ތިޔަ ލޯބި އެދިގެން... - 27

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

އައިހަމްއާ ދާދި ކައިރިއަށް ދެވުނުތަނާ އައިހަމްގެ އަޑު ޔޫލިންގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު އޭނާގެ ފިޔަވަޅުތައް ވަގުތުން މަޑުޖެހުނެވެ.

"އަހަރެން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނޭ ބުނެފީމެއްނު... އަހަރެންގެ ދިރިއުޅުމަށް އަލުން އަންނަން ނޫޅޭ. އެ ފުރުސަތެއް ނެތް. އަހަންނަށް އޮޅުވާލައިގެން އެހެން ފިރިހެނާ އެކީ އުޅުނުއިރު، ހިތަކަށް އެއްވެސް އެއްޗެއް ނާރާ ދޯ... އަހަރެންގެ ހިތަށް ކުރާނެ އަސަރު އަންދާޒާކޮށެއް ނުލެވުނު. ވީއިރު މިއަދު އަލުން އަނބުރާ އަހަރެންގެ ޙަޔާތުން ޖާގައެއް ލިބޭނެކަމަށް އާދޭސް ކުރުމުގެ ބޭނުމެއް ނެތް. އަހަރެން މީ މިހާރު އެހެން މީހެއްގެ ޙައްޤެއް. އިތުރަށް ދެން އަހަންނަށް ނުގުޅާތި!" އެކޮޅުން ވާހަކަ ދައްކަދައްކާ ހުއްޓާ އައިހަމް ފޯނު ކަނޑައިލިއެވެ. އޭނާ ފަހަތަށް އެނބުރިލިއިރު، ޔޫލިން ފެނިގެން ސިހުން ލިބުނެވެ. ޔޫލިންގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އައިހަމް މަސައްކަތްކުރިއެވެ.

"ލީން!" އައިހަމްއަށް ގޮވައިލެވުނެވެ. އޭނާ ޔޫލިންއާ ގާތަށް ޖެހިލިއެވެ. ޔޫލިން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް، އެ މޫނުމަތިން ފެނުނު އަސަރުތަކުން، ވީގޮތް އެނގެން ބޭނުންވެފައި ހުރިކަން އައިހަމްއަށް ދެނެގަނެވުނެވެ. އޭނާ މަޑުމަޑުން، ޔޫލިންގެ އަތުގައި ހިފައްޓައިިލިއެވެ. އަދި ލޯބިން ފުރިގެންވީ ބެލުމަކުން، ޔޫލިންއަށް ބަލައިލިއެވެ. ޔޫލިން އިސްޖަހައިލުމާއެކު، އައިހަމް ޔޫލިންގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވާލާ އޭނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"އެ ގުޅީ ކާކުކަން އަހަރެން ނުބުންޏަސް ލީންއަށް އެނގިއްޖެއެއްނު. އަަހަރެން މީ މިހާރު ލީންގެ މީހެއް." އައިހަމް ވާހަކަ ދެއްކިއެވެ.

"އަހަންނަށް އެނގޭއެކަން. އައިހަމް އަހަރެން ދޫކޮށްލާފައި، ނުދާނެކަމުގެ ޔަޤީންކަން އަހަންނަށް އޮވޭ!" ޔޫލިން ބުނެލިއެވެ.

"އަހަރެން ބޭނުމެއް ނޫން ލީންއަށް އެއްވެސްކަމެއް ސިއްރުކުރާކަށް. މިހާރު އޭނާ އުނދަގޫ ކުރާތާ ދެދުވަހެއް ވަރުވެއްޖެ. ނަންބަރު ބްލޮކް ކޮށްލީމަ ނުދަންނަ ނަންބަރުތަކުން ވެސް ގުޅަނީ..." އައިހަމް ބުނެލިއެވެ. އޭނާ ޔޫލިންއަށް ފުންނަޒަރަކުން ބަލައިލިއެވެ. އެ ފަނޑު އަލިކަމުގެ ތެރެއިންވެސް، ޔޫލިންގެ ރީތިކަން އޭނާގެ ހިއްސުތައް ހޭލައްވައިލިއެވެ. ލުއިލުއި މޭކަޕެއްގައި ޔޫލިންފެންނަލެއް ކިތަންމެ ހާވެސް ހިތްގައިމެވެ. ލާފައިހުރި ހެދުންވެސް އެހާ ގުޅެއެވެ.

"އައިހަމް! ތިހުރިހާ އެއްޗެއް އެކްސްޕްލެއިން ނުކޮށްދިނަސް އަހަންނަށް އޯކޭއޭ... އަހަރެން އިތުބާރުކުރަމޭ." ޔޫލިންގެ ޖަވާބުން އައިހަމްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޔޫލިން އޭނާއަށް އިތުބާރުކުރުމަކީ، އޭނާއަށް ލިބޭ އެންމެ ބޮޑު އެއް އުފަލެވެ.

"އައި ލަވް ޔޫ..." އައިހަމް ޔޫލިންއާ އިތުރަށް ކައިރިވެލުމަށްފަހު، ގުދުވެލާ ޔޫލިންގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔޫލިންގެ މުޅި ހަށިގަނޑުގައި ވެސް ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުކޮށްލުމާއެކު، އޭނާގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހުއްޓުނުގޮތަށް ޔޫލިންއަށް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރެވުނުއިރު، އޭނާގެ ހިތުގެ ތެޅުންދިޔައީ ހިނދެއް ހިނދަކަށް ބާރުވަމުންނެވެ. އެތެރެހަށީގައި އުފެދުނު ޖަޒުބާތުތައް ވަރުގަދަވަމުންދިޔައެވެ. އައިހަމްގެ އެ އަމަލުން އޭނާ އުފާވިއެވެ.

އައިހަމް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ޔޫލިންއާ ދުރަށް ޖެހިލިއެވެ. އެއަށްފަހު، އޭނާ އަނެއްކާވެސް ޔޫލިންއަށް ބަލައިލިއެވެ. ޔޫލިންގެ ލަދުވެތި ހަރަކާތްތަކުން އޭނާއަށް ހިނިތުންވެވުނެވެ.

"ހިނގާ ހިނގާލަން ދާން. ދިޔުމުގެ ކުރިން އަހަރެން ބޭނުންވަނީ ލީންއާއެކީ ވަގުތުކޮޅެއް ހޭދަކޮށްލަން. ދެން ނޭނގެ އަވަހަކަށް ފެންނާނެ ކަމެއްވެސް..." އައިހަމް ޔޫލިންގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ.

"އަހަރެން ގޮވައިގެން ދޭބަލަ!" ޔޫލިން ބުނެލިއެވެ.

"އަހަރެން ޓްރެއިނިންއަށް ދާން ނުޖެހޭނަމަ ދާނީ ލީންއާ އިނދެގެން ގޮވައިގެން...ހެހެ!" އައިހަމް ލާނެތް ގޮތަކަށް ބުނެލުމާއެކު، ޔޫލިންގެ މޫނު ލަދުން ރަތްވިއެވެ.

"ހާދަ ވަރަކަށް ތި ލަދުގަންނަނީ؟ ކިހިނެއްވީ؟ ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އަދި އަހަރެމެން ދެމީހުންގެ ކައިވެނި ވެސް ކުރެވިގެން ދާނެޔޭ!. އޭރުން ލީންވާނީ ހަމައެކަނި އަހަރެންގެ ޙައްޤަކަށް. އަހަރެންގެ އަނބިމީހާއަށް. " އައިހަމް ޔޫލިން އިތުރަށް ލަދުގަންނުވާލުމުގެ ބޭނުމުގައި ބުނެލިއެވެ. އޭނާގެ އެފަދަ ކުދި ކުދި ސަމާސާތަކުން ޔޫލިންގެ މޫނުމައްޗަށް އަރާ ކުލަވަރުތައް ވަރަށް މަޖާވެއެވެ.

ދެމީހުންއެކުގައި ހިނގާލާފައި ގޮސް ނުކުތީ ގޮނޑުދޮށަށެވެ. ހަނދުވަރުގެ އަލި ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާއިރު، ފެންނަލެއް ނުހަނު ހިތްގައިމެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތަކުން ދެމީހުންނަށް ވެސް އަރާމުވިއެވެ. ޔޫލިން އޭނާގެ ފައިވާން އެއްއަތަށް ނެގިއެވެ. އޭރުވެސް ދެމީހުންގެ އެއްއަތް ވަނީ އެކަކު އަނެކަކުގެ އަތާ ގުޅި ލާމެހިފައެވެ. ފައިވާން އަތަށް ނެގުމުން، ޔޫލިންއަށް އަރާމުވިއެވެ. ހިމުން ދޮންވެލިގަނޑު މަތީގައި ދެމީހުން އިށީނދެލިއެވެ.

"މީ އެންމެ ފަހުރޭ ދޯ މިހެން އަހަރެމެން ބައްދަލުވާނެ. ދެން ޖެހޭނީ ފޯނުން ވާހަކަ ދައްކަން...އިނގޭތަ؟" އިށީނދެ ހަމަޖެހިލަމުން ޔޫލިން އައިހަމްއަށް ބަލައިލިއެވެ. ފަހު ސުވާލުކޮށްލަމުން އޭނަ މަޑުޖެހިލިއެވެ.

"ބުނީމައެއްނު އެނގޭނީ... ހެހެ! އަވަހަށް ބުނެބަލަ!" އައިހަމް ޔޫލިންއަށް ސަމާލުކަން ދިނެވެ. އޭނާ ޔޫލިންގެ މޫނަށް ގޯނާ ކުރަމުންދިޔަ އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވައިލަދިނެވެ. އަދި މަޑުމަޑުން ޔޫލިންގެ ކޯތާފަތުގައި ފިރުމައިލިއެވެ.

"އަހަރެން އަބަދުވެސް މިންނު ކައިރީގައި ބުނަން އަހަންނަށް ލޯންގް ޑިސްޓެންޓް ރިލޭޝަންއެއްގައި ނޫޅެވޭނެޔޭ... އެކަމަކު މިހާރު އަހަންނަށް ވެސް މިއޮތީ އެގޮތަށް އުޅެން މަޖުބޫރުވެފަ." ޔޫލިން ބުނެލިއެވެ.

"އެކީއްވެ ދުރުގަ އުޅެންޏާ ރިލޭޝަންޝިޕް ވޯކް ނުކުރާނެހެން ހީވަނީ؟" އައިހަމް ސުވާލުކޮށްލިއެވެ. އޭނާ ޔޫލިންގެ ޚިޔާލު ހުރިގޮތް އެންގެން ބޭނުންވެއެވެ.

"ނޭނގެ އަބަދުވެސް އަހަރެން ހިތަށް އަރާ އެއްޗެއް އެއީ... ދުރުގައި އުޅެންޏާ މައްސަލަ ނުޖެހި ނޫޅެވޭނެޔޭ." ޔޫލިން ބުނެލިއެވެ.

"ނޫނޭ. ދުރުގަ އުޅުނަސް ދެމީހުން އެކަކު ދެލެ ލޯބިވަންޏާ، އިތުބާރުކުރަންޏާ ހުރިހާކަމެއް ވެސް ވަރަށް ސްމޫތްކޮށް ދާނެ. ގިނަ މީހުންގެ ރިލޭޝަންޝިޕް ބްރޭކްވަނީ އެ އިތުބާރު ދެމި ނޯންނާތީ! އެގޮތަށް މެދުވެރިވާން ދިމާވާ ސަބަބުތައްވެސް ވަރަށް ބައިވަރު. ދުރުގަ އުޅެންޏާ ގިނަފަހަރަށް ކޮންމެވެސް އެކަކަށް ގޯސް ހެދޭނީ... އެކަމަކުވެސް ހަޤީގަތުގައި އެކަކު އަނެކަކު ދެކެ ލޯބިވާނަމަ އެގޮތަށް ޗީޓް ކުރާކަށްވެސް ނުކެރޭނެ ދޯ..." އައިހަމް ޔޫލިންއަށް ބަލައިލިއެވެ. ޔޫލިން އައިހަމްގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

"އައިހަމް އަހަންނަށް އިތުބާރުކުރަންތަ؟" ޔޫލިން ސުވާލުކޮށްލިއެވެ.

"އޮފްކޯޒް. އަހަރެން ލީންއަށް ފުރިހަމައަށް އިތުބާރުކުރަން... ލީން އަހަންނަށް އިތުބާރުކުރަންތަ؟" އައިހަމްވެސް ސުވާލުކޮށްލިއެވެ.

"އަހަރެންވެސް..." ޔޫލިން ބުނެލިއެވެ.

"ލޯބިވޭތަ؟" އައިހަމް ދެވަނަ ސުވާލުވެސް ޔޫލިންއާ އަމާޒުކޮށްލިއެވެ.

"އާނ. ވަރަށް ބޮޑަށް." ޔޫލިން ޖަވާބުދިނެވެ.

"އަހަރެންވެސް ލޯބިވޭ... ވީއިރު ލީން ބިރުނުގަނޭ. އަހަރެން ލީން ދެރަވާފަދަ ކަމެއް ނުުކުރާނަން ދުރުގަ ހުއްޓަސް..." އައިހަމް ޔަޤީންކަން ދިނެވެ. ދެމީހުން އެފަދަ އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. އެތަކެއް ވައުދުތަކެއް ވިއެވެ. އައިހަމް ބުނީ އޭނާ ދެން އެރަށަށް އަންނާނީ ޔޫލިންއާ ކައިވެނި ކުރަންކަމަށެވެ. އޭނާ އަންނަންދެން އިންތިޒާރުކުރުމަށް އޭނާ ޔޫލިންގެ ކިބައިން އެދުނެވެ.

"އަހަރެން ބުނިން ކުރިންރޭވެސް އިންތިޒާރުކުރާނަމޭ..." ޔޫލިން އައިހަމްއަށް ބަަލައިލުމާއެކު، އައިހަމްގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ.

*****

ޖެހިގެން އައި ދުވަހު ހެނދުނު އައިހަމް ފުރުވަންވެސް ރައިހާންގެ އިތުރުން ސަކީނާއާއި ޔޫލިންވެސް ދިޔައެވެ. ސަކީނާ ޔޫލިންއާ އައިހަމްއާ ދެމީހުންނަށްވެސް ތަފާތު ނަޒަރަކުން ބަލައިލިކަމެއް އެކަކަށްވެސް ރޭކާނުލިއެވެ. އޭނާއަށް ރޭގައި ރައިހާންއާ ޔޫލިންގެ ވާހަކަތައް ރަނގަޅަށް އަޑު އިވުނު ނަމަވެސް، އެ ވާހަކަ ޔޫލިންއާ ދައްކަން ބޭނުންނުވީ ޔޫލިންއަށް އަމިއްލައަށް ފެނިގެން އެ ވާހަކަ އަދި އޭނާގެ ކައިރީގައި ބުނާނެކަމުގެ ޔަޤީންކަން އޮތީތީއެވެ. އޭނާ އެ ދަރިން ތަރުބިއްޔަތު ކުރީ ވީ އެންމެ ރަނގަޅަކަށެވެ. ފަހަރެއްގައިވެސް އޭނާގެ ދެދަރިން ކުރެ އެކަކުވެސް ގޯހެއް ނުހަދާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮވެއެވެ. އަނެއްކޮޅުން އައިހަމްއަކީ ވެސް އޭނާއަށް އެނގޭ ކުއްޖަކަށް ވެފައި އަޚްލާޤު ރަނގަޅު ކުއްޖަކަށް ވުމުން ޔޫލިން އައިހަމްއާ ގުޅުމަކުން އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ޔޫލިން އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް އައިހަމް ފަދަ ބައިވެރިއެއް ޚިޔާރުކުރީތީ ހަޤީގަތުގައި އޭނާ ހުރީ ވަރަށް އުފަލުންނެވެ. އޭނާ އެ ގުޅުމާ ވަރަށް ރުހެއެވެ.

އައިހަމް ފަހަރު މީހަކާ ސަލާމްކޮށްފައި، އެންމެ ފަހުން ގޮސް ޔޫލިންއާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ޔޫލިންއަށް އޭނާގެ މަންމައާ ދިމާލަށް ބަލައިލެވުނީ ކީއްވެކަމެއް ނޭނގުނެވެ. އޭރު ސަކީނާ ހުރީ ރައިހާންއާ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ޔޫލިން އައިހަމްއާ ސަލާމްކޮށްލަމުން ހިނިތުންވެލި ނަމަވެސް، އޭނާ ހުރީ ދެރަވެފައިކަން އައިހަމްއަށް ދެނެގަނެވުނެވެ. އޭނާ ލޮލުން ދެރަނުވުމަށް ބުނެ އިޝާރާތްކޮށްލަމުން ބޯ ޖަހައިލިއެވެ. އަދި އޭނާ ރައިހާންއަށް ބަލައިލިއެވެ. ރައިހާންއަށްވެސް އެ ގުޅުން އޮތީ އެނގިފައިކަމުން އައިހަމް އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. އޭނާ ކަންބޮޑުވަނީ ހަމައެކަނި ރައިހާންގެ މަންމަ ގަބޫލުނުވެދާނެތީއެވެ. އެހެންނަމަވެސް އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ރައިހާންގެ ބަސްތަކުން ލިބެއެވެ. ރައިހާން ބުނަނީ އޭނާގެ މަންމަ އައިހަމް އާ ގަބޫލުނުވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމުގައެވެ. ލޯންޗަށް އަަރަންވެގެން އައިހަމް ހިނގައިގަތްވަގުތު ރައިހާން އައިހަމް ކައިރިއަށް ޖެހިލިއެވެ.

"ހަނދާންކުރާތި އިނގޭ. ލީން ދެރަކޮށްގެން ނުވާނެ! ޑޯންޓް ޔޫ ޑެއަރ ޗީޓް!" ރައިހާން އެހެން ބުނެފައި އައިހަމްގެ ކޮނޑަށް އަތް ވައްޓައިލުމާއެކު، އައިހަމް ރައިހާންއަށް ބަލައިލިއެވެ. އޭރު ރައިހާން ހުރީ ލާނެތް ފާޑަކަށް ހީގަނެގެންނެވެ. އައިހަމް ވެސް ހިނިގަނޑެއް ޖަހައިލުމަށްފަހު، ވާހަކަ ދެއްކިއެވެ.

"ލީން އަށް ރަނގަޅަށް ބަލާތި. އެންޑް ޔާ. އަހަރެން އެހެން ކަންތައް ކުރާކަށް ނޫނޭ ލީންއާ ގުޅުނީ..." އައިހަމް އެހެން ބުނެލިއިރު، އޭނާގެ އަޑުގައި ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ވިއެވެ.

"އޭތް. އަދި ނުވެޔޭ މާޔޫސްވާކަށް. މިއީ ސިޓީ ފޮނުވާ ޒަމާނެއް ނޫނޭ ހަބަރެއް ނުވެވިފަ ހުންނާކަށް. ބޭނުން ކޮންމެ ވަގުތަކު ގުޅޭނެ، ވީޑިއޯ ކުރެވޭނެ!" ރައިހާން ބުނެލިއެވެ.

"ޓްރެއިނިންގ އަށް ދާތީ ވަރަށް ނުގުޅޭނެ އެއްނު. އައި އެމް ގޮނަ މިސް ހާރ އަ ލޮޓް..." އައިހަމް ބުނެލިއެވެ.

"ސާބަހޭ. މީގެކުރިއަކުން މަށަކަށް ނޭނގޭ ތީ އެހާ ޖަޒުބާތީ މީހެއްކަމެއް..." ރައިހާން އަނެއްކާވެސް ދިމާކޮށްލިއެވެ. އައިހަމް ދެފަރާތަށް ބޯ ހޫރައިލިއެވެ.

އޭނާ ފަހު ފަހަރަށް ޔޫލިންއަށް ބަލައިލުމަށްފަހު، ގޮސް ލޯންޗަށް އެރިއެވެ. އޭނާ އަތުން ހަނާއަޅައިލުމުން ޔޫލިންވެސް އަތުން ހަނާ އަޅައިލިތަން އޭނާއަށް ފެނުނެވެ. އެ ހުރިހާ މަންޒަރެއްވެސް ސަކީނާއަށް ފެނުނެވެ. އޭނާގެ ތުންފަތްމަތީގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ. އައިހަމް ލޯންޗުގެ އެތެރެއަށް ވަދެ އިށީނދެލުމަށްފަހު، ލޯންޗް ނައްޓައިލުމުގެ ކުރިންވެސް އެއްފަހަރު އަތުން ހަނާ އަޅައިލިއެވެ. ޔޫލިން ހުރި ގޮތުން އޭނާ ފޯނުގައި މެސެޖެއް ލިޔެލާ ޔޫލިންއަށް ފޮނުވައިލިއެވެ.

ބަނދަރުމަތީގައި ހުރި ޔޫލިންގެ ފޯނަށް މެސެޖެއް އައުމާއެކު، އޭނާ ފޯނު ބަލައިލިއެވެ. އައިހަމްގެ މެސެޖެކެވެ.

"އައި ވިލް މިސް ޔޫ... ޓޭކް ކެއަރ އިނގޭ، ލަވް ޔޫ..." މެސެޖު ކިޔައިލަމުން ޔޫލިންވެސް އޭނާ ވެސް ހަނދާންވާނެ ވާހަކައާއި ލޯބިވާ ވާހަކަ ބުނެފައި ރިޕްލައިކޮށްލިއެވެ.

ޔޫލިންމެން ގެއާ ދިމާލަށް ހިނގައިގަތީވެސް ލޯންޗް ފަޅުން ބޭރަށް ނުކުތުމުންނެވެ. ގެއަށްދިޔަ މަގުމަތީގައިވެސް ޔޫލިން އިރުއިރުކޮޅަކާ ފޯނަށް ބަލަމުން މެސެޖް ކުރަމުންދިޔަކަން ސަކީނާއަށް އެނގުނެވެ. ރައިހާންވެސް ޔޫލިންގެ ކަންފަތް ދޮށުގައި އެއްފަހަރަކު ދިމާކޮށްލުމާއެކު ޔޫލިން ލޯ އަޅައިލިއެވެ.

"ތިވަރު ވާކަށް ނުވެޔޭ އަދި..." ރައިހާން ބުނެލިއެވެ.

"ދޮންބެއަށް ވެސް ލޯބިވީމަ އެނގޭނީ..." ވިސްނާނުލާ ހުރެ ޔޫލިންއަށް ބުނެވުނެވެ. ޔޫލިން އެހެން ބުނުމާއެކު ރައިހާންގެ ހަރަކާތްތައް މަޑުވެލިއެވެ.

"ސޮރީ..." ޔޫލިން މާފަށް އެދުނެވެ. އޭރު ސަކީނާ ހުރީ ތަންކޮޅެއް ކުރީގައިކަމުން އެ ދެމީހުން ދައްކަމުން ދިޔަ ވާހަކައެއް އޭނާއަކަށް ނީވެއެވެ.

*****

މިންހާއަށް ހޭލެވުނީ ނުވައެއް ޖަހަނިކޮށެވެ. މޯޅިއަކަށް ދެމިލަމުން އޭނާ ރަޖާގަނޑު ދުރުކޮށްލާ ތެދުވެލިއެވެ. އާފުރެމުން ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެ އޭނާ ޓީޝާތަކާއި ޖީންސްއެއް ލައިގެން ރީތިވެލިއެވެ. ކޮޓަރިން ނުކުމެގެން ހިނގައިގަތްތަނާ ތަބަކަށް ކާ އެއްޗެހި ލައިގެން ނީނާ މައްޗަށް އަރަނީއެެވެ.

"ނީނާ! ކީއްވެ ތި އެއްޗެހި މައްޗަށް ތި ގެންނަނީ! އަހަރެން މިދަނީ ތިރިއަށް ދާށޭ." އޭނާއަށް ގެންނަ އެއްޗެހި ކަމަށް ހީކޮށް މިންހާ ވާހަކަ ދެއްކިއެވެ.

"މީ މޭމްއަަކަށް ނޫނޭ! ބޮސްއަށް..." ނީނާ ބުނެލިއެވެ.

"ބޮސް މިއަދު އޮފީހަށް ނުދަނީތަ؟" މިންހާ ސުވާލުކޮށްލީ ކުޑަ ހައިރާންކަމަކާއެކީގައެވެ.

"ބޮސް ބަލިވެ އުޅޭތީ މިއަދު އޮފީހަށް ނުދޭ. ރާމިޒައްތަ އެއްޗެހި މައްޗައް އަރުވަން ބުނީމަ މި އައީ ހިފައިގެން." ނީނާ އެހެން ބުނެލާފައި ހިނގައިގަންނަން އުޅުނެވެ.

ޝިޒާން ބަލިވީހެއްޔެވެ؟ އަނެއްކާ ކިހިނެއްވީހެއްޔެވެ؟ ގައިމު އިއްޔެވެސް ހުރީ ނުލާހިކު ރަނގަޅަށެވެ. ނީނާ އޭނާ ފަސްދީ ދިޔަފަހުން މިންހާ ގޮވައިލިއެވެ.

"ނީނާ..." ވަގުތުން ނީނާ ހުއްޓި ފަހަތް ބަލައިލިއެވެ.

"ކިހިނެއްވީ މޭމް؟" އޭނަ ސުވާލުކޮށްލިއެވެ.

"ގެނޭ އަހަރެންގެ އަތަށް ތަބަށް..." ނީނާއާއި އަރާ ހަމަކޮށްލަމުން މިންހާ އޭނާގެ ދެއަތް ދިއްކޮށްލިއެވެ. ނީނާ މިންހާއަތަށް ތަބައްދީފައި ޝިޒާންގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. މިންހާ ބަލާކަށް ނުހުރެ ތަބަށް އަތާ ގަޔާ ދެމެދު ހައްޔަރުކޮށްލުމަށްފަހު، އެއް އަތުން ދޮރު ހުޅުވައިލިއެވެ.

"އޯކޭ ދިޔަަޔަސް..." އޭނާ ނީނާ އަށް ބަލައިލިއެވެ. އެތެރެއަށް ވަތްއިރު ޝިޒާން އޮތީ އެނދުގައެވެ. ލޯ މެރިފައި އޮތްއިރު ހީވަނީ ނިދާފައި އޮތްހެންނެވެ. މިންހާ ސައިޑް ކަބަޑުމަތީގައި ތަބައް ބެހެއްޓުމަށްފަހު، ޝިޒާންއަށް ބަލައިލިއެވެ. ޝިޒާންގެ މޫނުމަތިން ވަރުބަލިކަން ފެންނަމުންދިޔައެވެ. ހުސްގަޔާ ޝިޒާން އޮތްއިރު، ހުދުކުލައިގެ ބްލޭންކެޓް ތިރިއަށް ކެހިފައިވުމުން އޭނާގެ ކަސްރަތީ ހަށިގަނޑުން ބޮޑުބައި އޮތީ ހާމައަށެވެ. ޝިޒާން ނޭވާ ލަމުންދިޔައިރު، ބަނޑު އުފުއްލިލާފައި ތިރިވާތަން ބަލަހައްޓައިގެން މިންހާއަށް ހުރެވުނެވެ. ޝިޒާންގެ އެ ފިރިހެންވަންތަ ކަމަށް އޭނާއަށް ހިތާ ހިތުން ތަޢުރީފްކުރެވެމުން ދިޔައެވެ. ނިދިފައި އޮތްއިރުވެސް އެމޫނުމަތިން އޭނާއަށް ފެންނަނީ މައުސޫމުކަމެވެ. ޝިޒާން ނިދީގައި ފުންނޭވާއެއް ދޫކޮށްލިހެން އޭނާއަށް ހީވިއެވެ.

ޝިޒާން އަނެއްކާ ހުން އައީހެއްޔެވެ؟ އޭނާ ޝިޒާންގެ ހުން ހުރިތޯ ބަލައިލަން ވީ ހެއްޔެވެ؟ އޭނާ އަތްލާއިރަށް ޝިޒާން ހޭލައިފިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ނޫނެކެވެ. ޝިޒާން އެ އޮތީ ވަރަށް ގަދައަށް ނިދާފައެވެ. އޭނާ ނިތުގައި އަތް ޖައްސާލައިގެން އަދި ޝިޒާން ހެޔެއް ނުލާނެއެވެ. މިންހާ އެކި ގޮތްގޮތަށް ވިސްނަމުންދިޔައެވެ.

އިރުގަނޑަކު ބަލަން ހުރުމަށްފަހު، އޭނާ ހުން ހުރިތޯ ބަލަން ވެގެން ޝިޒާންއާ ދިމާލަށް ކުޑަކޮށް ގުދުވެލީ ޝިޒާން އޮތީ އެނދުގައި މެދާ ދިމާލުގައި ކަމަށްވީތީއެވެ. އޭނާ އެއް އަތް އުފުއްލާލާފައި ގެންގޮސް ޝިޒާންގެ ނިތުގައި ޖައްސައިލިއެވެ. މިންހާގެ ފިނި އަތްތިލަ ޖެހުމާއެކު ޝިޒާން ލޯ ހުޅުވައިިލިއެވެ. އެއާއެކު މިންހާ ދިޔައީ ސިއްސައިގެންނެވެ. ހަދައިލެވުނު ގޮތަކުން އޭނާ ވެއްޓުނީ ޝިޒާންގެ މޭ މައްޗަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު