"އަހަރެން މަރާނުލާށެވެ."

އާދޭސްކޮށްފައިބުނަމެވެ.

ވަކިމީހަކަށް ނޫނެވެ. އެއްމެންނަށެވެ. އޭނައާއިމީނައާއި އެބައިމީހުންނާއި މިބައިމީހުންގާތުގައެވެ. އެޕާޓީއާއި މިޕާޓީއާއި ހުރިހާ އެއްމެންގާތުގައެވެ. " އަހަރެން ނަށް އިތުރަށް އަނިޔާ ނުދޭށެވެ. އަހަރެންގެ މިހާލުދެކި އޯގާވެރިވެދޭށެވެ. ދެނެއް އަލަކުން އަހަރެންގެ ހާލު ދަށަށްދާނެތަނެއް ނެތެވެ. ވަކިމިއަށްވުރެ ހާލުބޮޑުވާކަށް ޖާގައެއް ނެތެވެ. ދެންވާނީ މަރެވެ. އަޅާލައި ފަރުވާކޮށް ހޭހަންކޮށްނުދީފިނަމަ ގަދަނުވާހިސާބަށް އަހަރެން މިއޮތީ ބަލިވެފައެވެ. އަހެރެން މަރާނުލާށެވެ. "

ގައުމަކީ އެއްމެންގެ ތަނެވެ. އެންމެންގެ ވެށްޓެވެ. އެތަނާއި އެވެށީގެ އެހީގައި އެބައެއްގެ ދިރިއުޅުން ހަމަޖެހުމާއި ނިޔާމައިގައި ކުރިއަރުވަމުން ގެންދާނެ މަގުތައް ފަހިވެ ތަނަވަސްވެގެން އަންނަތަނެވެ. އިންސާނުންކަމުގައި ވުމުގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލައެދުން ހިމެނިފައިވާތީ އޭގެ އިންތަކެއް ކަނޑައަޅައިދީ ސުލްހަމަސަލަސްކަން ހިފަހައްޓައިދެނީ ގައުމޭ މިކިޔާ ބެލެނިވެރިކަމުގެ ތެރެއިންނެވެ. އެއްބައިވަންތަކުރުވާ އެއްމެންގެމެދުގައި ހަމަޖެހުމާއި މަސްލަހަތު ހިފަހައްޓައިދެނީ ގައުމުގެ އެކުވެރި ކަމާއި ހަރުދަނާވުމުގެ ތެރޭގައެވެ. ވުމާއިއެކު ގައުމަކީ މިދުނިޔޭގެ ދިރިއުޅުމުގައި ބަޔަކު ހަމަޖެހިގެން އުފާވެރިކަމުގައި ކުރިއަރައި ދާން ފުރުސަތުހޯދައިދޭ ފަރާތެވެ.

ގައުމަކީ އެތަނެއްގައި ދިރިއުޅޭއެއްމެންމެ ހިމެނިފައިވާ ރޭވުމެވެ. ވިސްނުންތެރިކަމާއި އެކު ދުރަށްވިސްނައިގެން ގައުމުގެ ކުރިމަގުރާވައި ހިންގުމަކީ އެއެއްމެންމެ ހަމައެމީހުންގެ މޮޅާއިލާބައަށްޓަކައި ކުރަންޖެހޭކަމެކެވެ. ތިމާއަކީވެސް ގައުމުގެ އެކަކުކަން ދަނެ ތިމާގެގައުމަށް ތިމާގެ ފަރާތުން ރަނގަޅުޚިދުމަތްތަކެއް ކޮށްދެވޭތޯ ހަމަކޮންމެ މީހަކުވެސް ބަލަންޖެހެއެވެ. އަމިއްލަކަމާއި އެކަހެރިވެގަތުން ދޫކޮށްލައި ގައުމާއިއެކު ނުވަތަ ގައުމުގެ އެއްމެންނާއިއެކު ތިމާވެސް ކުރިއަރައިދާން ގަދައަޅަންޖެހެއެވެ. މިކަންކަމަކީ ގައުމުދެކެލޯބިވުމޭ މިކިޔާ ކަންކަމެވެ.

ގައުމުގެ ރައްޔިތެއްކަމުގައި ވެފައި ހަމައެކަނި ތިމާގެ އަމިއްލަ އުފަލާއި ފައިދާއާއި ލާބަހޯދައިގަންނަން މަސައްކަތްކުރާނަމަ އެފަދަމީހުންނަކީ ގައުމަށް ޚިޔާނާތްތެރި، އެގައުމެއްގެ ރައްޔިތުންގެ އަދާވާތްތެރި ދުޝްމަނުންކަމުގައި ބެލެވެއެވެ. އެފަދަމީހުންގެ ސަބަބުން އެގައުމެއްގައި އަބަދުވެސް އުފެދޭނީ ފިތުނައާއި ފަސާދައެވެ. އިތުރުވަމުންއަންނާނީ ހަމަނުޖެހުމާއި ތަޅާފޮޅުމެވެ. ގެއްލި ނެތިގެންދާނީ އެގައުމެއްގެ ހަމަތަކާއި އިންސާފެވެ. ނަތީޖާއަކަށްވާނީ އެގައުމެއް އިނދަޖެހި ފަގީރުވެ ނިކަމެތިވެގެން އައުމެވެ. އެއީ އާއްމުރައްޔިތެއްކަމުގައިވިޔަސް ނުވަތަ އިސްވެރިޔެއްގެ މަގާމުގައިހުރެ އެފަދަ އަމަލުތައްކުރިމީހެއްކަމުގައި ވިޔަސް ތަފާތެއްނުވެއެވެ. ހަގީގަތުގައި ގައުމަކީ އެތަނެއްގައި އެތަންދެކެ ލޯބިވާ ބަޔަކުއުޅެންވީ ތަނެކެވެ. އެގައުމަށް އުފަންވެ އުޅެބޮޑުވި އެތާނގެ ރައްޔިތެއް ކަމުގައިވިޔަސް އެމީހާގެ ހިތުގައި ގައުމީލޯތްބެއްނެތި ވިސްނުމާއި ފިކުރު ތަފާތުވެ އެކަހެރިވެގަނެވިއްޖެނަމަ އެމީހަކަށާއިއެގައުމަކަށް ވެސް އެއްމެ ރަނގަޅުގޮތަކީ އެމީހަކު ނުވަތަ އެބަޔަކު ގައުމުން ބޭރުވުމެވެ. ބޭރުކޮށްލުމެވެ. ނޫންނަމަ ކުރިމަގުގައި ފެނިގެންދާނީ ދެފަރާތަށްވެސް އެކަމުގެ ވޭނާއިކެކުޅުން އުފުލަންމަޖުބޫރުވެގެން އަންނަތަނެވެ. މިއީ ދުނިޔޭގައި އެތައްއެތައް ގައުމަކުން ތަޖުރިބާ ކޮށްދެކެފައިވާ ފެންނަންހުރި ސާބިތުކަންތައްތަކެވެ.

ވިސްނާލާއިރު ގައުމެއްގެ ގޮތުގައި އަހަރެމެންގެ މި ދިވެހިގައުމު ކޮށްފައިވާ އެތަކެއްތަޖުރިބާ ތަކެއް ހެކިތަކާއިއެކު ފެންނަން އެބަހުރެއެވެ. ބަނަކަމާއި ހިތިކަމުގެ މާޒީއެއް ވެއަތުވެފައިވާކަމާއި އަދި މިހާރު މިއަދުވެސް ގައުމީލޯތްބާއި ގައުމީރޫޙާއި ޖޯޝް އޭގެ އެދެވޭ ފެންވަރެއްގައި ނެތްކަމަށް އެއްބަސްވާން އެބަޖެހެއެވެ. ގިނަ ރައްޔިތުންނަކީ ގައުމަށް "ފަރުވާލެއް" ނެތްބައެކޭ ބުނެލެވޭ ފަދަ ބީރައްޓެހި އުސޫލުތަކެއް ގައިތިބިބައެކޭ ބުނެލެވެން އެބައޮތެވެ. ކީއްވެގެންހެއްޔެވެ.؟

ސުވާލުތަކެކެވެ. ރަނގަޅު ބޭނުންތެރި ސުވާލުތަކެކެވެ. އޮޅުންފިލުވައި އޮޅުންފިލުވައިދޭންޖެހިފައިވާ މުހިންމު ބޮޑެތި ސުވާލެވެ.

ހަމަނުޖެހުމާއި ދެކޮޅުވެރިކަމާއި ހައްދުފަހަނައަޅައި ދަނީއެވެ. ކީއްވެގެން ހެއްޔެވެ؟
އެއްބައިވަންތަ ކަމުގެ ގުޅުން ހީނަރުވެ ވަކިވަކިވެ ގަނެވިފަ އެވެ. ކޮންސަބަބަކާ ހުރެ ބާވަ އެވެ؟
ރާއްޖެއަށާއި ގައުމަށް ކޮންމެފަދަ ގެއްލުންތަކެއް ލިބުނަސް ވަރިހަމަވެފައެވެ. ކޮންފަދަ ރުޅިއެއް ހެއްޔެވެ؟

ހަމައާއި އިންސާފު، އަބަދުވެސް ބޭނުންވަނީ ތިމާއަށް ފައިދާވާކަންކަމުގައެވެ. ހައިރާންވާންޖެހެ އެވެ. އަމިއްލަ ގޯހެއް، ތިމާގެ ނުބައެއް ފެންނަ އެކަކުވެސް ނެތްކަހަލަ އެވެ. ބޮޑު އަޖައިބެކެވެ. މިފަދަ އެތައް އެތައް ސުވާލުތަކަކާއި މައްސަލަތަކެއް އަހަރެމެންގެ ތެރޭގައި ކުރިއްސުރެ އޮތްކަން އެނގެއެވެ. އެކަމަކު މިއަދު މިހާރު، ނުވަތަ މިފަހަކަށް އައިސް މިއޮތީ ފުނިޖެހި ތޮއްޖެހިފަ އެވެ. ހޭލުންތެރިކަމާއި ތަނަވަސްކަމާއި ދުނިޔޭގެ އެކޮޅުމިކޮޅު ފެނިދެނެގަނެ ވިސްނާ ފިކުރުކުރުމުގެ މަގުތައް ކުރިއާއި އަޅުވާއިރު އެތައްހާސް ގުނައެއް އިތުރުވެ ފުޅާވެފައި ވާއިރު މިއީ ކީއްވެގެން ކުރިމަތިވެގެން އުޅޭ މުސީބާތެއްބާވައޭ ހީވެ އަންތަރީސް ވެވޭ ވަރުވެ އެވެ.

