މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ ނޮވެމްބަރުގެ އާމްދަނީ 168 ޕަސެންޓު އިތުރު: މީރާ

މީރާ -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މީރާއިން އާމްދަނީގެ ގޮތުގައި ބަލަގަތް ފައިސާގެ އަދަދާއި މި އަހަރުގެ ނޮވެމްބަރު މަހު މީރާއިން ބަލަގަތް ފައިސާގެ އަދަދާ އަޅައި ބަލާއިރު މި އަހަރު 168 ޕަސެންޓު އިތުރުކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ މަހު އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ބަލައިގަތްފައިވާކަމަށެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 51.8 ޕަސެންޓު އިތުރު އަދަދެއްކަމަށް މީރާއިން ބުންޏެެވެ.

މީރާއިން ބުނީ މި އަހަރުގެ ނޮވެމްބަރު މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކުހާއި، ޓޫރިޒަމް ލޭންޑް ރެންޓާއި، ޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް އިން ލިބުނު ފައިސާ އިތުރުވުން ކަމަށެވެ. އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުންކަމަށެވެ. މީގެ އިތުރުން މިދިޔަ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމުން ވެސް އާމްދަނީ އިތުރުވިކަމަށް މީރާއިން ބުންޏެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޯބަރުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތް ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. 773.23 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 80.99 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 191.94 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެއާއެކު މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

comment ކޮމެންޓް