އިސްލާމީ ޘަޤާފާ ކިޔަވައިދިނުމުގެ މުހިއްމުކަން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

"އައްޘަޤާފާ އަލްއިސްލާމީއްޔާ" ނުވަތަ އިސްލާމީ ޘަޤާފާ މަތީ ތަޢުލީމީ މަރުޙަލާގެ ކޯސް ތަކުގައި މާއްދާއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކިޔަވައިދިނުން މުހިއްމު ވަނީ ޖުމްލަ ގޮތެއްގައި ބަޔާންކުރާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށެވެ. އެއީ އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެހައި ކަންކަން ޝާމިލް ފުރިހަމަ ނިޒާމެއްކަން ދަރިވަރަށް "ޤަބޫލުކުރެވުމާއި" މިދެންނެވި ނިޒާމާއި ދެކޮޅަށް ހިންގޭ އެންމެހައި ކަންކަމުން ދަރިވަރުން ސަލާމަތްވުމަށް ދެވޭ "ދިފާޢީބާރަކަށް" ވުމަށެވެ.

މި މާއްދާގެ އިތުރު މަޤްޞަދު ތަކުގެ ތެރޭގައި އަންނަނިވި މަޤްޞަދުތައް ހިމެނެއެވެ. އިސްލާމް ދީނުގައި ދިރިއުޅުމުގެ ނިޒާމަށް ދީފައިވާ އަހައްމިއްޔަތުކަން ދަރިވަރަށް ޤަބޫލުކުރެވިގެން ދިއުމާއި، ޢަޤީދާއާއި ޝަރީޢަތް ދިރިއުޅުމުގެ މަންހަޖެއްގެ ގޮތުގައި ހިފުމުގެ މުހިއްމުކަން ޤަބޫލުކުރެވިގެން ދިއުމާއެކު، މިދެންނެވި ނިޒާމުތަކާއި ޚިލާފުވާ ކަންކަމާއި، ފަލްފަސާތަކާއި، ޢަޤީދާތަކާއި ދެކޮޅުހެދުމަށް ދެވޭ ދިފާޢީބާރެއްގެ ގޮތުގައި ވުމަށެވެ.

ބަހަވީ ގޮތުން "ޘަޤާފާ"ގެ މާނައަކީ؛ ވިސްނައިގަތުމާއި، ހޭލުންތެރިވުމާއި، އަވަހަށް ދަނެގަތުމެވެ. މިމާނަ ކީރިތި ޤުރުއާނުގައި ވާރިދު ވެފައިވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَإِمَّا تَثْقَفَنَّهُمْ فِي الْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ) {އަލްއަންފާލް:57} މާނައީ: "ފަހެ، ހަނގުރާމައިގައި، ކަލޭގެފާނު އެއުރެން އަތުލައްވައިފިނަމަ، އެއުރެންގެ ފަހުން އަންނާންތިބި ބަޔަކު ވަކިވަކިވެގެންދާނޭގޮތުން، އެއުރެންނަށް އަދަބު ދެއްވާށެވެ! (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ."

ޘަޤާފާގެ އިޞްޠިލާޙީ މާނައަކީ، މުސްލިމާ ދިރިއުޅުމުގައި އުޅޭ އެންމެހައި ގޮތްތައް އިސްލާމީ ގިއުގަނޑުގައި އަދި އިސްލާމީ ނަޒަރުން ދެކޭ ގޮތެވެ. އެއީ މާއްދީ ގޮތުން ނުވަތަ މަދަނީ ގޮތުން ވިޔަސް މެއެވެ. ރޫހާނީ ގޮތުންނާއި ފިކުރީ ގޮތުން ކަމުގައި ވިޔަސް މެއެވެ. މިތަނުގައި ވިސްނާލަންޖެހޭ ނުގުތާއެއް ވެއެވެ. އެއީ ހުޅަނގުގެ މުޖުތަމަޢުގައި ޘަގާފާ މާނަކުރާ ގޮތާއި، އިސްލާމީ ފިކުރުގައި ޘަޤާފާ މާނަކުރާގޮތުގައި ތަފާތު ހުރިކަމެވެ.