ގަބޫލުކުރެވޭ ފަރުވާތަކެއް އެބަހުއްޓެވެ. އެއްމެ ފުރަތަމަ އަހަރެމެންކޮންމެމީހަކުވެސް އެކަނި ހިމޭނުން ވަކިން ތަނެއްގައި އިނދެ ވިސްނާފިކުރުކޮށްލަންވީ އެވެ. ދުނިޔޭގެ މި ދިރިއުޅުމުގައި އެއްވެސް ގަދަބާރެއް ހަމަ އެކަކަށްވެސް ނެތްކަން ހިތުގެ އަޑިން ގަބޫލުކުރެވޭނެ އެވެ. މަރުވުމާއި ބަލިވުމާއި ދެރަވުމާއި ނިކަމެތިވުމާއި ނެތިދިއުމުގައި އަހަރެމެންނަށް ކުރެވޭކަން ތައްތަކަކީ ކޮބައިތޯ ނުވަތަ ކުރެވޭނެ ކަމެއް އޮވޭތޯ ބަލައި އެކަން ޔަގީންކުރެވޭނެ އެވެ. ދުނިޔޭގައި އަހަރެމެން އުޅެންވީ ވަކި ހަމަތަކަކާއި އުސޫލުތަކަކާއި ގަވައިދުތަކެއް އެބައޮންނަކަން އަމިއްލައަށް ގަބޫލުކުރެވޭނެމެއެވެ. އެކުވެރިވުމާއި އެއްބައިވުމުގައި ހުރިގިނަގުނަ ފައިދާތަކާއި ނަފާ ސިކުނޑިއަށް އިހުސާސްކުރެވޭނެވެސް މެއެވެ.

އަހަރެމެން ހުރިހާ ދިވެހިންނަކީ ﷲ ރުހިވޮޑިގެންވާ އިސްލާމްދީނުގައި ތިބި، މަރުވުމާއި އާޚިރަތާއި ނަރަކައާއި ސުވަރުގެއާއި ހިތުގެއަޑިން ގަބޫލުކުރާ މީހުންނެވެ. ﷲ ގެ އިންސާފު، އެއްވެސް އުނިއިތުރެއްނެތި(ހިސާބުކުރައްވާ ނިޔާ ކުރައްވާ) އެދުވަހު އެއްމެންނަށް ލިބޭނެކަން ކަށަވަރުކުރާ މީހުންނެވެ. ހަމަތަކާއި އުސޫލުތަކާއި ގަވައިދުތަކުން ނެއްޓި ނުހަމައިންނާއި ނުގަވައިދުން ކޮށްފައިވާ ކަންކަމަށް ކަނޑައަޅުއްވާފައިވާ އަދަބު ލިބޭނެކަމަށް ޓަކައި އެކަންކަމަށް ސަމާލުވެ ބިރުގަންނަންޖެހިފައިތިބި، ﷲ ގެ އަޅުތަކުންގެތެރޭގައިހިމެނޭ މީހުންނެވެ. ވީއިރު ބޮޑާކަމާއި ކިބުރުވެރިކަމާއި ތިމާގެމޮޅުކަން އަނެކުންނަށް ދައްކައިގެން ތިމާއަށް އެލިބޭ ހުވަފެނީއުފާ، ނޫންނަމަ ސައިބޯނިބޮކީގެ އުމުރުގައި އެއަޅާލާ ކުލަކުލައިގެދަޅަ އަށް ހެއްލެވިގެން ހަގީގީ ވިސްނުމާއިފިކުރާއިދުރުގައި އެލިބޭވަގުތުކޮޅުގެ އަވައިގައި ތިމާއާއިތިމާގެގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ ހަމަނުޖެހުމާއި ނުތަނަވަސްކަމުގައި ތާއަބަދު ހޭދަކުރުމަކީ ކުރަންހެޔޮވާވަރުކަމެއް ނޫންކަން އަމިއްލައަށް ވިސްނައިގަނެވޭނެ އެވެ.

ގައުމަށް ދިރުންލިބޭނީ އޭރުންނެވެ. ތިމާއަށާއި ތިމާގެވަށައިގެންވާ އެއްމެންނަށް މެ ހަމަނޭވާއެއްލެވޭނީވެސް އެގޮތުން ނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް