ޔާމީނަށް ގޮތެއް ހެދޭނީ އެއް ލައްކަ ރައްޔިތުންގެ ފުރާނަ ދުއްވާލުމަށްފަހު: ސަލީމް

ކޮތަރުކޮށި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮތެއް ހެދޭނީ، އެއް ލައްކަ ރައްޔިތުންގެ ފުރާނަ ދުއްވާލުމަށް ފަހުގައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ "ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން މިރޭ ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ތާރީހުން މިސާލު ނަންގަވައި ސަލީމް ވިދާޅުވީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އާ މެދު ޔަހޫދީން މެދު އަމަލުކުރި ގޮތާ، ސަރުކާރުން ރައީސް ޔާމީނާ މެދު އަމަލުކުރަމުން އަންނަ ގޮތާމެދު އެއްގޮތް ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން އެމަނިކުފާނު ޖަލުގައި ހުންނެވިއިރު ބޭރަށް ފުރުވާލެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރައި ވަޑައިގަންނަވަން އިންކާރު ކުރެއްވުމުން ދެން ނިންމީ ޖަލަށް ލުމަށް ކަމަށެވެ. އެގޮތުން ފަނޑިޔާރުންނާ މަޝްވަރާ ކުރައްވައިގެން އުމުރު ދުވަހަށް ޔާމީން ޖަލަށް ލުމަށް އުޅުނު ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މަކަރުވެރީންގެ ކިތަންމެ ރޭވުމެއް ހުރި ނަމަވެސް އެކަން ކާމިޔާބުނުވާނެ ކަން މިކަމުން ވެސް ހާމަވެގެން ދިޔަ ކަމަށާއި ކާމިޔާބު ވާނީ އަބަދުވެސް ހައްގަށް މަސައްކަތް ކުރާ މީހުން ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ޔާމީން ދެކެ ސަރުކާރުން ރުޅި އަންނަ ސަބަބަކީ އެމަނިކުފާނަކީ ވަތަނީ ލީޑަރެއް ކަމުގައި ވުން ކަމަށެވެ.

"އެމަނިކުފާނަކީ ވަތަނީ ލީޑަރެއް، ދީން ހިމާޔަތްކުރެއްވުމަށް ޓަކައި މަސައްކަތް ކުރައްވާ ވަރުގަދަ ލީޑަރެއް، އެންމެ ވަރުގަދަ ލީޑަރި، މިކަން އަޅުގަނޑުމެން އެންމެން ދެނެވަޑައިގަންނަވާނެ،" ސަލީމް ވިދާޅުވިއެވެ.

ހަމައެހެންމެ ޔާމީން ހުންނެވިހާ ހިނދަކު ރާއްޖޭގައި އެހެން ދީނަކަށް ޖާގަ ނޯންނާނެ ކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ އެހެން ދީންތައް ގެނައުމަށް ޓަކައި ޔާމީން ނައްތާލުމުގެ މަސައްކަތް ކުރިޔަ ނުދޭނެ ކަމަށެވެ.

"އެހެންވީމަ އެމަނިކުފާނަށް އަނިޔާ ދޭން މަސައްކަތް ކުރަނީ، އެކަމަކު އަޅުގަނޑުމެން ހަށީގައި ލޭ ހުއްޓަކާ އެކަން ވިޔަކަ ނުދޭނަން. އެމަނިކުފާނު ދުލެއް ނުކުރާނަން. އަޅުގަނޑުމެން މިތިބީ. އެއް ލައްކަ އެތައް ރައްޔިތުންނެއްގެ ފުރާނަ ދުއްވައިލައިފައި ނޫނީ އެމަނިކުފާނަށް ގޮތެއް ހަދާކަށް ނުކުރޭނެ،" ސަލީމް ވިދާޅުވިއެވެ.

ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް