ އެ ޓީމުގެ ގޯލު ބަލަހައްޓަން ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮން ގެނެސްފައެވެ. ހަމައެހެންމެ، މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ނަންވިދާލި ހައިޝަމް ހަސަން ވެސް ވަނީ އެޓީމާ ގުޅިފައެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ މާޒިޔާ ޓީމުގައި ނިސްބަތުން ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނެއެވެ.

މާޒިޔާ އާއި ވެލެންސިއާ ވަނީ 2017 ވަނަ އަަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކޮށްފައެވެ. އެ ފަހަރު ވެލެންސިއާ އަތުން މާޒިޔާ މޮޅުވީ 1-0 އިންނެވެ. މިފަހަރުގެ ޝީލްޑް މެޗު މާޒިޔާ އިން ކާމިޔާބުކޮށްފިނަމަ ޖުމުލަ ހަތަރު ފަހަރަށް ޝީލްޑް ކާމިޔާބު ކޮށް ރެކޯޑް ހެދޭނެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަންއާ ކޯޗުކަން ހަވާލުކުރީ މިދިޔަ އޮކްޓޯމަރު މަހުގައެވެ.

މޯހަން އެޓީމާ ހަވާލުވުމަށްފަހު ބުނެފައިވަނީ މާޒިޔާ އަކީ މިވަގުތު ރާއްޖޭގައި އެންމެ ރަނަގަޅަށް ހިންގަމުން އަންނަ ކްލަބް ކަމަށާއި ޓީމާ އެކު ކާމިޔާބު ހޯދުމަކީ ޗެލެންޖެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް