ސިވިލް ކޯޓާއި ޑްރަގް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި

ކޯޓުތަކުގެ ބެލެނިވެރިފަރާތް ޖޭއެސްސީ: ސިވިލް ކޯޓާއި ޑްރަގް ކޯޓު ރިސެސްއަށް ނުދާން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ކޯޓާއި ޑްރަގް ކޯޓު ރިސެސްއަށް ނުދާން ނިންމައިފިއެވެ.

އަހަރަކު ދެ ފަހަރު ކޯޓުތައް ރިސެސްއަށް ދިއުމަށް ތާވަލުކުރި ނަމަވެސް މި އަހަރުގެ ދެވަނަ ބުރުގައި ރިސެސްއަށް ނުދިއުމަށް ސިވިލް ކޯޓުންނާއި ޑްރަގް ކޯޓުން ވަނީ ނިންމައިފައެވެ.

ސިވިލް ކޯޓުން ބުނީ މި މަހުގެ ފުރަތަމަ 20 ދުވަހު އެ ކޯޓު ރިސެސްއަށް ދިއުމަށް ކަލަންޑަރުގައި ހިމަނާފައި އޮތް ނަމަވެސް އެ ނިންމުން ބަދަލުކޮށް ރިސެސްއަށް ނުދިއުމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ސިވިލް ކޯޓުން އެ ގޮތަށް ނިންމާފައިވަނީ, އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ގިނަ ކަމުން މައްސަލަތައް ނިންމުމަށް ވަގުތު ދިނުމަށް ކަމަށް ވަނީ ބުނެފައެވެ.

ޑްރަގް ކޯޓުން ރިސެސްއަށް ދާން ތާވަލުކޮށްފައި އޮތް ނަމަވެސް އެ ނިންމުން ބަދަލުކޮށްފައިވަނީ, ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮތުމުން ހަލުވިމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވާތީ ކަމަށް ވަނީ ބުނެފައެވެ. އަދި މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީއަތްތައް އިތުރަށް ލަސްވެދާނެކަމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދަށު ކޯޓުތަކުން ދެ ކޯޓު ރިސެސްއަށް ނުދިއުމަށް ނިންމި ނަމަވެސް ކްރިމިނަލް ކޯޓުން ކުރިން ނިންމާފައި އޮތް ގޮތަށް ރިސެސްއަށް ދާނެއެވެ. އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ހަފްތާއަށް ފެމެލީ ކޯޓު ރިސެސްއަށް ދާނެއެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓު މިހާރު އޮތީ ރިސެސްގައެެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހަށެވެ.

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައި ގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ. އަދި އެ މުއްދަތުގައި އަޑު އެހުންތައް ނުބޭއްވި ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތައް ބާއްވާނެއެވެ.

comment ކޮމެންޓް