ތިޔަ ލޯބި އެދިގެން... - 28

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

އިރުގަނޑަކު ބަލަން ހުރުމަށްފަހު، އޭނާ ހުން ހުރިތޯ ބަލަން ވެގެން ޝިޒާންއާ ދިމާލަށް ކުޑަކޮށް ގުދުވެލީ ޝިޒާން އޮތީ އެނދުގައި މެދާ ދިމާލުގައި ކަމަށްވީތީއެވެ. އޭނާ އެއް އަތް އުފުއްލާލާފައި ގެންގޮސް ޝިޒާންގެ ނިތުގައި ޖައްސައިލިއެވެ. މިންހާގެ ފިނި އަތްތިލަ ޖެހުމާއެކު ޝިޒާން ލޯ ހުޅުވައިިލިއެވެ. އެއާއެކު މިންހާ ދިޔައީ ސިއްސައިގެންނެވެ. ހަދައިލެވުނު ގޮތަކުން އޭނާ ވެއްޓުނީ ޝިޒާންގެ މޭ މައްޗަށެވެ.

ވެއްޓުނުގޮތަށް މިންހާގެ އަތްތިލަ ޖެހުނީ ޝިޒާންގެ މޭމަތީގައެވެ. ޝިޒާންގެ ހަށިގަނޑުގެ ހޫނުކަން އޭނާއަށް އިޙްސާސްކުރެވެމުން ދިޔައެވެ. އޭރު އެ ދެމީހުންގެ މޫނު ހުރީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެކަކުގެ ހޫނު ނޭވާ އަނެއްކަކުގެ މޫނަށް އެޅޭހާ ކައިރިއެވެ. ޝިޒާންގެ ތޫނު ދެލޮލާ މިންހާގެ ލޮލާ އަމާޒުވި ވަގުތު އޭނާގެ ނޭވާވެސް އަރުތެރޭގައި ތާށިވިފަދައެވެ. އެދެލޮލަށް ބަލަހައްޓައިގެން ހުންނަން މިންހާއަށް އުނދަގޫވިއެވެ. އޭނާ ނަޒަރު ވަކިކޮށްލިއެވެ. ތެދުވަން އުޅުނު ވަގުތު ޝިޒާން މިންހާއަށް ގޮވައިލިއެވެ.

"މިންހާ!" ޝިޒާންގެ އަޑުގައި ވަނީ ވަރުބަަލިކަމެވެ. ނިދިފައި ހޭލެވުމުން އާއްމުކޮށް ހުންނަވަރަށް ވުރެ އެ އަޑު ބަރުވެފައި ހުރިހެން ހީވިއެވެ. ޝިޒާންގެ އަޑު އިވި މިންހާއަށް އޭނާގެ ހަރަކާތްތައްވެސް މަޑުޖައްސައިލެވުނެވެ. އޭނާ އަނެއްކާވެސް ޝިޒާންއަށް ބަލައިލިއެވެ. ޝިޒާން އިތުރަށް އެއްޗެއް ނުބުނުމުން ޝިޒާންގެ މޭމަތިން އޭނާ ތެދުވެލިއެވެ. އެއަށްފަހު ހަށިގަނޑު ސީދާކޮށްލިއެވެ.

"ސޮރީ..." މިންހާ ބުނެލިއެވެ.

"ކޮންކަމަކަށް؟" ޝިޒާން ކުޑަކޮށް ތެދުވެލާ ހެޑްބޯޑުގައި ލެނގިލިއެވެ.

"ދެންމެ... އަހަރެން.... ހުން ހުރީމަ..." މިންހާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.

"މާ ބޮޑަށް ހުމެއް ނާދެ. ކައިގެން ބޭސްކައިލަނިކޮށް ރަނގަޅުވާނެ!" ޝިޒާން ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އެނދުގެ ސައިޑް ކަބަޑުމަތީގައި ބަހައްޓާފައި ހުރި، ކާއެއްޗިއްސަށެވެ. އޭނާ ސުވާލުގެ ނަޒަރަކުން މިންހާއާށް ބަލައިލިއެވެ.

"ނީނާ އަންނަނިކޮށް އަހަންނަށް ފެނުނީމަ ބުނީ އަހަރެން އަަތަށް ދޭން!" ޝިޒާންއަށް ބަލައިލަމުން މިންހާ އަވަސް އަވަހަށް ބުނެލިއެވެ. މިންހާ އެހެން ބުނެލުމާއެކު ޝިޒާންގެ ތުންފަތް މަށްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިންހާގެ އެ ކުޑަ ކުޑަ އަމަލުންވެސް އޭނާއަށް ބުނެދޭން ނޭނގޭ އުފާވެރި އިޙްސާސްތަކެއް ކުރުވަމުންދިޔައެވެ.

"ހުން ހާދަ ގަދައޭ..." މިންހާ ބުނެލިއެވެ. ޝިޒާން އެއްޗެއް ނުބުނެއެވެ. ޝިޒާން ތެދުވަމުން ބުނީ އޭނާ ފެންވަރައިގެން ނުުކުމެ ކާނެކަމުގައެވެ. މިންހާ ހިސާބަކަށް ލަދުންހުރެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފާލާފައި އަދިވެސް އެއްފަހަރު މިންހާ ޝިޒާންއަށް ބަލައިލިއެވެ. އެނދުގައި އިށީނދެލައިގެން ޝިޒާން ބޮލުގައި އަތް ޖައްސާލައިގެން އިނެވެ. އޭނާ ނުކުމެ ދޮރު ލައްޕައިލިއެވެ.

ފެންވަރާލައިގެން ނުކުތުމުން ކޮންމެވެސް ވަރަކަށް ހުން މަޑުވިނަމަވެސް، ހަށިގަނޑުގައި ހުރި ވަރިބަލިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ޝިޒާން ކައިގެން ބޭސް ކައިގެން އޮށޯވެލަން އުޅުނު ވަގުތު އޭނާއަށް ފޯނެއް އައެވެ.

"ބައްޕާ!" ޝިޒާން ގޮވައިލިއެވެ.

"ދަރިފުޅު ކިހިނެއްތަ؟" ވާހަކަ ދެއްކީ ޝިޒާންގެ ބައްޕަ ނުހައިލްއެވެ.

"ރަނގަޅު! ކުޑަކޮށް ހުން އައިސްގެން މިއުޅެނީ." ޝިޒާން ބުނެލިއެވެ.

"ބޭސް ކައިފިންތަ؟ ކޮބާތަ މިންހާ؟" ނުހައިލް ސުވާލުކޮށްލިއެވެ. މިންހާއާއި ޝިޒާންގެ ކައިވެނީގެ ހުރިހާކަމެއްވެސް ނުހައިލްއަށް އެނގެއެވެ.

"މިންހާވެސް އެބަ އުޅޭ... ބޭސް ކައިފިން... ކޮބާތަ މަންމަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"މަންމަވީ ގޭގައި. އޮފީހަށް އައިސް މި ގުޅައިލީ... ދަރިފުޅުގެ މާމަވެސް ދަރިފުޅު ނައިސްގެން އެ ވާހަކަ އަބަދު ދައްކަނީ." ނުހައިލް ބުނެލިއެވެ. އެވާހަކައަށް ޝިޒާން އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު ޝިޒާން ބައްޕަ ނުހައިލްއާއި ވާހަކަ ދައްކައިލާފައި ފޯނު ބޭއްވިއެވެ. ވަރުބަލިވެފައިހުރިވަރުން އޭނާއަށް އަނެއްކާ ވެސް ނިދުނީއެވެ. ތިންދުވަސް ތެރޭގައި ޝިޒާންގެ ހުންގަނޑުވެސް އެކީ މަޑުވެ އޭނާ އޮފީހަށް ނުކުންނަން ފެށިއެވެ. އަނެއްކާވެސް ކަންތައްތައް އިހު ހުރިގޮތަށް އިއާދަވާން ފެށިއެވެ. އެ ތިން ދުވަސްތެރޭގައި ޝިޒާންއަށް ކޮންމެވެސް ވަރަކަށް މިންހާގެ އެހީތެރިކަން ލިބުނު ނަމަވެސް، އަނެއްކާވެސް މިންހާ ވަރީގެ ވާހަކަ މާގަދައަށް ޝިޒާންއާ ދައްކަން ފެށިއެވެ.

އޭގެ ފަހުން ތިން ހަފްތާ ފާއިތުވެގެންދިޔައިރު މިންހާގެ ތަފާތު ޖެއްސުންތަކާ ޝިޒާންއަށް ކުރިމަތިލާން ޖެހުނެވެ. މިންހާއަށް ގަނެދޭ ރީތިވާ ސާމާނުތައް ހަފްތާއެއް ނުވަނީސް ހުސްކޮށް ގަނެގެން ގެންނަ އެއްޗެހި އިސްރާފުކުރަން ފެށިއެވެ. ޝިޒާންގެ އެކި އެއްޗެހި ފޮރުވުމާއި އިސްތިރިކޮށްފައި ހުންނަ އަންނައުނުވެސް ބޮނޑިކޮށް އުނދަގޫކުރަން ފެށިއެވެ. އެހުރިހާކަމެއްވެސް މިންހާ ކުރަމުންދިޔައީ ޝިޒާން އޭނާ ވަރިކުރާނެކަމަށް ހީކޮށެވެ. ޝިޒާންއަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށޭ މިންހާގެ ހިތަށް އަރަމުންދިޔައެވެ.

މިންހާގެ އެ ހުރިހާ އަމަލެއްގެ ފަހަތުގައި ފޮރުވިފައިވަނީ އެންމެ ސަބަބެއްކަން ޝިޒާންއަށް ވެސް އެނގެއެވެ. އެހެންނަމަވެސް އޭނާވެސް ހުރީ އޭނާގެ ގޮތުގައެވެ. މިންހާ ވަރިކުރުމަކީ އޭނާ ދުވަހަކުވެސް ކުރާނެކަމެއް ނޫނެވެ. މިންހާ ކުރާ ޖެއްސުންތަކުން އޭނާ މިންހާ ވަރިކޮށްފާނެކަމަށް މިންހާއަށް ހީވާނަމަ އެއީ ކުށެކެވެ. އޭނާއަށް މިންހާގެ ކޮންމެ ޖެއްސުމަކަށްވެސް ކެތްކުރެވޭނެއެވެ.

އަނެއްކޮޅުން މިންހާއާ އާހިލްގެ ގުޅުންވެސް ދިޔައީ ކުރިއަށެވެ. މިންހާ އާހިލްއާ ބައްދަލުކުރަން އަނެއްކާވެސް އެދުނެވެ. އެހެންނަމަވެސް އޭރު އަނެއްކާވެސް އާހިލް ހުރީ އޮފީސްކަމަކު ރާއްޖެތެރޭ ރަށެއްޖައެވެ. ދެން އާދެވޭނޭ ދުވަހެއް ބުނަން ނޭނގޭ ކަމުގައި އާހިލް މިންހާ ކައިރީގައި ބުންޏެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ވައިގަދައެވެ. ވިއްސާރައެވެ. މިންހާ އެނދުގައި އޮށޯވެލައިގެން އޮތްއިރު ކުޑަދޮރުގެ ފަރުދާތައް ކަހާލާފައި ވުމުން ވިދާލާ ވިދުވަރާއެކު މުޅި ސަރަހައްދު އަލިވެގެންދާތަން އޭނާއަށް ފެނެއެވެ. އޭނާ މަޑުމަޑުން އެނދުން ތެދިވެލިއެވެ. އަދި ގޮސް ކުޑަ ދޮރުތައް ކައިރީގައި ހުއްޓުނެވެ ދޮރުފަތް ހުޅުވައިލުމާއެކު، ވަޔާއެކު އަންނަ ވާރޭގެ ތިކިތަކުގެ ހަމަލާ ކޮންމެވެސް ވަރަކަށް އޭނާއަށް އަމާޒުވިއެވެ. ހަމައެއާއެކު، އެއްވެސް ހުރަހެއްނެތި އައި ތެތްފިނި ވައިރޯޅިތައް އޭނާގެ ގައިގައި ބީހިލުމާއެކު މުޅިގައިން ހީބިހި ހިލުވައިލިއެވެ. މިންހާ އޭނާގެ ދެއަތް މޭގައި ހުރަސްކޮށްލިއެވެ. އޭނާ ކޮޕަރ ބްލޮންޑް ކުލައިގެ އިސްތަށިގަނޑު ވައިރޯޅިތަކާ ސަމާސާ ކުރަމުންދިޔައިރު މިންހާގެ ނަޒަރު ހުރީ ވެހެމުންދިޔަ ބޯ ވާރޭގެތެރެއަށް ހުއްޓިފައެވެ. އޭރުވެސް އިރުއިރުކޮޅަކާ ވިދާލައެވެ. ގުގުރައިލަނީވެސް ސިއްސައިގެންދާހާ ބާރަށެވެ. މިންހާ އެތަނުގައި ހުރެފައި ފިނި ބޮޑުވެގެން ދޮރުތައް ލައްޕާލާފައި ގޮސް އޭސީ ރިމޯޓް ނަގާ އޭސީ ނިއްވައިލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުވެސް ދިޔައީ ރޫރޫ އަޅަމުންނެވެ.

އޮފީހުގައި ނންމަން ޖެހޭ މަސައްކަތެއް ނިންމުމަށްފަހު ޝިޒާން ކާރުގައި ގެއަށް ދާން ނައްޓައިލިއިރުވެސް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އޭރުވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދިޔައެވެ. މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ޝިޒާން ފަރުވާތެރިކަމާއެކު ކާރު ދުއްވަމުންދިޔައިރު، މަގުމަތިން ދުއްވާ އެއްޗެއްވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ. ފޯނު އޮތީ ސައިލެންޓަށް ލެވިފައިކަމުން ފޯނު ދެފަހަރަކު ރިންގްވީކަމެއްވެސް ޝިޒާންއަކަށް ނޭނގެއެވެ. ގެއާ ހިސާބަށް އާދެވުމުން ދޮރުވާނަކަށް ހުރި މީހާ ދޮރު ހުޅުވައިލިއެވެ. އެއާއެކު ޝިޒާން ކާރު އެތެރެއަށް ވައްދައިލިއެވެ. ކާރު ޕާކުކޮށްލާފައި އޭނާ ގޮސް ގެއަށް ވަނެވެ. ގޭތެރޭގައި ރާމިޒާ ހަރަކާތްތެރިވަމުން ދިޔައެވެ.

"މިންހާ ކޮޓަރީގައިތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ކައިގެން ދިޔަގޮތަށް ތިރިއަކަށް ނާދޭ!" ރާމިޒާ ބުނެލިއެވެ. ޝިޒާން ބޯޖަހައިލުމާއެކު ރާމިޒާ ބަދިގެ ފަރާތަށް ހިނގައިގަތެވެ.

ޝިޒާން އޭނާގެ ޖީބުގައި އޮތް ފޯނުނަގާ ބަލައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އައިސްފައި ހުރި މިސްކޯލްތައް އަޅައިގަތުމާއެކު ކުޑަކޮށް ހައިރާންވިއެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގާ އެ ނަންބަރަށް ގުޅައިލިއެވެ. އެންމެ ފުރަތަމަ ރިންގާއެކު އެކޮޅުން ފޯނު ނެގިއެވެ.

"ކިހިނެއްވީ؟ ހާދަވަރަކަށް ގުޅާފަ..." ޝިޒާން ސުވާލުކޮށްލިއެވެ.

އެއާއެކު އެކޮޅުން ބުނެލި ވާހަކައިން ޝިޒާންގެ ފައިދަށުން ބިންގަނޑު ހީވީދެމިގެން ދިޔަހެންނެވެ. އޭނާއަށް ބާރަށް ކީކޭ ހޭ އަހައިލެވުނުނެވެ. އެއާއެކު އެކޮޅުން އަނެއްކާވެސް އެ ޖުމްލަތައް ތަކުރާރުކޮށްލިއެވެ.

"ކޮން އިރަކު؟ ކިހިނެއް؟" ޝިޒާންއަށް އަހައިލެވުނެވެ. ފޯނުން ވާހަކަ ދައްކާނިމުމާއެކު އޭނާއަށް ނިތުގައި އަތް ހިންގައިލެވުނެވެ. ހާސްވެފައި ހުރެ އޭނާ ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ. ސިޑިން އަރައިގެން އެންމެ ފުރަތަމަވެސް ޝިޒާން މިސްރާބުޖހީ މިންހާގެ ކޮޓަރިއާ ދިމާލަށެވެ. އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމާއެކު ޝިޒާން އެތެރެއަށް ވަނެވެ. އެއާއެކު ސޯފާގައި އޮތް މިންހާ ސިހިފައި ތެދުވެލިއެވެ. ޝިޒާންގެ މޫނުމަތިން ފެނުނު ހާސްކަމަކީ މީގެކުރިން ދުވަހަކުވެސް މިންހާއަށް ފެނުނު ހާސްކަމެއްނޫނެވެ. އޭނާ ތެދުވެލިއެވެ. އޭނާއަށް އެއްޗެއް ނުބުނެވި އުޅެނުކޮށް ޝިޒާން މިންހާއާ ސުވާލުކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު