އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި މަހުގެ އަގު އުފުލޭނެ: ރައީސް ސޯލިހު

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުގެ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަހުގެ އަގު އުފުލެން ފަށައި، މަސްވެރިންނަށް ހަމަ އަގު ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކ. ގާފަރުގެ މިރޭ ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުން އަބަދުވެސް ވަރަށް އިސްކަން ދޭ ކަމެއް ކަމަށާއި މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމް ހަމަޖެއްސުމަކީ ވިޔަކޮށް، ހިސާބުއަކުރުން ހޯދައިދޭން ޖެހުނު ހައްލެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް ޓަކައި ފުރަތަމަ ހޯދާން ޖެހުނީ މިފްކޯ ފެންމަތީގައި އޮންނާނެ ގޮތުން ހޯދުން ކަމަށެވެ.

"ފުރަތަމަ ޖެހުނީ މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދަން، ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށްބަލައި، މިފްކޯގެ ގެއްލުން ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކުންފުނި ހިންގޭނެ މަގެއް ހޯދުން. މިމަގު ހޯދުމުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދެއްވީ ރާއްޖޭގެ މަސްވެރިން، އެއީ މިފްކޯއަށް ގަންނަ މަހުގެ އަގަށް، މިދިޔަ އަހަރު އަޅުގަނޑުމެން ގެނައި ވަގުތީ ބަދަލުގެ، ބުރަ އުފުއްލަވައިދެއްވީ މަސްވެރިން ކަމުގައި ވާތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިތްހަމަ ނުޖެހުމާއި، ނުތަނަވަސް ކަމާއެކުވެސް، ކުރުމުއްދަތަކަށް އެހިތި ބޭސް، މަސްވެރިން ބޭނުން ކުރެއްވުމުން ލިބޭ ދެމެހެއްޓެނިވި ޝިފާ މިހާރު ވަނީ އަތްލެވޭހޭ ގާތުގައި ކަމަށާއި ދެން މަސްވެރިންނަށް ވާން އޮޮތް ރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުމުގެ ބޮޑު ރަނގަޅު ކަމަށެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި މަހުގެ އަގު އުފުލެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެބަދަލު އަންނާނެ ވާހަކަ އަޅުގަނޑު މިއަދު މިދެންނެވީ އެކަމަށްޓަކާ އެތައްކަމެއް ސަރުކާރުން ކުރަމުންދާތީ. އަދި އެކަން ޙާޞިލުވާނެ ކަމުގެ އުންމީދު އަޅުގަނޑަށް ލިބިފައިވާތީ. ރަނގަޅެއް ހޯދުމަށް މަސްވެރިންނާ ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނިނަތީޖާ ފުރަތަމަ ފެންނަން ފަށާނީ އެދުވަހު،" ރައީސް ވިދާޅުވިއެވެ.

މަހުގެ އަގުގެ އިތުރުން މަހުގެ ކޮލިޓީއަކީ ވެސް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލަށް މި ހުޅުވުނު އައިސްޕްލާންޓް ތަކާއި އަލަށް ގާއިމުކުރެވޭ އައިސްޕްލާންޓްތައް ނިމުމުން، ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލްކަން ދިވެހިމަސްވެރިކަމުގެ ސިނާޢަތަށް އިތުރުވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް