އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅި ހެރި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ރޭ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މާލޭގައި ހިނގި މި ހާދިސާގައި ފިރިމީހާގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިިދިޔަ ހޯމަ ދުވަހެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އެ ހާދިސާ ހިނގައިފައިވަނީ ދެމަފިރިންގެ މެދުގައިކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.