(ތ. ވިލުފުށިން) އެއީ މި ރަށު ރުގިއްޔާ އިބްރާހިމްގެ ދިރިއުޅުމުގައި ގުނަމުންދިޔަ އުފާވެރި ދުވަސްތަކެކެވެ. އަލަތު ދަރިފުޅާ އެކު އޭނާގެ ވަށައިގެންވީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އިހުސާސްތަކެވެ. ހާސްވެ ކަންބޮޑުވާންވީ އެއްވެސް ކަމެއް އޭރަކު ރުގިއްޔާގެ ދިރިއުޅުމުގައި ނެތެވެ.
ދެހާސްހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ވެސް އިރު އުދަރެހުން ދައްކައިލީ އުފާވެރިކަމާއި ތާޒާކަން ގެނުވަމުންނެވެ. ކުރިމަތިވާން އޮތީ ކިހައިވަރެއްގެ ބިރުވެރި ކާރިސާއެއް ކަމެއް ރުގިއްޔާއަކަށް، އަދި ވިލުފުށީގެ އެއްވެސް ރައްޔިތަކަށް އޭރަކު ޚިޔާލަށް ވެސް ގެނެވިފައެއް ނެތެވެ.
އޭރު ރުގިއްޔާގެ ހުންނަނީ އެންމެ ދަރިއެކެވެ. އެއީ އޭނާގެ އަލަތު ދަރިފުޅެވެ. އެ ދަރިފުޅަކީ ރުގިއްޔާގެ ލޮލުގެ ނޫރެވެ. ހިތުގެ ހިތްހަމަޖެހުމެވެ.
ސުނާމީގެ ބިޔަ ރާޅުތަކުގެ ޝިކާރައަކަށް ވިލުފުށި ވީއިރު، ރުގިއްޔާއާއި އޭނާގެ ދަރިފުޅު ހުރީ އޭނާގެ ދައްތައެއްގެ ގާތުގައެވެ. އެ ރާޅުތަކުގެ ހަމަލާއިން އޭނާގެ އެ ތުއްތު ދަރިފުޅަށް ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. ރާޅުތަކުގެ ގަދަ އޮޔާއެކު އެ ދަރިފުޅު ވެސް ދަމައިގަނެގެން ގެންދިޔައީއެވެ.
"ދައްތައަކު ހުރި އެ ދުވަހު ރާޅުގަނޑު އައި ގަޑީ ދަރިފުޅު ކައިރީގައި .ދައްތަ ބުނީ ދިޔައީއޭ އަސްލު ނޭނގުނޭ ވީ ގޮތެއް. އުރާލީމޭ އެކަމަކު ދިޔައީއޭ އަތުން ނެއްޓިގެން،" ރުގިއްޔާ ކިޔައިދިނެވެ.
ރާޅުތައް އަރައިގެން އައި ވަގުތު ރުގިއްޔާމެން ތިބީ އަތިރިމަތީގައެވެ. އެންމެ ފުރަތަމަ އޭނާއަށް ފެނުނީ ލޮނުގަނޑު ހިކިފައި އޮއްވައެވެ. އެއަށް ފަހު އިރުކޮޅެއް ފަހުން، ފޮނުގަނޑެއްގެ ސިފައިގައި ރާޅު އަރައިގެން އަންނަ މަންޒަރު ވެސް ވަރަށް ކައިރިން އޭނާ ދުއްޓެވެ.
"ދައްތަ ގާތު އަހައިލިން ކިހިނެއްހޭ މޫދަށް އެ ވަނީ. އަހައިލީމައި ދައްތަ ބުނީ އެބަ ވޭހޭ ގޮތެއް. ދެން ތެދުވެލާފަ ބަލާލާފަ ބުނެފި ރަނގަޅެއް ނޫނޭ. އެބަ ވެޔޭ ކޮންމެވެސް ގޮތެއް. އެހެން ކިޔައިފަ އިރުކޮޅަކުން ބުނެފި ހީވަނީ ރާޅެއް އަންނަހެންނޭ،" ރުގިއްޔާ އެ ދުވަހުގެ ހަނދާންތައް ހިއްސާކުރިއެވެ.
ރުގިއްޔާ ގާތުގައި އެހެން ބުނުމަށް ފަހު އޭނާގެ ދައްތަ ދުއްވައިގަތީއެވެ. ދުވެފައި ގޮސް އެ މީހުން ހުއްޓުނީ، އެ ދައްތަމެން ގޭ ކައިރީގައެވެ. ހުއްޓުމަށް ފަހު ރުގިއްޔާގެ ދައްތަ އޭނާގެ ބައްޕަ ގާތުގައި "ރާޅެއް އެބަ އާދެޔޭ" ބުނެލިއެވެ.
"ދައްތަގެ ބައްޕަ ނުކުމެ ބަންގި ނުވެސް ފެށޭ. ރާޅު މަޑުމަޑުން އަރައިގެން އައިސްފި. އަސްލު ނޭނގޭ ވީގޮތެއް. އެކަމު ހުރިން ބަލަން،" ރުގިއްޔާ ކިޔައިިދިނެވެ.
ފުރަތަމަ ރާޅުގައި ހުދު ފޮނުގަނޑެއް އަރައިގެން ދިޔައީއެވެ. އެހެން ނަމަވެސް ރުގިއްޔާ ކިޔައިިދިން ގޮތުގައި ދެވަނަ ރާޅު ހިއްލައިލީ ވަރަށް މަތިންނެވެ. އެ ރާޅު ހިއްލައިލީ ރުއްތަކުގެ ވެސް މަތިންނެވެ. ރުގިއްޔާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ރުއްތަކުގެ މަތިން ދޯންޏެއް ހިއްލައިލި މަންޒަރު ފެނުމުންނެވެ.
އެ ރާޅު ފެނުމާ އެކު ރުގިއްޔާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ހާސްވެ ކަންބޮޑުވާން ފެށިއެވެ. ހަދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ވަގުތުން ބަލަން ނުހުރެ ދުއްވައިގަތީ އެއްގަމާ ދިމާއަށެވެ. ނަމަވެސް ދަރިފުޅު ބޭންދުނު ތަނެއް އޭރު އޭނާގެ ހަނދާނަކު ނެތެވެ.
"ރާޅާ ހަމަ ގެއެއްގެ ދޮރާ ހަމައަށް ދިޔައީ އަޅުގަނޑު. ރާޅާ އެ ގޭ ތެރެއަށް ވަދެވިއްޖެ. އެ މީހުން ބުނި އަޅުގަނޑު ބުންޏޭ ރާޅެއް އެބަ އާދެޔޭ. އެކަމަކު ބަލައިލާނެ ފުރުސަތެއް ވެސް ނުލިބުނު ކަމަށް،" ރުގިއްޔާ ކިޔައިދިނެވެ.
އެ ދުވަހު ރުގިއްޔާގެ ލޯ ކުރިމަތިން ފެނުނު މަންޒަރުތަކަކީ ދުވަހަކު ވެސް އޭނާގެ ހަނދާނުން ފިލައިގެން ދާނެ މަންޒަރުތަކެއް ނޫނެވެ. އެ މަންޒަރުތައް މިހާރު ވެސް އޭނާއަށް ސިފަވާ ކަހަލައެވެ.
ހިތުގައި އުފެދިފައިވާ ބިރުވެރިކަން ބޮޑުވާން ފެށީ އޭނާއަށް ގެތައް ބިމާ ހަމަވާތަން ފެންނަން ފެށުމުންނެވެ. ތަންތަން ސުންނާފަތިވާ މަންޒަރު ހަމަ ލޮލަށް ކައިރިން ފެންނަން ފެށުމުންނެވެ. ހިތުގައި އެ ހިސާބުން، ތިމަންނާ ސަލާމަތްވާނެތޯ ވެސް ސުވާލު އުފެދެން ފެށިއެވެ.
