މަސްވެރިންގެ ދުވަހު، 225 ޓަނުގެ ކެޕޭސިޓީގެ ހަތަރު އައިސް ޕްލާންޓެއް ހުޅުވައިފި

ގާފަރު އައިސްޕްލާންޓް ހުޅުވުމުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

މަސްވެރިންގެ ދުވަހާ ދިމާކޮށް، ރާއްޖޭގެ ހަތަރު ރަށެއްގައި 225 ޓަނުގެ ކެޕޭސިޓީގެ ހަތަރު އައިސްޕްލާންޓް ހުޅުވައިފިއެވެ.

އަލަށް އައިސްޕްލާންޓު ހުޅުވައިފައިވަނީ ރ. މަޑުއްވަރީ، ކ. ގާފަރު އަދި ހއ. ހޯރަފުށީގެ އިތުރުން ޅ. ފެލިވަރުގައެވެ. ފެލިވަރުގައި ގާއިމްކޮށްފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓެކެވެ. ރ. މަޑުއްވަރިއާއި، ކ. ގާފަރާއި ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓު ތަކެކެވެ.

ގާފަރު އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ގާއިމްވެފައި ހުރީ 1600 ޓަނު ދުވާލަކު އުފެއްދޭވަރުގެ ގާބިލްކަން ކަމަށެވެ.

މި ސަރުކާރު އައި ފަހުން މިހާތަނަށް 100 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން އިތުރުކުރެވިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު ގާއިމްކުރެވުނު ހަތަރު ޕްލާންޓުން އިތުރު 125 ޓަނު އުފެއްދޭނެކަމަށެވެ.

"އެހެންކަމުން މި ސަރުކާރުގަ މިހާތަނަށް މި ކާމިޔާބު ކުރެވުނީ 225 ޓަނު، 1600 ޓަނުގެ ތެރެއަށް 225 ޓަނު އިތުރުވެގެން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް 275 ޓަނުގެ އައިސް ގާއިމްކުރެވޭނެ ކެޕޭސިޓީ އެކި މަރުހަލާތަކުގައި ތަންފީޒުކުރެވެމުން އަންނަ ކަމަށެވެ.

މިއަދު ހުޅުވުނު ހަތަރު އައިސްޕްލާންޓް ގާއިމްކޮށް ތަންފީޒުކުރުމުގައި މިފްކޯއިން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިފްކޯގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ކުރިއަށް ވެސް މިފަދަ މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 40 ދުވަހުގެ ތެރޭގައި ފ. ފީއަލީ އައިސްޕްލާންޓް ވެސް ހުޅުވިގެންދާނެ ކަމަށެވެ.

މަޑުއްވަރީ އައިސްޕްލާންޓު ހުޅުވައިދެއްވީ އެންވައިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ހޯރަފުށީ އެއާޕޯޓް ޕްލޭނިން މިނިސްޓަރު އަސްލަމް ހުޅުވައިދެއްވިއިރު ފެލިވަރުގައި ގާއިމްކޮށްފައި ހުރި އައިސްޕްލާންޓު ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ގާފަރު އައިސްޕްލާންޓް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހޯރަފުށީ އައިސްޕްލާންޓް އޮޕަރޭޝަންގެ މަސައްކަތްތައް ކުރާނީ މިފްކޯއިންނެވެ. އަދި މިފްކޯއިން ހޯރަފުށީގެ ބިމަށް ކުލި ދައްކާއިރު އޭގެ ފައިދާ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުނެއެވެ.

comment ކޮމެންޓް