ބޮން ގޮއްވާލި އަދުހަމަށް ހުކުމް ކުރުން އަންގާރަ ދުވަހު

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލިކަމަށް އެއްބަސްވެފައިވާ އަދުހަމް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ ހަ ވަނަ ދުވަހު ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދަށް ކްރިމިނަލް ކޯޓުން އަންނަ އަންގާރަ ދުވަހު ހުކުމް ކުރާނެ ކަމަށް ބުނެފިއެވެ.

އަދުހަމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި އަދުހަމުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އެ ޝަރީއަތުގެ މައުލޫމާތު 'ސަން' އަށް ދެއްވަމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ, އަދުހަމާ އެކު އެ އޮފީހުން ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން މިއަދު ކޯޓުން ވަނީ ބަލައިގަނެފައި ކަމަށެވެ.

އެހެން ކަމުން ކުށަށް އިއުތިރާފްވުމުން އެ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ނިންމުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމާފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ. އަދި އަންނަ އަންގާރަ ދުވަހު ހުކުމް ކުރުމަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.

ދައުލަތުން ވަނީ އަދުހަމާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެގޮތުން ހަތަރު ދައުވާއަކަށް އޭނާ ވަނީ އެއްބަސްވެފައެވެ. އިއުތިރާފްގެ އެއްބަސްވުމެއް ހެދީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށް އަދުހަމް ވަނީ މީގެކުރިން ބުނެފައެވެ. ކޯޓުގައި އަދުހަމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާއަށް ވެސް އިއުތިރާފްވެފައެވެ.

އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދުހަމަކީ ނަޝީދަށް ދިން ހަމަލާގައި ނީލޯފަރު ހިނގުމުގެ ކުރިމަތީގައި ހުންނަ އަތަމާ ޕެލަސް ތެރޭ ހުރެ ބޮން ގޮއްވަން ރިމޯޓަށް ފިއްތިކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ. އަދުހަމް ހައްޔަރު ކުރީ މިދިޔަ މެއި ނުވަ ވަނަ ދުވަހު ފަތިސް ގަޑީގައި، ހުޅުމާލެއިންނެވެ.

މީގެ ކުރިން ފުލުހުން ވަނީ، އައިއީޑީ ގޮއްވާލި ވަގުތު އަދި އޭގެ ކުޑަ ވަގުތުކޮޅެެއްގެ ކުރިން އަދުހަމްގެ ހަރަކާތްތައް ހުރި ގޮތާއި، އެ ހާދިސާގެ ފަހުން އޭނާގެ ހަރަކާތްތައް ހުރިގޮތް ފެންނަ ސީސީޓީވީ ފުޓޭޖު އާންމުކޮށްފައެވެ.

އެ ފުޓެޖުން، އައިއީޑީ ގޮއްވާލުމުގެ ކުރިން އަދުހަމް އަތަމާ ޕެލަސް ތެރޭ ފޯނުން ވާހަކަ ދައްކަން ހުންނަތަން ފެނެއެވެ. އޭނާ ހުންނަނީ ފައިވާން ބާލައި، ފާރުގައި ފައި ޖައްސައިގެންނެވެ. އެތަނުން ނެގި ފުޓް ޕްރިންޓާއި، އަދުހަމް ހައްޔަރުކުރުމަށް ފަހު ނެގި ފޫޓްޕްރިންޓް ދިމާވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް