އެޗްއާރްސީއެމްގެ ދިރާސާ: މާލޭގެ ބޮޑު ބަޔަކަށް ފުރޮޅުލީ ގޮނޑީގައި ނުވަދެވޭ

މާލޭގެ މަގުމަތި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ 79 ޕަސެންޓް ތަނަށް ފުރޮޅުލީ ގޮނޑީގައި ވަންނަން ހުރަސްތަކެއް ހުރި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މާލެ ސަރަހައްދުގެ މަގުތަކާއި އިމާރާތްތައް ހަދާފައިވަނީ، ފުރޮޅުލީ ގޮނޑި ބޭނުންކުރަންޖެހޭ މީހުންނަށް ވަދެ ނިކުމެވޭ ގޮތަށްތޯ ބެލުމަށް އެޗްއާރްސީއެމްއިން ކުރި ފަސް ދުވަހުގެ ދިރާސާ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ދިރާސާގައި، މާލޭގެ 79 ޕަސެންޓު ތަނަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސް އެޅޭ ކަމަށް ފާހަގަކޮށްފައި ވަނީ މީހުން ދިރިއުޅޭ އިމާރާތްތަކާއި އާންމު ހިދުމަތްދޭ އޮފީސް އިމާރާތްތަކާއި މިސްކިތްތަކާއި ބަސްހުއްޓި އާއި ފެރީ ގިމަތަ ފަދަ ތަންތަން ސާވޭ ކުރުމަށް ފަހުގައެވެ.

އެގޮތުން އެތަންތަނަށް ވަންނަން އޮޅިގަނޑެއް ގިރާ ކުރަން ޖެހޭ އިރު، ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް ދެވޭ ގޮތަށް ސްލޯޕެއް ނުވަތަ ރޭމްޕެއް ހަދާފައި ނުވާ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު މާލޭ ސިޓީގެ 441 އިމާރާތެއްގެ ތެރެއިން 53 ޕަސެންޓު އިމާރާތަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތަކެއް ހުރިކަމަށް ސާވޭއިން ދައްކާފައިވެއެވެ.

ފުރޮޅުލީ ގޮނޑީގައި އިމާރާތްތަކަށް ވަނުމަށް އެންމެ ގިނަ ހުރަސްތަކެއް ހުރީ ވިލިމާލޭގައި ކަން ފާހަގަ ކުރަމުން ސާވޭ ރިޕޯޓްގައި ވަނީ، ވިލިމާލޭގެ 61 ޕަސެންޓު އަދި ހުޅުމާލޭގެ 32 ޕަސެންޓް އިމާރާތަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތަކެއް ހުރި ކަމަށް ބުނެފައެވެ.

https://sun.mv/157040

މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ޖުމްލަ 756 ތަނެއް ދިރާސާކޮށް ހޯދި ހޯދުމުން ދައްކާ ގޮތުގައި މާލޭގެ 55 ޕަސެންޓު ސަރަހައްދުގައި ދުވާރު ނުހުރެއެވެ. އަދި ދުވާރު ހުރި ސަރަހައްދުތަކުގެ ތެރެއިން 33 ޕަސެންޓު ދުވާރަކީ ފުރޮޅުލީ ގޮނޑީގައި ދެވޭ ވަރަށް ވުރެ ހަނިކޮށް ހުންނަ ދުވާރުތަކެވެ.

އެހެންކަމުން ފުރޮޅުލީ ގޮނޑީގައި އެއް ތަނުން އަނެއް ތަނަށް ދާ މީހުންނަށް ޖެހެނީ އެއްގަމު އުޅަނދުތައް ދުއްވާ ސަރަހައްދުތަކުން ދާން ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ 44 ޕަސެންޓާއި ވިލިމާލޭގެ 90 ޕަސެންޓްގައި ދުވާރަށް ފުރޮޅުލީ ގޮނޑީގައި އެރޭގޮތަށް ކައިރި ހިސާބެއްގައި ރޭމްޕެއް ނުވަތަ ސްލޯޕެއް ނެތްކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ސާވޭގެ ނަތީޖާއަށް ބިނާކޮށް އެޗްއާރްސީއެމް އިން 10 ލަފައެއް ދީފައިވެއެވެ.

އޭގެ ތެރޭގައި، މީހުން ދިރިއުޅޭ ތަންތަނާއި އާންމު ހިދުމަތްދޭ ތަންތަން ފަރުމާކުރުމުގައި، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ވަދެ ނިކުމެވޭ ގޮތަށް އެތަންތަން ފަރުމާ ކުރުން ހިމެނެއެވެ. އަދި މަގު ހަދާއިރު، ފުރޮޅުލީ ގޮނޑިއަށް ދެވޭނެހެން ދުވާރު ފުޅާ ކުރުމާއި ދުވާރުގެ ދެކޮޅުގައި ސްލޯޕެއް ނުވަތަ ރޭމްޕެއް ހަދަން އެދިފައިވެއެވެ.

ހަމައެއާއެކު، ދުވާރުގައި ކަރަންޓު ބޯޑު ބަހައްޓާއިރުގައްޔާއި ގަސް އިންދުމަށް ދުވާރު ކަނޑާއިރު ދުވާރުގެ ފުޅާމިނަށް ބެލުމަށްފަހު، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން ދެވޭ ފުޅާމިނެއް ދުވާރުގައި ބެހެއްޓުން މުހިންމުކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން، ދުވާރުގައި ކުންޏާއި އެހެނިހެއް އެއްޗެހި ނުބެހެއްޓުމާއި އިމާރާތް ކުރާއިރު ގޮނޑީގައި އުޅޭމީހުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައް ކުރުމަށް އާއްމުން ހޭލުންތެރި ކުރުމަށްވެސް އެޗްއާރުސީއެމްއިން ގޮވާލިއެވެ.

ގޮނޑީގައި އުޅޭ މީހުނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ޕާކިން ޒޯނުގައި އެހެން އުޅަނދު ޕާކު ކުރާނަމަ އެކަން ޓްރެފިކް ފުލުހުން ގަވައިދުން ބެލުމަށް އެ ކޮމިޝަނުން އެދިފައިވެއެވެ.

comment ކޮމެންޓް