ދަރިފުޅު ހޯދަން ވެސް އެ ވަގުތު ރުގިއްޔާއަކަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. ސަބަބަކީ ރާޅާއެކު އޭނާ ގެއެއްގެ ތެރެއަށް ދަމައިގަތުމުންނެވެ. އެ ގޭ ތެރޭގައި ދޮރު ތާށިވެފައި ވުމުން އޭނާއަށް އެތަނުން ނުކުމެވޭ ގޮތެއް ނުވިއެވެ.
އިރުކޮޅެއް ފަހުން ދޮރު ކޮންމެ ވެސް ވަރަކަށް ހުޅުވުނެވެ. ލިބުނު ފުރުސަތުގައި ރުގިއްޔާ އެ ދޭތެރެއިން ބޭރަށް ދެމިގަތެވެ. ނުކުމެގެން ގޮސް ރުގިއްޔާ ހުރީ އޭނާގެ ކާފަމެން ގޭ ތެރޭގައި ހުންނަ ބަނބުކެޔޮގަހެއްގެ އޮފިގަނޑުގައި ހިފަހައްޓައިގެންނެެވެ.
"އެ ގަޑީ ވަރަށް ގިނަ ތަންތަން ފެނުނު. މީހުންތައް ވެސް ހަމަ ރާޅާ ގެންދާ މަންޒަރާ، ތަންތަން މުގުރިގެން ވެރިގެން ދާ މަންޒަރާ،" ރުގިއްޔާ ކިޔައިދިނެވެ.
ބިޔަ ރާޅުތައް އަރައި މުޅި ވިލުފުށި ސުންނާފަތި ކޮށްލުމަށް ފަހު ފައިބައިގެން ދިޔައީއެވެ. އެ ހިސާބުން ރާޅުގެ އަޑު މަޑުވާން ފަށައިފިއެވެ. ރާޅުގެ އަޑު މަޑުވާން ފެށުމުން، ރުގިއްޔާއަށް އޭނާގެ ދަރިފުޅުގެ ރުއިމުގެ އަޑު އިވުނެވެ.
ދަރިފުޅުގެ ރުއިމުގެ އަޑެއް ރުގިއްޔާއަކަށް ނޯޅޭނެއެވެ. ކިތަންމެ ދުރަކުން ވެސް އެ އަޑު އޭނާގެ ހިނދުރީގައި ޖެހުމުން ނަގައިގަނެވޭނެއެވެ.
ދަރިފުޅުގެ ރުއިމުގެ އަޑު އިވުމުން ރުގިއްޔާ އެންމެ ހިނދުކޮޅެއް ވެސް ލަހެއް ނުކުރެެއެވެ. އެ ބިޔަ ބަނބުކެޔޮ ގަހުން އެއްވެސް ތާކު ނުވެސް ހިފަހައްޓައި ފުއްމައިލީއެވެ. އެހައި މަތިން ފުއްމައިލުމުން، އޭނާގެ ފަޔަށް ވެސް އަނިޔާވިއެވެ. ނަމަވެސް އެކަމަކަށް ރުގިއްޔާގެ ފަރުވާލެއް ނެތެވެ.
ގަހުން ފުއްމައިލުމަށް ފަހު ރުއިމުގެ އަޑު އަންނަ ދިމާލަށް އޭނާ ދިޔައެވެ. އެ އަޑު އައީ އޭނާގެ ބޭބެއެއްގެ ގޭ ތެރެއިންނެވެ. އަވަސްއަވަހަށް ގޮސް ބެލިއިރު، އޭނާގެ ދަރިފުޅު އޮތީ ދޮންނަ މެޝިނެއް ތެރޭގައެވެ.
"މެޝިނުގެ ދޮރު ލެއްޕިފައެއް ނޫން ހުރީ. މެޝިނުގެ އެތެރެއަށް ވާ ގޮތަށް ހިފަހައްޓައިގެން އޮތީ،" ރުގިއްޔާ ކިޔައިދިނެވެ.
އަރައިގެން އައި ރާޅުތަކުގެ ބިޔަކަމުން، ދަރިފުޅު ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ރުގިއްޔާއަށް ގާތްގަނޑަކަށް އޮތީ ގެއްލިފައެވެެ. ނަމަވެސް މެޝިނު ތެރޭގައި ދަރިފުޅު ދިރިއޮއްވާ ފެނުމުން އޭނާއަށް ކުރެވުނު އިހުސާސް ބަޔާންކޮށްދޭކަށް ރުގިއްޔާއަކަށް ނޭނގުނެވެ.
ދިރިހުއްޓާ ފެނުނު ނަމަވެސް ދަރިފުޅުގެ ގައިގެ ބައެއް ތަންތަނުން ހުރީ ނޫފައިގަންފައެވެ. އަދި ދަރިފުޅު އޮތް ސަރަހައްދުގައި ކަޅުތެޔޮ ހުރުމުގެ ސަބަބުން ދަރިފުޅަށް އޭގެ އަސަރު ވެސް ކުރިއެވެ.
"ދަރިފުޅު ގައިގައި ހުސް ކަޅުތެޔޮ އޮތީ،" ރުގިއްޔާ ބުނެލިއެވެ.
ދަރިފުޅު ފެނުނު ނަމަވެސް ރުގިއްޔާގެ ހިތަށް މުޅިއަކުން ތަސައްލީއެއް ނުލިބުނެވެ. ސަބަބަކީ އޭނާގެ އާއިލާގެ އިތުރު އެއްވެސް މީހަކު އޭރު ވެސް ނުފެންނާތީއެވެ. ހިތާހިތުން އޭނާ ދުއާކޮށްލަ ކޮށްލާ ހުރީ އާއިލާގެ މީހުން ހެޔޮ ހާލުގައި ލެހެއްޓެވުމަށް އެދިއެވެ.
އެހެން ނަމަވެސް ތަގުދީރު ނިޔާ ކުރީ އެހެން ގޮތަކަށެވެ. ދަރިފުޅު ދިރިއޮއްވާ ފެނުނު ނަމަވެސް ރުގިއްޔާއަށް ދެން ކުރަން ޖެހުނު ހިތާމަ ވަކި ކުޑައެއް ނޫނެވެ. ސުނާމީ ކާރިސާގައި އޭނާގެ މަންމައާއި އެއްބަނޑުއެއްބަފާ ދައްތަގެ ދަރިފުޅު ނިޔާވީއެވެ.
އެ ހިތާމަތައް އިތުރުވީ އޭނާއަށް އޭނަގެ މަންމަގެ މޫނު ދެކިލުމުގެ ފުރުސަތު ވެސް ނުލިބުމުންނެވެ. ރުގިއްޔާއަށް އޭނާގެ މަންމައާ އެންމެ ފަހުން ބައްދަލުވީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަންމަގެ ހަނދާންތައް އޭނާގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވެއެވެ.
"ދެ ދުވަހެއްގެ ކުރިން މަންމަ ބުނެފަ ވަނީ ހުރިހާ ކުދިން ކައިރީގައި ބޮނޑިބަތް ކައްކައިދީފަ، މަންމަގެ ވަސިއްޔަތެކޭ ފޮނިއެއްޗަކުން މަންމަގެ ފާތިހާ ކެއްކުން،" ރުގިއްޔާއަށް ވާހަކަ ދެއްކުނީ ހިނދެމުން ހުއްޓެމުންނެވެ.
މިއަދު ރުގިއްޔާގެ ހަތަރު ދަރިން އެބަ ތިއްބެވެ. މެޝިނު ތެރޭގައި އޮއްވާ ފެނުނު ދަރިފުޅަށް މިހާރު 21 އަހަރު ވެއްޖެއެވެ. އެހެން ނަމަވެސް އެ ދުވަހުގެ ހިތްދަތި ހަނދާންތަކަކަށް ނިމުމެއް ނެތެވެ.