ވައްކަން ހަމަ އޯކޭތަ؟

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ސައި ހޮޓަލެއްގެ ހަލަބޮލި މާހައުލެވެ. މުޅިތަނުގައި އޮތީ ދެ މީހެއްގެ ސިޔާސީ ޒުވާބުގެ އަޑެވެ. އެކަކު ބުނަނީ އޭނާ ތާއީދު ކުރާ ވެރިކަމުގައި ރާއްޖެއަށް ގެނައި ތަރައްގީގެ ވާހަކައެވެ. އަނެއް މީހާ އެ ތަރައްގީ ސިފަ ކުރީ ވައްކަން ކުރަން ބޭނުން ކުރި މަގެއްގެ ގޮތުގައެވެ. އޭގެ ރައްދުގައި އެ މީހާ ފަހުރުވެރި ވެލާފައި ބުނަނީ ވައްކަން ކުރިޔަސް ކަންކަން ކޮށްދިން ކަމަށެވެ.

"ކެޔަސް ކެއީ އަހަރެމެނަށް ދީގެން. މިހާރު ވެސް ކައި. އެކަމަކު ކަމެއް ނުވޭ. ކޮން ބައެއްތަ ނުކަނީ؟،" ޖަވާބުގައި މޮޅުވެލަން އޭނާ ބުނެލިއެވެ.

މިއީ އެންމެ މީހަކު ނުވަތަ ދެ މީހަކު ބުނާ އެއްޗެއް ނޫނެވެ. އެ ބަޔަކު ތާއީދު ކުރާ ސަރުކާރަކުން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރައްދުގައި ބުނެއެވެ. ކޮރަޕްޝަން ހިންގިޔަސް ކަންކަން ކުރިއެވެ. އެހެންވީމާ އެ ގޮތް މާ ރަނގަޅު ކަމަށް ބުނެއެވެ. ކަންކަން ކޮށްދޭނަމަ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރިޔަސް ރަނގަޅު ކަމަށް ބުނަނީއެވެ. ސުވާލަކީ ހަމަ އެގޮތް ރަނގަޅުތޯއެވެ؟

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮރަޕްޝަން ނެތް އެންމެ ދާއިރާއެއް ވެސް ނެތެވެ. ހާއްސަކޮށް ސިޔާސީ ދާއިރާގައެވެ. މަގާމުތަކަށް އަންނަނީ ވެސް ކޮރަޕްޝަންގެ އެކިއެކި އަމަލުތައް ހިންގައި ރިޝްވަތު ދީގެންނެވެ. މަގާމުތަކަށް އެއްގޮތަކަށް ވެސް އަންނަނީ އެ މަގާމަކުން ލިބޭ މުސާރައާއި އިނާޔަތް ހޯދާކަށް ނޫނެވެ. އެ މަގާމަށް އައީމައި ލިބޭ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާށެވެ. އަތުގައި މާބޮޑު ތަނަވަސް ކަމެއް ނެތް އެތައް ބަޔަކު ސިޔާސީ މަގާމުތަކާ ހިސާބުން ދެމިގަނެއެވެ. ކުއްލި މުއްސަނދިކަމެއް ހޯދައި ގަންނަނީއެވެ. އެހެންކަމުން އެ ސިޔާސީ މީހުން ބޭނުންވާނީ އެކަން އެގޮތަށް ބޭއްވުމަށެވެ.

ރައްޔިތުންނަށް ހިދުމަތް ކުރަން ވެރިން ކަނޑައަޅާފައި ތިބޭއިރު އެމަގާމަކާ އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ވެސް ރައްޔިތުންގެ ފައިސާއިން ދެއެވެ. އެއްގޮތަކަށް ވެސް އެ ދޭ ހިދުމަތަކީ ހިލޭ ސާބަހަށް ކޮށްދޭ ކަމެއް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ ވެރިއަކަށްވުމަކީ އެއްވެސް ގޮތަކަށް ވައްކަން ކުރަން ދެވޭ ހުއްދައެއް ނޫނެވެ.

ވައްކަން ކުރިނަމަވެސް ކަންކަން ކޮށްދިން ކަމަށް ބުނެ ކުރި ވައްކަން ފޫބައްދަން އުޅޭއިރު އެ ވައްކަން ނުކުރިނަމަ އެ ފައިސާއިން ގައުމަށް ގެނެވޭނެ ހެޔޮ ބަދަލުގެ ވާހަކަ ދައްކަން ހިނގާށެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާއިރު އަސާސީ ހިދުމަތް ނުލިބިފައި ކިތައް ރައްޔިތުން ތިބިތޯ ބަލާލަމާތޯއެވެ. އެ ހިޔާނާތް ނުވި ނަމަ ކިތައް ރަށުގައި ނަރުދަމާ އާއި ބޯފެން އެޅޭނެ ތޯ ބަލާށެވެ. ކިތައް ހާސް މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދެވޭނެތޯ ބަލާށެވެ. އެފަދަ އެތައް ކަމެކެވެ. ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ހުއްދަ ކުރާއިރު މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.

ސިޔާސީ މީހުން ވިސްނައިދޭ ވިސްނުމެއް!

ދައުލަތުގެ ފައިސާއަށް ހިޔާނާތްވުން އެއްވެސް ކަމަކަށް ނުވާ ހިސާބަށް އާއްމުންގެ ވާހަކަތައް ދާނީ އޭގެ ފަހަތުގައި ކޮންމެވެސް ސަބަބުތަކެއް ވާތީއެވެ. ފަހަރެއްގެ ކޮރަޕްޝަން އާއްމުވިވަރުން އެ ނޫން ގޮތެއް ނެތީއޭ ވެސް ހީވެދާނެއެވެ. ނޫނިއްޔާ ސިޔާސީ މީހުން އެކަން ނުކޮށް ހިދުމަތް ދޭނެ ކަމަށް ގަބޫލު ނުކުރެވެނީ ކަމަށް ވެސް ވެދާނެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވިގޮތުގައި ކޮރަޕްޝަން ހިންގި ނަމަވެސް ކަންކަން ކޮށްދޭނަމަ އެއީ ރަނގަޅު ވެރިއެއްކަމުގެ ވިސްނުމަކީ ސިޔާސީ މީހުން، އެ މީހުންގެ އަމިއްލަ މަގުސަދަކަށް ޓަކައި ރައްޔިތުންނަށް ވިސްނައިދޭ ކަމެކެވެ.

"ތަރައްގީ ގެނައޭ. ބަޔަކު ކަޓް ނެގިޔަސް ރައްޔިތުންނަށް ކަންކަން ވިއޭ. މި ޒާތުގެ ވިސްނުމަކީ ސިޔާސީ މީހުން ވިސްނައިދޭ ކަމެއް،" މުއައްވިޒު ވިދާޅުވިއެވެ.

"ތިމާ ތާއީދު ކުރާ މީހަކު އެއްޗެއް ބުނީމައި އޭތި ފުންކޮށް ވިސްނަން ބޭނުމެއް ނުވޭ ބައެއް އާއްމުން. ލާރިކޮޅެއް ގެއްލުނަސް ތިމަންނަމެނަށް ކަންކަން ވީނޫންހޭ ބުނަނީ އެހެންވެ. އެހެން ބުނާއިރު ނުވިސްނާ އެ ގެއްލުނު ލާރިކޮޅު ނުގެއްލުނު ނަމަ ތިމާމެންނަށް ކުރާނެ ފައިދާއާ މެދުއެއް."

އޭނާ ވިދާޅުވާގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ނުހުއްޓުވިގެން އުޅެނީ އެކަން ހުއްޓުމުގެ އިހުލާސްތެރިކަމެއް ނެތި އިންތިހާބު ކާމިޔާބު ކުރަން ބޭނުން ކުރާ ޓޫލްއަކަށް އެކަން ހަދާފައިވާތީއެވެ. ކޮރަޕްޝަންގެ ވާހަކަ ދައްކައިގެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެސް ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާތަން ނުފެންނަ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

ސިޔާސީ އޮއިވަރުގައި ޖެހި ތިމާ ތާއީދު ކުރާ މީހާ ކުށެއް ނުކުރާކަން ދެއްކުމަކީ ޑިމޮކްރަޓިކް އުސޫލެއް ނޫނެވެ. އަދި އެއީ ގައުމަށް ފައިދާ ހުރިގޮތެއް ވެސް ނޫނެވެ. ވައްކަން ކުރަން ހުއްދަ ދެވޭނަމަ އޭގެ ގެއްލުން ވަރަށް ބޮޑެވެ.

"ވައްކަން ކުރީމައި އެ ނެގެނީވެސް ރައްޔިތުންގެ އަތުން. ވައްކަން އޯކޭ ވެގެން ނުވާނެ. އެ ވިސްނުން ވިސްނާ މީހުން އެ ވިސްނަނީ މުޅި ގައުމުގެ މަސްލަހަތަށް ވުރެން ތިމާގެ ފައިދާއަށް،" ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވިއެވެ.

"އޭގެ ސަބަބުން މުޅި ގައުމަށް އަސަރު އެބަކުރޭ. ވެރިކަން ކުރަން އަންނަން ވާނީ ވައްކަން ކުރަން އޯކޭ ވެގެނެއް ނޫން."

ކޮރަޕްޝަނާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާގައި ޝޫނާނާ ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ

ކޮރަޕްޝަން ހިންގި ނަމަވެސް މައްސަލައެއް ނެތް ކަމަށް އެ ބުނާ ބުނުމަކީ އެކަމުގެ ސަބަބުން ވާނެ ގެއްލުން ނޭންގޭތީ ބުނާ އެއްޗެއް ކަމަށް ޝުނާނާ ވިދާޅުވިއެވެ. މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ޑީލް ހަދައިގެން ރަށްތަކެއް ބަޔަކަށް ވިއްކާލުމުން މިހާރުން މިހާރަށް ބޮޑެތި ގެއްލުންތަކެއް ނުވި ނަމަވެސް މުސްތަގުބަލުގައި އޭގެ ގެއްލުން ގައުމަށް ކުރާނެ ކަމަށެވެ.

ދީނީ ގޮތުން ބެލި ނަމަވެސް ވައްކަން ކުރުމަށް ތާއީދު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަމުން ފައިދާވި ނަމަވެސް އެއީ ހުއްދަ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ތިމާމެން ބޭނުންވި ކަންތައް ވާތީ ވައްކަން ކުރާ ބަޔަކު އެކަން ކުރިޔަސް ރަނގަޅު ކަމަށް ދެކޭނަމަ އެ ދެވެނީ ގޯސް ހުއްދައެކެވެ.

ކޮންމެ ގޮތެއް ވިޔަސް ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ދެކިގެން ނުވާނެއެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ސަބަބަކީ ވައްކަމުގެ ސަބަބުން ގެއްލޭ ފައިސާތަކަކީ އެކަން ނުކުރިނަމަ އެތައް ފައިދާއެއް ކުރާނެ ކަންކަމަށް ހޭދަ ކުރެވޭނެ ފައިސާއެވެ. ކޮރަޕްޝަނަކީ ހަގީގީ ތަރައްގީއަށް އޮތް ހުރަހެކެވެ. އަދި އެއީ ގައުމުގައި ފަގީރުކަން ފަތުރާނެ ކަމެކެވެ. އެހެންކަމުން ވައްކަން ކުރިޔަސް ކަންކަން ކޮށްދިން ނޫންހޭ ބުނެ ވައްކަން ހުއްދަ ކުރަން ހެޔޮ ނުވާނެއެވެ.

comment ކޮމެންޓް