ފެނުނީ މަންމަގެ ފުރާނަ ނެތް މަސްގަނޑު، ދެން ލިބުނީ ދަރިފުޅުގެ މަރުގެ ޚަބަރު

ސުނާމީގެ ހަނދާންތައް ފާތޭ "ސަން"އާ ހިއްސާ ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

(ތ. ވިލުފުށިން) ދިވެހި އަންހެންވެރީންނަކީ ފަތިހު މުނާޖާ ކޮނޑުއަޅައިގެން ތެދުވެ މަސައްކަތް ފަށައިގަންނަ ބައެކެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށާއި ގޯތިދޮށް ކުނިކެހުމަށެވެ. ދަރީންގެ ކަންކަން ބެލެހެއްޓުމާއި މިފަދަ އެތައް ކަމަކަށެވެ.

ތ. ވިލުފުށީ، ފާތިމަތު އިބްރާހިމް (ފާތޭ)އަށް ވެސް އެއީ އެފަދަ ދުވަހެކެވެ. އެ ދުވަހުގެ ހެނދުނު ފާތޭ ވެސް އުޅުނީ މަސައްކަތުގައި އަވަދިނެތިއެވެ. ގޯތިތެރެ ކުނިކެހުމާއި، މަސް ކެއްކުމުގައި އަވަދިނެތިއެވެ.

"ރިހާކުރާ އެއްޗެހި ބަރުކުރަން ގަރުދިޔަ ފުރާނައި ހުރިހާ ކަމެއް ކުރަން އުޅުނީ. ދެން އެ ދުވަހު ވަރަށް އަޑުއަޑު އިވޭ. ނުވަގަޑި ކޮންމެ ވެސް އެއްޗަކުން އަޑު އިވެންފެށީ. އަޅުގަނޑުމެންނަކަށް ނޭނގޭ ކޮން އަޑެއް ކަމެއް،" ފާތޭ ކިޔައިދިނެވެ.

މާ ބާރު އަޑެއް އިވޭތީ ފާތޭ ގޮސް އޭނާގެ ދައްތަ ގާތުގައި ވެސް އެ ވާހަކަ ބުންޏެވެ. އެ ވާހަކަ ބުނުމުން ދައްތަ ވެސް އެހީ "ކޮން އަޑެއްހޭ" އެވެ. ނަމަވެސް އެއީ ކޮން އަޑެއްކަން އެކަކަށް ވެސް އެ ވަގުތު ނަގައެއް ނުގަނެވުނެވެ.

ފާތޭގެ ދެ ދަރީން އޭރު ތިބެއެވެ. އެއީ ފިރިހެން ދަރިއަކާއި އަންހެން ދަރިއެކެވެ. އެ ވަގުތު ގޭގައި އޭނާއާ އެކު ހުރީ އޭނާގެ އަންހެން ދަރިފުޅު މަރިޔަމް މުނީފާއެވެ. ފިރިހެން ދަރިފުޅު ހުރީ އެ ކުދިންގެ ބައްޕަގެ ގޭގައެވެ.

އޭރު ފާތޭގެ ބައްޕަ އިބްރާހިމް އަބްދުﷲ މަސައްކަތް ކުރަނީ ސިއްހީ މަރުކަޒުގައި މަސައްކަތު މީހަކަށެވެ. އެ ވަގުތު ފާތޭގެ މަންމަ، އޭނާގެ ބައްޕަ ގާތުގައި ކާން އަންނަން ބުންޏެވެ. މަންމަގެ ވާހަކައިން ވެސް ތަފާތުކަމެއް ފާތޭއަށް ނަގައިގަނެވުނެވެ.

"މަންމަ މިބުނަނީ ބައްޕަ ކައިރީގަ، އިބްރާހިމާ މިއަދު ކާށޭ. ދެން އޭގެ ފަހުންނެއް ކާކަށް ނުލިބޭނޭ. ދެން މަ ބުނީ މަންމާ ކީކޭހޭ ތިޔަ ކިޔަނީ. ބުނީމަ ބުނީ ނޭނގެއެއް ނޫންހޭ މީހެއްގެ މަރެއް ހުރިގޮތެއް،" ފާތޭ ކިޔައިދިނެވެ.

މަންމަ އެހެން ބުނުމުން، ބައްޕަ ކެއި ކަމުގައި ފާތޭ ކިޔައިދިނެވެ. އަދި ބައްޕަ ކައި ނިމުމުން "ކުދި ގުރޫޕު" ކާން މަޑުކުރީ ކަމުގައި ވެސް އޭނާ ކިޔައިދިނެވެ.

އޭރު ވެސް އިވެމުން ދިޔަ އަޑު މަޑެއް ނުވެއެވެ. ފާތޭއަށް އެ އަޑު ސިފަކުރެވެނީ ބޮޑު ދޯންޏެއްގެ އިންޖީނުގެ އަޑުގެ ގޮތުގައެވެ. އޭރު ފާތޭގެ މަންމަ ބަދިގެ ކައިރީގައި ބުރުނީ ބަޔަކަށް ރިހާކުރު ވިއްކަންވެގެން އިނެވެ.

އަޑު މާ ގަަދަވާން ފެށުމުން ބަދިގޭ ދޮރު ކައިރީގައި އެންމެން ގޮސް މަޑުކޮށްލިއެވެ. ފާތޭއާއި އޭނާގެ ދަރިފުޅާއި ބޭބެގެ ދަރިފުޅާއި މަންމައެވެ. ހަތަރު މީހުން ވެސް ކައިރިކައިރީގައި ކޮޅަށް ތިއްބެވެ.

"ދެން އިރުކޮޅަކުން ޕަޓަސް ލައިފައި އެއްޗެއް ޖެހުނު އަަޑަަށް މަ ބަލައިލިއިރު ބޭބެގެ ބަދިގެއިން އައި ލަކުޑިގަނޑެއް، އައިސް މަގޭ ބޮނބިފަޅީގައި ޖެހި ކުއްޖާ ވެސް ދިޔައީ ބުރައިގެން. ދިޔައީމަ މަ ބުނިން އަސްތާ ކިހިނެއްހޭ މިވަނީ،" ފާތޭ ކިޔައިދިނެވެ.

އެ ވަގުތު ފާތޭއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ހުރީ މި ވަނީ ކީއްކަން ނޭނގިފައެވެ. ފެންގަނޑު ބޮޑުވަމުން ، ބޮޑުވަނީއެވެ. އަތުގައި އޮތް ދަރިފުޅު ވިއްސައިގެން ހިނގައްޖެއެވެ. ކައިރީގައި މަޑުކޮށްލައިގެން ހުރި، ލޯބިވާ މަންމަ ވެސް ރާޅާ އެކު ވިއްސައިގެން ދިޔައީއެވެ.

އެ ވަގުތު ފާތޭގެ ކައިރީގައި ހުރީ އޭނާގެ ބޭބެގެ ދަރިފުޅު އެކަންޏެވެ. ލޮނުގަނޑު ބޮޑުވުމުން، އެ ކުއްޖާއަށް ނޭވާ ނުލެވިގެން ފާތޭގެ އިސްތަށިގަނޑުގައި ހިފައިގެން ދަމަން ފެށިއެވެ. އެހެން ނަމަވެސް ލަކުޑިގަނޑެއް އައިސް ޖެހުމާ އެކު ފާތޭ ވެސް ފެންގަނޑުގެ ތެރެއަށް ވެއްޓި އޮޔާ ގެންދަން ފެށިއެވެ.

"ދެން ދިޔައީ އޮޔާ، ދަނިކޮށް އެޅިގަލެއްގެ ދޭތެރޭ ފައި ތާށިވެގެން އެ ފައި ވެސް ނުނެގިގެން. ދެން އިރުކޮޅަކުން އެ ކުއްޖާ އޮތީ ފުއްމައިގެން އަރައި ކަރުގައި ހިފާ. ދެން މަށަށް ވެސް ނޭވާއެއް ނުލެވޭ. އެކަމަކު ކެތްކޮށްލައިގެން އޮތީ ހަމަ،" ފާތޭ އެ ދުވަހުގެ ހަނދާންތައް އާކުރިއެވެ.

އޭރު ވެސް ފާތޭގެ ފައި އޮތީ ތާށިވެފައެވެ. ފައި ނައްޓުވައިނުލެވުމުން ސަލާމަތްވެގެން ދެވޭނެ ގޮތެއް ވެސް ނެތެވެ. ބާރު އޮއިވަރުގައި ޖެހި އޭނާ ގެންދަނީއެވެ. އެ ވަގުތު ގެތައް ބިމަށް ހަމަވާ މަންޒަރު އޭނާއަށް ދާދި ކައިރިން ފެނުނެވެ.

އޮޔާ ގެންދަމުން ގޮސް އޭނާއަށް އެރުނީ ފުރުޓު އަރުވާ ކަހަލައިގެ ދަލަކަށެވެ. ބާރު އޮޔާ އެކު އޭނާ އެ ދަލުގައި އޮޅިގެން ދިޔައެވެ. އޭނާއާއި އޭނާގެ ގާތުގައި ހުރި ބޭބެގެ ދަރިފުޅު އޮތީ އެ ދަލުގެ ތެރޭގައި ތާށިވެފައެވެ. އެހެންކަމުން ސަލާމަތްވާން މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ. އެ ދަލުގެ ތެރޭގައި އޮވެގެން އޮޔާ ގެންދަމުން ދިޔައިރު ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

އިރުކޮޅެއް ފަހުން ލޮނުގަނޑު ހިނދުނީ ކުއްލިއަކަށެވެ. އޭރު އޭނާއަށް އާދެވިފައި އޮތީ އޭނާގެ މަންމަގެ ގާތަށެވެ. އޭރު މަންމަގެ ފުރާނައެއް ނެތެވެ. އެ މަންޒަރު ފެނުމުން ފާތޭ އިންތިހާއަށް ދެރަވިއެވެ. އޭރު ފާތޭއަށް ވެސް ވަނީ ގިނަ އަނިޔާތަކެއް ވެފައެވެ.

"އެއްފަހަރު ހޭ އަރާފަ އަނެއް ފަހަރު ހޭ ނެތެނު ދޯ. ދެން ފައިގެ އެހާ ވޭން ބޮޑު. އަތުގެ އެހާ ވޭން ބޮޑު. ބޯ ފަޅައިގެން ގޮސް. ދެން މަ ހިތަށް އެރީ މިއަދު މަންމަ ދުނިޔޭގައި ހުރެފައި މަ ދިޔަ ނަމަ ވެސް ނަސީބެކޭ. މަ ވެސް ބޭނުންވަނީ މަންމައޭ ދުނިޔޭގައި ބަހައްޓަން. އެކަމު މަންމަ ނިޔާވެއްޖެ،" ފާތޭ އެ ދުވަހުގެ ހަނދާންތައް ހިއްސާ ކުރިއެވެ.

ފާތޭއަށް ވެފައި ހުރި އަނިޔާތަކާ އެކު އޭނާ ފުރަތަމަ ގެންދެވުނީ ވޭމަންޑޫއަށެވެ. ނަމަވެސް ހާލު މާ ގޯސް ވާތީ އޭނާ މާލެއަށް ގެންދެވުނެވެ. އޭރު ވެސް އޭނާގެ ދަރިފުޅެއް ނުފެނެއެވެ. އޭނާއަށް އަބަދުވެސް އޭރު ވިސްނެނީ އެކަމާއެވެ. ދަރިންނަށް ވީ ގޮތް ނޭނގޭތީ އެކަމާ މާޔޫސް ވަނީއެވެ. މަންމަގެ ފުރާނަ ނެތް މަސްގަނޑު ލޯ ކުރިމަތީގައި ސިފަވަނީއެވެ.

ސުނާމީގެ ބިޔަ ރާޅުތައް ވިލުފުއްޓަށް ބިންދައިލިއިރު ފާތޭގެ ގާތުގައި ހުރި އަންހެން ދަރިފުޅު މަރުވެފައި އޮއްވާ ފެނުނެވެ. އެއީ އޭނާ މާލެ ގެންދިޔަތާ ދެވަނައަށް ވީ ދުވަހުއެވެ.

"ކުއްޖާ ފެނުނީ ބޭބެގެ ކޮޓަރީ ތެރޭ [މަރުވެފައި] އޮއްވާ. ދަނޑިބުރި އެއްޗެހި ޖައްސައިގެން އެނގުނީ ކުއްޖެއްކަން ވެސް،" ފާތޭ ކިޔައިދިނެވެ.

އެހެން ނަމަވެސް ސުނާމީ އެރި ވަގުތު ކުދީންގެ ބައްޕަ ގާތުގައި ހުރި ފިރިހެން ދަރިފުޅު ސަލާމަތްވުމުން އޭނާގެ ހިތާމަތަކަށް ލުޔެއް ލިބުނެވެ. އެ ދަރިފުޅު އޭނާގެ ގާތުގައި އެ ވަގުތު ނެތުމުން އޭނާ އެކަމާ އުފާކުރެެއެވެ. އޭނާ ގާތުގައި ހުރިނަމަ އެ ދަރިފުޅު ވެސް ސަލާމަތް ނުވީސް ކަމަށް ފާތޭ ބުނެއެވެ.

ފާތޭ މާލެ ގެންދިޔައިރު އޭނާގެ ފައި އޮތީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައެވެ. އަދި އަތުގައި ވެސް ވަރަށް ގިނަ ތަންތަނުން ފުން ޒަހަމުތަކެއް ހުރި އިރު، ބޯ ވެސް ފަޅައިގެން ދިޔައެވެ. އެ ލަކުނުތައް މިއަދު ވެސް އޭނާގެ ގައިން ފެންނަން އެބަހުއްޓެވެ.

މަހަކަށް ވުރެ ވެސް ގިނަ ދުވަހު މާލޭގައި އޭނާ ހޭދަކުރަން ޖެހުނެވެ. އެ ދުވަސްތަކަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުނދަގޫ ދުވަސްތަކެވެ. އަމިއްލަ ދަރިފުޅާއި މަންމަ ދުނިޔެއާ އަލްވަދާއު ކިޔުމުގެ ހިތާމަ އޭނާއަށް ކުރަން ޖެހުނެވެ. އަދި މަންމައާއި ދަރިފުޅުގެ މޫނު ފަހު ފަހަރަށް ދެކިލުމުގެ ފުރުސަތު ނުލިބުމުން އެކަމާ މާޔޫސްވިއެވެ.

"ހަނދާންތަކެއް ނުފިލާނެ. ވަރަށް ހިތްދަތި ދުވަހެއް އެ ދުވަހަކީ،" ލޮލުން އައި ކަރުނަތައް ފޮހެލަމުން ފާތޭ ބުނެލިއެވެ.

ލޯބިވާ ދަރިފުޅާއި މަންމަގެ ހަނދާންތައް އައުވުމުން މިއަދު ވެސް ފާތޭއަށް އޭނާގެ ކަރުނަތައް ހިފަހައްޓައެއް ނުލެވެއެވެ. އެ ހަނދާންތައް އައުވުމުން، އެ ދުވަހުގެ ބިރުވެރިކަން ފާތޭގެ މޫނުމަތިން ވެސް ބުނެދޭ ކަހަލައެވެ.

comment ކޮމެންޓް