އުސްފަސްގަނޑުގައި ޖަލްސާ ބޭއްވޭ ގޮތް ނުވުމުން ކޮތަރު ކޮށި ޖަލްސާ ކާނިވަލަށް

ޑިސެމްބަރު 9، 2021: މިއަދު ހަވީރު ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ އިސް ބޭފުޅުން މީޑިއާއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ޕީޕީއެމް

އުސްފަސްގަނޑު ސަރަހައްދުގައި ވެސް އިދިކޮޅުގެ "ކޮތަރު ކޮށި" ޖަލްސާ ބޭއްވޭ ގޮތް ނުވުމުން އެންމެ ފަހު ވަގުތު އެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބާއްވަން އެ ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވީ އުސްފަސްގަނޑުގައި ޖަލްސާ ބާއްވަން ނިންމުމުން އެއީ ސަރުކާރުގެ ބިމެއްކަމަށް ސަރކާރުން އެންގި ކަމަށެވެ. އަދި އެ ތަނަށް ކަރަންޓު ގުޅައިނުދޭނެކަމަށް ސަރުކާރުން އެ ޕާޓީއަަށް އަންގާފައިވާކަމަށެވެ. އެއާއެކު އެ ޖަލްސާ ކާނިވަލުގައި ބާއްވަން ނިންމީކަމަށް ހީނާ ވިދާޅުވިއެވެ.

މިއަދު ހަވީރު ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ އިސް ބޭފުޅުންވަނީ މީޑިއާއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަނީ ޖަލްސާ އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރަން ނިންމައިފައިވާކަން ހާމަކޮށްފައެެވެ.

މި ޖަލްސާގައި މާލޭގައި ބާއްވަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމަށް އެ ކޯލިޝަނަށް ގިނަ ދަތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފުލުހުންގެ ފަރާތުން ދަތިތައް ކުރިމަތިވުމާއެކުއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ވަނީ މި ޖަލްސާއަށް ހުރަސް އަޅަނީ ސަރުކާރުން ގަސްދުގައިކަަމަށް ވިދާޅުވެފައެވެ. އަދި ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޖަލްސާ އޮންނާނީ މާދަމާ ރޭ 08:30ގައެވެ. އަދި އެ ޕާޓީއާއި ރާއްޖޭގެ މިނިވަންކަމަށް ލޯބިކުރާ އެންމެހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީންވަނީ ދައުވަތު ދީފައެވެ.

ޕީޕީއެމްގެ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނީ، އެ ސަރަހައްދުގައި ޖަލްސާ ބާއްވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި އެ ސަރަހައްދުގައި އެ ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ބުނި ފަހުން ވެސް އެ ސަރަހައްދުގައި ޕީޕީއެމުން ޖަލްސާއަށް ތައްޔާރުވާން ފެށުމުންނެވެ.

އެޗްޑީސީން ހުއްދަ ނުދޭ ކަމަށް ބުނެފައިވަނިކޮށް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ރަޖިސްޓްރީ ބާތިލުކޮށް، އެ ކައުންސިލްގެ ދަށަށް ގެންދިއުމަށް ނިންމައިފައެވެ.

comment ކޮމެންޓް