އިސްލާމީ ޘަޤާފަތް އުގެނުމުގެ މުހިއްމުކަން މިއަދު ވަރަށް ބޮޑެވެ. އެއީ ޢިލްމީ އަދި ޢަމަލީ ގޮތެއްގައި، ބަޔާންކުރާ ފާއިދާތައް ޙާޞިލްކުރުމަށެވެ. އިސްލާމް ދީނުގައިވާ ޝާމިލް ކަމަށް ދަރިވަރުން ލޯ ހުޅުވިގެން ދިޔުމާއި، އިސްލާމް ދީނަށް އޮންނަ ލޯތްބާއި އެދީނަށް ނިސްބަތްވާ ނިސްބަތްވުން ބޮޑުވެގެން ދިއުމާއި، ޒަމާނީ މައްސަލަ ތަކުގައި އިސްލާމް ދީން ދެކޭގޮތް އެނގުމާއި، ފިކުރީ މަޒްހަބުތަކުގެ ކުރިމަތީގައި އިސްލާމް ދީން ކުރިއަރާފައިވާ މިންވަރު ދެނެގަނެެވުމާއި، އިންސާނީ ޙަޔާތުގައި އިސްލާމީ ރިސާލަތުގެ ޝާމިލްކަން ދެނެގަތުމާއި، ޚުރާފީ އަދި ނާތަހްޒީބީ ކަންތައްތަކުން ސަލާމަތްވެ އުޅެން އެނގުމާއި، އިސްލާމީ ފިކުރީ އަދި ސުލޫކީ ކަންކަމުގައި އިސްލާމީ އުންމަތް އޮތް ޙާލަތު ދެނެގަތުމާއި އަދި މުސްލިމުންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެވުމާއި މިކަންކަމުގެ ފަރުވާތައް ދެނެގަތުމެވެ.

މިއަދު އަޅުގަނޑުމެންގެ މުޖްތަމައުން ނޭގުމުގެ ތެރޭގައި ޤަޟާއު ޤަދަރުގެ ދާއިރާގެ ތެރޭގައި މީހުން މަގުއޮޅި މަގުފުރެދިގެން ދެއެވެ. މިގޮތުން ތިމާއަށް ކުރެވޭ ނުބައި ކަންކަން ޤަޟާ ޤަދަރަށް މަތިކުރުމާއި، އެކަންކަމުގައި ދެމިހުރުމާއި، ދުނިޔޭގައިވާ ނުބައިކަންކަން ﷲ އަށް ނިސްބަތްކުރުމާއި، ﷲ އަށް ވަކީލު ކުރުމުގެ ނަމުގައި އަދި ޙުއްޖަތެއްގެ ގޮތުގައި ހަދައި، ކަންކަމުގެ ސަބަބު ތަކުގައި ހިފުން ދޫކޮށްލުން ހިމެނެއެވެ.

އިތުބާރުހިފޭ ޝަރުއީ މަޞްދަރުތަކަކީ ޤްރުޢާނާއި، ސުންނަތާއި އިޖްމާޢުއާއި ޤިޔާސް ފަދަ ޝަރުއީ މަޞްދަރު ތަކެވެ. އެއީ ސީދާ ފިޠުރަތުގެ ސަލާމަތް ބުއްދި ޤަބޫލްކުރާ، މުތަވާތިރު މަގުން އައިސްފައިވާ ޝަރުޢީ ދަލީލްތަކެވެ. ނަމަވެސް މިނޫން އެހެން މަޞްދަރުތަކަށް އިތުބާރުކޮށް ޝަރުއީ ޙުކުމްތައް ކަނޑައެޅުމަކީ މަގުފުރެދުމުގެ މަގައް ވަނުމެވެ. މިގޮތުން ބުއްދިއަކީ ޙައްޤައް ވާޞިލް ވުމަށް މުހިންމު ދައުރެއް އަދާކުރާ އަސާސަކަށް ބެލުމުގެ ބަދަލުގައި، ބުއްދިއައް ބިނާކޮށް ނަޤްލީ ދަލީލައް ވުރެން ބުއްދީގެ ދަލީލު އެފަދަ މީހުން އިސްކުރެއެވެ.

މީގެ އިތުރުން ޞައްޙަ ނޫން ނަޤްލީ ދަލީލްތަކަށް އިތުބާރު ކުރުމާއި، އާދަކާދަ ދަލީލެއްގެ ގޮތުގައި ހެދުމާއި، ރޫޙާނީ ފަލްސަފާތަކާއި އިލްޙާމްތަކުން އަސަރު ކުރުވުން ޤަބޫލު ކުރުމާއި، ހުވަފެންތަކަށް އިތުބާރު ކުރުން ފަދަ ކަންކަމަކީ، އިތުބާރު ނުހިފޭ މަޞްދަރު ތަކުން ދީނީ ކަންކަމުގައި މަގުފުރެދުމުގެ ދާއިރާއެވެ.

އިތުބާރުހިފޭ މަޞްދަރުތައް ފަހުމު ވުމުގެ ގޮތުންނާއި ދަލީލު ދެއްކުމުގެ ގޮތުން މީހުން މަގުފުރެދުމުގެ ދާއިރާއަކީ މާ ނުރައްކާތެރި ދާއިރާއެކެވެ. މިދެންނެވި ގޮތުން މަގުފުރެދޭ ބައެއް ގޮތްތަކުގެ ތެރޭގައި، ޤްރުއާނާއި ސުންނަތުގެ ނައްޞުތައް ބަދަލު ކުރުމުން މަގުފުރެދުމާއި، ލަފްޒީ ދަލީލުތަކުން ޔަޤީންކަމާއި ޤަޠުޢީ ދިލާލަތު ނުލިބޭ ކަމަށް ދަޢުވާކުރުމާއި، އަދި އެއީ މަޖާޒީ ޤައުލެއް ކަމުގައި ބުނުމާއި، އާޙާދު ޙަދީސްތަކުން ކަންކަން ދެނެ ނުގަނެވޭކަމަށާއި ދަލާލަތަކަށް ނުފުދޭކަމައް ބުނުން ހިމެނެއެވެ.

މިޒަމާނުގައި މުސްލިމުން މަގު ފުރެއްދުމުގައި ބޭނުންކުރެވޭ އެހެނިހެން ދާއިރާ ތަކުގެ ތެރޭގައި، ޝަރުއީ މުޞްތަލަޙުތައް ފަހުމު ވުމުގައި މަގުފުރެދުމާއި، އަޅުކަމުގެ މަފްހޫމު އޮޅުވައިލުމުން މަގުފުރެދުން ހިމެނެއެވެ. މިގޮތުން ކުރިންވެސް ބަޔާންކުރި ފަދައިން ބޭނުން ކުރެވޭ މަފްހޫމު ތަކުގެ ތެރޭގައި ޖިހާދުގެ މަފްހޫމާއި، އަޅުކަމުގެ މަފްހޫމާއި، ޤަޟާޤަދަރުގެ މަފްހޫމު ހިމެނެނެއެވެ.

ފިކުރީ ހަގުރާމައިގެ މުޞްޠަލަޙަކީ 14 ވަނަ ޤަރުނުގައި އަޑުއިވެން ފެށިބަހެކެވެ. މިބަހުގެ މާނައަކީ ޤައުމަކުން އަނެއް ޤައުމުގެ މީހުންގެ ފިކުރުތައް ބަދަލުކޮށްގެން ޤައުމު ތަކުގެ އަޅުވެތިކަމަށް ގެނައުމަށް ކުރެވޭ މަސައްކަތް ތަކެވެ. އެހެންކަމުން ޤައުމުތަކުން އަމާޒު ކުރަނީ އަނެއް ޤައުމުގެ މަޢުނަވީ ކަންކަމަށެވެ. ފިކުރީ ހަގުރާމައިގައި އަމާޒުވާ މުހިންމު ކަންތައްތަކަކީ މޫތަކާއި އުސޫލްތަކެވެ. ނަމަވެސް އެއަށް ވާޞިލް ވަނީ މަރުހަލާ ތަކަކުންނެވެ. މިގޮތުން އަޤީދާއާއި ގުޅުންހުރި ކަންކަމަށް ފަރުޢީ ކަންކަމުން އަމާޒްކޮށްގެން ވާޞިލް ވެއެވެ. މިފަދަ ކަންކަމުން ދުރުވެވޭނީ މިފަދަ ކަންކަމުގެ ނުރައްކާއަށް ހޭލުންތެރިވެ ހޭލާ ތިބެގެންނެވެ. މިގޮތުން މިކަން ޙާޞިލް ވާނީ އަމިއްލަ ނަފުސުތައް އަމިއްލައަށް އެކަންކަމަށް ބޯ ނުލެނބުމާއި އެކަންކަމުގައި އެކުލެވޭ ނުރައްކާ ޤަބޫލްކޮށްގެން ދުނިޔޭގައި އުޅުމެވެ. މިޒަމާނުގައި ފިކުރީ ހަގުރާމައިގައި ޢާއްމުކޮށް ބޭނުންކުރެވޭ ވަސީލަތްތަކުގެ ތެރޭގައި، ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން އިސްތިއުމާރު ކުރުމާއި، އެހީވުމުގެ ނަމުގައި ދީންފެތުރުމާއި، ފިކުރު ބަދަލުކުރުމާއި، ޢިލްމީ ފިކުރީ ޙަރަކާތްތައް ހިންގުން (އޮރިއަންޓަލިސްޓުންގެ ހަރަކާތްތައް ހިންގުން) ހިމެނެއެވެ.

އިސްލާމީ އުންމަތަށް އަމާޒުކޮށްގެން ހިންގޭ މަގުއޮޅިފައިވާ ފިކުރީ އޮއިވަރުތަކުގެ 03 ވައްތަރެއް ވެއެވެ. އަލްމާނިއްޔާ (ސެކިއުލެރިޒަމް) ނުވަތަ ދީނާއި ދުނިޔެ އޮންނަންވާނީ ވަކިންކަމަށް ދަޢުވާ ކުރުމާއި، ޢައުލަމާ (ގްލޯބަލައިޒޭޝަން) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންކަމާއި ހަރަކާތްތައް އެއްހަމައަކާއި އެއްއުޞޫލަކުން ކުރުމަށް ދަޢުވާ ކުރުމާއި، (ލިބްރަލިޒަމް) ނުވަތަ ޤައިދެއް ޙައްދެއް ނެތް ގޮތުގައި މިނިވަންކަން އޮންނަން ޖެހޭނެކަމަށް ދަޢުވާކޮށް ގޮވާލުން ހިމެނެއެވެ.

އެހެންކަމުން އިސްލާމީ ޘަޤާފަތް މަތީ ތަޢުލީމުގައި ކިޔަވައިދޭ މާއްދެއްގައި މިދެންނެވި މައްސަލަތައް ޝާމިލް ވާންޖެހެއެވެ. އަދި މީގެ އިތުރުން އިސްލާމީ އުއްމަތަށް މިއަދު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، އެމައްސަލަ ތަކުގެ ޢަލާމަތްތަކާއި، އިސްލާމީ ޙަޟާރަތް ބަލިކަށިވާން މެދުވެރިވާ ސަބަބުތަކާއި، އޭގެ ފަރުވާއާއި، މުސްލިމު ދައުލަތްތައް ތަރައްޤީވުމުގެ މުހިންމުކަމާއި، އެކަމުގައި އިޞްލާޙު ވުމުގެ މަގުތަކާއި، އިޞްލާޙު ކުރުމާއި ކުރިއަރައި ތަރައްޤީ ކުރުމުގައި ދަރިވަރުންނާއި މުވައްޒަފުންގެ ދައުރާއި، މަސައްކަތާއި ފަންނީ އަޚްލާޤަށް އިސްލާމް ދީން ދެއްވާފައިވާ އަހައްމިއްޔަތުކަން ފަދަ މުހިއްމު މައުޟޫޢުތައް ހިމެނެން ޖެހެއެވެ. ޚައްޞަކޮށް ދިވެހިރާއްޖޭގެ އިސްލާމީ ޘަޤާފަތުގެ ބައިތައް މިމާއްދާގައި ހިމެނުންވެސް މިއަދު މުހިއްމެވެ.

މިވަގުތު ދިވެހިރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުގައި މިނަމުގައި މާއްދާއެއް ކިޔަވައިދެމުން ދިޔަނަމަވެސް ފާހަގަ ކޮށްފައިވާ، މިޒަމާނުގައި ޒުވާނުންނަށް ކުރިމަތިވާ މައްސަލަތަކާއި ވާޤިޢާތަކަށް ރިޢާޔަތްކުރެވިގެން ރާއްޖޭއަށް އެކަށޭނެ މާއްދާއެއް ކިޔަވައި ނުދެވޭކަން ފާހަގަވެއެވެ. ދީނީ، ފިކުރީ އަދި ސިޔާސީ ޙައްދު ފަހަނެޅުމާއި މަގު ފުރެދުން ތަކުން ދިވެހިރާއްޖޭގައި ފަހުގެ ތާރީޚުގައި ފެންމަތިވި ބޮޑެތި މައްސަލަތައް ބަލައި ދިރާސާ ކުރުމުން މިފަދަ މާއްދާ އެއްގެ ބޭނުންތެރިކަމުގެ ޙަޤީޤަތް ސާފުވާނެއެވެ. އިސްލާމް ދީނުގެ ސަމާޙަތްތެރިކަމާއި، އަމާންކަމާއި، އެދީނުގެ ސިފަތަކާއި، އަސާސްތަކާއި އަޚްލާޤު މީހުންގެ ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ފެންނަންޖެހޭކަމާއި، އެކަމުގައި ހުރި ފާއިދާއާއި ގެއްލުން ހިތުގެ އަޑިން ޤަބޫލުކުރެވިފައި ނުހުންނަކަން ސާފުވާނެއެވެ. ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ހުސް ބާގަނޑުތައް އެފަރާތްތަކުގައި ހުންނަކަން ފާހަގަ ވާނެއެވެ. އެފަދަ ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ތަކުން ކިޔަވައިގެން ތިބި ޒުވާނުން ތިބިކަން ފާހަގަ ކުރެވޭނެއެވެ. މިއީ މިމައުޟޫއުގައި ވިސްނައި ފިކުރުކޮށް ފިޔަވަޅުއަޅަންޖެހޭ މައިގަނޑު ސަބަބެވެ.

އަޅުގަނޑު ބަލައި ދިރާސާ ކުރުމުން މިދެންނެވި ކަންކަން ހިމެނޭ ގޮތުން މާއްދާއެއް އެއްވެސް އިސްތިސްނާއެއް ނެތި، މަތީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާގައި އެންމެހައި ކޯސްތަކުގައި ކިޔަވައިދޭންޖެހޭ ކަމަށް ޤަބޫލު ކުރެވެއެވެ. ޔުނިވަރސިޓީ ކޯރ މޮޑިއުލް އެއްގެ ގޮތުގައެވެ. ޤަޠަރު ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، ޝާރްޖާ ޔުނިވަރސިޓީން މިދެންނެވި މާއްދާގެ ނަމޫނާ ފެންނާނެއެވެ. އަވައްޓެރި ޤައުމުތަކުގެ ބަހާއި އާދަކާދައާއި ޘަޤާފަތާބެހޭ މަރުކަޒުތައް ދިވެހިރާއްޖޭގައި ހިންގޭފަދައިން، ދިވެހި ބަހާއި ޘާޤާފަތާއި އާދަކާދައާއި ބެހޭ މަރުކަޒުތައް އެޤައުމުތަކުގައިވެސް ހިންގަންޖެހެއެވެ. އެޤައުމުތަކުގައި ކިޔަވާ އެތައް ސަތޭކަ ދިވެހި ދަރިވަރުންގެ މުސްތަޤުބަލައްޓަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް