އެއާޕޯޓު މުވައްޒަފަކު ޕޮޒިޓިވްވެ، މާފަރު އެކީ ބިރުވެރިކަމެއްގެ ތެރެއަށް!

ނ. މާފަރު -- ފޮޓޯ/ އެފްބީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފަކު، ކޮވިޑަށް ޕޮޒިޓިވް ވުމާއެކު، ރަށް އެކީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވެއްޖެއެވެ.

މި ހާލަތާ ބެހޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އަދުނާނު ވިދާޅުވީ މާފަރު އެއާޕޯޓުގައި މަސައްކަތްކުރަމުން އަންނަ، އެ ރަށަށް ނިސްބަތްވާ މުވައްޒަފު، ބަލި ވެގެން އެ އަތޮޅު މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އަދި ވިދާޅުވީ ހޮސްޕިޓަލަށް ދެއްކުމުން އޭނާގެ ގައިން ކޮވިޑުގެ އަލާމާތައް ފެނިގެން ޓެސްޓްކުރި ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބުނުއިރު ކޮވިޑަށް ޕޮޒިވްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒަފު ގަޔަށް ބަލި އެރިގޮތެއް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ބަލި ޖެހިފައިހުރި މީހަކާ އޭނާ ކޮންޓެކްޓްވީ ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ.

"އެއާޕޯޓަކީ ވަރަށް ގިނަ މީހުން ގޮސް އައިސް އުޅޭ ތަނެއް. އެހެންވީމަ ވަރަށް ގިނަ މީހުންނަށް އޭނާ ހިދުމަތް ދޭނެތާ. ބަލިވެގެން ފުރަން އަންނަ މީހުން ވެސް ތިބޭނެތާ. ބޮޑަށް މި ބެލެވެނީ އެކަހަލަ ދިމާލަކުން ޑައިރެކްޓް ކޮންޓެކްޓެއް ވެފައި ހުރީ ކަމަށް،" އަދުނާނު ވިދާޅުވިއެވެ.

އަދުނާނު ވިދާޅުވީ ރޯގާގެ އަލާމާތްތައް ހުންނަ މީހުން ވެސް މާލެއިން އައިސް، ގޮސް އެބަހަދާ ކަމަށާއި އެހެންކަމުން އޭގެ ތެރެއިން މީހަކާ، އެ މުވައްޒަފު ކޮންޓެކްޓް ނުވާ ކަމެއް ބުނާން ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ހެލްތް ސެންޓަރުގެ ރެކޯޑު ތަކަށް ބަލައިއިރު، ޕޮޒިޓިވް މީހުންގެ ގޮތުގައި މިވަގުތު ވެސް 30 މީހަކު އެ ރަށުގައި އެބަތިބި ކަމަށެވެ.

އެހެންކަމުން ދެ ދުވަހެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމުން، ރަށު ތެރޭގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އެބައުޅޭ ކަމުގައި އަދުނާނު ވިދާޅުވިއެވެ.

"އެހެންވީމަ ދެ ދުވަހެއް ތެރޭގައި މިހާވަރުވީމަ މި ކޮޅު މިހާރު އޮތީ ކޮމިއުނިޓީ ސްޕްރެޑެއްގައި،" އަދުނާނު ވިދާޅުވިއެވެ.

މިއީ ޕެންޑަމިކް ތެރެއިން ފާއިތުވީ ދެ އަހަރު ތެރޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް މާފަރު ދިޔަ ފުރަތަމަ ފަހަރެވެ.

ޑައިރެކްޓް ކޮންޓެކްޓާ ބެހޭގޮތުން އަދުނާނު ވިދާޅުވީ އެހައި ކުޑަ ރަށެއްގައި އެ މުވައްޒަފާ ކޮންޓެކްޓް ވެފައިވާ މީހުން ތިބޭނެ ކަމާމެދަކު ޝައްކެއް ނެތް ކަމަށެވެ.

"އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވީ މީހުންނާ، ކޮންޓެކްޓް ވެފައި ތިބި މީހުން ތިބޭނެ. މިއީ ކުޑަ ރަށެއް ވީމަ މިހާރު ވިއްސަކަށް މީހުން ޕޮޒިޓިވް ވީމައި އެ ވިހި މީހުންނާ ކޮންޓެކްޓް ނުވާ މީހަކު ވަރަށް މަދުވާނެ،" އަދުނާނު ވިދާޅުވިއެވެ.

މާފަރުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމަށް ކައުންސިލުން ބުނިއިރު، އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެއް ނޫނެވެ.

އަދުނާނު ވިދާޅުވީ އެހާ މަދު އަދަދެއްގެ މީހުން އުޅޭ ރަށަކުން 30 މީހުން ޕޮޒިޓިވްވުމުން ވެސް އެ ރަށް މޮނިޓަރިންއަށް ލާފައި ނުވާ ކަމަށެވެ.

އެހެވެގެން ރައްޔިތުންގެ ހިތްތަކަށް ވެރިވެފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް ބޮޑު ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވް، މީހުންގެ ތެރޭގައި ހައި ރިސްކު މީހަކު އަދި ނެތް ކަމަށެވެ. ނަމަވެސް އެންމެފަހުން ލިބުނު ނަތީޖާތަކުގެ ތެރޭގައި ހައިރިސްކު މީހުން ވެސް އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސްކާންޖެހޭ މީހަކުވެސް ހިމެނޭ ކަމަށެވެ.

މި ދުވަސްވަރަކީ އަރިދަފުސް ރޯގާއެއް ފެތުރެމުން އަންނަ ދުވަސްވަރެއްކަން ފާހަގަ ކުރައްވައި އަދުނާނު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ކޭސްތަކެއް ގާތްގާތުގައި ފެންނާން ފެށީ އެހެންވެގެން ކަމަށެވެ.

އަދުނާނު ވިދާޅުވީ ކަރަންޓީނު ވުމަކީ އަތޮޅުތެރޭގެ ރަށްރަށުގައި އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން މިހާރުން މިހާރަށް ވެސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ރަށުގެ ހާލަތު އިތުރަށް ގޯސްވެ، އެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"ކަރަންޓީނުގެ ކަންކަމަކީ ރާއްޖެތެރޭގަ މިހާރު އެހާ ފަސޭހަ ކަމެއް ނޫން. ދެން ވަކިވަކިން ގޭގޭގައި ވެސް މީހުން ކަރަންޓީނު ކުރުމަކީ ވަރަށް ދަތި ކަމަކަށް ވެފަ މި އޮންނަނީ،" އަދުނާނު ވިދާޅުވިއެވެ.

ބަލި މީހުން ތިބި ގޭގެއަށް ކައުންސިލުން ދެމުން އަންނަ އެހީތެރިކަމާބެހޭ ގޮތުން އަދުނާނު ވިދާޅުވީ ހެލްތް ސެންޓަރާ ގުޅިގެން ބަލި މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް، އެމީހުންނަށް ބޭނުންވާނެ ބޭސް ފަދަ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ގޭގޭގެ ކުނި އުކައި ދިނުމާއި އަދި ޑެލިވަރީގެ ހިދުމަތް ވެސް ދެމުން އަންނަ ކަމަށެވެ.

މާފަރު އިންޓާނޭޝަނަލް އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް