ނަޝީދަށް ދިން ހަމަލާ: އަދުހަމް 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހު އަދުހަމް ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފޮޓޯ/ އަހުމަދު އާޒިފު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ ހަ ވަނަ ދުވަހު ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު، 23 އަހަރާއި ހަ މަހާއި ނުވަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

ދައުލަތުން ވަނީ އަދުހަމާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. ކޯޓުގައި އަދުހަމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާއަށް ވެސް އިއުތިރާފްވެފައެވެ.

އަދުހަމާ އެކު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި ކުށަށް އިއުތިރާފްވުމުން އޭނާގަ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއް ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ, ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން އޮތީ ބުނެފައެވެ.

އެ އެއްބަސްވުން ކޯޓުން ވެސް އޮތީ ބަލައިގަނެފައެވެ. އެހެން ކަމުން އަދަބު ކަނޑައެޅުމުގައި އެއްބަސްވުމަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ މައްސަލަ ބެއްލެވި ގާޒީންގެ ބެންޗުގައި އިންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވިއެވެ.

އަދުހަމުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވުމުން އޭނާއަށް އިއްވާފައިވަނީ 20 އަހަރާއި ހަ މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ.

ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ޓެރެރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ކަމަށް އެއްބަސްވެފައެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެހެން ކަމުން އަދުހަމަށް އިއްވި ޖަލު ހުކުމް ވަނީ 23 އަހަރާއި ހަ މަހާއި ނުވަ ދުވަހަށް އަރާފައެވެ.

އަދުހަމަކީ ނަޝީދަށް ދިން ހަމަލާގައި ނީލޯފަރު ހިނގުމުގެ ކުރިމަތީގައި ހުންނަ އަތަމާ ޕެލަސް ތެރޭ ހުރެ ބޮން ގޮއްވަން ރިމޯޓަށް ފިއްތިކަމަށް ފުލުހުން ތުހުމަތުކުރި މީހާއެވެ. އަދުހަމް ހައްޔަރު ކުރީ މިދިޔަ މެއި ނުވަ ވަނަ ދުވަހު ފަތިސް ގަޑީގައި، ހުޅުމާލެއިންނެވެ.

މީގެ ކުރިން ފުލުހުން ވަނީ، އައިއީޑީ ގޮއްވާލި ވަގުތު އަދި އޭގެ ކުޑަ ވަގުތުކޮޅެެއްގެ ކުރިން އަދުހަމްގެ ހަރަކާތްތައް ހުރި ގޮތާއި، އެ ހާދިސާގެ ފަހުން އޭނާގެ ހަރަކާތްތައް ހުރިގޮތް ފެންނަ ސީސީޓީވީ ފުޓޭޖު އާންމުކޮށްފައެވެ.

އެ ފުޓެޖުން، އައިއީޑީ ގޮއްވާލުމުގެ ކުރިން އަދުހަމް އަތަމާ ޕެލަސް ތެރޭ ފޯނުން ވާހަކަ ދައްކަން ހުންނަތަން ފެނެއެވެ. އޭނާ ހުންނަނީ ފައިވާން ބާލައި، ފާރުގައި ފައި ޖައްސައިގެންނެވެ. އެތަނުން ނެގި ފުޓް ޕްރިންޓާއި، އަދުހަމް ހައްޔަރުކުރުމަށް ފަހު ނެގި ފޫޓްޕްރިންޓް ދިމާވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އަދުހަމް ވަނީ އޭނާއަށް ކުރެވުނީ ކުށެއް ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައެވެ. އަދި އެކަން ކުރެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެ، އޭނާ މާފަށް އެދުނެވެ.

މީގެ އިތުރުން އެފަދަ އަމަލެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ޝަރީއަތުގައި ދިނެވެ.

comment ކޮމެންޓް